ދަރުބާރުގޭ ފުރަގަހުން އޮންނަ އުސް ފަސްގަނޑުގެ މައްސަލާގައި ކްރިމިނަލް ކޯޓަށް އަމުރެއް ނުނެރެވޭނެ ކަމަށް ވިދާޅުވެ މާލޭ ސިޓީގެ މޭޔަރު މައިޒާން އަލިމަނިކު (މައިޒާން އަލިބެ) ކޯޓަށް ފޮނުއްވި ސިޓީ އިން އަމުރުގެ މާނަ ދޭހަވާ ނަމަ އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް އަލިބެ ވިދާޅުވި ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
ކޯޓުން ބުނީ މޭޔަރު ކޯޓަށް ހާޒިރު ކުރުމަށް ނިންމީ އުސް ފަސްގަނޑުގެ މައްސަލާގައި ފުލުހުން ކްރިމިނަލް ކޯޓުގެ އަމުރަކަށް އެދިފައިވާކަން އެކައުންސިލަށް އެނގިފައިވުމާއި އެކު ކައުންސިލުގެ ކަންބޮޑުވުން ތަކެއްހުރިކަން އެކައުންސިލުން ފޮނުވާފައި ސިޓީން އެނގެންއޮތުމުން ކަމަށެވެ. ކޯޓުން ބުނީ "އަމިއްލަ ފަރުދަކުވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާއި ހަވާލުވެހުރިމީހަކުވިޔަސް، ފަނޑިޔާރުންގެ މަސައްކަތާއިބެހި ނުފޫޒުފޯރުވައި ހަދައިގެންނުވާނެކަން " މޭޔަރަށް ހަންދާންކޮށްދީފައި ވާނެ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން ނެރެންވާ އަމުރާއި އަދި ނެރެގެން ނުވާނެ އަމުރު ކަނޑައެޅުމަކީ މާލޭސިޓީ ކައުންސިލަށް ގާނޫނުން ލިބިދީފައި ބާރެއްނޫންކަން އަންގާފައި ވާނެ ކަމަށް ވެސް ކޯޓުން ބުންޏެވެ.
ކޯޓުން ބުނީ ސިޓީ ކައުންސިލްގެ ސިޓީގައި ކޯޓަށް އަމުރެއް ކޮށްފައި ނުވާނެ
ކަމަށާއި އެކަމަކު އަމުރުގެ މާނަ ދޭހަވާ ގޮތަށް އިބާރާތްކުރެވިފައި ވަނީ
ކުއްލި ގޮތަކަށް ސިޓީ ފޮނުވަން ޖެހުމުން ކަމަށް މޭޔަރު ވިދާޅުވި ކަމަށެވެ.
އަދި އަމުރުގެ މާނަ ދޭހަވާ ނަމަ އެކަމަށް މޭޔަރު މައާފަށް
އެދިވަޑައިގެންނެވި ކަމަށް ވެސް ކޯޓުން ބުންޏެވެ.
ކްރިމިނަލް ކޯޓުން އަމަލުކުރާނީ ގާނޫނު އަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިންކަމާއި ވަކިގޮތަކަށް އަމަލުކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް އެންގުމަކީ މާލޭސިޓީ ކައުންސިލަށް ކުރެވޭނެކަމެއް ނޫންކަމަށް މޭޔަރަށް ދަންނަވާފައި ވާނެ ކަމަށް ވެސް ކޯޓުން ބުންޏެވެ.
ކޯޓުން ނެރުނު ބަޔާނުގައި ބުނީ ވަކިގޮތަކަށް އަމަލުކުރުމަށް އަންގާ ސިޓީ ކައުންސިލުން ކްރިމިނަލް ކޯޓަށް ސިޓީ ފޮނުވުމަކީ ކްރިމިނަލްކޯޓުން ބަލައިގަންނާނެ ކަމެއްނޫންކަމަށާއި ސިޓީކައުންސިލުން މިފަދައަމަލުތައް ތަކުރާރުކުރާ ނަމަ އެއިދާރާއާ މެދުގައި ނުވަތަ އެގޮތަށް އަމަލުކުރާފަރާތަކާއި މެދުގައި ފިޔަޅުއެޅުމަށް ކޯޓުން ފަސްނުޖެހޭނެކަން މާލޭ ސިޓީ ކައުންސިލް އިދާރާގެ މޭޔަ މައިޒާން އަލިމަނިކަށް އަންގާފައި ވާނެ ކަމަށެވެ.
ފުލުހުން އަމުރެއް ހޯދުމަށް އެދި ކޯޓަށް ހުށަހަޅަންވާނީ ސިއްރުންކަމަށާއި އަދި އެކަން މީޑިއާގައި ހާމަކުރުމަކީ ކޮށްގެންވާނެ ކަމެއްނޫންކަމަށް ދެކެވަޑައިގަންނަވާ ކަމަށް މޭޔަރު ކޯޓުގައި ވިދާޅުވި ކަމަށް ކޯޓުން ބުންޏެވެ.
އުސް ފަސްގަނޑު ރޫޅާލުމަށް ފުލުހުން ކްރިމިނަލް ކޯޓުގެ އަމުރަކަށް އެދުމުން، ކައުންސިލުން ކޯޓަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އުސް ފަސްގަނޑު ކައުންސިލާ ހަވާލުކޮށްފައިވަނީ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އަދި އުސް ފަސްގަނޑުގެ ކަންތަކުގައި އުފެދިފައިވާ މައްސަލައަކީ މަދަނީ މައްސަލައެއް ކަމަށާއި މަދަނީ މުއާމަލާތެއް ރޫޅުމަށް ދިފާއީ ބާރުން ނުކުންނަ ޖެހޭނީ ޝަރުއީ އަމުރެއް ލިބިގެން ކަމަށެވެ. އަދި އެފަދަ އަމުރެއް ނެރޭއިރު ކޯޓުގައި ކައުންސިލުން ތަމްސީލުވުމުގެ ފުރުސަތު ލިބެން ޖެހޭ ކަމަށާއި މި ކަމުގައި ކްރިމިނަލް ކޯޓުން އަމުރެއް ނެރެގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.
21 comments