ރާއްޖެ-އ.ދ

މައުމޫންގެ ވެރިކަމުގެ އަނިޔާތައް ބެލުމަށް ކޮމިޝަނެއް އުފެއްދުމަށް އދ. އިން ލަފާ ދީފި

ހުސައިން ފިޔާޒު މޫސާ
15 ޖުލައި 2012 18:18 45 ކޮމެންޓު
 • މައުމޫންގެ ސަރުކާރުގައި ޖަލުގައި ކޮށްފައިވާ އަނިޔާ ކަމަށް ބުނެ ނަޝީދުގެ ސަރުކާރުން މިދިޔަ އަހަރުގެ މޭ މަހު އާއްމުކުރި ފޮޓޯތަކުގެ ތެރެއިން ފޮޓޯއެއް.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ޖަލުތަކުގައި ރާވައިގެން ކޮށްފައިވާ ކަމަށް ބުނާ އަނިޔާތައް ބެލުމަށް ކޮމިޝަނެއް އުފައްދަން އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީން ލަފާ ދީފި އެވެ.

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީ އަށް ރިޕޯޓެއް ހުށަހެޅި އެވެ. އެ ރިޕޯޓާ މެދު ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ކޮމިޓީގައި މަޝްވަރާކުރި އެވެ. އަދި ކޮމިޓީން ފާހަގަކުރި ކަންކަމަށް ޖަވާބުދާރީވުމަށް ރާއްޖެ އަށް ފުރުސަތު ވެސް ދިނެވެ.

އދ. ހިއުމަން ރައިޓްސް ކޮމިޓީގެ ބައެއް މެމްބަރުން ވިދާޅުވީ ކުރީގެ ސަރުކާރުން ރާވައިގެން އަނިޔާކޮށްފައިވާ ކަމަށް ބެލެވޭ އިރު އެފަދަ ކަންކަމާ މެދު ފިޔަވަޅު އަޅާނެ ނިޒާމެއް ރާއްޖޭގައި ނެތް ކަމަށާއި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން މެދުވެރިކޮށް ވެސް އެކަން ކުރެވެން ނެތް ކަމަށެވެ. ދައުވާ ކުރަން ފޮނުވާފައިވާ އަނިޔާގެ މައްސަލަތައް ވަރަށް މަދު ކަމަށާއި އެ ކަންކަމަކީ ރަނގަޅު ތުހުމަތެއް ނަމަ ތަހުގީގުކޮށް އިންސާފުގެ ކުރިމައްޗަށް ގެންދިއުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.

މައުމޫނުގެ ވެރިކަމުގައި ކޮށްފައިވާ އަނިޔާތައް ބެލުމަށް ކޮމިޝަނެއް އުފެއްދުމުން، އެކަން ސިޔާސީކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ކޮމިޓީން ފާހަގަކުރިއިރު، ރާއްޖޭގެ ވަފްދުން ބުނީ ރާއްޖޭގެ ސިޔާސީ ހާލަތު އޮތް ގޮތުން މިނިވަން މުއައްސަސާއެއް އުފެއްދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އަދި ވަކި މުއްދަތެއްގެ މައްސަލަތައް ބެލުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެ ކަމަށް ރާއްޖޭގެ ވަފުދުން ބުންޏެވެ.

އދ. ހިއުމަން ރައިޓްސް ކޮމިޓީގައި ރާއްޖޭގެ ފަރާތުން ތަމްސީލްކުރެއްވި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ހަވީރަށް ވިދާޅުވީ ކޮމިޓީން ފުރަތަމަ ލަފާ ދިނީ އަނިޔާ ލިބުނު ފަރާތްތަކަށް ބަދަލު ދިނުމަށް ކަމަށެވެ. ނަމަވެސް ވަކި ދުވަސްވަރެއްގެ އަނިޔާތަކަށް އެކަނި ބަދަލު ދިނުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެ ކަމަށް ދެންނެވުމުން، ބަދަލު ދިނުމުގެ ވާހަކަ ކޮމިޓީގެ މެމްބަރުން ވިދާޅުނުވާ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

"ދެން އެ ބޭފުޅުން ވިދާޅުވީ އެ މައްސަލަތައް ބެލޭނެ ނިޒާމެއް ގާއިމުކުރުމަށް. އަޅުގަނޑުމެން ދެންނެވިން ރާއްޖޭގައި އަނިޔާ ކޮށްފައިވަނީ ހަމައެކަނި 1978 އިން 2008 އާ ދެމެދަކު ނޫނޭ. އައްޑޫ ބަޣާވާތުގައި ތިނަދޫގެ އެތައް ރައްޔިތުންނަކަށް ވެސް އަނިޔާ ލިބުނޭ. އެ މީހުން ދުނިޔޭގައި އެބަ ތިއްބޭ. އަދި 1988 ވަނަ އަހަރުގެ އުދުވާނުގައި އެތައް ބަޔަކު މަރުވެގެން ގޮސްފައިވާއިރު، އެ މީހުންނަށް ބަދަލު ލިބެންޖެހެއޭ. އެ މައްސަލަތައް ބެލެންޖެހޭ،" ޖެނީވާގައި ހުންނަވައި ފޯން ޖަމީލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެންނެވި މައުމޫނުގެ ސަރުކާރުގެ އަނިޔާތައް ބަޔާންކޮށް ހުށަހަޅާފައިވާ ރިޕޯޓް ތައްޔާރުކޮށްފައި ވަނީ [ކުރީގެ ރައީސް] ނަޝީދުގެ ވެރިކަމުގައި ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅެއް ކަމަށް. އެހެންވެ އެ ރިޕޯޓް އިންސާފުވެރި ނުވާނެ ކަމަށް."

ޑރ. ޖަމީލް އިތުރަށް ވިދާޅުވީ އަނިޔާކޮށްފައިވަނީ ހަމައެކަނި މައުމޫނުގެ ސަރުކާރުގައި ނޫން ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އަނިޔާކޮށްފައިވާ ކަމަށެވެ. އެގޮތުން ކްރިމިނަލް ކޯޓްގެ އިސް ޣާޒީ އަބްދުﷲ މުހައްމަދާއި މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީންގެ އިތުރުން ސިޔާސީ އެތައް ބޭފުޅުން ގާނޫނާ ހިލާފަށް ހައްޔަރުކުރުމަކީ ވެސް އަނިޔާ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

"އަނިޔާ އަކީ ހަމައެކަނި ޖިސްމާނީ ގޮތުން ކުރާ ކަންކަން އެކަންޏެއް ނޫން. އަބްދުﷲ ގާޒީ ވަގަށް ނަގައިގެން ހައްޔަރުކުރުމާއި ޔާމީން ހައްޔަރުކުރުމަކީ ވެސް އަނިޔާ،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ކުރީގެ ފޮރިން މިނިސްޓަރު އަދި އީރާނުގެ އިންސާނީ ހައްގުތައް ތަހްގީގުކުރުމަށް ކަނޑައަޅާފައިވާ އދ. ގެ ރެޕެޓުއާ ޑރ. އަހްމަދު ޝަހީދު ވިދާޅުވީ މައުމޫނު ސަރުކާރުން ކޮށްފައިވާ އަނިޔާގެ މައްސަލަތައް ބެލުމަށް ނިޒާމެއް އުފައްދަން ނިންމާފައިވާ ނިންމުން، ހިއުމަން ރައިޓްސް ކޮމިޓީގެ ފައިނަލް ރިޕޯޓުގައި ހިމަނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އޭރުން އެފަދަ ކޮމިޝަނެއް ނުވަތަ ނިޒާމެއް ގާއިމުކުރަން މަޖުބޫރުވާނެ. އަދި އެފަދަ ނިޒާމެއް ގާއިމުނުކޮށްފި ނަމަ އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީ އަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ. އޭރުން، އީވާން ނަސީމްގެ މަރުގެ މައްސަލަ އޭނާގެ މަންމަ އަށް ހުށަހެޅޭނެ. ރީކޯ މޫސާ އަށް އަނިޔާކުރި މައްސަލަ އޭނާ އަށް ހުށަހެޅޭނެ،" މި ވަގުތު ކޮސޯވޯގައި ހުންނެވި ޑރ. ޝަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޓީން ކޯޓެއް ގޮތަށް މައްސަލަތައް ބެލުމުގެ ބާރު ލިބިދޭ ކަމަށާއި އެގޮތަށް މައްސަލަ ބަލައިފި ނަމަ މައުމޫނުގެ ވެރިކަމުގައި ކޮށްފައިވާ އަނިޔާތައް ބަލައި، ފިޔަވަޅު އަޅަންޖެހޭ ކަންކަމުގައި ފިޔަވަޅު އެޅުމަށް ރާއްޖެ އަށް އަންގާނެ ކަމަށެވެ.

މި މައްސަލައިގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޓީގައި ރާއްޖޭގައި ދީނީ މިނިވަންކަން ނެތުމާއި ނޫސްވެރިންނަށް އަނިޔާކުރުމާއި އަންހެނުންގެ ހައްގުތައް ފުރިހަމަ އަށް ހިމާޔަތް ނުކުރެވުމާއި އަންހެނުންނަށް ފުރުސަތުތައް ހަނިވުމުގެ މައްސަލައިގެ ކަންބޮޑުވުން ފާޅުކުރި އެވެ.

ޑރ. ޖަމީލް ވިދާޅުވީ ރާއްޖޭގެ އިންސާނީ ހައްގުތަކާ ބެހޭ ގޮތުން ރިޕޯޓެއް ހުށަހެޅުމުން އެކަމަށް ވަރަށް ބޮޑަށް ތައުރީފުކުރެއްވި ކަމަށެވެ. އަދި ރާއްޖޭގެ އިސްލާމީ އައިޑެންޓިޓީ ހިމާޔަތްކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

އދ. ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމުގައި ޑރ. ޖަމީލްގެ އިތުރުން، ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން، އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ވެސް ބައިވެރިވެވަޑައިގަތެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

45 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait