އެމްޑީޕީ

މިލަންދޫ ހަތަރު ކައުންސިލަރަކު ހައްޔަރުކުރި ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި

10 ފެބުރުއަރީ 2012 17:33 17 ކޮމެންޓު
  • ށ. މިލަންދޫގައި ބޭނުންކުރަމުން ދިޔަ ފުލުހުންގެ ވެހިކަލްގައި ރޯކޮށް އަންދާލާފައި.--ހަވީރު ކިއުންތެރިންގެ އެމްއެމްއެސް 2323 ފޮޓޯ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވައްޓާލުމާ ގުޅިގެން ބުދަދުވަހު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ށ. މިލަންދޫ ހަތަރު ކައުންސިލަރަކު ހައްޔަރުކޮށްފި ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި އެވެ.

ރަޔަޓް ފުލުހުން މިލަންދޫ އަށް ގޮސް، އެމްޑީޕީގެ ފަސް ކައުންސިލަރުން ތިއްބަވާ ކައުންސިލްގެ ހަތަރު މެމްބަރަކު ހައްޔަރުކޮށްގެން ށ. ފުނަދޫ އަށް ގެންދިއަ ކަމަށް ބުނެ މިލަންދޫގައި ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ. މުޒާހަރާގައި އިސްކޮށް ހުންނެވީ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ އެވެ.

ނަމަވެސް ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އެއީ ދޮގު ވާހަކައެއް ކަމަށާއި ފުލުހުން އެ ރަށުން ކައުންސިލަރަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

"އެ ތަނުގައި ފުލުހުންގެ ވެހިކަލްތަކަށާ އެއްޗެއްސަށް ގެއްލުން ދިން މައްސަލައާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ފުލުހުން ދިޔައީ. އެއްވެސް ކައުންސިލަރަކު ހައްޔަރުކޮށް، ތިކަހަލަ އެއްވެސް ކަމެއް ހިނގާފައެއް ނެތް،" އޮފިޝަލް ވިދާޅުވި އެވެ.

މިލަންދޫ މުޒާހަރާގައި މެމްބަރު އަލީ ރިޒާ މިއަދު ވާހަކަދައްކަވަނީ.


މިލަންދޫގައި އެމްޑީޕީ އަށް ތާއީދުކުރާ ބަޔަކު ނުކުމެ ޕޮލިސް ސްޓޭޝަން ތެރެއަށް ވަދެ ޕޮލިސް ސްޓޭޝަންގެ ޚިދުމަތް ދިނުން ގަދަކަމުން ހުއްޓުވާލައި ޕޮލިސް ސްޓޭޝަން ބަންދުކުރުވާފައިވާ ކަމަށް ފުލުސް އޮފީހުން ބުދަދުވަހުގެ ރޭ ވަނީ ބުނެފަ އެވެ.

އަދި ފުލުހުންގެ ވެހިކަލް އާއި ދެ ސައިކަލް ރޯކޮށްލުމުގެ އިތުރުން ފުލުހުންނަށް އަނިޔާކޮށް ގެއްލުންދޭނެ ކަމަށް ބުނުމުން އެރަށުގައި ތިބި ހުރިހާ ފުލުހުން ފުނަދޫ ޕޮލިސް ސްޓޭޝަނަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

17 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait