މާލޭގައި މިހާރު ހުރި އެންމެ ތާރީހީ ބިނާތަކުގެ ތެރޭގައި މާލޭ ހުކުރު މިސްކިތް ހިމެނެ އެވެ. އެއީ ރާއްޖޭގެ ތާރީހު ރަމްޒުކޮށްދޭ ބިނާއެކެވެ. ރާއްޖޭގެ ފަންނުވެރިންގެ ކަވި މަސައްކަތްތައް ދައްކުވައިދޭ ތަނެކެވެ. މީގެ ތިން ގަރުނަށް ވުރެ ކުރިން ބިނާކޮށްފައިވާ މިސްކިތާއި މުންނާރު ރާއްޖޭގެ އެހެން ރަށެއްގައި ބިނާކުރެވިދާނެކަމާ މެދު މީގެ ކުރިން ގިނަ ބަޔަކު ޝައްކު ކުރި އެވެ. ނަމަވެސް ޒުވާން އާކިޓެކްޓް އިސްމާއީލް ޝާން ވަނީ އެކަން ހަގީގަތަކަށް ހަދައިދީފަ އެވެ.
ރޯދަ މަހުގެ ކުރިން ހއ. އުލިގަމުގައި ހުޅުވި "މަސްޖިދު މޫސާ އަލީ"އަކީ މާލޭ ހުކުރު މިސްކިތުގެ ސީދާ ކޮޕީއެކެވެ. ޖާގައިގެ ގޮތުން ހުކުރު މިސްކިތަށް ވުރެ ތަނަވަސް ނަމަވެސް ދުރުން ބަލާލައިފި ނަމަ ތަފާތުތަކެއް ފާހަގައެއް ނުކުރެވެ އެވެ. އެތެރޭގައި ކޮށްފައި ހުރި ކަވި މަސައްކަތްތަކުގައި ހުކުރު މިސްކިތަށް ވުރެ ތަފާތުތަކެއް ފާހަގަކުރެވުނަސް އެއީ ވެސް ބުރަ މަސައްކަތެކެވެ.
ރާއްޖޭގެ ވިޔަފާރި އާއިލާ، ޗަމްޕާ އާއިލާ އަށް ނިސްބަތްވާ އަލިފުޅު ތުއްތު ފައުންޑޭޝަނުގެ ހަރަދުގައި އުލިގަމުގައި އެޅި މިސްކިތް ޑިޒައިން ކޮށްފައި ވަނީ ޝާން އެވެ. އެ ފައުންޑޭޝަނުން ބޭނުންވި ގޮތަށް 700 އަށް ވުރެ ގިނަ މީހުންގެ ޖާގަ ހިމެނޭ ގޮތަށް މާލޭ ހުކުރު މިސްކިތް އުލިގަމުގައި އެޅުން ވެގެން ދިޔައީ ޝާނަށް ވެސް ކެރިއަރުގައި ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. އޭނާ ބުނިގޮތުގައި ހުކުރު މިސްކިތުގައި ކޮށްފައި ހުރި ލަކުޑި އާއި ހިރިގަލުގެ މަސައްކަތްތައް މިހާރު ކުރުމަކީ އުނދަގޫ އަދި ބުރަ މަސައްކަތެކެވެ.
"އޭރުގައި މަސައްކަތްކޮށްފައި ހުރިހާ ޑީޓޭލްކޮށެއް ނުހުންނާނެ. އެހާ ވަގުތު އޮވެގެން ހިއެއް ނުވޭ މިހާރު ކޮންމެ ގޮތެއް ވިޔަސް އެ ފެންވަރަށް އެ ގޮތަކަށް ހެދޭނެހެނެއް،" ޝާން ބުންޏެވެ.
ނަމަވެސް އޭނާ ބުނީ އެކަން ކުރެވިދާނެ ފަދަ ފަންނުވެރިން ރާއްޖޭގައި މިހާރު އެބަ ތިބި ކަމަށާއި އެއީ ނުވާނެ ކަމެކޭ ވެސް ނުބުނެވޭނެ ކަމަށެވެ.
"މައި ގުއްބު އޭރިއާ އަޅުގަނޑު ސްޓަޑީކޮށްލި އިރު ވަރަށް ޑީޓޭލްކޮށް އެތަން ހުންނަނީ. ވަރަށް ފައިން ވޯކް ލަކުޑިން ހަދާފައި ހުންނަނީ. ދެން އެ ފެންވަރުގައި ހިޔެއް ނުވޭ އެ ގޮތަކަށް ކުރެވޭނެހެނެއް. ދެން ނުކުރެވޭނެއެކޭ ވެސް ނޫން. މިހާރު ވެސް ވަރަށް ކުޅަދާނަ މީހުން އުޅޭ،" އިމާރާތްތައް ޑިޒައިން ކުރުމުގައި ރާއްޖޭގައި މަޝްހޫރު ކުންފުންޏެއް ކަމަށްވާ ގެޑޯގައި މަސައްކަތް ކުރަމުން އަންނަ ޝާން ބުންޏެވެ.
އޭނާ ބުނީ ގުއްބުގެ އިތުރުން މިސްކިތުގެ ބޭރުގައި ހިރިގަލުގައި ކަނޑާނަގައިގެން އަޅާފައިވާ ކުރެހުންތަކާއި އެތެރޭގައި ހުރި ލިޔުންތަކަކީ ވެސް އުނދަގޫ މަސައްކަތެކެވެ.
"ވަރަށް ގިނަ ހިޔާލުތައް އައި ބޭރު ފާރު ހަދާނެ ގޮތާ މެދު. ފުރަތަމަ ވިސްނީ ސިލިކޯން ބްލޮކްސް ބޭނުންކުރަން. ނަމަވެސް އެކަންތައް ދިޔަ ގޮތުން އެކަން ނުވީ. ދެން ވިސްނީ ފައިބާ ގްލާސުން މޯލްޑް ހަދައިގެން، ފައިބާ ގްލާސްއާ ސިމެންތިއާ އެއްކޮށްގެން ހެދުމަށް. ނަމަވެސް އެކަން ވެސް ބަދަލުވެ ފަހުން ސިމެންތި އާއި ހިލަވެލި ބޭނުންކޮށްގެން ހަދާފައި އެ ހުރީ،" ޝާން ބުންޏެވެ.
އިމާރާތް ޑިޒައިން ކުރުމުގެ މަސައްކަތުގެ ތެރެ އަށް ޝާން ވަނީ 2000 ވަނަ އަހަރު މެލޭޝިއާގައި ހެދި ހަޔާ ޑިޕްލޮމާ ކޯހަށް ފަހު އެނބުރި މާލެ އައިސް ގެޑޯއާ ގުޅުނު ފަހުންނެވެ. އެ ކުންފުނީގައި ހަ އަހަރު މަސައްކަތްކުރުމަށް ފަހު 2007 ވަނަ އަހަރު ހުނަރު އިތުރަށް ތަރައްގީކުރުމަށް އޭނާ ވަނީ އާކިޓެކްޗާ ރޮނގުން މެލޭޝިއާގައި ޑިގްރީ އަށް ކިޔަވައިފަ އެވެ. އޭގެ ފަހުން އެނބުރި އައިސް އަނެއްކާ ވެސް ގުޅުނީ ގެޑޯއާ އެވެ.
ޝާންގެ އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ އުލިގަމުގެ މިސްކިތެވެ. ނަމަވެސް އޭގެ ކުރިން ވެސް އޭނާ ވަނީ އިސްލާމިކް މިނިސްޓްރީގެ އެދުމަކަށް މިސްކިތެއް ޑިޒައިންކޮށްފަ އެވެ. އަމިއްލަ ހިޔާލަށް ކުރެހި އެ ޑިޒައިނާ އެއްގޮތަށް އިސްލާމިކް މިނިސްޓްރީން އަންނަނީ ރަށްރަށުގައި މިސްކިތްތައް އިމާރާތްކުރަމުންނެވެ.
ޝާންގެ ކުރެހުމާ އެއްގޮތަށް ހަދާފައި ހުރި "މަސްޖިދު މޫސާ އަލީ"އާ މެދު ހިތްހަމަޖެހެނީ ހަމައެކަނި އުލިގަމު ރައްޔިތުންނެއް ނޫނެވެ.
"މިއީ ރާއްޖެތެރެ ރަށެއްގައި މި ވަގުތަށް ބިނާކުރެވިފައި ހުރި މިސްކިތްތަކުގެ ތެރެއިން އެންމެ ރީތި، އެންމެ ފުރިހަމަ އަދި ދިވެހި ވަންތަ ސަގާފަތުގެ މައްޗަށް އެޅިފަ ހުރި ހަމައެކަނި މިސްކިތް. ޒަމާނީ މިސްކިތެއް. ދިވެހިންގެ ގަބޫލްކުރުންތަކާއި ތާރީހީ ފަލްސަފާގެ އަލީގައި ފޭރާން ކުރެވިފައިވާ މިސްކިތެއް،" ރޯދަ މަހުގެ ކުރިން މިސްކިތް ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޝައިހް މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި އެވެ.
މިހާތަނަށް ފާހަގަކޮށްލެވޭ މަސައްކަތެއްގެ ގޮތުގައި ޝާންކޮށްފައި ވަނީ އުލިގަމުގެ މަސައްކަތް ނަމަވެސް އޭނާ ވަނީ ގެޑޯގެ ވަރަށް ގިނަ މަޝްރޫއުތަކެއްގައި ބައިވެރިވެފައިވެ އެވެ. މި ގޮތުން އެސްޓީއޯ ބިލްޑިންގާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިމާރާތް ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން ހުޅުމާލޭގެ އިރުމަތީ ފަރާތު ގޮނޑުދޮށާ ވީ ފަޅީގައި ހަދާފައިވާ އަދި ހަދަމުންދާ ބައެއް ރީތި އިމާރާތްތަކުގައި ވެސް ޝާންގެ ހިއްސާ ހިމެނެ އެވެ.

ކުނި ވަސް ގަދަވެގެން ކުރި މުޒާހަރާ
9 comments