އެމްޑީޕީން ކުރިއަށް ގެންދާ ސީދާ ހަރަކާތުގެ މުޒާހަރާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މޫނަށް ފުލުހުން ރޭ ޕެޕަ ސްޕްރޭ ޖަހާފައިވަނީ ގަސްތުގައި ކަމަށް ކަމަށް ބުނެ އެ ޕާޓީން އެކަން މިއަދު ކުށްވެރިކޮށްފި އެވެ.
އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ނަޝީދުގެ ދެލޮލަށް ފުލުހުން ޕެޕަ ސްޕްރޭ ޖަހާފައިވާ ކަމަށާއި އެއީ ފުލުހުން ހިންގި ފިނޑި އަމަލެއް ކަމަށެވެ. އަދި އެ މަނިކުފާނުގެ ލޮލަށް ސްޕްރޭ ޖަހާފައިވަނީ ސްޕެޝަލް އޮޕަރޭޝަންގެ ޔުނިފޯމުގައި ތިބި ބަޔަކު މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ވަދެގަނެ، ރައީސް ނަޝީދު ހޯދައި އެ މަނިކުފާނަށް އަމާޒުކުރުމަށް ފަހު ކަމަށް ވެސް ބަޔާނުގައިވެ އެވެ.
މުޒާހަރާގައި ނަޝީދުގެ މޫނަށް ޕެޕަ ސްޕްރޭ ޖެހި މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް އެމްޑީޕީން ވަނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ގޮވާލައިފަ އެވެ.
ނަޝީދުގެ ލޮލަށް ފުލުހުން ސްޕްރޭ ޖެހި ކަމަށް މުޒާހަރާގެ ބައެއް ބައިވެރިންނާއި އެމްޑީޕީން ތުހުމަތުކުރި ނަމަވެސް އެކަން ފުލުހުން ދޮގުކުރެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު ހަސަން ހަނީފު ރޭ ވިދާޅުވީ މުޒާހަރާގެ ބައިވެރިން ފުލުހުން ޖަހާފައި ހުރި ބެރިކޭޑްތައް ގެންދިއުމުން އެ ތަކެތި ހޯދަން އުޅުމުގެ ތެރޭގައި ހަލަބޮލިވުމުން ޕެޕަ ސްޕްރޭ ޖެހި ކަމަށެވެ. ނަމަވެސް ގަސްތުގައި ނަޝީދުގެ މޫނަށް ޕެޕަ ސްޕްރޭ ޖަހާފައިނުވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ބެރިކޭޑްތައް ނަގަން އުޅުމުގެ ތެރޭގައި އެތަން ހަލަބޮލިވެގެން ޕެޕާ ސްޕްރޭ ޖެހި. އަޅުގަނޑުމެންނަކަށް ނޭނގޭ ރައީސް ނަޝީދަށް އޭގެ އަސަރުކުރި ކަމެއް ވެސް ނޫން ކަމެއް ވެސް. މުޒާހަރާގެ ތެރޭގައި އެމަނިކުފާނު ހުންނެވި ނަމަ އަސަރު ނުކުރާނެއެކޭ ނުދަންނަވާނަން. އެކަމަކު ފުލުހުން ސީދާ އެމަނިކުފާނުގެ މޫނަށް ގަސްތުގައި ޕެޕާ ސްޕްރޭއެއް ނުޖަހާ،" މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ ނަޝީދަކީ ސަލާމަތީ ބާރުތަކުން ހިމާޔަތްދޭންޖެހޭ ބޭފުޅަކަށްވާއިރު އެމަނިކުފާނާ ދެކޮޅަށް ފުލުހުން ހިންގި އަމަލަކީ އެ މުއައްސަސާ އެތައް ގުނައަކަށް ދަށަށް ވެއްޓުނު އަމަލެއް ކަމަށެވެ. އަދި އެއީ މާލެތެރެ ހަލަބޮލިކުރުމަށް ފުލުހުން ހިންގި އަމަލެއް ކަމަށް ވެސް އެމްޑީޕީން ތުހުމަތުކޮށްފައިވެ އެވެ.
"ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ބާޣީ ފުލުހުން ރޭގައި ޕެޕަ ސްޕްރޭގެ ހަމަލާ ދިނުމުން ވެސް ކުޑައިރުކޮޅެއްގެ ތެރޭގައި އަލުން އެނބުރިވަޑައިގެން ރައްޔިތުން ކުރަމުން ދިޔަ އިހްތިޖާޖުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވީތީ އެމަނިކުފާނުގެ ހިތްވަރުފުޅު ގަދަކަމާއި އަޒުމުގެ ވަރުގަދަ ކަމަށްޓަކައި މި ޕާޓީން އެމަނިކުފާނަށް ތައުރީފްކޮށް ޝުކުރު ދަންނަވަމެވެ. އަދި މި ޕާޓީ މިއޮތީ ރައީސް ނަޝީދާއެކުގައި ކަމާއި ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަތިވެރި މަސައްކަތްޕުޅަށް އެއްބާރުލުން އަރުވައި ރޭވުންތެރިކަމާއި ހިކުމަތްތެރިކަމާ އެކު ކާމިޔާބަށް ވާސިލްވުމަށް އަމަލުކުރާނޭ ކަމުގެ ޔަގީންކަން ރައީސް ނަޝީދަށް މި ހިނދުގައި އަރުވަމެވެ،" އެ ބަޔާނުގައިވެ އެވެ.
11 comments