ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހްމަދު ދީދީ ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ މާރިޔާ ޕޮލިހަށް ހާޒިރުވުމަށް ޗިޓް ފޮނުވީ މިއަދު ކަމަށެވެ. އަދި އެއީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އެކަމަކު އެއީ ކޮން މައްސަލައެއް ކަމަށް އޭނާ ވިދާޅެއް ނުވެ އެވެ.
ފުލުހުން ބުނީ ބުރާސްފަތި ދުވަހުގެ ރޭ ފުލުސް އޮފީހަށް ހާޒިރުވުމަށް މާރިޔާ އަށް އަންގާފައިވާ ގަޑިއަށް ބަދަލު ގެނައުމަށް އޭނާ އެދިވަޑައިގެންފައިވާ ކަމަށެވެ. އެހެންވެ އެ ގަޑިއަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފުލުހުން ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން މާރިޔާގެ ބަހެއް މިރޭ ލިބޭ ގޮތެއް ނުވި އެވެ.
އެހެން ނަމަވެސް އެމްޑީޕީގެ ތަރުޖަމާން އިމްތިޔާޒް ފަހުމީ (އިންތި) "ހަވީރަ" ށް ވިދާޅުވީ މާރިޔާ ފުލުސް އޮފީހަށް ހާޒިރު ކުރަނީ ފުލުހަކަށް ހަމަލަދިން ކަމަށް ބުނެ އެ މައްސަލަ ބެލުމަށް ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ. އެހެން ނަމަވެސް ފެބްރުއަރީ 7 ގައި ފުލުހުން މާރިޔާ އަށް ކުރި އަނިޔާތައް ބެލުމެއް ނެތި ފުލުހަކަށް ހަމަލަދިން މައްސަލައެއްގައި މާރިޔާ ފުލުސް އޮފީހަށް ހާޒިރުކުރަނީ އެމްޑީޕީ މެމްބަރުން އަބަދު "ބިރުވެރިކަމެއްގެ ތެރޭގައި" ބޭތިއްބުމަށް ކަމަށް އިންތި ވިދާޅުވި އެވެ.

23 comments