މަންމަ އޭނާ އަށް ވިސްނައިދިނެވެ؛ ކިތައްމެ ކުޑަކުޑަ ލާރިކޮޅެއް ލިބުނަސް ކަތީބާ އެކު ރަށު އޮފީހުގައި މަސައްކަތްކުރާށެވެ. ކޮންމެވެސް ދުވަހަކުން ދަރިފުޅަށް ރަނގަޅު ގޮތެއް މެދުވެރިވާނެ އެވެ.
އަބްދުލްހަމީދު މޫސާގެ މަންމަ ދުށް ހުވަފެނަކީ - މީހެއް ކައިރީގައި ސީދާ ބުނެފައި ނެތަސް - އޭނާގެ ދަރިފުޅުގެ ދިރިއުޅުން ރީތި ނަމަކާއި ރަނގަޅު ބިންގަލެއްގެ މަތީގައި އާރާސްތުކުރުމެވެ. ދ. މާއެނބޫދޫގެ ނިކަމެތި އާއިލާއަކަށް ނިސްބަތްވާ ހަމީދު ވަނީ އެކަން ފުރިހަމަކުރައްވައިފަ އެވެ. އޭނާ އަކީ ރާއްޖެ އަށް އެންމެ މަޝްހޫރުވި ދިވެހި ފުރަތަމަ ގާރީ އެވެ. އޭނާ އަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި، ރާއްޖޭގެ ބޮޑެތި ޖަލްސާތައް ފެށުމުގައި ޤުރުއާން ކިޔެވުން އާންމުވިއިރު ހުރިހާ ޖަލްސާއެއްގައިހެން އެ މަސްއޫލިއްޔަތު އުފުއްލެއްވި ގާރީ އެވެ. ދިވެހިން ޤުރުއާން ކިޔަވަމުން އައި ގޮތްގަނޑު ބަދަލުވާން ޖެހޭކަން އޭނާގެ އަޑުން ރައްޔިތުންގެ ވިސްނުމަށް ގެނެސްދެއްވި ގާރީ އެވެ.
ރީތިކޮށް ޤުރުއާން ކިޔަވަން ޝައުގުވެރިނުވާ ހަނދާނެއް ހަމީދުގެ ނެތެވެ. އޭނާ ވިދާޅުވާ ގޮތުގައި ރަށުގައި ރޭޑިއޯ އާންމު ނުވާ އިރު ވެސް، ބޭރު މީހުންގެ ޤުރުއާން ކިޔެވުން އޭނާ އަޑުއެއްސެވި އެވެ. އެކަމަށް ފުރުސަތު ލިބިވަޑައިގަތީ 1970 ގައި ކާތިބުކަމުގެ ވަޒީފާ އަށް ރަށު އޮފީހުގައި މަސައްކަތް ފެއްޓެވުމުންނެވެ.
"އޭރު ރަށު އޮފީހާއި ވަރަށް މަދު ގެއެއްގައި ރޭޑިއޯ ހުންނާނީ. ބައެއް ފަހަރަށް އަޅުގަނޑުމެން އެބަ ތިބެން ޖެހޭ ރޭގަނޑު ނުނިދާ އޮފީސް ހުޅުވައިގެން، ބޭރުގެ ބޯޓުފަހަރު ގަވާއިދާ ޚިލާފަށް ރާއްޖެ ވަދެއުޅޭކަން އަތޮޅު އޮފީހަށް އަންގަން،" ބޭރުގެ ރީތި ރާގުތަކުގެ އަޑު އައްސަވަމުން ގެންދެވި ގޮތުގެ ތަފްސީލް ދެއްވަމުން ހަމީދު ވިދާޅުވި އެވެ. "އޭރު ބައެއް ދުވަސްވަރު ތަންކޮޅެއް ގިނަވާނެ ބޭރުގެ ބޯޓުފަހަރު ފެންނަލެއް. އެކަހަލަ ދުވަސްވަރެއް ވިއްޔާ ރަށު އޮފީސް ހުޅުވައިގެން ރޭގަނޑު ތިބޭނީ. އެގޮތަށް އަޅުގަނޑު ހުންނަ ރެއެއްގައި ރަށު އޮފީހުގެ ރޭޑިއޯ ހުޅުވައިގެން އިންނަނީ، ދެން އިވޭނެ ބޭރުގެ އެކި ރޭޑިއޯތަކުން ޤުރުއާން އަންނަ އަޑު. އެ ރާގުތައް އިވުނީމާ އެނގޭ އަޅުގަނޑުމެން އަދި މިކިޔަވަނީ ރަނގަޅަށް ނޫންކަން. ދެން ބައެއް ރޭރޭ އަޅުގަނޑު ބަލަން އެގޮތަށް ކިޔެވޭތޯ ވެސް."
ހަމީދުގެ ކިބާގައި ޤުރުއާން ކިޔެވުމުގެ ފަންނު، އޭނާ އަށް އޭރު އެނގިވަޑައިނުގެން، އައީ މޫލަމުންނެވެ. ތަފާތު ރާގަކަށް ބަޔަކު ޤުރުއާން ކިޔަވަންޏާ އެއަށް އޭނާގެ ޝައުގުވެރިކަން ހުއްޓެ އެވެ. އެގޮތުން މޫސުން ރަނގަޅުވަންދެން އައްޑޫ ބޯޓުފަހަރު މާއެނބޫދޫގައި މަޑުކޮށްގެން ތިބޭ ދުވަސްވަރު އެ ބޯޓުފަހަރުގެ މީހުން ރަށުގެ މިސްކިތުގައި ޚަތިމްކުރަން ކިޔަވާއިރު އެމީހުންގެ ރާގާއި އަކުރުތައް ކިޔަވާ ގޮތާ މެދު ވިސްނެވި އެވެ.
"އެމީހުން އަކުރުތައް ކިޔާ ގޮތް އަޅުގަނޑުމެން އޭރު ކިޔެވި ގޮތާ ތަފާތު. ދެން ވިސްނަން އެ ތަފާތު ވަނީ ކީއްވެގެންތޯ،" ހަމީދު ވިދާޅުވި އެވެ.
މަންމަގެ ނަސޭހަތް އަޑުއައްސަވައިގެން ރަށު އޮފީހުގެ ވަޒީފާގައި އުޅުއްވުމާ އެކު އޭނާ އަށް އައީ ފުރުސަތު ހުޅުވެމުންނެވެ. ކާތިބުކަމުގެ ސަނަދު ނަންގަވަން 1978 ގައި މާލެ އަށް ވަޑައިގަތުމަކީ ޤުރުއާން ކިޔެވުމުގެ ރޮނގުން އޭނާ އަށް ދޮރު ހުޅުވުނު ދަތުރު ވެސް މެ އެވެ. ދިވެހި ސަރުކާރުން ޕާކިސްތާނުން ގެނައި ގާރީ މުހައްމަދު ޔޫނުސްގެ މުދައްރިސްކަމުގައި ބޭރުގެ ރާގަށް ޤުރުއާން ކިޔެވުމުގެ ކްލާސްތައް ފަށަން އިއުލާންކުރި އެވެ. ހަމީދު ނިންމެވީ އެ ކްލާހުގައި ބައިވެރިވާށެވެ. އިންޓަވިއު އަށް ވަޑައިގަތުމުގެ ކުރިން އޭނާ އެއް ކަމަކަށް ނިޔަތްގަތެވެ؛ ދިވެހިން ކިޔަވާ ގޮތް ނޫން އެހެން ގޮތަކަށް ކިޔެވުމަށެވެ.
"އަޅުގަނޑު ހިތަށްއެރީ ދިވެހިން މިކިޔަވާ ރާގު ފިޔަވައި އެނގިފައި ހުރި އެހެން ރާގަކަށޭ ކިޔަވާނީ. ދެން ޔޫނުސް ކުރިމަތީގައި އެގޮތަށް ކިޔެވީ. ދެން ޔޫނުސް ބުނި ރަނގަޅު ގާރީއަކަށް ވެވިދާނޭ،" ހަމީދު ، ،56 ވިދާޅުވި އެވެ.
އޭނާގެ ކިބާގައި، އޭރުގެ ދިވެހިންނަށް ވުރެ ބޮޑަށް ޤުރުއާން ކިޔެވުމުގެ ޚާއްސަ ސިފަތަކެއް ހުރިކަން ކޯހުގެ ނަތީޖާތަކުން އެނގުނެވެ. ފުރަތަމަ އިމްތިހާނުން ވެސް އެއް ވަނަ ހޯއްދެވި އެވެ. އަދި މުޅި ކޯހުން ވެސް އެއް ވަނަ ހޯއްދެވި އެވެ. އެދުވަސްވަރު، 1980 ގައި، މުޅި އިސްލާމީ ދުނިޔެ ތައްޔާރުވަމުން ދިޔައީ ހިޖުރީ އާ ގަރުނަށް މަރުހަބާ ކިޔާށެވެ. އެގޮތުން ރާއްޖޭގައި ބޭއްވި ޤުރުއާން މުބާރާތުން އޭނާ އެއް ވަނަ ހޯއްދަވައި، އިންޑިއާގައި އޮތް މުބާރާތަކަށް ވަޑައިގެން ރާއްޖެ ތަމްސީލުކުރެއްވި އެވެ. އަދި ސައުދީ އަރަބިއްޔާގެ މައްކާގައި އޮތް މުބާރާތެއްގައި ވެސް ހަމީދު ވަނީ އެދުވަސްވަރު ކިޔަވާ ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން އެ ކްލާހުގައި ކިޔެވި އިރު ހަ މަސް ފަހުން ދިވެހިރާއްޖޭގެ އަޑުން އަޅުގަނޑުމެންގެ ކިޔެވުން ފޮނުވި. އެހާ ހިސާބުން މީހުންނަށް ވިސްނެން ފެށި ރީތިކޮށް ދިވެހިންނަށް ވެސް ތަޖުވީދު މަގުން ކިޔެވޭނޭ،" ހަމީދު ވިދާޅުވި އެވެ.
އެދުވަސްވަރު ރާއްޖޭގައި ބޭއްވި ބޮޑު ކޮންމެ ހަފުލާއެއްގައި ދިވެހިންނަށް ފެނުނު ގާރީ އަކީ ހަމީދެވެ. އެގޮތުން ހިޖުރީ އާ ގަރުނު ފަށަން ގަލޮޅު ދަނޑުގައި ބޭއްވި ހަފުލާ އާއި ޕީއެލްއޯގެ އޭރުގެ ލީޑަރު ޔާސިރު އަރަފާތު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ގަލޮޅު ދަނޑުގައި ބޭއްވި ރަސްމީ ޖަލްސާގައި ކިޔަވާ ވިދާޅުވި އެވެ. ޖަލްސާތަކުގައި އޭނާ ބޭނުންކުރެއްވީ، ހަމީދު ވިދާޅުވި ގޮތުގައި، މައްކާގައި އޮތް މުބާރާތުގައި ހޭދަކުރެއްވި 10 ވަރަކަށް ދުވަހުގެ ތެރޭގައި އިވިވަޑައިގެންނެވި ރާގެކެވެ. އަދި އެ ރާގަށް ކިޔަވާވިދާޅުވީ ކޮންމެވެސް ވަރެއްގެ އަމިއްލަ ބަދަލުތަކެއް ގެންނަވައިގެންނެވެ.
އޭނާ ކިޔެވުން ނެތި 1980 ގެ އަހަރުތަކުގައި ބޮޑު އެއްވެސް ޖަލްސާއެއް ބާއްވާފައި ނުވުން އެކަށީގެންވެ އެވެ. އެގޮތުން ހަމީދުގެ ޤުރުއާން ކިޔެވުމުގެ އަޑު ވަނީ ދިވެހިންގެ ކަންފަތާ ވަރަށް ބޮޑަށް ގުޅިފަ އެވެ. އެހެންކަމުން، ރާއްޖޭގައި މޮޅަށް ޤުރުއާން ކިޔަވާ ގާރީން ގިނަވެ، އާ މޫނުތައް ފެންނަން ފެށުމުގެ ކުރިން - 1993 ވަނަ އަހަރާ ހަމައަށް - އޭނާގެ ޚާއްސަ ކިޔެވުން އޮތީ އާންމުވެފަ އެވެ.
އޮފީހެއްގައި ވަޒީފާ އަދާކުރުމަށް މަންމަ އެޅި ބާރަކީ، ހަމީދު ދެކެވަޑައިގަންނަވާ ގޮތުގައި، ޤުރުއާން ކިޔެވުމުގެ ރޮނގުން އޭނާ ކުރިއަށް ވަޑައިގަތުމަށް އެޅުނު ބިންގަލެވެ. އެކަމަކު ހިތާމައަކީ އޭނާގެ އެ ކިޔެވުމުގެ އަޑު އެހުމުގެ ފުރުސަތު މާ ގިނަ ދުވަހު މަންމަ އަށް ނުލިބުނުކަމެވެ. ރާއްޖޭގައި 1980 ގެ އަހަރުތަކުގެ ކުރީކޮޅު ފެތުރުނު ސިގައްލާ ރޯގާގައި މަންމަ ނިޔާވީ، ހަމީދުގެ ތުއްތު ކުއްޖަކު ބަލިވެގެން އޭނާގެ އަނބިކަނބަލުންނާ އެކު މާލެ އައިސް އުޅުމުގެ ތެރޭގައި، މާލޭގައި ހުއްޓަ އެވެ. މަންމަ ނިޔާވިތާ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ދަރިފުޅު ވެސް ނިޔާވި އެވެ. މިއީ ހަމީދަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހިތާމައެކެވެ.
މަންމަ ދުނިޔޭގައި ނެތަސް މަންމަގެ އުއްމީދުތައް ހަމީދު ވަނީ ފުރިހަމަކޮށްދެއްވައިފަ އެވެ. އަދި މަންމަގެ ތަރުބިއްޔަތުން ދަސްވި ފިލާވަޅުތައް އޭނާގެ އަމިއްލަ ދިރިއުޅުމުން ވެސް ފެނެ އެވެ. އެގޮތުން ހަމީދަކީ ނަމޫނާ ބައްޕައެކެވެ. އޭނާގެ ހަތް ކުދިންގެ ތެރެއިން މިހާތަނަށް ސްކޫލް ދައުރު ނިންމި ކޮންމެ ކުއްޖަކު ވެސް ވަނީ އޭލެވެލްގެ ގަދަ 10 ގައި ހިމެނިފަ އެވެ. އަރަބި މީޑިއަމުންނާއި އިނގިރޭސި މީޑިއަމުން އޭނާގެ ދެ ކުއްޖަކު ވަނީ ރާއްޖެ އިން އެއް ވަނަ ހޯދައިގެން ރައީސްގެ ސްކޮލޮޝިޕްގައި ކިޔަވާފަ އެވެ. އެންމެ ދޮށީ ދަރިފުޅު އެއް ވަނަ ހޯދީ މައުހަދުންނެވެ. މިހާރު އެއީ ފަނޑިޔާރެކެވެ. ހަމީދަށް ލިބިވަޑައިގެންނެވި ހަމައެކަނި އަންހެން ދަރިފުޅު ކިޔަވަމުން ގެންދަނީ އަމީނިއްޔާގަ އެވެ.
ޤުރުއާންގެ ތެރެއަށް ހަމީދު ވެންނެވި އިރު ރާއްޖޭގެ ހާލަތާއި މިހާރުގެ ހާލަތު ވަރަށް ބޮޑަށް ތަފާތެވެ. އޭނާ ވިދާޅުވާ ގޮތުގައި މިހާރު ވަރަށް ރީއްޗަށް ޤުރުއާން ކިޔަވާ ކުދިން ފެނެ އެވެ. ކިޔެވުމުގެ ވައްޓަފާޅި މުޅިން ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވެ އެވެ.
"ވަރަށް ރީތިކޮށް ކިޔަވާ ވަރަށް ގިނަ ކުދިން މިހާރު ފެނޭ. ތަޖުވީދު ރަނގަޅު ގާރީންނާއި ރީތި ރާގުތަކަށް މޮޅު ގާރީން ފެނޭ،" ހަމީދު ވިދާޅުވި އެވެ. "ދިވެހި ގާރީންގެ ތެރޭގައި ވަރަށް ބޮޑަށް މަސައްކަތްކުރާ މީހުން އެބަ އުޅޭ. އެކަމަކު އަދިވެސް އަޅުގަނޑަށް ހީވަނީ ރާގުތައް މިހާރަށް ވުރެ ވެސް ރަނގަޅުކުރެވޭނެހެން."
ގާރީ ހަމީދުގެ ނަމުން އޭނާ މަޝްހޫރު ވިޔަސް މިހާރު ރާއްޖޭގައި ގާރީކަމުން ދޭ ސަނަދެއް އޭނާގެ އަތްޕުޅަކު ނެތެވެ. އަދި ޔޫނުސް ހިންގެވި ކްލާހުން ލިބިވަޑައިގެންނެވި ސެޓްފިކެޓް މިހާރުގެ ގާރީކަމުގެ ފެންވަރުގައި ގަބޫލެއް ވެސް ނުކުރެ އެވެ. އެހެންނަމަވެސް "ގާރީ ހަމީދު"ގެ ނަން އޭނާގެ ކިބައިން އެއްވެސް މީހަކަށް އަތެއް ނުލެވޭނެ އެވެ. އެނަން ވަނީ އޭރުގެ ދިވެހިންގެ ސިކުނޑީގައި ހަރުލާފަ އެވެ.
"ހަމީދު ހަމީދަކަށް ވެފައި މިހުރީ ޤުރުއާން ކިޔެވުމުގެ ތެރެއިން،" ރައީސް އޮފީހުގެ ސީނިއަ އެޑްމިނިސްޓްރޭޓަރު އޮފިސަރުގެ މަގާމުގައި ހުންނެވި އަދި އެ އޮފީހުގައި 33 އަހަރު ހޭދަކުރެއްވި ހަމީދު ވިދާޅުވި އެވެ. އެއީ ދެބަސްވެވެން ނެތް ވާހަކަ އެވެ. ހަގީގަތެކެވެ.

9 comments