އެއީ ބެރުޖެހުންތެރިއެކެވެ. ލަވަކިޔުންތެރިއެކެވެ. މެކޭނިކެކެވެ. ކެމެރާމަނެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެކެވެ. މިހާރު އެއީ ކޮން ބޭފުޅެއްކަން އެނގިވަޑައިގަންނަވާނެ އެވެ.
މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ކުބޭ) އަކީ އެތައް ގޮތަކުން ތަފާތު ބޭފުޅެކެވެ. މިހާރު ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއްގައި އިންނެވި ނަމަވެސް އޭނާއަކީ އާދައިގެ، ނިކަމެތި ދިރިއުޅުއްވުމެއް އުޅުއްވި ބޭފުޅެކެވެ. މަޖީދިއްޔާ ސްކޫލުގެ ގްރޭޑް 8 އިން ފެއިލްވި އެވެ. އެއަށް ފަހު އޭރުގެ ވޮކޭޝަނަލް ޓްރޭނިން ސެންޓަރު (ވީޓީސީ) އާ ގުޅިވަޑައިގެންނެވި ނަމަވެސް އެތަނުން ވެސް ތަމްރީނު ފުރިހަމައެއް ނުކުރެއްވުނެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި މާޔޫސްވުމަކީ ދިރިއުޅުމުގައި ކުރިއަށް ދިއުމަށް އެޅޭނެ އެންމެ ބޮޑު ހުރަހެވެ. އެކަން އޭނާ ގަބޫލު ކުރެއްވުމުގެ ނަތީޖާ އަކަށްވީ ހިތްވަރާ އެކު މަސައްކަތް ކުރެއްވުމެވެ. ނާކާމިޔާބުގައި މާޔޫސްވެވަޑައެއް އޭނާ ނުގަންނަވަ އެވެ. ސްކޫލާއި ވީޓީސީން ފެއިލްވިޔަސް މުހައްމަދު ރަޝީދަށް ސަރުކާރުން ވަޒީފާއެއް ލިބިވަޑައިގަތެވެ. މިހާރު ސިޔާސީ މަގާމެއްގައި ހުންނެވި އިރު، އިއްތިފާގުން އޭނާގެ ފުރަތަމަ ވަޒީފާއަކީ ވެސް ސިޔާސީ ކަންކަމާ ގުޅުން ހުރި ވަޒީފާއެކެވެ. އޭނާގެ ފުރަތަމަ ވަޒީފާއަކީ ސިޔާސީ ކުށްވެރިން ބެލެހެއްޓުމުގެ މަސައްކަތްކުރާ އޮފީހުގެ ޕިޔޯނުކަމެވެ. އެކަމަކު އެ ވަޒީފާ އަށް ވެންނެވީ ސަރުކާރުގައި ނުވަތަ ވަޒީފާއެއްގައި އުޅުއްވުމަށް ވުރެ ބޮޑަށް ބައިސްކަލެއް ހޯއްދެވުމުގެ ބޭނުމުގަ އެވެ.
"އޭރު ބައިސްކަލެއް ހުރުމަކީ ވަރަށް އެހެން ކަހަލަ ކަމެއް. އެހެންވެ ބައިސްކަލް ހޯދަން ވަޒީފާއަށް ވަނީ،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
މިހާރު މަޖިލީހުން މުސާރަ އާއި އިނާޔަތާއެކު 80،000ރ. ލިބިވަޑައިގެންނެވި ނަމަވެސް މުހައްމަދު ރަޝީދުގެ ފުރަތަމަ ވަޒީފާގެ މުސާރައަކީ 120ރ. އެވެ. އެ ވަޒީފާއިން ބަދަލުވެ ވަޑައިގަތީ އިސްކަންދަރު ސްކޫލްގެ ވަޒީފާއަކަށެވެ. އަދި އެއަށް ފަހު ޝިޕިން ޑިޕާޓްމެންޓަށެވެ. ހަ އަހަރަށް ފަހު މުހައްމަދު ރަޝީދު ސަރުކާރުން ވަކިވެވަޑައިގަތީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގެ ކުރީކޮޅު އެވެ. އެއަށް ފަހު ގިނަ ދުވަސްތަކެއް ހޭދަކުރެއްވީ ގަލޮޅު އޮޓޯ ގަރާޖުގަ އެވެ.
"ސަރުކާރުން ކެނޑިގެން އުޅުނީ ގަލޮޅު އޮޓީ ގަރާޖުގައި. އެތަނުގައި 19 އަހަރާއި ހަތް މަސްދުވަހު އުޅުނިން. އެއީ އެތަން ގާތްގަނޑަކަށް ފެށުނު ހިސާބުން ފެށިގެން. ނާސިރު ދައުރުގައި ވީޓީސީގައި އުޅުނީމާ ކޮންމެ ވެސް ވަރަކަށް އެ މަސައްކަތް ވެސް ދަސްވެފައި އޮތީ،" އޮޓޯ ގަރާޖާ 1982 ވަނަ އަހަރު ގުޅިވަޑައިގެންނެވި މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
"އޭރުގައި ސައިކަލްގެ ހުރިހާ ސްޕެއާޕާޓްސް އާއި ކާރުގެ ހުރިހާ ސްޕެއާޕާޓްސްގެ ނަންބަރާއި ނަން އެނގޭ. އަދި ކިޔާލާ އަޑުން، ވެހިކަލެއްގެ މަރާމާތަށް ބޭނުންވަނީ ކޮން އެއްޗެއްކަން އޭރު އެނގޭ. އެވަރަށް އެކަމުގެ ތެރެއަށް ވަދެވިފައި ހުރީ،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
މުހައްމަދު ރަޝީދަކީ އެންމެ ކަމެއް ދެ ކަމެއް ކުރެއްވި ބޭފުޅެއް ނޫނެވެ. އޭނާ ޓެކްސީ ދުއްވެވި އެވެ. ސައި ހޮޓާ ވެސް ހިންގެވި އެވެ. އޭނާ އަކީ ކަށުކަމާކެމީގެ ކަންކަން ކުރާ ޖަމިއްޔަތުލް ތައާވުންގެ މަސްއޫލުވެރިއެއް ވެސް މެ އެވެ. އަދި މަޝްހޫރު ބުންޒީލަ ބޮޑުބެރު ގްރޫޕްގެ އެއް މަސްއޫލުވެރިޔަކީ ވެސް އޭނާ އެވެ. ނަވާރަ ސަތޭކަ ނުވަދިހައިގެ ކުރީކޮޅުގައި އުފެއްދި އެ ގްރޫޕަކީ ބޮޑުބެރު ޖެހުމުގެ ސަގާފީ ގޮތްތައް ބަދަލުކޮށްލި ގްރޫޕް ކަމަށް މުހައްމަދު ރަޝީދު ވިދާޅުވި އެވެ. އެގޮތުން އިށީނދެ ތިބެ ބޮޑު ބެރުޖެހުމުގެ ބަދަލުގައި ސްޓޭންޑްގައި ބެރު ބަހައްޓައިގެން ފުރަތަމަ ބެރުޖަހަން ފެށީ އެ ގްރޫޕުންނެވެ.
މުހައްމަދު ރަޝީދަކީ އަބަދުވެސް ހާއްސަ ސިފަތަކެއް ގެންގުޅުއްވާ ބޭފުޅެކެވެ. އެހެންވެ ބުންޒީލައިގެ ހާއްސަ ސިފަތަކެއް ގެންގުޅެ އެވެ. އޭގެ އެއް ސިފައަކީ ކޮޕީނުކުރުމެވެ.
"އަޅުގަނޑުމެން ގިނަ ލަވަތަކަކީ އަމިއްލަ ރާގު، އަމިއްލަ ލަވަ. އަމިއްލަ ބީޓް،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
އަނެއް ކަމަކީ އެ ގްރޫޕްގެ ސިޔާސީ ލަވަތަކެވެ. މިހާރު ވެސް މަޝްހޫރު ބޮޑުބެރު ލަވަ، "ދެބުޅާ ކޯޅިގަނެގެން، ގޭ އެންމެން ހޭލައްވާލައިފިއޭ" އަކީ ބުންޒީލައިގެ ހާއްސަ ލަވައެކެވެ. އެ ލަވައަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އިލްޔާސް އިބްރާހިމް އަށް ހެދި ލަވައެކެވެ.
ބުންޒީލައިގެ އަޑު އެންމެނަށް ވެސް ކަމުދިޔަ އެވެ. އެ ގްރޫޕުން މުޅި ރާއްޖޭގައި ޝޯ ދިނެވެ. ރިސޯޓުތަކާއި ރާއްޖޭން ބޭރުގައި ވެސް ކުޅުނެވެ. ނަމަވެސް 1998 ހާއިރު ބުންޒީލައިގެ އަޑު ކެނޑިގެން ދިޔައީ، ބޮޑުބެރުޖެހުމަކީ އޭރު ރަނގަޅު އާމްދަނީއެއް ލިބޭ ކަމަކަށް ނުވާތީ ކަމަށް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
މުހައްމަދު ރަޝީދު ސިޔާސީ ކަންކަމުގެ ތެރެއަށް މަޑުމަޑުން ވަދެވަޑައިގަތީ، ޓެކްސީ ކުރެއްވިއިރު އެވެ. އެ ދުވަސްވަރަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް ދުވަސްވަރެއް ނޫނެވެ. ސިޔާސީ ވާހަކަ ދައްކަން މީހުން ބިރު ގަނެއެވެ. އެކަމަކު މުހައްމަދު ރަޝީދަށް ކުރެއްވުނު ވަރަކަށް ރާއްޖެ އަށް އިސްލާހީ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރެއްވި އެވެ. ސަރުކާރަށް ފާޑުކިޔަފާއިވާ ސިޔާސީ ލިޔުންތައް މަގުމައްޗަށް އެޅުއްވި އެވެ.
"އޭރު ޓެކްސީގައި ދާއިރު މަގުތަކަށް ކަރުދާސް އަޅަން. ވަކި ހިސާބަކުން އެކަން ގޯސްވެދާނެ ކަމަށް ގަބޫލުކުރެވި ރައްޓައްސަކާ ކާރު ހަވާލުކޮށްފައި އަޅުގަނޑު ދިޔައީ ތުލުސްދު އަށް،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
އޭނާ ސިޔާސީ ހަރަކާތްތަކުގައި ބޮޑަށް ހަރަކާތްތެރިވާން ފެށީ އެމްޑީޕީ އުފެއްދުމާއެކު އެވެ. ނަމަވެސް އެއްވެސް އިރެއްގައި މަޖިލީހުގެ ގޮނޑިއަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަމެއް އޭނާގެ ނެތެވެ.
މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި މަޖިލީހަށް ވާދަކުރެއްވީ ކުރީގެ ރައީސް މުހަންމަދު ނަޝީދު އެކަން ކުރެއްވުމަށް ތަކުރާރުކޮށް ވިދާޅުވުމުންނެވެ. އޭރު އޭނާ ދިރިއުޅުއްވަނީ ހުޅުމާލޭގައި ކަމުން ފުރަތަމަ ޕްރައިމަރީއަށް ހުށަހެޅުއްވީ ހުޅުހެންވޭރު ދާއިރާ އަށެވެ. ނަމަވެސް ރީކޯ މޫސާ މަނިކު އެ ދާއިރާ އަށް ވާދަކުރައްވަން ނިންމެވުމުން ހުޅުހެންވޭރު ދާއިރާ އޭނާ ދޫކޮށްލެއްވި އެވެ.
"ހުޅުހެންވޭރު ދާއިރާ އަށް މޫސާ ލުމުން ދެން ވިދާޅުވީ ފ. އަތޮޅުގެ ދާއިރާ އަށް ކުރިމަތިލުމަށް. އެކަމަކު [ބިލެތްދޫ ދާއިރާގެ މެމްބަރު] ހަމްޒާގެ ދެ ބެއިން އެ އަތޮޅުގެ ދެ ދާއިރާ އަށް ކުރިމަތިލެއްވުމުން ވިދާޅުވީ ކުޑަހުވަދޫ ދާއިރާ އަށް ކުރިމަތިލާން. އެއީ ޕާޓީ އަށް ވެސް އެންމެ ފައިދާ ހުރި ގޮތްކަމަށް ވާތީ އަޅުގަނޑު އެކަން ގަބޫލުކުރީ. ނަމަވެސް ކުޑަހުވަދޫ ދާއިރާއިން ކާމިޔާބު ނުލިބޭނެ ކަން އެނގޭތީ އެ ދާއިރާ އަށް ކުރިމަތިލާން އަޅުގަނޑު ބޭނުމެއް ނުވި،" މަޖިލީހަށް ވާދަކުރެއްވި ގޮތް އޭނާ ވިދާޅުވި އެވެ.
"އެހެން ހުއްޓައި ގޭދޮށު ކުދިންތަކެއް އެމްޑީޕީ އޮފީހަށް ގޮސް ބުނީ މާލެ އަށް ކުރިމަތިލައިފިއްޔާ އަޅުގަނޑު ކާމިޔާބުކުރާނޭ. އެހެންވެ އެ ދާއިރާ [މައްޗަންގޮޅީ ދެކުނު ދާއިރާ] ގެ ޕްރައިމަރީ އަށް ވާދަކުރީ."
ކުރިން ބޮޑު ބެރުޖެހުމާއި ލަވަ ކިޔުމުގައި މުހައްމަދު ރަޝީދު ފާހަގަކުރެވުނު ނަމަވެސް، މިހާރު މަޖިލީހުގެ މެމްބަރެއްގެ އިތުރުން އެހެން ކަމެއްގައި ވެސް އޭނާ ވަރަށް ބޮޑަށް ފާހަގަކުރެއްވެ އެވެ. އެއީ އެއިޕެޑުން ކެމެރާކުރެއްވުމުގަ އެވެ. މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީގެ ބައްދަލުވުންތަކާއި ސިޔާސީ ހަރަކާތްތައް އޭނާގެ އައިޕެޑަށް ރެކޯޑުކުރައްވަ އެވެ. ބައެއް ފަހަރު އައިޕެޑްގެ ބެޓްރީ ދާންދެން އޭނާ ވީޑިއޯކުރައްވަ އެވެ.
އައިޕެޑުން ވީޑިއޯ ކުރެއްވުމުގައި ފާހަގަކޮށްލެވޭ ދެތިން ދުވަހެއް އޭނާ ފާހަގަ ކުރައްވަ އެވެ. އެއް ދުވަހަކީ ފެބްރުއަރީ 7 ގައި ވެރިކަން ބަދަލުވުމަށް ފަހު، ކެނެރީގޭގައި ނަޝީދު ބޭރުގެ މީޑިއާތަކަށާއި ރާއްޖޭގެ މީޑިއާއަށް ދެއްވި އިންޓަވިއުތައް ރެކޯޑްކުރި ދުވަހެވެ.
"އެއީ ވަރަށް އެހެން ކަހަލަ ހާލަތެއް. އެހެންވެ އެ ހުރިހާ އިންޓަވިއުއެއް ރެކޯޑުކުރީ. އެ ވީޑިއޯތައް އެމްޑީޕީއާ މިހާރު ވާނީ ހަވާލުކޮށްފައި،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
އޭގެ އިތުރުން ފާހަގަކޮށްލެވޭ އަނެއް ދުވަހަކީ މި އަހަރުގެ މަޖިލިސް ހުޅުވުމަށް ފުރަތަމަ ބޭއްވަން އުޅުނު ޖަލްސާގައި އެމްޑީޕީގެ މެމްބަރުން ކުރި މުޒާހަރާއެވެ. އެ ދުވަހުގެ ހުރިހާ މަންޒަރެއް އޭނާގެ އައިޕެޑަށް ރެކޯޑުކުރެއްވެވި އެވެ. އެ ދުވަހުގައި މަޖިލީހުގެ މާލަމުގައި ނަށަމުންނާއި ބޮލުގައި ޑަސްބިނެއް އަޅުވައިގެން ވެސް ވީޑިއޯ ކުރެއްވެވި އެވެ.
"ބޮލުގައި ޑަސްބިން އެޅީ ސިފައިން ވެއްދީމާ. މަޖިލީހަށް ސިފައިން ވެއްދީމާ، މިތަނަށް ހެލްމެޓް ފޮނުވަން ޖެހޭނޭ ބުނީމަ، [ޝާހިދު] ބުނީ ހެލްމެޓެއް ނެތޭ. އަޅުގަނޑު ބުނީ މިތާ [މޭޒު] ދަށުގައި ހުރި އެއްޗެހިހޭ [ބޮލުގައި] އަޅަންވީ. އެހެންވެ ޝާހިދު ބޯޖަހާލީމަ ޑަސްބިން ބޮލުގައި އެޅީ،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އައިޕެޑުން ވީޑިއޯ ކުރައްވަން ފެއްޓެވީ އެމްޑީޕީ ސަރުކާރުގައި އޮތްއިރު އޭރުގެ އިދިކޮޅު ފަރާތްތަކުން ބައެއް ވީޑިއޯތައް އެޑިޓްކޮށް އެ ބޭފުޅުން ބޭނުންވާ ގޮތަށް ފޮނުވަމުންދާތީ، މަޖިލީހުގައި ހިނގާ ކަންކަމުގެ ހަގީގީ މަންޒަރު އަތުލުމަށެވެ.
"މިހާރު ވަރަށް ގިނަ ވީޑިއޯ ނެގިފައި ހުންނާނެ. ފަސްދޮޅަސް ހަތަރު ޖީބީގެ މި އައިޕެޑް ފަސް ފަހަރު ފުރިގެން ސާފުކޮށްފިން. ހުރިހާ ވީޑިއޯއެއް ހާޑުގައި ހުންނާނެ. މި އައިޕެޑްގެ އިތުރުން ކުރިން ބޭނުންކުރިން ދެ އައިޕެޑް. އެވެސް ފުރިފައިވަނީ. އެ އައިޕެޑްތައް މިހާރު އޮންނާނީ ކާފަ ދަރިން ކުޅެން ދީފައި،" ފަސް ކުދިންގެ ބައްޕަ މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
މުހައްމަދު ރަޝީދު ވިދާޅުވާ ގޮތުގައި އޭނާ ކޮންމެ ކަމެއް ވެސް ކުރައްވަނީ ޝައުގުވެރިކަމާ އެކު އެވެ؛ ކެރިގެންވަޑައިގެންނެވެ. އޭނާގެ ހަޔާތް އާދައިގެ ގޮތަކުން ފެށިފައި ވިޔަސް ކާމިޔާބު ބޭފުޅަކަށް ވެފައިވަނީ އެހެންވެ އެވެ. ނަމަވެސް އަދި އޭނާ ނުނިންމަވާ މުހިންމު އެހެން ކަމެއް އެބައޮތެވެ. ދެން އަންނަ މަޖިލީހަށް ކުރިމަތިލައްވާކަށް އޭނާ އަދި ނުނިންމަވަ އެވެ. އޭނާ ވިދާޅުވީ އެ ނިންމުން ނިންމަވާނީ ޕާޓީ އަށް އެންމެ ފައިދާހުރި ގޮތަކަށް ކަމަށެވެ.

17 comments