ނަޝީދުގެ ވެރިކަން ބަދަލުކުރުން

ސަރުކާރު ބަދަލުވީ، ދުސްތޫރީ ހަމަތަކާ ހިލާފަށް ކަމަށް ކޮމަންވެލްތުގެ ރިޕޯޓުން އެނގޭކަށް ނެތް: ޑރ. ޖަމީލް

އަހުމަދު ހަމްދޫން
23 ފެބުރުއަރީ 2012 66 ކޮމެންޓު
  • ޑރ. ޖަމީލް ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ސީމެގްގެ ރިޕޯޓް ވަރަށް އަދުލުވެރިކަމަށް އޭނާ ވިދާޅުވޭ.---ހަވީރު ފައިލް ފޮޓޯ

ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުކުރި ގޮތް ބެލުމަށްޓަކައި ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) ގެ ރިޕޯޓަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާ ކަމަށާއި ސަރުކާރު ބަދަލުވީ، ދުސްތޫރީ ހަމަތަކާ ހިލާފަށް ކަމަށް، އެ ރިޕޯޓުން އެނގެން ނެތް ކަމަށް ހޯމް މިނިސްޓަރު ޑރ. މުހަންމަދު ޖަމީލް އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.

ސީމެގްގެ ރިޕޯޓް ނެރުމާ ގުޅިގެން، ޑރ. ޖަމީލްގެ އިތުރުން އެޓާނީ ޖެނެރަލް އައިޝަތު އާޒިމާ ޝަކޫރާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުއާ ތިން ބޭފުޅުން މީޑިއާއެކު ބޭއްވެވި ބައްދަލުވުމުގައި، ޑރ. ޖަމީލް ވިދާޅުވީ، ވެރިކަން ބަދަލުވި ގޮތް ބެލުމަށްޓަކައި ސީމެގަށް ލިބުނު ވަގުތަށް ބަލާއިރު، ވެރިކަން ބަދަލުވީ ދުސްތޫރީ ހަމަތަކާ ހިލާފަށް ކަމަށް ކަނޑައެޅިގެން ރިޕޯޓުގައި ބުނެފައި ނެތް ކަމަށެވެ.

ސީމެގްގެ ރިޕޯޓުގައި ބުނެފައި ވަނީ، ނަޝީދުގެ ވެރިކަން ބަދަލުކުރި ގޮތް ބެލުމަށް، އެކަށީގެންވާ ވަގުތެއް ލިބިފައި ނެތް ކަމަށާއި އެހެންވެ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތާ މެދު ވަކި ގޮތަކަށް ނިންމާފައި ނުވާ ކަމަށެވެ. އެހެންވެ އެކަން ހިނގާދިޔަ ގޮތް ބެލުމަށްޓަކައި، ރައީސް މުހަންމަދު ވަހީދު ހަސަން މަނިކު، ކޮމިޝަނެއް އެކުލަވާލައްވާފައިވީ ނަމަވެސް، ރާއްޖޭގެ ސިޔާސީ ޕާޓީތަކުން އެއްބަސްވާ ގޮތެއްގެ މަތިން، ބައިނަލްއަގްވާމީ ފަރާތްތަކުގެ ބައިވެރިވުން މުހިންމު ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.

ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑްކޮށްފައިވާ ކަމަށް ރިޕޯޓުގައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ގެންދިޔަ ނަމަވެސް، އެކަން އެ ގޮތަށް ބުނެފައެއް ނެތެވެ. އެހެން ނަމަވެސް ރާއްޖޭގެ މައްސަލަ ސީމެގްގެ ރަސްމީ އެޖެންޑާގައި ހިމަނާފައިވާތީ، ރާއްޖޭގެ މައްސަލަ ބަލާއިރު އެ ޖަމާއަތުގެ ބައްދަލުވުންތަކުގައި ރާއްޖެއަށް ބައިވެރި ނުވެވޭ ގޮތަށް ވަނީ ނިންމައިފަ އެވެ. ރާއްޖެ އަކީ ސީމެގްގެ މެމްބަރެކެވެ.

މިރޭގެ ނިއުސް ކޮންފަރެންސްގައި ޑރ. ޖަމީލް ވިދާޅުވީ، އެ މީހަކަށް ދައުވާ ރައްދުވާ މައްސަލައެއްގައި އެ މީހަކު ފަނޑިޔާރުކަން ކުރުމަކީ، ދުނިޔޭގެ އެއްވެސް ތަނެއްގައި އޮންނަ ހަމައެއް ނޫން ކަމަށެވެ.

"އެހެންވީމަ ]ސީމެގްގައި[ މި މައްސަލަ ކުރިއަށް ދާއިރުގައި، މިނިސްޓީރިއަލް ކޮމެޓީގައި ރާއްޖެ ނީށީންނާނެ. އެހެންވީމަ އެއީކީ ރާއްޖެ އަދި މުޅި ކޮމަންވެލްތުން ސަސްޕެންޑް ކުރުން ނުވަތަ ކޮމަންވެލްތުން އެއްކިބާކުރުން ކަމަށް މިހާރު ވެސް ބައެއް މީޑިއާތަކުގައި ދޭހަވާ ގޮތަކަށް ވާހަކަ ދެއްކެވެމުން އެބަދޭ. އެއީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެއް. އެއީ ވަރަށް ސްޓޭންޑަޑް ޕްރޮސީޖާތަކެއް ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް. އިންސާފުގެ ހަމަ ތަންދޭ ގޮތް އެއީ. މީހެއްގެ އަމިއްލަ މައްސަލައެއް ކުރިއަށްދާއިރު، އެ މީހަކު އަމިއްލައަށް ފަނޑިޔާރުކަން ކޮށްގެން ނުވާނެ،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. ޖަމީލް ވިދާޅުވީ، ސީމެގުން ނެރެފައިވާ ރިޕޯޓް ވަރަށް އަދުލުވެރި ކަމަށެވެ. އަދި ކޮމަންވެލްތާއި އިންޑިއާ އާއި އެމެރިކާ ފަދަ ގައުމުތަކުން ރައީސް ވަހީދުގެ ސަރުކާރު ބަލައިގެންފައިވާކަން މިހާރު އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެޓާނީ ޖެނެރަލް އާޒިމާ ވިދާޅުވީ، ނެޝަނަލް އެންކްއަރީ ކޮމިޝަންގައި، ބައިނަލްއަގްވާމީ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް ސީމެގުން ގޮވާލާފައިވާއިރު، ސަރުކާރުގެ ވިސްނުމަކީ ވެސް އެއީ ކަމަށެވެ. އަދި ކޮމިޝަންގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައި، ތަހުގީގު ކުރިއަށް ގެންދިއުމަށް ބައިނަލްއަގްވާމީ އެހީތެރިކަން ހޯދުމަށް ނިންމާފައިވާ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ. އަދި އެ ވާހަކަތައް ވެސް ބައިނަލްއަގްވާމީ ފަރާތްތަކާއެކު ފަށާފައިވާ ކަމަށް އެޓާނީ ޖެނެރަލް ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ، އެއްވެސް ޝަރުތަކާ ނުލައި ވާހަކަތައް ފެށުމަށް، ރައީސް ވަހީދަށާއި ނަޝީދަށް ސީމެގުން ގޮވާލާފައިވާއިރު، ހުރިހާ ފަރާތްތަކަކުން އެއްބަސްވަންޏާ އަވަސް އިންތިހާބަކަށް ދާނެ ކަމަށް އެންމެ ކުރިން ވެސް ރައީސް ވަހީދު ވިދާޅުވެފައިވާނެ ކަމަށެވެ. ސީމެގްގެ ރިޕޯޓުގައި ގޮވާލާފައި ވަނީ އަވަސް އިންތިހާބެއް މި އަހަރު ބޭއްވުމަށެވެ.

"ގައުމުގެ އެންމެ މަތީ މަސްލަތަކަށް މި ކަމަކީ އެއްބަސްވެވޭ ކަމަކަށްވާނަމަ، ސަރުކާރުން ފަސްޖެހިވަޑައިނުގަންނަވާނެ ކަން ރައީސް ވަހީދު އިއުލާން ކުރައްވާފައިވާނެކަން އަޅުގަނޑު ފާހަގަ ކުރަން.،" އާޒިމާ ވިދާޅުވި އެވެ.

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ ހާއްސަ މަންދޫބަކު، މިވަގުތު ރާއްޖޭގައި މަސައްކަތްކުރުމަށް ނިންމަވާފައިވާތީ، އާޒިމާ ވިދާޅުވީ އެއީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"ކޮމަންވެލްތުގެ އެންވޯއިއެއް ރާއްޖެ ވަޑައިގަތުމަކީ އަޅުގަނޑުމެން ވަރަށް މަރުހަބާ ކިޔާ ކަމެއް. އަޅުގަނޑުމެން ދެކޭ ގޮތުގައި އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ މަލްޓި ލެޓަރަލް އެސިސްޓެންސެއް ހުރުމާއެކު،" އާޒިމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައީސް ވަހީދު އެކުލަވާލައްވާފައިވާ މަގު ޗާޓަށް ބައިނަލްއަގްވާމީ ފަރާތްތަކުގެ ކޮމެންޓްސް ހޯދުމަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.  

66 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait