ފިޝަރީޒް މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލަން ފަށައިފި އެވެ.
މި އޮޑިޓް ރިޕޯޓާ ބެހޭ ގޮތުން ސުވާލު ކުރުމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝަފީއު އާއި އެ މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން މާލިއްޔަތު ކޮމިޓީ އަށް މިރޭ ވަނީ ހާޒިރުކުރައްވައިފަ އެވެ.
މާލިއްޔަތު ކޮމިޓީގެ މިރޭގެ ބައްދަލުވުމުގައި އެ ކޮމެޓީގެ މުގައްރިރު އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމު ވިދާޅުވީ ފިޝަރީޒް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ކޮށްފައިވާ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވާ ކަމަށާއި އެ ކަންކަމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީގެ އޮޑިޓް ރިޕޯޓަށް ބަލާއިރު އެ މިނިސްޓްރީގައި "ސިސްޓަމެޓިކް މައްސަލައެއް އެބައުޅޭ" ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ އެ މިނިސްޓްރީގައި "ރަނގަޅަށް ހިނގާފައިވާ އެއްވެސް ކަމެއް ނެތް" ކަމަށެވެ.
"ގަވާއިދާ ހިލާފު އެތައް ކަމެއް އެބަހުރި. ފައިސާ ރަނގަޅަށް ބެލެހެއްޓިފައެއް ނެތް. ލިބެންޖެހޭ ފައިސާ ހޯދިފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ޣަފޫރު ވިދާޅުވީ ފިޝަރިޒް މިނިސްޓްރީ އަށް 80 މިލިއަން ރުފިޔާގެ އާމްދަނީ ނުލިބި އެބަ އޮތް ކަމަށާއި އެ މިނިސްޓްރީ ބޮއްސުން ލާފައިވާއިރު އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ހަމައެކަނި "އިސްލާހީ ފިޔަވަޅެއް" އެޅުމުގެ ބަދަލުގައި އެކަންކަމުގައި ގާނޫނީ ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.
ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފު ވިދާޅުވީ ފިޝަރީޒް މިނިސްޓްރީން ވެފައިވާ އިހްމާލުގެ ވާހަކަ ދެއްކޭ ވަރަށް ވުރެ ގިނަ ކަމަށާއި އެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓާ ބެހޭ ގޮތުން "ދައްކާފައި ނުދައްކާނެ ވާހަކައެއް ނެތް" ކަމަށެވެ.
ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަމްޒާ ވިދާޅުވީ ފިޝަރީޒްގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ ނޭނގުމުގެ ތެރެއިން ހިނގާފައިވާ ކަންކަމަށް ވުރެ ބޮޑަށް "ގަސްދުގައިކޮށްފައިވާ ކަންކަން" ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ފިޝަރީޒްގެ މިނިސްޓްރީގެ މަސައްކަތް ކުރުމަށް ހަވާލުކުރާ ފަރާތް ނޫން އެހެން ފަރާތްތަކަށް ވެސް ބައެއް ފަހަރު ފައިސާ ދީފައި އެބަ ހުއްޓެވެ.
"މާލިއްޔަތު ގާނޫނަށް ހުރުމަތްތެރިކޮށް ނުހިތުމުގެ ސަގާފަތެއް މިނިސްޓްރީ ތެރޭގައި އޮތްކަން އޮޑިޓް ރިޕޯޓުން ފާހަގަކުރެވޭ،" ހަމްޒާ ވިދާޅުވި އެވެ.
މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިހާރުގެ ފިޝަރީޒް މިނިސްޓަރު ޝަފީއު ވިދާޅުވީ އޮޑިޓް ރިޕޯޓުގެ ސަބަބުން "ރަނގަޅު ފިލާވަޅުތަކެއް ލިބިއްޖެ" ކަމަށާއި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ކޮށްފައިވާ ދުވަސްވަރު މިނިސްޓްރީގެ ފައިސާއާ ބެހޭ ކަންކަމާ ހަވާލުވެ ހުންނެވީ ކޮންބޭފުޅެއްތޯ ބައެއް މެމްބަރުން ސުވާލު ކުރެއްވުމުން، ފިޝަރީޒް މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ ޑރ. އަބްދުﷲ ނަސީރު ވިދާޅުވީ މި އަހަރުގެ މާޗް މަހާ ހަމައަށް މިނިސްޓްރީގެ ފައިސާއާ ބެހޭ ކަންކަމުގައި އިސްކޮށް ހުންނެވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ކަމަށެވެ. މިރޭގެ ބައްދަލުވުމަށް ޑރ. ހުސައިން ވަޑައިނުގެންނެވީ ބަލިވެ އުޅުއްވާތީ ކަމަށްވެ އެވެ.
މިނިސްޓަރު ޝަފީއު ވިދާޅުވީ އޮޑިޓް ރިޕޯޓަށް ބަލާއިރު ވަކި މުވައްޒަފަކު ބޮޑު އިހްމާލެއް ވެފައިވާ ކަމަށް ފާހަގަކޮށްފައި ނެތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އޮޑިޓް ރިޕޯޓުގައިވާ ކަންކަން ހިނގާފައި ވަނީ އެ މިނިސްޓްރީގެ ނިޒާމު ރޭވިފައިވާ ގޮތުންނެވެ. އެހެންވެ އެ ކަންކަމުގެ ޒިންމާ ފައިސާއާ ހަވާލުވެ ހުންނަވާ ބޭފުޅަކު އެކަނި ނަންގަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރު ބަދަލުވުމަށް ފަހު މިހާރު އޮފީސްތަކުގެ މާލީ ޒިންމާދާރު ވެރިޔަކީ ސިޔާސީ ބޭފުޅެއް ނޫން ކަމަށާއި މިހާރު ކޮންމެ މިނިސްޓްރީއެއްގެ މާލީ ޒިންމާދާރު ވެރިޔަކީ ޕާމަނަންޓް ސެކްރެޓަރީ ކަމަށެވެ.
މާލިއްޔަތު ކޮމެޓީގެ މުގައްރިރު ނާޒިމް ވިދާޅުވީ ފިޝަރީޒް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައިވާ ކަންކަމާ މެދު ފިޔަވަޅު އަޅަމުން ގެންދަވާ ކަމަށެވެ. އަދި އަންނަ މަހުގެ ނިޔަލަށް އެ ފިޔަވަޅުތައް އަޅައި ނިންމާނެ ކަމަށް އެ މިނިސްޓްރީއަށް އަންގާފައިވާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެންޓި ޓެރަރިޒަމް ތަމްރީން ނިމުން
15 comments