އެމަނިކުފާނު ދެން ނައިބު ރައީސަކަށް ގެންނަވާނީ އިޚުލާސްތެރި އަދި އައްޑޫ ސިޓީ އަށް އުފަން ބޭފުޅެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އިއްޔެ އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވަން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ދެން ގެންނަވާ ނައިބު ރައީސަކު ބަޣާވާތެއް ނުކުރައްވާނެ ކަމަށެވެ.
"ދެން އަޅުގަނޑު ގެންނާނީ އިޚުލާސްތެރި ނައިބު ރައީސެއް. އައްޑު އަށް އުފަން ނައިބު ރައީސެއް. ބަޣާވާތް ނުކުރާ، ރައްޔިތުން ދެކެ ލޯބިވާނެ، އައްޑޫ ދަރިއެއް،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު އެގޮތަށް ވިދާޅުވުމުން ޖަލްސާގެ ބައިވެރިން ފޯރީގައި ހަޅޭއްލަވައި، އަތް ޖަހައި ތަރުހީބު ދިނެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ހަށިކޮޅަށް ދެ ފަހަރަކަށް ކައްޓެއް ނުޖެހޭނެ އެވެ. އެހެން ވިދާޅުވެފައި ދެން އެމަނިކުފާނު ވަނީ އައްޑޫ ރައްޔިތުންނަށް ތައުރީފުކުރައްވާފަ އެވެ.
"އަޅުގަނޑަށް އެނގޭ އިޚުލާސްތެރިކަން އޮތީ ކޮން ތާކު ކަން. އައްޑޫ ސިޓީގައި ކަން. ދިވެހި ރައްޔިތުންގެ މަންފާ އާއި ލާބަޔަށް މަސައްކަތްކުރަނީ ކޮން ބައެއްކަން، އައްޑޫ ސިޓީގެ ރައްޔިތުން،" ނަޝީދު ވިދާޅުވި އެވެ. "ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުއުޓާ ގަދަކަމުން، މަޖުބޫރީ ހާލަތުގައި ދުރުކޮށް، އޭގެ ފަހުން އަޅުގަނޑު އުފަން ރަށް މާލެ ދޫކޮށް ދެން އައި ފަސްގަނޑަކީ މި އައްޑޫ ސިޓީ. މިތަނުގައި، މި ސިޓީގައި މިތިބީ އަޅުގަނޑަށް ޝައްކެއް ނުހިނގާ މުޅި ރާއްޖެ ދެކެ ލޯބިވާ އިހުލާސްތެރި ރައްޔިތުންތަކެއް ކަން."
ނަޝީދު ވިދާޅުވީ އެމަނިކުފާނު މަރުގެ ތުންފަތް މައްޗަށް ގެންދިޔައީ ވަރަށް ހީލަތްތެރި ރޭވުމެއްގެ ތެރޭގައި ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަން ކުރައްވާނީ އޭގެ ފޮތި މީރުކަމަށް ނޫން ކަމަށާއި ރައްޔިތުންނަށް ތަރައްގީ ގެނެސްދެއްވަން ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އައްޑޫ ސިޓީގެ ތަރައްގީ އަކީ މުޅި ރާއްޖޭގެ ތަރައްގީ އެވެ. އެހެންކަމުން އެމަނިކުފާނު އެނބުރި ވެރިކަމަށް ވަޑައިގެން އައްޑޫ ސިޓީގެ ތަރައްގީ ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.
"މިތަނުގައި ފެނާއި ނަރުދަމާގެ ހިދުމަތް މުޅި ސިޓީ އަށް ދޭނަމޭ. ހުރިހާ މަގެއް ހަދާނަމޭ. [އަޅުގަނޑު ބޭނުން] މިތަނުގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލެއް އަޅަން. މަތީ ތައުލީމު ދޭނެ ގޮތް ގާއިމްކުރަން. ބައިނަލްއަގުވާމީ ވައިގެ ބަނދަރަކާއި ކަނޑުގެ ބަނދަރެއް މިތަނުގައި ގާއިމްކުރަން،" ރައީސް ނަޝީދު ވިދާޅުވި އެވެ. "އޭގެ ެމަންފާ އާއި ފައިދާ މުޅި ރާއްޖެ އަށް ފޯރުކޮށްދިނުން. އެއީ ދުށް ހުވަފެނަކީ. އަޅުގަނޑު ޔަގީންކޮށް އަރުވަން އިރާދަކުރެއްވިޔާ އެ މަސައްކަތް ކުރާނެ. ކާމިޔާބާ އެކެ ސިޓީ ނިންމާނަން."
95 comments