ރައްޔިތުންގެ މަޖިލިސް

އެއްވެ އުޅުމުގެ ގާނޫނު، ގާނޫނު އަސާސީއާ ފުށުއަރައިގެން ނުވާނެ: މެމްބަރުން

އަހުމަދު އަބުދުﷲ ސައީދު
20 ޖޫން 2012 14:30 10 ކޮމެންޓު
  • އެއްވެއުޅުން މަނާކޮށްފައިވާ ސަރަހައްދެއް ކަމަށްވާ ޖުމްހޫރީ މައިދާނުގައި މި އަހަރުގެ ޖެނުއަރީ 17 ވަނަ ދުވަހު، އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއް ކޮންޓްރޯލްކުރުމަށް ސިފައިން ހަރަކާތްތެރިވަނީ. --ހަވީރު ފައިލް ފޮޓޯ

އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނެއް އެކުލަވައިލި ކަމުގައި ވިޔަސް، އެއްވެ އުޅުމަށް ގާނޫނު އަސާސީގައި ލިބިދީފައިވާ ހައްގު ހަނިވާ ގޮތަށް ގާނޫނެއް ހަދައިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު މިއަދު މަޖިލީހަށް ހުށަހެޅުއްވި ބިލް މަޖިލީހަށް ބަލައިގަތުމާ ގުޅޭ ގޮތުން ކުރި ބަހުސްގައި ބައެއް މެންބަރުން ވިދާޅުވީ އެއްވެ އުޅުމުގެ އުސޫލުތަކެއް ގަވާއިދެއްގައި މިހާރު ވެސް އެބަހުރި ކަމަށާއި މައްސަލަ އުފެދެނީ އެ ގަވާއިދު ތަންފީޒު ނުކުރެވޭތީ ކަމަށެވެ. އަދި ގާނޫނެއް ހަދަނީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް ނިގުޅައިގަތުމުގެ ނިޔަތުގައި ކަމަށްވާ ނަމަ، އެ ކަމަށް ތާއީދުނުކުރައްވާނެ ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.

މި ބިލް ހުށަހަޅުއްވަމުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގައި މިހާތަނަށް އަމަލުކުރި ހުރިހާ ގާނޫނު އަސަސީއެއްގައި ވެސް އެއްވެ އުޅުމުގެ ހައްގު ކޮންމެވެސް ގޮތަކަށް ބަޔާންކޮށްފައި އޮންނަ ކަމަށެވެ. ނަމަވެސް އެ ހައްގު އަމަލީ ގޮތުން ތަންފީޒުކުރެވެން ފެށީ ސިޔާސީ ޕާޓީތައް އުފެދުނު ހިސާބުން ކަމަށާއި ޚާއްސަކޮށް 2005 ގައި އެމްޑީޕީ އުފެދުނު ހިސާބުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެ އަހަރުން ފެށިގެން މިއަދާ ހަމައަށް ހަތް އަހަރުވީ އިރު ތިން ރައީސުން ފެނި، ސިޔާސީ ހުރިހާ ޕާޓީތައް ވެސް އެއްވެ އުޅުމުގެ ހައްގުގެ ބޭނުން ހިފައި އެ ކަމުގެ ވޭން ތަހައްމަލުކޮށް އެތައް ބަޔަކު ހައްޔަރުވެސް ކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ނަމަވެސް މި ވެއަތުވެ ދިޔަ 7 އަހަރުގެ ތަޖުރިބާ އަށް ބަލާއިރު އަޅުގަނޑުމެންގެ ސިޔާސީ ދާއިރާގައި ވެސް އަދި ގައުމީ ފެންވަރުގައި ވެސް އެންމެ ބޮޑަށް އަޅުގަނޑުމެންގެ ތެރޭގައި ޚިޔާލު ތަފާތުވާ އެންމެ ބޮޑަށް ބަހުސް އުފައްދާ އެއް މައްސަލައަކީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރެވޭ ނިސްބަތް. ގާނޫނު އަސާސީގައި ކަނޑައެޅި ބަޔާންވެގެންވާ ހައްގެއް ބޭނުންކުރުމުގައި ހުރި ހުރަސްތަކާއި ދަތިތައް އެހެން ހުރުމުގެ ސަބަބުން އުފެދޭ ދުސްތޫރީ މައްސަލަތައް އެބަހުރި،" ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނު އަސާސީން ލިބިދީފައިވާ އެއްވެ އުޅުމުގެ ހައްގު ގާނޫނީ އިމުގެ ތެރެއިން ރައްކާތެރިކޮށްނުދެވޭތީ އުފެދޭ ގާނޫނީ މައްސަލަތަކެއް އެބަހުރި ކަމަށާއި އެ ކަންކަން ދިމާވަނީ ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނަށް ކަމަށްވާތީ ދިމާވާ ސިޔާސީ މައްސަލަތައް ވެސް އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވީ މިދިޔަ ހަތް އަހަރުގެ ތެރޭގައި ދުސްތޫރީ، ގާނޫނީ އަދި ސިޔާސީ ބޮޑެތި މައްސަލަތަކެއް އުފެދުނީ އެއްވެ އުޅުމުގެ ހައްގާ ގުޅޭ ގޮތުން ކަމަށެވެ.

އޭނާ ވިދާޅުވީ އެއްވެ އުޅުމަކީ ރާއްޖޭގެ ގާނޫނު އަސާސީންނާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުން ވެސް ކަށަވަރުކޮށްދޭ ހައްގެއް ކަމަށް ވިޔަސް، އެ ހައްގުގެ ބޭނުން ހިފާނެ ގޮތުގެ ގާނޫނީ އޮނިގަނޑެއް ރާއްޖޭގައި ނެތް ކަމަށެވެ.

"އެއްވެއުޅުމުގެ ހައްގަކީ ކިޔާލުފާޅުކުރުމާ ލާމެހި ގުޅިފައިވާ ހައްގެއް. މި ދެ ހައްގު ގުޅިގެން އޭގެ ޒާތުގައި ވެސް ވަރަށް މުހިންމު އެއް ހައްގަށް ވެގެންދޭ. އަދި އެ ހައްގަކީ އޭގެ ޒާތުގައި އަސާސީ އެހެން ހައްގުތައް ލިބިގަތުމަށާއި ހޯދައިގަތުމަށް އޮތް ވަސީލަތަކަށް ވެސް އެއްވެ އުޅުމުގެ ހައްގު ވެގެންދޭ،"

ނަޝީދު ވިދާޅުވީ މިދިޔަ ހަތް އަހަރުގެ ތެރޭގައި، އެއްވެ އުޅުމާ ގުޅޭ ގޮތުން ކުރެވުނު ތަޖުރިބާ އަށް ބަލާއިރު، މި ހައްގުގެ ބޭނުންކުރުމަށްޓަކައި އަޅުގަނޑުމެން އެންމެނަށް އެއްބަސްވެވޭ ގާނޫނީ ހަމަތަކެއް އެކަށައަޅަންޖެހޭ ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އަދި ހުޅުވާލެވިފައިވާ ޑިމޮކްރެޓިކް މުޖްތަމައުތައް ގަބޫލުކުރާ ހަމަތަކަކަށް ވެސް ވާންޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ބިލް އެކުލަވާލާފައިވާނީ މިފަދަ ހައްގުތަކާ ގުޅޭ ގޮތުން އދ. އަށް ލަފާދިނުމަށް އުފައްދާފައިވާ ޖަމާއަތެއް ކަމަށްވާ ވެނިސް ކޮމިޝަންގެ ފަރާތުން 2010ގައި ތައްޔާރުކޮށްފައިވާ ގައިޑްލައިނެއް އަސްލަކަށް ބަލައިގެންނެވެ. އޭގެ އިތުރުން ޑިމޮކްރެސީ ބަލައިގަންނަމުންދާ ގައުމުތަކުން އަމަލުކުރަމުންދާ އުސޫލުތަކަށް ރިއާޔަތްކޮށް ރާއްޖެ އަށް ފެތޭ ގޮތަށް އަމަލުކުރެވިދާނެ ހަމަތަކެއް ބިލެއްގެ ސިފައިގައި މަޖިލީހަށް ހުށަހެޅުއްވީ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިއަދާ ހަމަައަށް އަޅުގަނޑުމެން މި ތަޖުރިބާކޮށްފައިވާ މަންޒަރަށް ބަލާއިރު، އަޅުގަނޑަށް ހުށަހެޅިފައިވާ މި ބިލުން ހާސިލުކޮށްދޭ ނުވަތަ ތަސައްވަރުކޮށްދޭ މަންޒަރު އެތައް ހާސް ބައެއް ރަނގަޅުވާނެ،" ނަޝީދު ވިދާޅުވި އެވެ.

އޭނާގެ މި ބިލް މަޖިލީހަށް ބަލައިގަތުމާ މެދު ކުރެވުނު ބަހުސްގައި ބައެއް މެމްބަރުން ވިދާޅުވީ އެއްވެއުޅުމުގެ ގާނޫނެއް ހެދިކަމުގައި ވިޔަސް، ގާނޫނު އަސާސީގައި ދީފައިވާ މިނިވަންކަން ހަނިކޮށްގެން ނުވާނެ ކަމަށެވެ. އަދި ބައެއް މެމްބަރުން ވިދާޅުވީ ސުލްހަވެރި އެއްވުމުގެ ނަމުގައި ހިންގާ ބައެއް ޖަރީމާތަކާ ގުޅިގެން، އެއްވެއުޅުމުގެ މިނިވަންކަން ވަކި ހައްދެއްގެ ތެރޭގައި ހިފަހައްޓަންޖެހޭ ކަމަށެވެ.

ކެލާ ދާއިރާގެ އަބްދުﷲ މައުސޫމް ވިދާޅުވީ މި ބިލް ކޮމިޓީގައި ދިރާސާކޮށް ވިސްނައި ބޭރު ދުނިޔޭގެ ގައުމުތައް ކުރާ ތަޖުރިބާގެ އަލީގައި ދިވެހި މުޖްތަމައަށް ފެތޭ ގޮތަށް ބަދަލުކުރުން މުހިންމު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ގާނޫނުތައް ހަދަންޖެހެނީ ގާނޫނެއް ނެތި އުޅުމުގައި މީހުންގެ ޒިންމާދާރުކަން ކުޑަވުމެވެ

މައުސޫމް ވިދާޅުވީ ގާނޫނު އަސާސީން ލިބިދީފައިވާ މިނިވަންކަމަކާ ގުޅިގެން ގާނޫނެއް ހަދާ އިރު އެ ގާނޫނުގައި ކަނޑައެޅޭ ހުދޫދުތަކާ މެދު ވިސްނާލަންޖެހޭ ކަމަށެވެ. ގާނޫނު އަސާސީން ލިބިދީފައިވަނީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުން ކަމަށްވާ އިރު، ތަންތަނަށް އެއްވާ މީހުންގެ ޒިންމާތަކާ މެދުވެސް ވިސްނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއްވުންތަކުގައި ގެންގުޅެވޭނެ ތަކެތި ގާނޫނެއްގައި ކަނޑައަޅަންޖެހެނީ، އެއްވުންތަކުގައި ބައެއް މީހުން ބޭނުންކުރާ ތަކެތީގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދާންދޫ ދާއިރާގެ މުހައްމަދު ރިޔާޒް ވިދާޅުވީ ކުރިން ހުއްދަ ނެގުމަކާ ނުލައި އެއްވެވޭނެ ކަމަށް މި ބިލްގައި ބުނާ ކަމަށާއި ނަމަވެސް އެ ގޮތުން އެއްވެވޭނީ ކޮން ތަންތަނެއްގައި ކަން އެނގެން ނެތް ކަމަށެވެ. މިހާރު އަމަލުކުރާ ގާނޫނު އަސާސީން ލިބުނު އެންމެ މުހިންމު ކަމަކީ އެއްވެ އުޅުމުގެ ހައްގު ކަމަށާއި ކުރީގެ ގާނޫނު އަސާސީގައި ވެސް އެ މިނިވަންކަން އޮތް ނަމަވެސް އެއިރު އެ ހައްގުގެ ބޭނުން ހިފިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ އަބްދުﷲ ޖާބިރު ވިދާޅުވި ގޮތުގައި މި ބިލްގައި އެންމެ ފުރަތަމަ ވެސް ކަނޑައަޅަންވީ، ރައީސްކަން ކުރާ މީހަކު އެއްވެ އުޅެ މުޒާހަރާކޮށްގެން ނުވާނެ ކަމަށެވެ. އަދި ރައީސްކަން ކޮށްފައިވާ މީހަކު ގާނޫނުގައި ބުނާ އިނާޔަތްތަކާއި ހިމާޔަތްތައް ލިބިގެން ހުރެ އެއްވެ އުޅެ މުޒާހަރާކޮށްގެން ނުވާނެ ކަމަށް ވެސް މި ބިލްގައި ކަނޑައަޅަންޖެހޭ ކަމަށް ޖާބިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއްވެ އުޅުމުގެ ހައްގުގެ ބޭނުންކޮށް މީހުންނަށް އަނިޔާކޮށް މީހުންގެ މުދަލަށް ގެއްލުންދީ ފުލުހުންނާއި ސިފައިންނަށް ގެއްލުންދީ އެ މީހުންގެ އަމުރަށް ބަޔަކު ނުކިޔަމަންތެރިވަމުންދާ ކަމަށެވެ. އަދި އެއްވެ އުޅުމަށް ލިބިދޭ ހައްގުގެ ދަށުން ރައީސް އޮފީސް ދޮށުގަ އާއި ކޯޓުތަކުގެ ކުރިމަތީގައި މުޒާހަރާކޮށް ކޯޓުތަކަށް ނުފޫޒު ފޯރުވައި ވިޔަފާރިތަކަށް ވެސް ގެއްލުންދީ ވަކި ޕާޓީތަކަކުން ރާވައިގެން ހިންގާ ޖަރީމާތަކެއް ހިންގަމުންދާ އިރު މި ފަދަ ގާނޫނަކުން އެ ކަންކަން ހުއްޓުވަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނައިފަރު ދާއިރާގެ އަހްމަދު މުހައްމަދު ވިދާޅުވީ އެއްވެ އުޅުމުގެ ގާނޫނެއް ހެދިގެންދާ އިރު، އެއީ ގައުމު ނުރައްކަލުގެ ތެރެއަށް ވައްޓާލުމަށް ދީފައިވާ ހައްގެއް ނޫން ކަން ހަނދާންކުރަންޖެހޭ ކަމަށެވެ. ސުލްހަވެރި ކަމުގެ ނަމުގައި އެއްވާ އެއްވުންތައް ބައެއް ފަހަރު ވަރަށް ނުރައްކާތެރި އެއްވުންތަކަށް ބަދަލުވެފައި އެބަހުރި ކަމަށާއި ބައެއް އެއްވުންތަކުގައި މީހުންނަށް އަނިޔާކުރެވޭ ޒާތުގެ ހަތިޔާރު ފަދަ ތަކެތި ވެސް ގެންގުޅެފައި އެބަހުރި ކަމަށެވެ. އެހެންކަމުން އެއްވެ އުޅުމުގެ ގާނޫނެއް ހަދާ އިރު އެ ކަންކަމަށް ރިއާޔަތްކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޑަވެލި ދާއިރާގެ މުހައްމަދު ނާޒިމް ވިދާޅުވީ ގާނޫނުތަކެއް ހެދިޔަސް ތަންފީޒް ނުކުރެވޭ ނަމަ، ގާނޫނަކުން ކުރާނެ ކަމެއް ނޯންނާނެ ކަމަށެވެ. އަދި ބަޔަކު ބަޣާވާތެއް ގެނައީ ވެސް ގާނޫނެއް ތަންފީޒުނުކުރެވިގެން ކަމަށާއި ދުނިޔޭގެ އެހެން ތަންތާނގައި ވެސް އެއްވެ އުޅެވޭނެ ތަންތަނާއި އެއްނުވެވޭނެ ތަންތަން ކަނޑައަޅާފައި އެބަހުރި ކަމަށެވެ. އެހެން ކަމުން މި ބިލް ގާނޫނަކަށް ވުމުން ސިފައިންނާއި ފުލުހުންނަށް ޖުމްހޫރީ މައިދާނަށް އެއްވެ ބަޣާވާތްކުރެވިދާނެތޯ އޭނާ ސުވާލުކުރެއްވި އެވެ.

މި ބިލް މަޖިލީހަށް ބަލައިގަތުމާ މެދު ކުރެވުނު ބަހުސްގައި ބައެއް މެންބަރުން ވިދާޅުވީ ގާނޫނު އަސާސީން ލިބިދެނީ ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަން ކަމަށާއި އެއްވުމެއްގެ ތެރޭގައި ފުލުހުންނާ ދިމާލަށް ނުވަތަ އިދިކޮޅު ބަޔަކާ ދިމާލަށް ފެންްފުޅިއެއް އެއްލިޔަސް، އެ ހިސާބުން އެ އެއްވުމުގެ ސުލްހަވެރިކަން ގެއްލިގެން ދާނެ ކަމަށެވެ.

ނަޝީދުގެ މި ބިލްގައި އެކުލަވާލާފައިވާ އިރު، އެއްވެއުޅުން މަނާ ސަރަހައްދުތަކާއި މީހުން ދިރިއުޅޭ ގޭގޭގެ ދޮށުގައި މުޒާހަރާކުރާ އިރު އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކޮށްފައިވެ އެވެ. އަދި ގައުމީ ސަލާމަތީ ބާރުތަކުގެ ކައިރީގައި މުޒާހަރާ ކުރެވޭނެ ދުރުމިންތައް ވެސް މި ބިލްގައި ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން އެއްވުންތައް ރޫޅާލުމުގައި ސަލާމަތީ ބާރުތަކުން އަމަލުކުރާނެ ގޮތްތައް ވެސް ބަޔާންކޮށްފައިވެ އެވެ. އަދި އެއްވުންތައް ރޫޅާލުމުގައި ބާރުގެ ބޭނުންކުރާނެ ގޮތްތަކާއި އެއްވުން އިންތިޒާމުކުރާ ފަރާތުން އުފުލަންޖެހޭ ޒިންމާތައް ވެސް ބަޔާންކޮށްފައިވެ އެވެ.

10 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait