ފާތިމަތު ނަހުލާ ނުވަތަ ނަހޫ މަޝްހޫރުވެފައި ވަނީ މީހުން ރޮއްވާލާ ލިޔުންތެރިއެއް އަދި ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. އެއީ "ނަހޫ ސްޓައިލް" އެވެ. ނަހޫގެ ވާހަކަތަކާއި ފިލްމުތައް މުޅިން ވެސް މި ތައްގަނޑަށް ހުންނާތީ ބައެއް މީހުންނަށް އޭނާ ކަމަކު ނުދެ އެވެ. އެކަމަކު ޔަގީނުން ވެސް ދެބަސް ނުވެވޭނެ ކަމެއް އެބައޮތެވެ. ފަސް ފީޗާ ފިލްމާއި 15 ވަރަކަށް ޑްރާމާ ޑައިރެކްޓްކޮށްފައިވާ ނަހޫ އަކީ ރާއްޖޭގެ ތާރީޚުގައި އެންމެ ބޮޑެތި އޯޑިއެންސްތައް ދަމައިގަތް ފިލްމު އުފެއްދުންތެރިޔާ އެވެ. އަދި އެ ގޮތުން ބަލާއިރު ދިވެހި ފިލްމީ ދާއިރާގެ އެންމެ ކާމިޔާބު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރެވެ. އެހެންކަމުން "ނަހޫ ސްޓައިލް" އާ ބެހޭ ބަހުސް ބާއްވާފައި މި ފަހަރު މި ގެނެސްދެނީ "ނަހޫ ސްޓައިލް" ވިޔަފާރިއަކަށް ވެގެން ދިޔަ ގޮތުގެ ވާހަކަ އެވެ.
ފެށުމަކީ ކުރު ވާހަކަ އެވެ. ދިވެހިރާއްޖޭގެ އަޑުން ރޯދަމަހު ގެނެސްދޭ ކުރު ވާހަކަ މުބާރާތުގައި ވާހަކަ ކިޔަން ބޭނުންވެގެން ވަލީދާ އީސާ ނަހޫ ގާތު އެދުނީ ވާހަކަ ލިޔެދޭށެވެ. އޭރު އޭނާ އައީ ހުސް ވަގުތުގައި ވާހަކަ ލިޔަމުންނެވެ. އެކަމަކު ހަމައެކަނި މަޖަލަކަށެވެ. އޯލެވެލް ނިންމާފައި ޓީޗިން ހަދައިގެން ނަހޫ އުޅުނީ ޖަމާލުއްދީން ސްކޫލްގައި އިންގްލިޝް މީޑީއަމް ޓީޗަރަކަށެވެ. އޭނާ ވާހަކަ ލިޔަން ފެށީ ދިވެހި ބަހަށް މޮޅު ވެގެނެއް ނޫނެވެ. ސްކޫލްގައި ދިވެހި ބަސް ކިޔަވާކަށް ޝައުގުވެރިކަމެއް ވެސް ނެތެވެ. އެހެންކަމުން ލިޔަން ފެށީ ވެސް ތާނައަކުން ނޫނެވެ. ދިވެހި ވާހަކަތަކަކަށް ވިޔަސް ނަހޫ ލިޔުނީ އިނގިރޭސި އަކުރުތައް ބޭނުންކޮށްގެން ލެޓިނުންނެވެ. ނަހޫ ބުނިގޮތުގައި އޭނާ މިހާރު ވެސް ވިސްނަނީ އިނގިރޭސި ބަހުންނެވެ. ލިޔަނީ ސިކުނޑީގައި އޮންނަ އެތީގެ ތަރުޖަމާއެކެވެ. ދިވެހި ބަހަށް ވުރެ އިނގިރޭސި ބަސް އޭނާ އަށް ފަސޭހައީ އެވެ. އެކަމަކު މައްސަލައެއް ނެތްތާ އެވެ! ނަހޫގެ ކާމިޔާބީ ގުޅިފައި އޮތީ ދިވެހި ބަސް ނުވަތަ އަދަބިއްޔާތަކާ ނޫނެވެ. އެއީ މީހަކަށް ދިން ރައްދެކެވެ.
ވާހަކަ ލިޔުމާ މެދު ނަހޫ ސީރިއަސްވީ ކުރު ވާހަކަ މުބާރާތުން ޖެހިޖެހިގެން ތިން ފަހަރު އެއްވަނަ ލިބުނީމަ އެވެ. ފުރަތަމަ ފަހަރަށް ވަނަ ލިބުނު އިރު އުމުރުން 17 އަހަރެވެ. އުމުރުން 20 އަހަރުގައި ދިގު ވާހަކައެއް ލިޔެ ފޮތެއް ނެރުނެވެ. "ވޭނީ އިންތިޒާރު" ޗާޕުކްރީ ކްރެޑިޓަށެވެ. އެއީ މީހަކު ކޮށްދިން ހެޔޮ ކަމެކެވެ. އެކަމަކު ނަހޫ ވަނީ ޚަރަދުވި 12،000ރ. ދެ މަސް ދުވަސް ތެރޭގައި ދައްކައި ޚަލާސްކޮށްފަ އެވެ. ފޮތް އެހާވެސް ކާމިޔާބެވެ.
ނަހޫ އާއި ސްކްރީން ގުޅުނީ އޭނާގެ ވާހަކައެއް ޓީވީއެމްއާ ހަމައަށް ދިޔަ ހިސާބުންނެވެ. އެ ވާހަކައިގެ މައްޗަށް އެ ތަނުން އުފެއްދީ ކުދި ޑްރާމާކޮޅުތަކެކެވެ. ދެން ނަހޫ ޓީވީއެމް އަށް ޑްރާމާ ސްކްރިޕްޓް ލިޔެދޭން ފެށި އެވެ. އެއަށް ފަހު ސީދާ ޕްރޮޑަކްޝަން މަސައްކަތަށް ނުކުތެވެ. ހިލޭ ސާބަހަށް ނަހޫ ހަދައިދިން ޑްރާމާތައް ޓީވީއެމްގެ ޕްރޮޑިއުސަރުންގެ ނަމުގައި ދެއްކިއަސް ޑައިރެކްޓްކޮށްދިނީ އޭނާ އެވެ. އޭރު ނަހޫ އަކީ އާފަތިސް ނޫހުގެ މުވައްޒަފެކެވެ. އެ ނޫހަށް ވާހަކަ ލިޔެދޭތާ ތިން އަހަރު ވުމުން ދެން ލިބުނީ އެސިސްޓެންޓް ޑައިރެކްޓަރުގެ މަގާމެވެ. އެއީ އާފަތިހުން އުފައްދަން ބޭނުންވި ފިލްމެއްގެ މަސައްކަތްކުރުމަށެވެ. ފިލްމު "ލައިލާ" ގެ އަސްލަކީ ނަހޫގެ ފުރަތަމަ ދިގު ވާހަކަ "ވޭނީ އިންތިޒާރު" އެވެ. ނަހޫ ފުރަތަމަ ފަހަރަށް ފިލްމު ސްކްރިޕްޓެއް ލިޔެފައި އާފަތިހަށް ވިއްކާލީ 30،000ރ. އަށެވެ. އޭނާ ބުނާގޮތުގައި އެއީ މިހާރު ވެސް ދިވެހި ފިލްމް އިންޑަސްޓްރީގައި ސްކްރިޕްޓަކަށް ލިބޭ އެންމެ ބޮޑު އަގެވެ.
ހިތްތައް ކުދިކުދިކޮށް ލޯތަކުން ކަރުނަ ބަންޑުންކުރަމުން ދިޔަ ލިޔުންތެރިއާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިންތިހާ އަށް މަޝްހޫރުވެ މަގްބޫލްވި އެވެ. ނަހޫގެ ފޮތެއް ނެރެފިއްޔާ ބުކްޝޮޕްތަކުގައި އޮންނަނީ ކިއޫ ޖެހިފަ އެވެ. ދެވަނަ ޗާޕާއި ތިންވަނަ ޗާޕް ވެސް ނެރެން ޖެހި، ފައިދާ ދިޔައީ ލިބެމުންނެވެ.
"ލައިލާ" ގެ އެސިސްޓެންޓް ޑައިރެކްޓަރު ކަން ކުރުމަށް ފަހު ނަހޫ ބޭނުންވީ އަމިއްލަ އަށް ފިލްމެއް އުފައްދާށެވެ. އެކަމަކު އޭރު އެކަން ކުރެވެން އޮތީ ބަޔަކާ ގުޅިގެންނެވެ. އެފަދަ ހުށަހެޅުންތަކެއް ލިބިފައި ވެސް ހުއްޓެވެ. ގާތް މީހަކު ހިންގަމުން ދިޔަ ތަނަކަށް ވުމުން ނަހޫ އިޚްތިޔާރުކުރީ ޑޭޝް ސްޓޫޑިއޯ އެވެ. އެ ހިސާބުން "ފަހު ނޭވާ" އާ އެކު 1990 ގެ އަހަރުތަކުގައި ރާއްޖޭގެ ފުރަތަމަ އަންހެން ޑައިރެކްޓަރު އުފަންވީ އެވެ! އަމިއްލަ ފައިސާ އިންވެސްޓްކޮށްގެން ޑޭޝް ސްޓޫޑިއޯގެ ސާމާނުގައި 80،000 ރުފިޔާގެ ބަޖެޓަކުން "ފަހުނޭވާ" ޕްރޮޑިއުސްކޮށް، ޑައިރެކްޓްކުރީ ނަހޫ އެވެ. އާއިލާ އެކަމަށް ހިތްވަރެއް ނުދެ އެވެ. ނަހޫ ފިލްމީ ދާއިރާ އަށް ނުކުންނާކަށް އެ މީހުން ބޭނުމެއް ނުވެ އެވެ. އެހެންވެ "ފަހު ނޭވާ" ހެދި އިރު އާއިލާ މީހެއްގެ ސަޕޯޓެއް ނުލިބެ އެވެ. އެކަމަކު 13 ޝޯ ހައުސްފުލް ވެގެން ޕްރިމިއާކުރި ފިލްމަކީ އެހާތަނަށް އެންމެ ގިނަ ބަޔަކު ބަލަން ވަތް ފިލްމެވެ. ހައުސްފުލް 18 ޝޯ ދެއްކުމަށް ފަހު ހުއްޓާލަން ޖެހުނީ ދެން އިތުރަށް އޮލިމްޕަސް ނުލިބިގެންނެވެ. ފައިދާގެ 50 ޕަސެންޓް ޑޭޝް ސްޓޫޑިއޯ އަށެވެ. މެދުއުޑުގައި ފިޔަޖަހަމުން ދިޔަ ނަހޫގެ ތަރި އިތުރަށް ވިދާލި އެވެ.
ސަރުކާރުން ދޭ އާއްމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމް އުމުރުން 26 އަހަރުގައި ހޯދި ނަހޫ އަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލިބުނު މަގްބޫލްކަމުގެ ސިއްރަކީ އެހާތަނާ ޖެހެންދެން އޮތް ވާހަކަ ލިޔުމުގެ ސްޓައިލާ ތަފާތު އެއްޗެއް ގެނެސްދިނުމެވެ.
"ނަހޫގެ ސްޓައިލް އާއި ޕްރެޒެންޓޭޝަން މީހުންނަށް ކަމުދިޔައީ. އޭރު ހުރީ މުޅިން ވެސް ޑިސްކްރިޕްޓިވް ވާހަކަތަކެއް،" ނަހޫ ބުންޏެވެ. "އެއާ ޚިލާފަށް ނަހޫގެ ވާހަކަތަކުގައި ބޮޑަށް ހުންނާނީ ޑައިލޮގްގެ ތެރެއިން ޑިސްކްރިޕްޝަން ގެނެސްފައި. އެހެން ހެދީމާ ޕްލޮޓް ވަރަށް ބޮޑަށް ރިއަލިޓީއާ ގުޅުނީ. ގާތްގަނޑަކަށް ހުރިހާ ވާހަކައެއް ވެސް ހުންނާނީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށްފައި."
ނަހޫ އަކަށް ހުއްޓުމެއް ނަ އެވެ. އޭނާގެ ކެރިއަރު ރޮކެޓެއް ހެން އަރައިގެންދިޔަ އެވެ. ސަމަރު ބްލޫ އިބްރާހީމް މަނިކު ދައުވަތު ދެއްވައިގެން މާޕާ އަށް ފިލްމު ހަދައިދޭން ފެށި އެވެ. ފަސް އަހަރު ތެރޭ އުފެއްދި ހަތަރު ފިލްމްގެ ތެރެއިން ނަހޫ ޑައިރެކްޓްކުރި "ނާއުއްމީދު"، "ކަލާއާ ނުލާ" އަދި "ޒުލޭޚާ" ފަދަ ފިލްމުތަކުގެ ހައުސްފުލް ޝޯތަކުން މާޕާ އަށާއި ނަހޫ އަށް ފައިސާ އޮހުނެވެ. ދެން ވީ ނުވެ ނުދާނެ ގޮތެކެވެ.
ރެކޯޑަކަށް ފަހު ރެކޯޑެއް މުގުރަމުން ދިޔަ އަންހެން ޑައިރެކްޓަރަށް "ހަސަދައިގެ" ލޯތައް އަމާޒުވި އެވެ. ނަހޫއާ މެދު އެހެން ޑައިރެކްޓަރުންގެ ބަދު ބަސްތައް މީޑިއާގައި އޮހުނެވެ. އެކަމަކު އޭނާ އަށް މިހާރު ލިބިފައިވާ ކާމިޔާބީގެ އަސްލަކީ އެއީ އެވެ. ޚާއްސަ ޝުކުރެއް ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) އަށާއި ހަވީރު ނޫހަށެވެ.
"ކާމިޔާބީގެ އަސްލަކީ ޓެޑްރީ ނިޔާޒް ނުސީދާ ގޮތުން ދިން ހިތްވަރު. އޭނަ ދެއްކި ވާހަކަތަކަށް ނަހޫ ދިން ޗެލެންޖް. ބުނެދޭން ބޭނުންވީ އަންހެނަކަށް ވިޔަސް ހިތްވަރު ހުރިއްޔާ ކުރެވިދާނެ ކަން. ހަވީރު ނޫހުގައި ޖެހި އާޓިކަލްތަކުން ނަހޫގެ މަގާމް ނަހޫ އަށް ބުނެދިނީ. އެއީ ނަހޫ އަކީ މުހިއްމު މީހެއް ކަން،" އޭނާ ބުންޏެވެ. "އެހެންވީމާ ހުރިހާ ވެސް ޝުކުރެއް ޓެޑްރީ އަށާއި އޭނަގެ މީހުންނަށް."
އޭރު މައިގަނޑު ޝަކުވާ އަކަށްވީ ނަހޫގެ ކުރިއެރުމުގެ އަސްލަކީ މާޕާ އިން އޭނާ އަށް ނުހައްގު ގޮތުގައި ފުރުސަތު ދިނުން ކަމަށެވެ. އެކަމަކު ނަހޫ މިހާރު ވެސް އެކަމާ ދެކޮޅު ހަދަ އެވެ.
"އަޅުގަނޑު މާޕާ އަށް ދިޔައީ ވެސް އޯޑިއެންސަކާ އެކީގަ. އަޅުގަނޑުގެ ފިލްމުތަކުން މާޕާ އަށް ވަރަށް ބައިވަރު ލާރި ވަދެފައި ހުންނާނީ،" ނަހޫ ބުންޏެވެ. "މާޕާ އިން އަޅުގަނޑު ޕްރޮމޯޓްކުރީކީ ނޫން. އޭރު އަޅުގަނޑު ހުރީ އަމިއްލަ އަށް ޕްރޮޑިއުސްކުރެވޭ ހާލުގައި."
ފާޑުކިޔުންތަކަށް ނަހޫ ދިން ވަރުގަދަ ރައްދަކީ ކްރިސްޓަލް އެންޓަޓެއިންމެންޓެވެ. އަމިއްލަ ސްޓޫޑިއޯއެއް 2005 ގައި ހަދައި، އޭގެ މާ ކުރިން އިންޑަސްޓްރީގައި ހޯދާފައިވާ މަގާމާ އެކު ހަމަޖެހިލީ އެވެ. އަދި ކާމިޔާބު ފިލްމް "ޔޫސުފް" އާ އެކު އިންޑިއާގެ ގޯއާ ފިލްމް ފެސްޓިވަލާ ހަމައަށް ނަހޫގެ "ވަރަ" ފަތުރާލި އެވެ. މުޅި ކެރިއަރުގައި ނަހޫ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ އެއީ އެވެ.
"އެ ފެސްޓިވަލްގައި 12 ގައުމަކުން 80 އެތައް ފިލްމެއް ބައިވެރިކުރި އިރު އެ މީހުންނަށް އެންމެ ކަމުދިޔައީ އަޅުގަނޑުގެ ފިލްމު،" މަންމަނު މީހެއްގެ ހަޔާތް ދައްކުވައިދޭ ހިތާމަވެރި ފިލްމާ ބެހޭގޮތުން ނަހޫ ބުންޏެވެ. "އެ މީހުން ޔޫސުފް ސިފަކުރީ ޔުނިވާސަލް ތީމް އަކަށް ހަދާފައި އޮތް އިމޯޝަނަލް މާސްޓަޕީސްއެއްގެ ގޮތުގައި. އެ ފެސްޓިވަލްގައި ސްޓޭޖް މައްޗަށް އަރައި އިނޯގްރަލް ކެންޑްލް ދިއްލަން ފުރުސަތު ލިބުނު ހަމައެކަނި ޑައިރެކްޓަރަކީ އަޅުގަނޑު. އެ ތަނުގައި ވާހަކަ ދެއްކި ހަމައެކަނި ޑައިރެކްޓަރަކީ ވެސް އަޅުގަނޑު."
އެ ފަޚުރު ލިބުމުގެ އަސްލަކީ ނަހޫ ބުނިގޮތުގައި "ޔޫސުފް" ލީކް ވުމެވެ. ބޮޑުބައި ހައުސްފުލްކޮށް ޖުމްލަ 50 ޝޯ ދެއްކި "ޔޫސުފް" ގެ ވަގު ކޮޕީތަކެއް ގާތް މީހަކު ވިއްކުމަކީ ނަހޫ އަށް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ. އެކަމަކު ފުރުސަތެއް ވެސް މެ އެވެ. ނަހޫ ބުނިގޮތުގައި ގޯއާ ފެސްޓިވަލްގެ މީހުންނަށް "ޔޫސުފް" ފުރަތަމަ ފެނުނީ ލީކް ވެގެން ޔޫޓިއުބްއާ ހަމައަށް ގޮސްފައި ހުރި ކްލިޕްތަކުންނެވެ.
އުމުރުން 19 އަހަރާއި 20 އަހަރުގެ ދެ ކުދިން ތިބި ނަހޫ އަމިއްލަ ނަފްސު ސިފަކުރަނީ "ވަރަށް ފެމިލީ މީހެއް" ގެ ގޮތުގަ އެވެ. އާއިލާ އަށް ވަގުތު ދިނުމަކީ އޭނާ ކޮންމެހެން ވެސް ކުރާ ކަމެކެވެ. ފިލްމްތައް މާކެޓްކޮށްދިނުމުގެ އިތުރުން ބެސްޓް ފްރެންޑްގެ މަގާމްގައި ވެސް ހުރި ފިރިމީހާ ހަސަން ސިނާންއާ އެކު ރޭގަނޑު ބޭރަށް ދިއުމަކީ މަޖުބޫރު މާއްދާ އެކެވެ. ދެ ކުދިން އޯލެވެލް ހެދުމާ ހަމައަށް ފިލާވަޅުތަކުގައި އެހީތެރިވެދިނެވެ. ދާއިމީކޮށް މަސައްކަތްކުރަން ޖެހޭ ކަހަލަ ދާއިރާއެއް ނަހޫ އިޚްތިޔާރު ނުކުރީ ވެސް އާއިލާ އަށް ވަގުތު ދޭން ބޭނުންވާތީ އެވެ.
"ފިލްމް ހަދާ އިރު ވާ ގޮތަކީ މަސައްކަތްކުރާ ދުވަސްކޮޅު ވަރަށް ބުރަކޮށް އުޅެން ޖެހުނަސް އެ ޕްރޮޖެކްޓެއް ނިންމާފައި ދެން އޮންނާނީ ހުސް ވަގުތު،" އުމުރުން 17 އަހަރުގައި ކައިވެނިކޮށްފައިވާ ނަހޫ ބުންޏެވެ.
އެކަމަކު ނަހޫ ދެން ފިލްމެއް ހަދާނީ އޮލިމްޕަހުގެ ހާލަތު ރަނގަޅުވީމަ އެވެ.
"ކޮލިޓީކޮށް ފިލްމު ހެދޭނީ ކޮލިޓީކޮށް ބަލާލެވެންޏާ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އޮލިމްޕަހަކީ އަޅުގަނޑުގެ ފިލްމުތައް އަޅުވާ ފެންވަރުގެ ތަނެއް ނޫން،" އޭނާ ބުންޏެވެ. އެކަމަކު ޑްރާމާ ހެދުމާއި ސީޑީ ނެރުން ކްރިސްޓަލް އިން މެދުނުކެނޑި ކުރިއަށް ގެންދެ އެވެ.
ލިޔުންތެރިކަމުގެ ރޮނގުން 1999 ވަނަ އަހަރު ގައުމީ އިނާމް ހޯދުމަށް ފަހު 2009 ގައި ވިޝުއަލް އާޓްސް ގެ ދާއިރާ އިން ވެސް އެ އިނާމް ހޯދާފައިވާ ނަހޫ އަށް ކާމިޔާބީ ކިތަންގެ ފޮންޏަސް ވަރަށް ބޮޑު ހިތާމައެއް ވެސް އޮވެ އެވެ.
"އެންމެ ދެރަވަނީ ވަރަށް ގާތްކޮށް، ވަރަށް އިތުބާރުކޮށްގެން، ވަރަށް ހެޔޮއެދޭ މީހުން ކަމަށް ބަލައިގެން އުޅޭ މީހުން، އެ މީހުން ބޭނުން ފައިދާ އަޅުގަނޑު ކައިރިން ހޯދާފައި، އަޅުގަނޑަށް ނޭނގި ފަހަތުގައި ނުބައި ރޭވުންތައް ރާވާ ލަނޑު ދޭތީ. ދުވަހަކު ވެސް މާފު ނުކުރެވޭ ވަރު މީހުން އެބަތިބި،" އޭނާ ފާހަގަކުރި އެވެ. އެކަމަކު އެއީ ކޮން ބައެއް ކަމެއް ނުބުނެ އެވެ.
ފިލްމީ ދާއިރާގެ މަސައްކަތުން ނަހޫ ހޯދާފައިވާ ފައިދާ އޭނާގެ ދިރިއުޅުމަށް ބަލައިލުމުން އެނގެ އެވެ. އަމިއްލަ ގެ އިން އޭނާ އަށް ލިބިފައިވާ އެޕާޓްމެންޓް ތެރެއިން އެކަންޏެއް ނޫނެވެ. ދަރިންނަށް ހޯދައިދެމުން އަންނަ ރަނގަޅު ތައުލީމުން ވެސް މެ އެވެ. ހަގު ދަރިފުޅު ނާޝް އުމުރުން އެންމެ 20 އަހަރުގައި ޗާޓަޑް އެކައުންޓިން ހަދައިގެން މި އަހަރު މެލޭޝިއާ އިން އަންނާނީ ރާއްޖޭގެ ރެކޯޑަކާ އެކުގަ އެވެ. އެއަށް ފަހު ދޮށީ ދަރިފުޅު ކިޔަވަން ފޮނުވަން ނަހޫ ހުރީ ތައްޔާރު ވެގެންނެވެ. އެއީ މަތީ މަގާމެއްގައި ފިރިމީހާ އަދާކުރާ ވަޒީފާ އާއި އޭނާގެ އަމިއްލަ ވިޔަފާރިން އެކަނި ހޯދާފައިވާ ކުރިއެރުމެއް ނޫނެވެ. ނަހޫގެ މަސައްކަތުގެ ބޮޑު ހިއްސާއެއް ވެސް އޭގައިވެ އެވެ.
ނަހޫ ބުނާ ގޮތުގައި ފިލްމީ ދާއިރާ އަށް ނުނިކުތް ނަމަވެސް އޭނާ ވާނީ އާމްދަނީ ހޯދަން ބުރަކޮށް މަސައްކަތްކުރާނެ މީހަކަށެވެ.
"ނަހޫ ޓީޗަރަކަށް އުޅުނު އިރު ގޭގައި ޓިއުޝަން ދީގެން ވެސް ލާރި ހޯދަން. އެހެންވީމާ މިކަން ނޫނަސް ކޮންމެވެސް އެހެން ކަމެއް ކުރާނެ،" ތަނަވަސް އެޕާޓްމެންޓްގެ އަގުބޮޑު ފަރުނީޗަރުތަކުގެ ތެރެއިން ކާ މޭޒު މަތީގައި ލެޕްޓޮޕް ބަހައްޓައިގެން މަސައްކަތެއް ކުރަން އިން ނަހޫ ބުންޏެވެ. "އެކަމަކު މިކަން ކުރާހާ ހިނދަކު ފިލްމީ ދާއިރާއަކުން ނަހޫއެއް ނުއޮއްސޭނެ. އޮއްސޭނީ ހުއްޓާލީމަ."

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
15 comments