ޕޮލިސް

ފުލުހުންނަށް އަނިޔާކޮށް ފުރައްސާރަކުރަނީ ނަޝީދު އިސްވެ ހުންނަވައި އެމްޑީޕީން: ޕޮލިސް ކޮމިޝަނަރު

ފަޒީނާ އަހުމަދު
24 ޖުލައި 2012 15:08 73 ކޮމެންޓު
  • ފުލުހުންނަށް ދޭ ހަމަލާތައް އިތުރުވުމާ ގުޅިގެން ބޭއްވި ނިއުސް ކޮންފަރެންސްގައި ޕޮލިސް ކޮމިޝަނަރާއި ހޯމް މިނިސްޓަރު. --ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް

  • ފުލުހުންނަށް ދޭ ހަމަލާތައް އިތުރުވުމާ ގުޅިގެން ބޭއްވި ނިއުސް ކޮންފަރެންސްގައި ޕޮލިސް ކޮމިޝަނަރާއި ހޯމް މިނިސްޓަރު. --ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް

ފުލުހުންނަށް އަނިޔާކޮށް، ފުރައްސާރަކުރުމާއި ޖެއްސުންކުރުން ފަދަ ޖަރީމާތައް ހިންގަމުންދަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އެމްޑީޕީން ކަމަށް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު މިއަދު ވިދާޅުވެއްޖެ އެވެ.

ފުލުހުންނާ މެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެދޭ ގޮތަށް، ދައްކާ ވާހަކަތާ ގުޅިގެން ފުލުހުންނަށް ހަމަލާދިނުން އިތުރުވެފައިވާތީ، އިސްކަންދަރު ކޮށީގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ރިޔާޒުގެ އިތުރުން ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ އެކަން ކުށްވެރިކުރައްވައިފަ އެވެ.

ޕޮލިސް ކޮމިޝަނަރު ވިދާޅުވި ގޮތުގައި ފެބުރުއަރީ 7 ގައި ވެރިކަން ބަދަލުވުމުގައި ފުލުހުން ގާނޫނާ ހިލާފަށް ހަރަކާތްތެރިވެފައިވާ ކަމަށް ބުނެ އެމްޑީޕީން ދަނީ ވަކިވަކި ފުލުހުންގެ ބޮލުގައި ވެސް އެއްވެސް އަސާސެއް ނެތް ތުހުމަތުތައް އަޅުވަމުންނެވެ. އަދި ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާ މެދު ނަފްރަތު އުފައްދައި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ވެސް ގެއްލުން ދިނުމަށް ގޮވާލުން ފަދަ ކަންކަން ވެސް އެ ޕާޓީން ކުރަމުންދާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން ރާވައި ފުލުހުންގެ މުއައްސަސާއާ ފުލުހުންނަށް ނިސްބަތްވާ ތަކެއްޗަށް ގެއްލުން ދިނުމާއި ފުލުހުންނަށް ތަކުރާރުކޮށް ޖިސްމާނީ އަނިޔާ ދެމުންދާކަން އަޅުގަނޑު ފާހަގަކުރަން. އަދި ފުލުހުންނާ ދެކޮޅަށް މި ހިންގޭ ޖަރީމާތަކަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އިސް މެމްބަރުން ރާވައި ހިންގާ ކަންތައްތަކެއް ކަމަށާއި މި ކަންތައްތަކުގެ މައްޗަށް އެމްޑީޕީގެ އެކި ފެންވަރުގެ ވެރިން ހިތްވަރުދީ ތަކުރާރުކޮށް އެކި މުނާސަބަތުތަކުގައި ވާހަކަދައްކަމުންދާ ކަން ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ޖިސްމާނީ ގޮތުން ގެއްލުން ދިނުމަށް ހިތްވަރުދެމުންދާ ކަން އަޅުގަނޑު ފާހަގަކުރަން،" ކޮމިޝަނަރު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ދަމަހައްޓަން ތިބޭ ފުލުހުންނާ މެދު ހަގީގަތާ ހިލާފު ވާހަކަ ދައްކައި، ޒިންމާދާރު ނޫން ގޮތަށް އަމަލުކުރުމަކީ ޑިމޮކްރަސީގެ އަސާސްތަކާ ހިލާފަށް އަދި ތަހުޒީބު ޑިމޮކްރަސީން ފެންނަން ނުޖެހޭ އަމަލުތަކެއް ކަމަށެވެ.

"ފުލުހުންގެ ގަދަރާއި ހުރުމަތް ކަނޑާލައި ފުލުހުންގެ ޕްރޮފެޝަނިލިޒަމާ މެދު ސުވާލު އުފެއްދުމަށް ރާއްޖެ ޓީވީން ތަކުރާރުކޮށް ހަގީގަތާ ހިލާފު ވާހަކަ ދައްކައި ފުލުހުންގެ ހިދުމަތާ މެދު ޝައްކާއި ވަހުމް އުފެއްދަމުންދާކަން ފާހަގަކުރަން،" ރިޔާޒު ވިދާޅުވި އެވެ.

ކޮމިޝަނަރު ވިދާޅުވި ގޮތުގައި ފުލުހުންނަށް އަނިޔާކޮށް ފުރައްސާރަކުރަނީ ފުލުހުންގެ ވާޖިބު ތެދުވެރިކަމާ އެކު އަދާކުރުމަށް ހުރަސްއެޅުމަށެވެ. އަނިޔާކޮށް ޖެއްސުންކޮށް ފުރައްސާރަކުރުމަށް އެކި ފޯރަމްތަކުގައި އެމްޑީޕީން ގޮވުމުގެ ސަބަބުން ކުށެއް ނެތް ފުލުހަކު ލާއިންސާނީ ހަމަލާއެއްގެ ޝިކާރައަކަށްވެފައިވާ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

ކޮމިޝަނަރު ވިދާޅުވީ ފެބުރުއަރީ 8 ގައި 64 ފުލުހަކަށް އެކިއެކި ގޮތްގޮތުން ގެއްލުންދީފައިވާ ކަމަށާއި ފުލުހުންގެ އަމިއްލަ މުދަލަށް ދީފައިވާ ގެއްލުން 13 ލައްކަ އަށް ވުރެ ގިނަ ރުފިޔާގެ ތަކެއްޗަށް ގެއްލުންދީފައިވާ ކަމަށެވެ.

ފުލުހުންނަށް ގެއްލުންދީ އަނިޔާކުރުމަށް ގޮވާލާ މައްސަލަތައް ތަހުގީގުކުރަމުން އަންނަ ކަން ފާހަގަކުރައްވައި ދެ މައްސަލައަކަށް އަލިއަޅުއްވާލެއްވި އެވެ. އެއް މައްސަލައެއްގެ ގޮތުގައި ކޮމިޝަނަރު ވިދާޅުވީ ކުރީގެ ރައީސް ނަޝީދު ފުލުހުންނަށް އަނިޔާކުރުމަށް ގޮވާލައްވާފައިވާ މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގާފައިވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ކޮމިޝަނަރު ވިދާޅުވީ ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު ފުލުހުންނަށް ހަމަލާދިނުމަށް އުސް ފަސްގަނޑުގައި ގޮވާލި މައްސަލަ ވެސް ބަލަމުން އަންނަ ކަމަށެވެ. ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ހަމަލާދީ ހަމަނުޖެހުމަށް ގޮވާލާ ފަރާތްތަކަށް ހަރުކަށިކޮށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ. އެއީ ކޮންމެ މަގާމެއް ފުރުއްވާފައި ހުރި މީހަކަށްވި ނަމަވެސް ފުލުހުން ފަސް ނުޖެހޭނެ ކަމަށާއި އެ މައްސަލަތައް ސީރިއަސްކޮށް ބަލާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

އެ ކޮންފަރެންސްގައި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ގާނޫނު އަސާސީ ނަގަހައްޓައި ސަލާމަތާއި އަމާންކަން ހޯދައިދޭ ފުލުހުންނާ މެދު ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ދައްކައި ފުލުހުންނާ މެދު ނަފްރަތު އުފެއްދުމަށް ކެނޑިނޭޅި ސިޔާސީ ބައެއް ފަރާތްތަކުން މަސައްކަތްކުރަމުންދާ ކަމަށެވެ. ފުލުހުންނަށް އަމާޒުކޮށް ނަފްރަތު އުފެއްދަން ފަށާފައިވަނީ ފެބުރުއަރީ 8 ވަނަ ދުވަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކުށްތައް ހޯދައި ތަހުގީގުކުރާ ފުލުހުންނާއި ސިފައިން ބަދުނާމުކޮށް އަބުރަށް އަރައިގަނެ ނަފްސަށް ގެއްލުން ދިނުމަށް ގޮވާލުމަކީ ހިތާމަހުރި ކަމެކެވެ. އަދި އެފަދަ ދަށު ދަރަޖައިގެ އަމަލުތަކަކީ ގައުމުގެ ދުޝްމަނުންގެ ފަރާތުން ފެނިގެންދާ ކަންކަން ކަމަށް މިނިސްޓަރު ސިފަކުރެއްވި އެވެ.

ޖަމީލް ވިދާޅުވީ ފެބުރުއަރީ 8ގެ ފަހުން ފުލުހުންނާ މަގުމަތިން ދިމާކޮށް ހަމަލާދިނުމުގެ އިތުރުން ބާއްވާ އެކި ޖަލްސާތަކާއި ބައްދަލުވުންތަކުގައި ވެސް ގޮވަމުންދާ ކަމަށެވެ. އަދި ރާއްޖެ ޓީވީން ފުލުހުންނާ ދެކޮޅަށް ގެނެސްދޭ ދޮގު ވާހަކަތަކުގެ ސަބަބުން އެ ހަމަލާތައް އިތުރުވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ ސްޓޭޝަނުން މައުލޫމާތު ގެނެސްދެމުން ދަނީ ހަގީގަތް އޮޅުވާލައިގެން ކަމަށާއި އެ ކަމުގެ ސަބަބުން ގައުމުގެ ދާހިލީ ހަމަޖެހުން ގެއްލިފައިވާ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

ފުލުހުންގެ މުއައްސަސާއާ މެދު ނަފްރަތު އުފެދޭ ގޮތަށް ދައްކާ ވާހަކަތަކަކީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށާއި އެކަމަށް ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު ވެސް ވިދާޅުވި އެވެ.

73 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait