ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާގެ ސިޓީ ލިއުއްވީ ރައީސް އޮފީހުގައި ކަމަށް އެ އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް ސެކްރެޓަރީ ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު އިއްޔެ "ހަވީރަށް" ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އެމަނިކުފާނު އިސްތިއުފާ ދެއްވުމަށް ފުރަތަމަ އިންކާރުކުރެއްވި ނަމަވެސް އެ ނޫން ގޮތެއް ނޯންނާނެ ކަން އެނގުމުން ހިތާ ދެކޮޅަށް، މަޖުބޫރީ ހާލަތުގައި އިސްތިއުފާގެ ސިޓީ ލިޔުއްވީ ސިފައިންގެ ތެރޭގައި ކަމަށެވެ.
ރައީސް ނަޝީދު އިސްތިއުފާދެއްވި ފަހުން އެމްޑީޕީން ބޭއްވި ދެވަނަ އާއްމު ޖަލްސާގައި ދަރުބާރުގޭގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ އަންގާރަދުވަހު ރައީސް ނަޝީދު ރައީސް އޮފީހަށް ވަޑައިގެންނެވީ ވަރަށް ގިނަ ސިފައިންނާ އެކު ކަމަށެވެ. އަދި އެ ދުވަހަކީ ކެބިނެޓް މީޓިން ބާއްވާ ދުވަހަށް ވުމުން ހިސާން ތައްޔާރުވަމުން ދިޔައީ ކެބިނެޓް ބޭއްވުމުގެ ކަންތައްތައް ކުރެއްވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް ކާރުކޮޅުން ފައިބާވަޑައިގެންނެވި އިރު އަޅުގަނޑަށް ފެނުނީ އެއްވެސް ހައިސިއްޔަތެއް ނެތް ތިން ބޭފުޅުން،" ހިސާން ވިދާޅުވި އެވެ. "އެއްކޮޅުން ބައިވަރު ސިފައިންތަކެއް އަނެއް ކޮޅުން ތިން މީހަކު ރައީސް ވަށާލާފައި. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން އަޅުގަނޑު ތިން އަހަރު ވަންދެން ރައީސް އަރިހުގައި ރައީސް އޮފީހުގައި މަސައްކަތްކުރިއިރު ޕްރޮޓޮކޯލަކީ ރައީސާ ބައްދަލުކުރައްވަން ވަޑައިގަންނަވާ ބޭފުޅުން ވަޑައިގަންނަވާނީ ރަސްމީ ގޭޓު ތެރެއިން އެގޮތަކަށް ނޫން. އެމީހުން ވަންނަނީ ވަކި ދޮރަކުން، ސެކިއުރިޓީ ކްލިއާކޮށްގެން،" ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވިގޮތުގައި އަންގާރަދުވަހު ރައީސް އަރިހުގައި ރައީސް އޮފީހަށް އައި ތިން މީހުންނަކީ ކުރީގެ ޗީފް އިންސްޕެކްޓަރު މުހައްމަދު ފަޔާޒު (އެފްއޭ) އާއި މިހާރުގެ ޑިފެންސް މިނިސްޓަރު އަދި ކުރީގެ ކާނަލް މުހައްމަދު ނާޒިމާއި މިހާރުގެ ޕޮލިސް ކޮމިޝަނަރު އަދި ކުރީގެ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒެވެ. ހިސާން ވިދާޅުވީ އެދުވަހު އެ ބޭފުޅުން ވަޑައިގަތީ ރައީސް އަރިހުގައި މީޓީން ރޫމަށް ކަމަށެވެ. އަދި ކެބިނެޓް ރޫމް ތައްޔާރުކޮށްފައި އޮއްވާ ކެބިނެޓާ ރައީސް ބައްދަލުކުރެއްވީ މީޓިން ރޫމްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ ރައީސް އިސްތިއުފާގެ ސިޓީ ލިއުއްވީ ރައީސް އޮފީހުގެ ޕްރެސް ރޫމާ ޖެހިގެން ހުންނަ ކޮޓަރީގައި ހުންނަ، ފަތްކޮޅާއި އިގުރާރު ލިއުމަށް ހާއްސަކޮށްފައިވާ ޕޯޑިއަމްއެއްގެ މަތީގައި ބާއްވައިގެން ކޮޅަށް ހުންނަވައިގެން ކަމަށެވެ. އަދި އެ މަންޒަރު ބަލަން އޭނާ އަށް ވަރަށް "އުނދަގޫވި" ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.
"އަޅުގަނޑު ވެސް ހުރިން. އެކަމަކު އަޅުގަނޑަށްވުރެ ކައިރީގައި އެތާ ތިބީ މިދަންނަވާ ތިން މީހުން ]ނާޒިމާއި، ރިޔާޒް އަދި ފަޔާޒު[. ރައީސް އެ ސިޓީ ލިއުއްވާ ނިމުނީމަ ގަނޑާއި ގަލަންކޮޅާ އަޅުގަނޑުގެ އަތަށް ދިނީ އިނގޭތޯ. ހަގީގަތުގައި އެގަނޑާއި ގަލާމާ ވެސް ދިނީ އަޅުގަނޑު އަތަށް،" ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ ގަލަމާއި ސިޓީ ދިނުމަށް އޭނާ ގާތު ނާޒިމް އެދިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ގަލަން އަދި ސިޓީ ވެސް އޮފީހުގެ އެއްޗެއް ކަމަށް ބުނެ، ނާޒިމް އަތަށް ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއަށް ފަހު ރައީސް ވަޑައިގަތީ ނިއުސް ކޮންފަރެންސް ދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަލަން ދައްކާފަ ދޯރި މިއޮތީއޭ ކިޔާފަ ގަލަމުގެ ދޯރި ޖަހައިފިން. ދެން ބުނީ ގަލަން ދޭށޭ. އަޅުގަނޑު ބަލަހައްޓައިގެން މިހުރީ، އަޅުގަނޑަކަށް ނުވިސްނުނު އެބޭފުޅާ އަށް ނޫނީ އޭނަ އަށް އަޅުގަނޑުގެ ގަލަމެއް ދޭންވީ ރީޒަންއެއް. ދެން ރައީސް ވިދާޅުވީ އެއީ ހިސާންގެ ގަލަމެކޭ،" އޭނާ ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ އޭނާ ގެއަށް ދިއުމުން މަޖިލީހުގެ އިދާރާއިން ސިޓީ ހޯދުމަށް ރައީސް އޮފީހަށް ގުޅި ކަމަށް އޮފީހުން ގުޅާފައި ބުނި ކަމަށެވެ. ނަމަވެސް ރައީސް އޮފީހުން އެސިޓީ ރަސްމީކޮށް މަޖިލީހުގެ އިދާރާއަށް ނުފޮނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ރައީސް މުހަންމަދު ވަހީދު ހަސަން މަނިކު ހުވާކުރައްވާފައި ވަނީ ގާނޫނު އަސާސީގައި އޮންނަ ގޮތަށް ނޫން ކަމަށެވެ. އެގޮތުން އުއްތަމަ ފަނޑިޔާރު ހުވާލައިދެއްވި އިރު ރައީސް ވަހީދު ނަން ވިދާޅުނުވާ ކަމަށާއި ހުވާކޮށް ރައީސް ކަމުގެ އިގުރާރުގައި ސޮއިކުރެއްވި ނަމަވެސް ހުވާގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.
97 comments