މަރަށް މަރު ހިފުމަކީ ކުރަން ޖެހޭ ކަމެކެވެ. އެއީ ބަހުސް ކުރަން ޖެހޭ ކަމެއް ނޫނެވެ. އެއީ ސުވާލެއް ވެސް އޮތް ކަމެއް ނޫނޭ އެންމެން ވެސް ބުނެ އެވެ. ތެދެކެވެ؛ އެއީ ސުވާލެއް އޮތް ކަމެއް ނޫނެވެ. އަޅުގަނޑު ވެސް އެކަމަށް އެއްބަހެވެ. އެހެން ނަމަވެސް އަޅުގަނޑުގެ ސުވާލުތައް ހުރީ އެހެން ދިމާއެއްގަ އެވެ. މި ސަރުކާރުން މަރަށް މަރު ހިފައިފާނެ ބާއޭ އުފެދޭ ސުވާލެވެ.
އަޅުގަނޑުގެ މުޅި ހަޔާތުގައި ވެސް، މަރަށް ހިފުމުގެ ވާހަކަ މިހާ ގިނައިން ރާއްޖެއަކު ނުދެކެވެ އެވެ. ތިން ސަރުކާރު ބަދަލުވި އިރު މި ސަރުކާރު ނޫން ސަރުކާރަކުން ވެސް މި ވާހަކަ މިވަރަކަށް ނުދައްކަ އެވެ. އާންމުން ވެސް ނުދައްކަ އެވެ. އެހެންވެ، ހަމަ މަރަށް މަރު ހިފައިފާނެ ބާއޭ ރޭގަނޑު ނިދަން އޮންނައިރު ވެސް ހިތަށްއަރަ އެވެ. އެތައް ބައިވަރު ސުވާލެއް ހިތަށް އަރައި ފައިބަ އެވެ. މަރަށް މަރޭ، މަރަށް މަރޭ ކިޔަކިޔަ ތިއްބާ ވަރުގަދަ އެހެން މަރެއް ކޮންމެ ފަހަރަކު ފެންމަތިވުމަކީ މި ސުވާލުތައް އެތައް ގުނައަކަށް އިތުރު ކުރުވާ ކަމެކެވެ.
މަރަށް މަރު ހިފުމަށް މި ސަރުކާރު އެތެރެއިން ތައްޔާރުވަނީ ކިހާ ވަރަކަށް ކަމެއް ނޭނގެ އެވެ. އެކަމަކު ބޭރު ފުށުން އެކަން ކުރަމުން ދެ އެވެ. ހާއްސަކޮށް މަރަށް މަރު ހިފުމަށް ޓަކައި ހޯމް މިނިސްޓަރާއި ބަންޑާރަ ނައިބު އެކަމާ ބެހޭ ވަރަށް ގިނަ ވާހަކަތަކެއް ދައްކަވައިފި އެވެ. އެ ދެ ބޭފުޅުން މިކަމުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާކަން ގައިމެވެ. މިކަމުގައި، ހިތުން ރުހުމުން ވިޔަސް ނުވަތަ ބޭރު ފުށުން ވިޔަސް އެ ދެ ބޭފުޅުން އެ ދައްކަވާ ހިތްވަރަށް އަޅުގަނޑު ސާބަސްދެމެވެ. އަދި މިކަމާ ގުޅިގެން ހޯމް މިނިސްޓަރު ޑރ. ޖަމީލް ވިދާޅުވެފައިވާ ވިދާޅުވުމަކަށް އަޅުގަނޑު ސަތޭކައިން ސަތޭކަ ދެމެވެ. ފަހަކަށް އައިސް އެއްވެސް ބޭފުޅަކު ވިދާޅުވެފައި ނުވާ މާނަ ފުން މުހިންމު ޖުމްލައެއް އޭނާ ދާދި އިހަކަށް ދުވަހު ވިދާޅުވި އެވެ: "ހޯމް މިނިސްޓްރީ އަށް ތަންފީޒު ނުކުރެވޭ ހުކުމެއް ކޯޓަކުން ނުކުރާނެ" އޭ ވިދާޅުވުމުން އުފަލުގެ ފުން ނޭވާއެއް އަޅުގަނޑަށް ލެވުނެވެ.
އެކަމަކު އެ ވާހަކަ ސަރުކާރު ތެރެއިން ފާޅުގައި ދައްކަވާ ހަމައެކަނި ބޭފުޅަކީ ޖަމީލާއި ބަންޑާރަ ނައިބެވެ. މި މައްސަލާގައި ހޯމް މިނިސްޓްރީގެ ސްޓޭންޑަކީ މަރަށް މަރުހިފުން ކަމަށް ވިޔަސް ސަރުކާރުގެ ސިޔާސަތަކީ ކޮބައި ކަމެއް ނޭނގެ އެވެ. ސަރުކާރުގެ ސިޔާސަތަކީ ކޮބައިކަން އަދިވެސް ވަނީ ކަނޑަނޭޅި އެވެ. ދާދި ފަހުން ހިނގާފައިވާ މަރުތަކާ ބެހޭ ގޮތުން ނުރަސްމީ ސިފައެއްގައި ރައީސް މުހަންމަދު ވަހީދު ވާހަކަފުޅު ދެއްކެވި ނަމަވެސް މަރަށް މަރުހިފުމާ ބެހޭ ގޮތުން އެމަނިކުފާނު އެއްވެސް އެއްޗެކޭ ވިދާޅުނުވަނީ ކީއްވެގެން ބާއޭ ހިތަށްއަރަ އެވެ. އެހެންވެ މަރަށް މަރު ހިފުމަކީ ރައްޔިތުން ހިތްހަމަޖައްސާލަން ދައްކާ ސިޔާސީ ވާހަކަތަކެއް ނޫން ބާއޭ ވެސް ހިތަށްއަރަ އެވެ. އަނެއްބައި ފަހަރު ހިތަށްއަރަނީ، އެއީ އެމްޑީޕީން އެކަމާ ދެކޮޅަށް ވާހަކަ ދައްކާތީ އެމްޑީޕީ އަކީ ލާދީނީ ބައެއްކަން ރައްޔިތުންނަށް ދައްކަން ދައްކާ ވާހަކަތަކެކޭ އެވެ. މިކަމުގައި ސަރުކާރު ކިހާ އިހުލާސްތެރިތޯ އަޅުގަނޑަށް ސުވާލު އުފެދެނީ މި ސަރުކާރު އައި ފަހުން އެތައް ބަޔަކު މަރުވި އިރު ވެސް މަރަށް މަރޭ ކިޔައި ކުރިން ދެންނެވި ބޭފުޅުން ފިޔަވައި އެހެން ބޭފުޅުންގެ އަޑެއް ނީވޭތީ އެވެ. އަދި މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ ފިޔަވައި އެހެން ޕާޓީއަކުން މިކަމާ ބެހޭ ގޮތުން ހަމައެކައްޗެއް ވެސް ނުބުނާތީ އެވެ. އަދި ހަމައެއާ އެކު، މައްސަލަތަކެއްގެ ތެރޭގައި އޮތް މި ސަރުކާރަށް ދުނިޔޭގެ ބައެއް ގައުމުތަކާއި ޖަމިއްޔާތަކާ ދެކޮޅަށް މި މައްސަލާގައި ތެދުވާން އެވަރުގެ ގަޓްސްއެއް އެބަ ހުރިތޯ، މިއީ ވެސް އަޅުގަނޑުގެ ހިތް ގަޑުބަޑުކޮށްލައި ސުވާލު އުފައްދާ ކަމެކެވެ. ހަމައެއާ އެކު، ސަރުކާރާ އިދިކޮޅު ފަރާތްތަކުން ފާޅުގައި މަރަށް މަރު ހިފުމަށް ތާއީދުނުކުރާނެކަން އިއުލާންކޮށްފައިވާތީ ރާއްޖޭގައި މަރަށް މަރު ހިފުމަކީ ފެންނާނެ މަންޒަރެއް ނޫނޭ އަޅުގަނޑުގެ ހިތް ބުނެ އެވެ. މަރަށް މަރު ހިފުމަކީ ސިޔާސީ ބޮޑެތި ބައެއް ފަރާތްތައް ބޭނުންވާ ކަމެއް ނޫންކަން ފެންނަ މަންޒަރުތަކުން އަޅުގަނޑަށް ވަރަށް ސާފެވެ.
ކޮންމެ ގޮތަކަށް ކަން އޮތަސް މަރުގެ ހުކުމްތަކެއް ކޮށް، އެއާ ދޭތެރޭ ކޮންމެވެސް ގޮތްތަކެއް ނިންމަން ޖެހޭ ހުކުމްތަކެއް އެބަ ހުއްޓެވެ. އޭގެ ތެރެއިން ބައެއް މަރުގެ ހުކުމްތައް އިސްތިއުނާފު މަރުހަލާގައި އޮންނަތާ ހަނދާން ނެތޭހާ ދުވަސް ވެސް ވެއްޖެ އެވެ. އެއީ ވެސް ގޮތެކެވެ. އޭރުން ރައްޔިތުން އެ މައްސަލައެއްގެ މަތިން ހަނދާން ނެތޭނެ އެވެ. އެކަމަކު މިހާރު ކުރިމަތިވެގެން އުޅޭ މަރުގެ ހުކުމްތަކަކީ އެހާ ފަސޭހައިން ހަނދާން ނެތޭނެ މައްސަލަތަކެއް ނޫނެވެ. އޭގެ ތެރޭގައި ލޯޔަރު އަހުމަދު ނަޖީބުގެ ގާތިލުންނަށް އިއްވާފައިވާ ހުކުމް ހިމެނެ އެވެ. އަދި މީގެ ދެ ދުވަސް ކުރިން މަރާލި ޕޮލިސް ޒުވާނާގެ ގާތިލަށް މަރުގެ ހުކުމެއް އަތުވެއްޖެ ނަމަ އެއީ ވެސް އާންމުންގެ ސަމާލުކަން ހުއްޓިގެން ދާނެ ހުކުމަކަށް ވާނެކަން ގައިމެވެ.
އަޅުގަނޑު ވެސް ގަބޫލުކުރާ ގޮތުގައި މަރަށް މަރު ހިފުމުގެ ކުރިން ސާފުވެ، ކަޅާއި ހުދުން ލިޔެވިފައި އޮންނަން ޖެހޭ ކަންތައްތަކެއް ވެ އެވެ. ސަބަބަކީ މިއީ އާދައިގެ ކަމަކަށް ނުވާތީ އެވެ. މީހަކު މަރާލުމަށް ފަހު އެ މީހަކު ދިރުވުމަކީ އަޅުގަނޑުމެންގެ ބާރުގެ ދަށުގައި އޮތް ކަމަކަށް ނުވާތީ އެވެ. އެހެންވެ، މީހަކު މަރާލިކަން ސާބިތުވެފައި އޮންނަން ޖެހޭނީ ސާފު ބޯކިރުފޮދެއްހެންނެވެ.
މަރަށް މަރު ހިފުމުގެ ވާހަކަތައް މި ދެކެވެނީ އަލަކަށް ނޫނެވެ. އެކި ފޯރަމްތަކުގައި ބަހުސްކޮށް، އެކި ގޮތްގޮތުން ނޫސްތައް މެދުވެރިކޮށް ކޮމެންޓްތައް ކޮށްފި އެވެ. އެ ވާހަކަތައް ކޮންމެ ފަހަރަކު ވެސް ތިލަވަނީ ކޮންމެވެސް މީހެއްގެ މަރާ އެކު އެވެ. މި އަހަރުގެ ތެރޭގައި އެ އަޑު ގަދަވެގެން އުޅެނީ އާދަޔާ ހިލާފު މަރުތަކެއް ކުރިމަތިވެގެންނެވެ. އެހެންވެ ސަރުކާރަށް އެންމެ ފަހުން މި ޖެހުނީ ރައްޔިތުންގެ ވާހަކަ އަޑުއަހާށެވެ. ރައްޔިތުންގެ މި ގަދަ އަޑު ސަރުކާރުން އަހަނީ ސިޔާސީ ގޮތުން ވަގުތުގެ ފައިދާ ނެގުމުގެ ގޮތުން ކަމަށް ވާ ނަމަ އެއީ ދެރަކަމެކެވެ. އިހުލާސްތެރިކަމެއް ހުރިއްޔާ އަޅުގަނޑުމެންނަށް މިފަހަރު ޔަގީނުން ވެސް ފެންނާނެ އެވެ.
މި ކޮލަމް ފަށަމުން އަޅުގަނޑު ހިތަށް އައި ސުވާލުތައް އެތައް ބަޔެއްގެ ހިތާހިތާ ވެސް ކޮށްފާނެ އެވެ. ހަގީގަތަކީ ރައްޔިތުން ތިބީ ޖަރީމާތައް ހުއްޓުވުމަށް ކެތްތެރިކަން ކުޑަވެފައި ކަމެވެ. މަރަށް މަރު، މަރަށް މަރު، މަރަށް މަރޭ ކިޔައި އެންމެންހެން ގޮވަމުން ދަނީ މީހުން މެރުން ސަލާމަތީ ބާރުތަކަށް ނުހުއްޓުވޭނެކަން އެނގޭތީ އެވެ. ރައްޔިތުން އެންމެ ފަހު ހަތިޔާރަކަށް އިސްލާމީ ޝަރީއާގައި ހުރި މުހިންމު ކަންކަން ތަންފީޒުކުރަން އެދެމުން ދަނީ އެ ސަބަބާ ހުރެ އެވެ. މަރަށް މަރުގެ ވާހަކަތައް ދެކެވެމުން ދަނީ މަރާލާ މީހުންގެ އަދަދު ގިނަވެގެންނެވެ. ގައިމު ވެސް ވައްކަން ކުރާ މީހުންގެ އަތް ކަނޑާށެކޭ ގޮވަމުންދާ އަޑެއް ނީވެ އެވެ.
ރައްޔިތުންގެ އެދުންތައް ހާސިލްކޮށްދޭން ސަރުކާރާއި ޝަރުއީ މަރުހަލާ އާއި ފުލުހުންނާއި ރައްޔިތުންގެ މަޖިލިސް ވެސް މަސައްކަތްކޮށްދޭން ޖެހެ އެވެ. ކޮންމެ ބަޔަކު ވެސް ބުނަމުން ދަނީ ރައްޔިތުންގެ މަސްލަހަތަކީ އެންމެ މަތީ މަސްލަހަތު ކަމަށެވެ. އަދި މަރުގެ މައްސަލަތަކަކީ ރާއްޖޭގައި މި ވަގުތު އޮތް އެންމެ ސީރިއަސް މައްސަލަ ކަމަށް ވެސް މި އެންމެން ގަބޫލުކުރެ އެވެ. އެހެން ކަމަށް ވަންޏާ ހޭލައި ތިބެގެން ނަމަވެސް މަރަށް މަރު ހިފުމާ ގުޅޭ ހުރިހާ ގާނޫނުތަކެއް ރައްޔިތުންގެ މަޖިލީހުން ނުހަދާންވީ ކީއްވެ ހެއްޔެވެ؟ މިކަމުގައި ސަރުކާރުގެ ސިޔާސަތު ކަނޑައަޅަން މަސް، ދެ މަސް، ތިން މަސް ހޭދަވަނީ ކީއްވެ ބާ އެވެ؟ އިސްތިއުނާފު މަރުހަލާގައި މަރުގެ މައްސަލަތައް ނުނިމި ހަތަރު ފަސް އަހަރު ހޭދަވަނީ ކީއްވެތޯ އެވެ؟
އަޅުގަނޑު ދަންނަވަން ބޭނުންވަނީ އެންމެ ވާހަކައެކެވެ. ހަމަގައިމު ވެސް އަޅުގަނޑަކަށް ސަރުކާރުގެ، އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ވެސް ނިޔަތެއް ނޭނގެ އެވެ. އެކަމަކު ބަޔަކު މިކަމާ ދެކޮޅު ހަދައިފާނެ ކަމަށް ބިރު ނުގަންނާށެވެ! މިކަމުގައި އެއްވެސް ބައެއްގެ ތާއީދެއް ބޭނުމެއް ނޫނެވެ. މަރަށް މަރު ހިފުމަށް ބޭނުންވާ ތާއީދު އެންމެ މަތީ ފަރާތުން އޮތީ ދެއްވައިފަ އެވެ.

އެމްޑީޕީ ހއ. އަތޮޅު ކެމްޕެއިން
34 comments