ޑިފެންސް މިނިސްޓަރު

އެސްއެމްއެސް ލީކްކުރި މައްސަލަ ބަލައި ދިނުމަށް އެދި ފުލުހުންނަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ނާޒިމް ހުށަހަޅުއްވައިފި

24 ޖުލައި 2012 23:37 20 ކޮމެންޓު
  • ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް (ކ) އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމް ވާހަކަ ދައްކަވާލައްވަނީ: ނާޒިމްގެ އެސްއެމްއެސްތަކެއް ލީކުވި މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅުއްވާފައި. -- ހަވީރު ފައިލް ފޮޓޯ

ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު މިހާރުގެ ޑިފެންސް މިނިސްޓަރު މުހަންމަދު ނާޒިމަށް އެކި ފަރާތްތަކުން ފޮނުވާފައިވާ އެސްއެމްއެސްތަކެއް، ލީކްކޮށްލި މައްސަލަ ބަލައިދިނުމަށް އެދި އޭނާ މޯލްޑިވްސް ޕޮލިސް ސާވިސް އަށް މިއަދު ހުށަހަޅުއްވައިފި އެވެ.

ލީކުކޮށްލި 57 އެސްއެމްއެސްއާ ގުޅޭ ގޮތުން ނާޒިމް ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ އެކަން ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންގެ އިތުރުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މިއަދު ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އެކަން ކުރި ބަޔަކާ ދެކޮޅަށް ފަރުދީ ހައިސިއްޔަތުން އެޅެން ހުރި ގާނޫނީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"ރާއްޖެ ޓީވީން ކޮށްފައިވާ މި އަމަލަކީ ކަނޑައެޅިގެން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ބްރޯޑްކާސްޓް ކުރުމުގެ ހަމަތަކާއި ސުލޫކީ މިންގަނޑާ ހިލާފަށް ކޮށްފައިވާ އަމަލެއް ކަމުން މިކަން ތަހުގީގުކޮށް ދެއްވުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މިއަދު އަޅުގަނޑު ހުށަހަޅައިފީމެވެ،" ނާޒިމްގެ ބަޔާނުގައިވެ އެވެ.

ލީކުކޮށްލި އެސްއެމްއެސްގެ ތެރޭގައި ގިނައިން ހުރީ ނަޝީދުގެ ވެރިކަން ފެބްރުއަރީ 7 ގައި ބަދަލުވި ދުވަހު ނާޒިމް ކުރެއްވި މަސައްކަތަށް މަރުހަބާ ކިޔާފައިވާ މެސެޖުތަކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ސިފައިންގެ ތެރޭގައި ކުރިން އުޅުއްވި ބައެއް އިސް ބޭފުޅުންނާއި މިހާރު ވެސް ސިފައިންގެ ތެރޭގައި އުޅުއްވާ ބޭފުޅުންގެ އިތުރުން ސިޔާސީ ބައެއް ފަރާތްތަކާއި މަޝްހޫރު ވިޔަފާރިވެރިންގެ އެސްއެމްއެސްތައް ވެސް އެ ދުވަހު ނާޒިމަށް ލިބިފައިވެ އެވެ.

އެސްއެމްއެސްތަކެއް ލީކްކޮށްލި މައްސަލައާ ގުޅޭ ގޮތުން، ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވީ އެ އެސްއެމްއެސްތައް ލީކްކުރީ ފުލުހުންގެ އިދާރާގެ ތެރެއިން ނޫން ކަމަށެވެ. އަދި އެކަން ކަށަވަރުވީ އެސްއެމްއެސްތައް ލީކުވި ހަބަރު މީޑިއާ އިން ލިބުމާ ގުޅިގެން ފުލުހުން ކުރި އޮޑިޓަކުން ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.

20 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait