މީހުން

ވިސާކާ މިސް އަށް ޝުކުރިއްޔާ!

އާސިޔަތު މުހައްމަދު ސައީދު
14 އޯގަސްޓް 2012 11:05 17 ކޮމެންޓު
  • އިސްކަންދަރު ސްކޫލްގެ މިއުޒިކް ރޫމްގައި ވިސާކާ ހަވީރަށް އިންޓަވިއު ދެއްވަނީ: އޭނާ ވިދާޅުވަނީ ރާއްޖޭގައި އޭނާ އަށް ދުވަހަކު ވެސް ގޯސް ކަމެއް ކުރިމަތި ނުވާ ކަމަށް.--ހަވީރު ފޮޓޯ: ހުސައިން ސިނާން

  • އިސްކަންދަރު ސްކޫލްގެ މިއުޒިކް ރޫމްގައި ވިސާކާ ޕިއާނޯ ކުޅުއްވަނީ: އޭނާ ވިދާޅުވަނީ ރާއްޖޭގައި އޭނާ އަށް ދުވަހަކު ވެސް ގޯސް ކަމެއް ކުރިމަތި ނުވާ ކަމަށް.--ހަވީރު ފޮޓޯ: ހުސައިން ސިނާން

  • އިސްކަންދަރު ސްކޫލްގެ މިއުޒިކް ރޫމްގައި ވިސާކާ ހަވީރަށް އިންޓަވިއު ދެއްވަނީ: އޭނާ ވިދާޅުވަނީ ރާއްޖޭގައި އޭނާ އަށް ދުވަހަކު ވެސް ގޯސް ކަމެއް ކުރިމަތި ނުވާ ކަމަށް.--ހަވީރު ފޮޓޯ: ހުސައިން ސިނާން

  • އިސްކަންދަރު ސްކޫލްގެ މިއުޒިކް ރޫމްގައި ވިސާކާ ހަވީރަށް އިންޓަވިއު ދެއްވަނީ: އޭނާ ވިދާޅުވަނީ ރާއްޖޭގައި އޭނާ އަށް ދުވަހަކު ވެސް ގޯސް ކަމެއް ކުރިމަތި ނުވާ ކަމަށް.--ހަވީރު ފޮޓޯ: ހުސައިން ސިނާން

  • އިސްކަންދަރު ސްކޫލްގެ މިއުޒިކް ރޫމްގައި ވިސާކާ ހަވީރަށް އިންޓަވިއު ދެއްވަނީ: އޭނާ ވިދާޅުވަނީ ރާއްޖޭގައި އޭނާ އަށް ދުވަހަކު ވެސް ގޯސް ކަމެއް ކުރިމަތި ނުވާ ކަމަށް.--ހަވީރު ފޮޓޯ: ހުސައިން ސިނާން

"އަޅުގަނޑަށް ލަވަ ދަސްކޮށްދެއްވި ވިސާކާ މިސް އަށް ޝުކުރިއްޔާ!" މިއީ ނުވަދިހައިގެ އަހަރުތަކުގެ ފަހުކޮޅު ވަރަށް ބޮޑަށް މަޝްހޫރުވި ބަސްކޮޅެކެވެ. ސްކޫލް ކުދިންގެ ލަވަ މުބާރާތުން ވަނަތައް ހޯދި އިސްކަންދަރު ސްކޫލްގެ ދަރިވަރުންގެ ދުލުން އެކަންޏެއް ވެސް ނޫނެވެ. ސްޓޭޖްތަކުގައި އާއްމުވިލެއް ބޮޑުކަމުން އާއްމު ދިރިއުޅުމަށް، ދޭދޭ ވާހަކަތަކުގެ ތެރެއަށް ވެސް އެ ބަސްކޮޅު އައެވެ. ވަރަށް ގިނަ މީހުން މަޖަލަކަށް އެހެން ކިޔައި އުޅުނެވެ. މިއީ ރާއްޖޭގައި މަސައްކަތްކުރާތާ 25 އަހަރު ވެފައިވާ ސްރީ ލަންކާގެ މިއުޒިކް ޓީޗަރު ވިސާކާ ޕަހަތުކުމްބުރަގެ ޚިދުމަތް ވަޒަންކޮށްލެވިދާނެ އެއް ގޮތެވެ.

އިސްކަންދަރު ސްކޫލުން ކިޔެވި ކޮންމެ މީހަކު ވިސާކާ ދަންނާނެ އެވެ. މައިގަނޑު އިންސްޓްރުމެންޓެއްގެ ގޮތުގައި ޕިއާނޯ ކުޅުއްވާ، ހިތްހެޔޮ، މަޑުމައިތިރި ޓީޗަރުގެ އުނގަންނައިދެއްވުން މިހާރު ވަނީ ދެވަނަ ޖީލަކާ ހަމައަށް ވެސް ފޯރާފަ އެވެ. ކުރީގެ ދަރިވަރުންގެ ދަރިން މިހާރު އޭނާގެ ކްލާހުގައި އެބަތިއްބެވެ. ލަވަ މުބާރާތުގައި އިސްކަންދަރު ސްކޫލް ހޯދި ބޮޑެތި ކާމިޔާބީތަކުގެ ފަހަތުގައި ހުންނެވި އެއް ބޭފުޅަކީ ވިސާކާ އެވެ. އޭނާގެ ހަޔާތުގައި އެންމެ ބޮޑު ފަޚުރަކީ ވެސް އެ ވަނަތަކެވެ. އަދި ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި އޭނާގެ ދަރިވަރުން ހިމެނުމެވެ. މަރިޔަމް އުނޫޝާ ފަދަ ކުޅަދާނަ ތަރިންގެ ހުނަރު ތަރައްގީވުމުގެ ބިންގަލަކީ ވިސާކާ ކިޔަވައިދެއްވި ބޭސިކް ކަމަށް ނުވެއެއް ނުދާނެ އެވެ.

"އުނޫޝާ ލަވަކިޔާ އަޑު އިވުނީމަ އަޅުގަނޑު ވަރަށް އުފާވޭ. އޭނަގެ ހުރިހާ ލަވަތަކެއް އަޅުގަނޑު އަތުގައި ހުންނާނެ،" އުމުރުން 50 އަހަރުން މަތީގެ ވިސާކާ، އިސްކަންދަރު ސްކޫލްގެ މިއުޒިކް ރޫމްގައި އޭނާގެ ދުވަސްވީ ޕިއާނޯ ދޮށުގައި އިންނަވައިގެން، ވިދާޅުވި އެވެ. "ޓީޗަރަކަށް ލިބޭނެ އެންމެ ބޮޑު އުފަލަކީ އޭނާގެ ދަރިވަރުންގެ ކާމިޔާބީ ފެނުން."

ކޮންމެ ދަރިވަރަކު ވެސް ޕްރައިމަރީ ސްކޫލް ނިންމާފައި ވަކިވަނީ މިއުޒިކް ކޮންމެވެސް މިންވަރަކަށް އެނގިގެންނެވެ. މިއުޒިކްގެ ނޯޓްސް ކިޔާނެ ގޮތާއި ލިޔާނެ ގޮތާއި ތިއަރީ އާއި ލަވަކިޔާނެ ގޮތް އުނގަންނައިދީ އަޑު ތަމްރީންކޮށް ލަވަ އާއި މަދަހަ މުބާރާތްތަކަށް ދަރިވަރުން ތައްޔާރުކޮށް ސްކޫލް ބޭންޑް ބެލެހެއްޓުމަކީ ވޭތުވެދިޔަ 25 އަހަރު ދުވަހު ވިސާކާ ކުރެއްވި އަދި މިހާރު ވެސް ކުރައްވަމުން ގެންދަވާ މަސައްކަތްތަކެވެ. މި ވަގުތު އިތުރު ދެ މިއުޒިކް ޓީޗަރުންނާ އެކު އިސްކަންދަރު ސްކޫލްގައި އޭނާ އަދިވެސް އެ އުޅުއްވަނީ ވަރަށް އުފަލުގަ އެވެ. ދުވަހަކު ވެސް އެ ސްކޫލާ ވަކިވާކަށް ވެސް އަދި ރާއްޖެ ދޫކުރައްވައި ވަޑައިގަންނަވާކަށް ވެސް އޭނާ ބޭނުމެއް ނުވެ އެވެ. އެންމެ ސަބަބަކާ ހެދި އެވެ. ރާއްޖެ ދެކެ ވެވަޑައިގަންނަވާ ލޯބި ބޮޑީ އެވެ. ރާއްޖެއާ މެދު ހިތުގައި އުފެދުނު ލޯތްބެއްގެ ސަބަބުން "މިހާ ގިނަ ދުވަހު ހަމަ ހުރެވުނީ" އެވެ.

ވިސާކާ ރާއްޖެ ވަޑައިގަތީ ވެސް ރާއްޖޭގައި މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަމުގަ އެވެ. މިހާ ގިނަ ދުވަހު ރާއްޖޭގައި އުޅުއްވާކަށް އޭރަކު އޭނާ ގަސްދެއް ނުކުރައްވަ އެވެ. އެކަމަކު މިހާރު ދިވެހި ބަހުން ވާހަކަދައްކައި ތާނަ ލިޔެކިޔަން ވެސް އޭނާ ދެނެވަޑައިގަންނަވަ އެވެ. އެންމެ މީރު ކެއުމަކީ ބަނބުކެޔޮލީ ބަތާއި ގަރުދިޔަ އެވެ.

ވިސާކާ އަކީ އާދިޔާޚިލާފަށް ޕޮޒިޓިވްކޮށް ވިސްނަވާ ބޭފުޅަކަށް ވެސް ވެދާނެ އެވެ. އެކަމަކު އޭނާ ވިދާޅުވަނީ ސްކޫލްގެ މެނޭޖްމެންޓުން އޭނާ އަށް "ދުވަހަކު ވެސް ނޫނެކޭ ނުބުނާ" އިރު ޓީޗަރުންނާއި ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ވެސް ހިތްހަމަނުޖެހޭ އެއްވެސް ކަމެއް މިހާތަނަށް ކުރިމަތިވެފައި ނުވާ ކަމަށެވެ. "އަޅުގަނޑު އެންމެ ލޯބިވާ ގައުމަކީ ދިވެހިރާއްޖެ" ކަމަށް ވެސް އިންޓަވިއު ތެރޭގައި އޭނާ އަށް ވިދާޅުވެވުނެވެ. ސްރީ ލަންކާ އަށް ވުރެ ވެސް ބޮޑަށް ރާއްޖެ ދެކެ ލޯބިވޭތޯ ސުވާލުކޮށް ސަމާސާކޮށްލުމުން ދެން ވިދާޅުވީ "ކޮންމެ ގޮތެއް ވިޔަސް، އަމިއްލަ ގައުމު ދެކެ ލޯބިވާނެތާ!"އޭ، އެކަމަކު ބޭރުން އައިސް އުޅޭ މީހެއް ކަމުގެ އިހުސާސް ރާއްޖޭގައި ދުވަހަކު ވެސް ތަޖުރިބާ ނުކުރައްވާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ހުރިހާ ކަމެއް އަޅުގަނޑަށް ކަމުދޭ. މި ތަނަށް އައި އިރު އަޅުގަނޑަށް ފެނުނީ ވަރަށް އަމާންއޮމާން، ސުލްހަވެރި އަދި ވަރަށް ތެދުވެރި، އިޚުލާސްތެރި މީހުން އުޅޭ ގައުމެއް،" ވިސާކާ ވިދާޅުވި އެވެ.

ޔަގީނުން ވެސް، 25 އަހަރު ފަހުން، އެކަން ވަރަށް ބޮޑަށް ބަދަލު ވެއްޖެ އެވެ. އެކަމަކު ރާއްޖޭގައި އެކަނި ދިރިއުޅޭ ބިދޭސީ ޓީޗަރެއްގެ ގޮތުން ވިސާކާގެ ދިރިއުޅުމަކަށް އެ ބަދަލުން ނޭދެވޭ އަސަރެއް ނުފޯރަ އެވެ. ގަބޫލުކުރަން ދަތި ވިޔަސް އޭނާ ވިދާޅުވަނީ އެހެންނެވެ.

"ވަޒީފާ އަދާކުރުމަށާއި އެހެން ހުރިހާ ކަމަކަށް ވެސް އަޅުގަނޑަށް ހަމަ އެންމެ ކަމުދަނީ ދިވެހިރާއްޖެ. މި ތަނުގައި އަޅުގަނޑަށް ލަންކާއާ މާ ބޮޑު ތަފާތެއް ނެތް. މިއީ ހަމަ އަޅުގަނޑުގެ އަމިއްލަ ގައުމު ފަދަ. އަޅުގަނޑަށް ދުވަހަކު ވެސް ރާއްޖެ އިން އެއްވެސް ކަހަލަ ނެގެޓިވް ކަމެއް ދިމައެއް ނުވޭ،" ވިސާކާ ވިދާޅުވި އެވެ.

ދިވެހި ކުދިންނަށް އުނގަންނައިދެއްވުމަކީ އުފަލެއް ކަމަށް ދެކެވަޑައިގަންނަވާ އިރު އޭނާގެ އެންމެ ގާތް ރައްޓެހިންނަކީ ވެސް ދިވެހިންނެވެ. ކެއުން ވެސް ބޭނުންވަނީ ދިވެހި ގޮތަށެވެ.

"ރައްޓެއްސަކު ދައުވަތު ދިނަސް އަޅުގަނޑު ބުނަން ފްރައިޑް ރައިސް އާއި ކުކުޅު ރިހައާ އެއްޗެހި ނަހަދާށޭ، އަޅުގަނޑު ކާން ބޭނުންވަނީ ދިވެހި އެއްޗެއްސޭ،" އޭނާ ވިދާޅުވި އެވެ.

ވިސާކާ ކައިވެނިކުރެއްވި ނަމަވެސް ދަރިއަކު ނެތެވެ. އެކަމަކު އޭނާ އަހަރަކު ތިން ފަހަރު ޗުއްޓީގައި ލަންކާ އަށް ވަޑައިގެން އާއިލާގެ މެމްބަރުންނާ ބައްދަލުކުރައްވަ އެވެ. އެއަށް ފަހު އަނެއްކާވެސް އެނބުރި ރާއްޖެ ވަޑައިގެން އިސްކަންދަރު ސްކޫލްގައި ޚިދުމަތް ކުރިއަށް ގެންދަވަ އެވެ. އޭނާ ވިދާޅުވީ އިސްކަންދަރުން "ވަކި ނުވާނެ ކަން އެނގޭތީ" އެހެން ސްކޫލަކުން އޭނާ ގެންދަން މަސައްކަތެއް ވެސް ނުކުރާ ކަމަށެވެ.

"ސިއްހަތު ސަލާމަތުން ހުރިއްޔާ އަދި އަޅުގަނޑުގެ ގާބިލްކަން ހުރިއްޔާ މި ސްކޫލަށް އެހީތެރިވެދެވޭހާ ހިނދަކު އަޅުގަނޑު ހުންނާނީ މި ތަނުގައި،" ވިސާކާ ވިދާޅުވި އެވެ.

އެހެންވީމާ ރާއްޖޭގައި ދިރިއުޅެން އިންތިހާ އަށް ލޯބިކުރައްވާ "ވިސާކާ މިސް އަށް "ޝުކުރިއްޔާ!" ބުނާ އަޑު އަދިވެސް ދާނީ އިވެމުންނެވެ.

"އަޅުގަނޑުގެ ހަޔާތުގެ ހުރިހާ ވެސް އުފަލަކީ ކުދިންނަށް ކިޔަވައިދިނުމާއި ކުދިންނާ އެއްކޮށް ވަގުތު ހޭދަކުރުން،" ޕިއާނޯގައި އަތް ޖައްސާލައްވަމުން ވިސާކާ ހިނިތުންވެލި އެވެ.

17 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait