އައްޑޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގެ މަސައްކަތް އިނގިރޭސިވިލާތުގެ ބައި-ވޯޓާއާ ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުން ހަވާލުކޮށްފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށްތޯ ބަލައި ތަހުގީގުކޮށް، ނަޝީދަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ނަޝީދާ ދެކޮޅަށް މީގެ ކުރިން ވެސް މަޖިލީހަށް ގަރާރެއް ވައްދާފައިވާ ވިލުފުށީ ދާއިރާގެ ގައުމީ ޕާޓީ މެމްބަރު ރިޔާޒް ރަޝީދު މަޖިލީހަށް ފޮނުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ އެމްޑަބްލިއުއެސްސީގެ ހިއްސާ، ހިޓާޗީ ކުންފުންޏަށް ވިއްކާލިއިރު، އެ ފަރާތުން އައްޑޫގައި ފެނާއި ނަރުދަމާގެ އެންމެހައި ކަމެއް މުޅިން ހިލޭ ކޮށްދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ. އެކަމަކު އެ މަސައްކަތް އެއްވެސް ސަބަބަކާ ނުލައި، "ނަޝީދުގެ މަސްލަހަތު" ނުވަތަ އެ މަނިކުފާނުގެ "ގާތްތިމާގެ މީހުންގެ މަސްލަހަތު" އޮންނަ ކަމަށް ބެލެވޭ ބައި-ވޯޓާއާ ހަވާލުކޮށްފައިވާ ކަމަށް ރިޔާޒްގެ ގަރާރުގައިވެ އެވެ. އަދި އެކަން ކޮށްފައި ވަނީ ދައުލަތުގެ ބަޖެޓުން 15 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކަމަށާއި ބައި-ވޯޓާއާ މަސައްކަތް ހަވާލުކުރީ އެ ކުންފުނިން އެ މަޝްރޫއަށް 28 މިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް އެއްބަސްވެގެން ކަމަށް ވެސް ގަރާރުގައިވެ އެވެ.
އެކަމަކު އެ 28 މިލިއަން ޑޮލަރު އެ ކުންފުނިން އިންވެސްޓް ކުރަނީ ދިވެހި ސަރުކާރުން ދޭ ގެރެންޓީއެއްގެ މައްޗަށް ނަގާ ލޯނަކުން ކަމަށް ވެސް ރިޔާޒް ވިދާޅުވެފައިވެ އެވެ. އައްޑޫގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަޝްރޫއު ބައި-ވޯޓާއާ ހަވާލުކޮށްފައިވީ ނަމަވެސް މިހާތަނަށް އައްޑޫގެ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ހިދުމަތް ނުލިބި ވަނީ،"ނަޝީދުގެ ސީދާ އިހުމާލުން" އަދި އެ މަނިކުފާނު ގަސްދުގައި އެ ރައްޔިތުންނަށް "ދެރައެއް ދިނުމުގެ ގޮތުން" ކަމަށް ވެސް ރިޔާޒް ވިދާޅުވެފައިވެ އެވެ.
އަދި ހިލޭ ކުރެވެން އޮތް ކަމަކަށް އެފަދަ ގިނަ އަދަދެއްގެ ފައިސާ ދައުލަތުގެ ބަޖެޓުން ހޭދަކުރި ކުރުމަކީ "ކޮރަޕްޝަންގައި ނަޝީދު އަމަލީ ގޮތުން ބައިވެރިވެ" އަދި ރައްޔިތުންނާ ދެކޮޅަށް ހިންގަވާފައިވާ "ހީލަތްތެރި މަކަރުވެރި ޖަރީމާއެއް ކަމަށް ބެލެވޭ" ކަމަށް ވެސް ރިޔާޒްގެ ގަރާރުގައިވެ އެވެ.
ބައި-ވޯޓާއާ އައްޑޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކުރިއިރު، އެ ކުންފުނިން މިހާތަނަށް އެއްވެސް ފައިސާއެއް ހޯދާފައި ނުވާ ކަމަށާއި ހުރިހާ ހަރަދެއް ކޮށްފައި ވަނީ ސަރުކާރުން އެކަނި ކަމަށް ސަދަން ޔުޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) އިން ދާދި ފަހުން ބުނެފައިވެ އެވެ.
ނަޝީދުގެ ސަރުކާރުން މާޗް ،29 2010 ގައި އެސްޔޫއެލް އާއި ބައި-ވޯޓާއާ ހަވާލުކޮށްފައި ވަނީ މުޅި އައްޑު އާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމުމަށެވެ. މުޅި ޕްރޮޖެކްޓަށް 42 މިލިއަން ޑޮލަރު ( 540 މިލިއަން ރުފިޔާ) ހަރަދު ކުރުމަށް ރާވާފައިވާއިރު ސަރުކާރުން އެ މަޝްރޫއަށް ވަނީ 15 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
މަޝްރޫއުގެ ދަށުން ހިތަދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްކުރުމުގެ މަސައްކަތް ފަށާފައިވާއިރު އެ ކަމަށް ހޭދަކޮށްފައި ވަނީ ސަރުކާރުން އެ މަޝްރޫއަށް ކަނޑައެޅި 15 މިލިއަން ޑޮލަރު އެކަންޏެވެ.

އެމްޑީޕީގެ މުޒާހަރާ
28 comments