ނާއިބު ރައީސް ޑީން

ރެއާ ދުވާލު މުޒާހަރާ ކުރާނަމަ ގައުމަށް ލިބޭ ހުތުރު ނަން ބަދަލުކުރަން އުނދަގޫވާނެ: ނާއިބު ރައީސް

29 ޖޫން 2012 11:12 61 ކޮމެންޓު
  • ނާއިބު ރައީސް ޑީން: ގައުމުގެ މަސްލަހަތު ކުރިއަށް ނެރުމަށް ސިޔާސީ ޕާޓީތަކަށް ރޭ ގޮވާލެއްވި.---ހަވީރު ފައިލް ފޮޓޯ

ރެއާ ދުވާލު މުޒާހަރާކުރާ ނަމަ ނުވަތަ އެއީ ނުރައްކާތެރި ގައުމެއް އަދި ވައްކަންކުރާ ގައުމަކަށް ވެއްޖެނަމަ، އެ ގައުމަކަށް ލިބޭ ހުތުރު ނަން ބަދަލުކުރަން ވަރަށް އުނދަގޫވާނެ ކަމަށް ނާއިބު ރައީސް މުހަންމަދު ވަހީދުއްދީން (ޑީން) ރޭ ވިދާޅުވެއްޖެ އެވެ.

ހިންމަފުށީގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ ކޮންމެ ނުބައި ހަބަރެއް ވެސް ވަރަށް ބާރަށް ދަތުރުކުރާކަން ހަނދާން ކުރަން ޖެހޭ ކަމަށާއި ބައިނަލްއަގްވާމީ މުޖުތަމައުއަށް ރަނގަޅު ހަބަރެއް އިއްވޭނީ، ވަރަށް ގިނަ މަސައްކަތް ކޮށްގެން ކަމަށެވެ. އަދި މާޒީއަށް ބުރަވެ ވާހަކަ ދައްކައިގެން މިއަދު ނަތީޖާތަކެއް ނުނެރޭވެނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެކަމަކު މާޒީގައި ކަންތައްތައް ވެފައި ހުރި ގޮތާ މެދު ވިސްނައި، އެއިން އިބުރަތް ހާސިލް ކުރުމަކީ ނެތް ކަމެއް ނޫން ކަމަށް ޑީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި ވިޔަފާރިވެރިންނާއި ތަނަވަސްކަން ލިބިފައިވާ ފަރާތްތަކުގެ ޒިންމާއެއް ވެސް އެބައޮތް ކަމަށެވެ.

އަދި މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތް ކުރުމަކީ ވަކި ޕާޓީއެއްގެ މަސްއޫލިއްޔަތެއް ނޫން ކަމަށް ވެސް ނާއިބު ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ހުރިހާ ޕާޓީތައް ގުޅިގެން، ގައުމުގެ މަސްލަހަތު ކުރިއަށް ނެރުމަށް އެ މަނިކުފާނު ވަނީ ސިޔާސީ ޕާޓީތަކަށް ގޮވާލައްވައިފަ އެވެ.

ނާއިބު ރައީސް ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުން، ރީހެބް ވަމުންދާއިރު އެއީ އުފެއްދުންތެރި ބަޔަކަށް ހަދަންޖެހެ އެވެ. އަދި އެއީ ސަރުކާރުގެ އެޖެންޑާގެ އެންމެ މަތީ މަގާމެއް ދީފައި އޮތް ކަމެއް ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ޑީން ވިދާޅުވީ ދިވެހި މުޖުތަމައުގެ ޒުވާނުންގެ ވަރަށް ބޮޑު ބައެއް، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ގަބޫލުކުރަންޖެހޭ ކަމަށެވެ. އަދި އެކަމުން ސަރުކާރަށާއި ރައްޔިތުންނަށް ލިބޭ އިގުތިސާދީ ގެއްލުން މިހާތަނަށް ވެސް ހިސާބު ކުރެވިފައި ނެތް ކަމުގައި ވިޔަސް އެ ކަންކަމަށް ރައްޔިތުންގެ ފައިސާއިން ހަރަދު ކުރަން ޖެހުމަކީ އިގުތިސާދީ ގޮތުން ގައުމަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ނާއިބު ރައީސް ވިދާޅުވި އެވެ.

61 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait