މީހުން

އަލީ ރަފީގު: ހަވީރުގެ ކުރިއެރުމުގެ މުހިންމު މޭސްތިރިއެއް

މޫސާ ލަތީފް
ހަވީރު ޑެއިލީ، 30 ޑިސެމްބަރ 2010 00:00
  • ޑރ. އަލީ ރަފީގު: ހަވީރުގެ ކުރިއެރުމާއި ތަރައްގީގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި

ޑރ. އަލީ ރަފީގާ މެދު "ހަވީރު" ގެ ނޫސްވެރިންނާއި އެހެން މުވައްޒަފުން އަބަދުވެސް ވަރަށް ބޮޑު ޔަގީންކަމެއް އޮވެ އެވެ؛ ދުނިޔެ އަށް އަންނަ ތަރައްގީގައި ހަވީރުގެ އެހެން މީހުންނަށް ވުރެ ދެތިން ފިޔަވަޅެއް ކުރީގައި އުޅުއްވުމެވެ. ރާއްޖެ އަށް އިންޓަނެޓް އައުމާ އެކު "ހަވީރު" ވެބްސައިޓް ވުޖޫދަށް ގެންނެވުމުގެ މޭސްތިރި އަކީ އަލީ އެވެ. އޭގެ ކުރިން ވެސް އޭރުގެ ތަފާތު ޓެކްނޮލޮޖީ ބޭނުންކުރައްވައިގެން "ހަވީރު" ގެ ޗާޕް އަދަދު ނޫން އެހެން ވަސީލަތްތަކުގެ ކިއުންތެރިން އުފެއްދުމުގައި ޑރ. އަލީ ހުންނެވީ ކުރީގަ އެވެ. "ހަވީރު" ގައި ބޭނުންކުރާ މަލްޓި މީޑިއާ ސިސްޓަމްގެ ޚިޔާލާއި އެ ވުޖޫދަށް ގެންނެވުމުގައި ވެސް ޑރ. އަލީ އޭނާގެ ތަރައްގީގެ ޚިޔާލު ވަރަށް ފުޅާކޮށް ބޭނުންކުރެއްވި އެވެ.

ޑރ. އަލީ ރަފީގަކީ "ހަވީރު" ގެ ތާރީޚުގައި ވެސް ދުށް އެންމެ ކުޅަދާނަ، އެންމެ އުފެއްދުންތެރި އަދި އެންމެ އިލްމީ އެޑިޓަރެވެ. ނޫސްވެރިކަމުގެ ރޮނގުން ނިއު ޒީލެންޑްގައި ޕީއެޗު.ޑީ ހެއްދުވުމުން އަލީ ވެވަޑައިގެންފައި ވަނީ ނޫސްވެރިކަމުން އެ ފާސް ހޯއްދެވި ފުރަތަމަ ދިވެއްސަށެވެ. މަޑުމައިތިރި، އެންމެންނާ ގުޅޭ އަދި ހިތްހެޔޮ ލިއުންތެރިޔާ "ހަވީރު" ގެ އެޑިޓަރުކަމުގައި 23 އަހަރު ހޭދަކުރެއްވި އެވެ. އޭގެ ކުރިން އޭނާ ވަނީ، ސްކޫލް ދައުރުގައި ވެސް "ހަވީރު"ގެ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރައްވައިފަ އެވެ.

"ހަވީރު"ން މިހާތަނަށް ހޯދި ކުރިއެރުންތަކުގައި ޑރ. އަލީގެ ޚިޔާލު ކުޅެފައިވާ ދައުރު މި ނޫހުގެ އޭރާއި މިހާރުގެ މުވައްޒަފުންނަކަށް އޮޅިފައެއް ނުވެ އެވެ. ދުނިޔޭގެ ތާރީޚީ މުހިންމު އިވެންޓްތައް ހިނގާ ދުވަސްވަރު ހަވީރުގެ ޚާއްސަ ސަޕްލިމެންޓްތަކާއި އަދި ފަހުން ފޮތްތައް ނެރުމުގައި ވެސް ޑރ. އަލީ ވަރަށް މުހިންމު މަސައްކަތްތަކާއި ޕްލޭންތަކެއް ކުރެއްވި އެވެ. އެގޮތުން ވޯލްޑް ކަޕްގެ ސަޕްލިމެންޓްތަކާއި ފޮތްތައް އެންމެ ފުރަތަމަ ހަވީރުން ނެރުނު އިރު ޑރ. އަލީ އަމަލީ ގޮތުން މަސައްކަތްކުރެއްވި އެވެ.

ނިއު ޒީލެންޑަށް ދިރިއުޅުން ބަދަލުކުރެއްވުމާ އެކު "ހަވީރު" ގެ އެޑިޓަރުކަމުން ވަކިވެވަޑައިގަތަސް ޑރ. އަލީ ރަފީގަކީ "ހަވީރު"ގެ ބައެކެވެ. އޭނާ އަށް ވެސް އަދި "ހަވީރަ" ށް ވެސް އަދި އަޅުގަނޑު ކަހަލަ ޑރ. އަލީއާ އެކު މަސައްކަތްކުރި ނޫސްވެރިންނަށް ވެސް ދުރުނުވެވޭނެ ޝަހުސިއްޔަތެކެވެ. އެޑިޓަރެއްގެ ގޮތުން ޑރ. އަލީ "ހަވީރަ"ށް ކޮށްދެއްވި މަސައްކަތްތަކާއި އަދި މިހާރު ވެސް ކޮށްދެއްވާ މަސައްކަތްތަކުގެ އަގު ހަވީރުގެ ހުރިހާ މުވައްޒަފުން ވެސް ވަޒަންކުރެ އެވެ. ޑރ. އަލީ އަށް މިއަދު ވެސް އަޅުގަނޑު ދަންނަވަން އޮތީ "ޝުކުރިއްޔާ" އެވެ.

0 comment