ރައީސް ނަޝީދުގެ ޝަރީއަތް

ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލަ ކޯޓުން އަނބުރާ ޕީޖީ އަށް ފޮނުވާލައިފި

މުއިއްޒު އިބްރާހިމް
18 ޖުލައި 2012 12:51 28 ކޮމެންޓު
  • ސަރުކާރާ ދެކޮޅަށް އެމްޑީޕީން ކުރިއަށް ގެންދާ ކުއްލި ސީދާ ހަރަކާތުގެ ދަށުން ރޭ ކުރި މުޒާހަރާގައި ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ.--ހަވީރު ފޮޓޯ/އިބްރާހިމް ފާއިދު

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގިރިފުށީގައި ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާކުރަން ހުޅުމާލޭ ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު އަނބުރާ ފޮނުވާލައިފި އެވެ.

އަބްދުﷲ ގާޒީ ބަންދުކުރި މައްސަލާގައި ރައީސް ނަޝީދުގެ އިތުރުން ދައުވާކުރަން ފޮނުވާފައިވަނީ އެމަނިކުފާނުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ މައްޗަށެވެ. އަދި މިހާރު އިސްތިއުފާ ހުށަހަޅުއްވާފައިވާ، ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީގެ އިތުރުން ކާނަލް އަހުމަދު ޒިޔާދުގެ މައްޗަށް ވެސް ދައުވާ ކުރަން ފޮނުވާފައިވެ އެވެ.

ހުޅުމާލޭ ކޯޓް ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވި ކ. ހުރާ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މޫސާ ނަސީމް ވިދާޅުވީ ނަޝީދުގެ މައްސަލަ އަނބުރާ ފޮނުވާލީ ކޯޓުތަކުގެ ގާނޫނުގެ  66 ވަނަ މާއްދާއާ 69 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ މައްސަލަ ހުޅުމާލޭ ކޯޓަށް ބެލޭނެ ކަމަށް މިހާތަނަށް ނުފެންނާތީ ކަމަށެވެ.

ކޯޓުތަކުގެ ގާނޫނުގެ 69 ވަނަ މާއްދާގައި ބުނަނީ މެޖިސްޓްރޭޓް ކޯޓުތަކުގެ އިހްތިސާސަށް ލިބިގެންވަނީ މައްސަލައެއްގެ ދައުވާ ލިބޭ ފަރާތުގެ ދާއިމީ އެޑްރެސް ހުންނަ ދާއިރާއެއްގެ ކޯޓަކަށް އެ ކޯޓު ވެގެން ކަމަށެވެ. އަދި 66 ވަނަ މާއްދާގައި ބުނަނީ މެޖިސްޓްރޭޓް ކޯޓެއްގެ އިހްތިސާސަށް އެއްވެސް އުނިއިތުރެއް ގެންނަން ބޭނުންވެއްޖެ ނަމަ ޖުޑީޝަލް ސާވިސް ކޮމިޝަނުންނާއި ޖުޑީޝަލް ކައުންސިލްގެ އެއްބަސްވުމަކާ އެކު އުއްތަމަ ފަނޑިޔާރުގެ ގަރާރަކުން އެކަން ކުރެވިދާނެ ކަމަށެވެ. އަދި އެގޮތަށް ގެންނަ އުނި އިތުރަކަށް އަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރުމަށް ފަހުގައި ކަމަށް ވެސް ބުނެފައިވެ އެވެ.

ނަޝީދުގެ މައްޗަށް ދައުވާކުރުމަށް ފޮނުވި މައްސަލަ ހުޅުމާލޭ ކޯޓަށް ބަލައިގަތް ކަމަށް މީޑިއާގައި ދެކެވުނު ވާހަކައާ ގުޅިގެން އެ ކޯޓުގެ މެޖިސްޓްރޭޓް ނަސީމް ވިދާޅުވީ ކޯޓަށް ހުށަހެޅޭ ކޮންމެ މައްސަލައެއްގެ ފައިލް ފުރަތަމަ ކޯޓުން ބަލައިގަންނާނެ ކަމަށެވެ. ނަމަވެސް އެ މައްސަލައެއް އެ ކޯޓަށް ބެލޭނެކަން ނުވަތަ ނޫންކަން ނިންމާނީ އެ މައްސަލައެއް ލިބޭތާ ތިން ދުވަހުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މި މައްސަލަ އަނބުރާ ފޮނުވާލަން ނިންމާފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ވެސް މެޖިސްޓްރޭޓް ވިދާޅުވި އެވެ.

އަބްދުﷲ ގާޒީއަށް ބިރުދައްކާ ގަޒްފުކުރި މައްސަލައެއް ހުޅުމާލޭ ކޯޓުގައި މިހާރުވެސް ހިނގަމުންދާތީ އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން މެޖިސްޓްރޭޓް ވިދާޅުވީ އެ މައްސަލަ އެ ކޯޓަށް ބަލައިގެންފައި ވަނީ އެ މައްސަލަ ހުޅުމާލޭ ކޯޓަށް ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައި ވާތީ ކަމަށެވެ. އަދި މި މައްސަލަ ވެސް އެ ކޯޓަށް ބެލޭނެ ކަމަށް މަތީ ކޯޓަކުން ނިންމައިފި ނަމަ އެގޮތަށް އަމަލު ކުރައްވާނެ ކަމަށް ނަސީމް ވިދާޅުވި އެވެ.

ނަޝީދުގެ މައްޗަށް ދައުވާކުރުމަށް ހުޅުމާލޭ ކޯޓަށް ފޮނުވީ ސުޕްރީމް ކޯޓުން ލަފާ ދީގެން ނޫން ކަމަށް ސުޕްރީމް ކޯޓުން ބުނެފައި ވަނިކޮށް ޕީޖީ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަބްދުﷲ ގާޒީ އަށް ބިރު ދައްކައި، ޒިނޭގެ ތުހުމަތުކުރި މައްސަލައެއް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެ މައްސަލާގައި ހެކިބަސް ދޭން ތިބީ ކްރިމިނަލް ކޯޓުގެ ގާޒީން ކަމަށް ވުމުން މަސްލަހަތު ފުށުއަރާނެތީ، މައްސަލަ އަނބުރާ ފޮނުވާލުމަށް ސުޕްރީމް ކޯޓުން އެންގި ކަމަށެވެ. އެ މައްސަލަ ހުޅުމާލޭ ކޯޓްގައި ބެލިދާނެ ކަމަށް ވެސް ސުޕްރީމް ކޯޓުން އެފަހަރު ބުނެފައިވާ ކަމަށް ޕީޖީން ބުންޏެވެ. ނަޝީދުގެ މައްސަލަ ހުޅުމާލޭ ކޯޓަށް ފޮނުވީ ކުރީގެ މައްސަލަ އާއި މިފަހަރުގެ މައްސަލާގައި ވެސް އެއްގޮތް ކަންތައްތަކެއް ހުރުމުން ހުޅުމާލޭ ކޯޓުގައި ކުރިއަށް ގެންދެވިދާނެ ކަމަށް ފެންނާތީ ކަމަށް ޕީޖީން ބުންޏެވެ.

އަބްދުﷲ ގާޒީ ބަންދުކުރި މައްސަލާގައި ދައުވާ ލިބޭ ހުރިހާ ބޭފުޅުންގެ މައްޗަށްވެސް އުފުލާފައިވަނީ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުންނެވެ. އެއީ ކުށެއްނުކުރާ މީހަކު ގާނޫނާއި ހިލާފަށް ބަންދުކުރުމުގެ ކުށުގެ ދައުވާ އެވެ. މި ކުށުގެ އަދަބަކީ ގިނަވެގެން ތިން އަހަރަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ 2،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.

28 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait