ސިޔާސީ

ޕީޕީއެމްގެ އެއްވުމުގައި އެ ޕާޓީ އާއި އެމްޑީޕީއާ ދެމެދު ބަހުގެ ހަމަލާތަކެއް

އަހުމަދު ރިޝާން
29 ޖުލައި 2012 02:10 30 ކޮމެންޓު

ސަލާމަތީ ބާރުތަކާ ނުރުހިގެން އިދިކޮޅު އެމްޑީޕީން ކުރާ ކަންތައްތަކާ ދެކޮޅަށް އަޑު އުފުލަން ޕީޕީއެމުން މިރޭ ބޭއްވި އެއްވުމެއްގައި އެމްޑީޕީ އާއި ޕީޕީއެމްގެ ސަޕޯޓަރުން ބަހުގެ ހުތުރު ހަމަލާތަކެއް ބަދަލުކޮށްފި އެވެ.

އާޓިފިޝަލް ބީޗްގައި މިރޭ 10:30 ހާއިރު ފެށި މި އެއްވުން ކުރިޔަށް ދަނިކޮށް އެމްޑީޕީގެ ސަޕޯޓަރުން ވަނީ ސައިކަލުގައި އެތާ ކައިރިއަށް ގޮސް ބަރުގޮނުއަޅައި ހަދާފަ އެވެ. އެމްޑީޕީ މީހުން އެއްވި ގަޑީގައި އާޓިފިޝަލް ބީޗްގައި ތިބި ޕީޕީއެމް މީހުންނާ ދިމާލަށް ބަޔަކު ދެ ކުލަ ޕެޓީ އެއްލި އެވެ.

އެމްޑީޕީ މީހުން ޕީޕީއެމް މީހުންނާ ދިމާލަށް "ބާޣީން" އަދި "ގޮޅާބޯ" ގޮވައި އަޑުގަދަކުރި އިރު ޕީޕީއެމް މީހުން އެމްޑީޕީ މީހުންނާ ދިމާލަށް "ގަންޖާބޯ" ގޮވައި އެމްޑީޕީ އަށް ދެން ވެރިކަން ނުލިބޭނެ ކަމަށް ގޮވި އެވެ. އަދި ދެބައި މީހުން އިނގިލިން ހުތުރު ނިޝާންތައް ދެއްކި އެވެ.

އުސްފަސްގަނޑު ސަރަހައްދުން އައި އެމްޑީޕީ މީހުން އާޓިފިޝަލް ބީޗް ކައިރީ ބޮޑުތަކުރުފާނު މަގުން ދިޔައީ ފުލުހުން އެ ސަރަހައްދަ އައިސް ޓްރެފިކް ބަލަހައްޓަން ފެށުމުންނެވެ.

ޕީޕީއެމްގެ އެއްވުމުގައި އެޕާޓީގެ ބައެއް އިސްވެރިންނާއި ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުން ވާހަކަ ދެއްކެވި އެވެ.
  
އެ ޕާޓީގެ ކައުންސިލް މެމްބަރު އަހުމަދު ސަލީމް )މާޒް ސަލީމް( ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނަވައިގެން އަދުލް އިންސާފާ ދެކޮޅަށް މަސައްކަތްކުރައްވާފައިވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލްކުރާ ގޮތުގައި ކެނެރީގެ ނަޝީދު ހުންނަވަނީ ފަހަތަކު ނޫން މި ގައުމުގުގައި މިޖަރީމާތައް ހިންގާކަށް. ކެނެރީގެ ނަޝީދު ސަފުގެ އެންމެ ކުރީގައި ހުންނަވައިގެން މި ޖަރީމާތައް ކުރިޔަށް މި ގެންދަވަނީ. އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި ކެނެރީގެ ނަޝީދުގެ އާއިލާއަކީ މިގައުމުގައި މިވީހާތަނަށް ބަޣާވާތް ހިންގި އާއިލާ،" ސަލީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ ޕީޕީއެމުން އެއްވުމުގެ ބޭނުމަކީ އަމަން އަމާންކަން ނަގާލާ ފަރާތްތައް ގާނޫނުގެ ތެރެއިން ހިފައި ހައްޔަރުކުރެވޭނެ ބާރު އޮތްކަން އަންގައިދިނުން ކަމަށެވެ.

މި އެއްވުމުގައި ޖުމްލަ ގޮތެއްގައި ގޮވާލާފައި ވަނީ ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން ގާނޫނާ ހިލާފަށް ކޮށްފައިވާ ކަންތައްތައް ބަލައި އެ މަނިކުފާނު ހައްޔަރުކުރުމަށެވެ. އަދި ރާއްޖޭގައި އަމަން އަމާންކަން ގާއިމު ވާނީ އެމަނިކުފާނަށް އަދަބު ލިބިގެން ކަމަށް ވެސް އެއްވުމުގެ ބައިވެރިން ގޮވާލި އެވެ.

ޕީޕީއެމްގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރު ވިދާޅުވީ މަގުމަތިން ވެރިކަން ނުވެއްޓޭނެ ކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"މުހައްމަދު ނަޝީދަށް ވަރަށް ރަނގަޅަށް އެނގޭނެ މަގުމަތިން ވެރިކަން ނުވެއްޓޭނެކަން. އުމަރު ނަސީރަށް އެނގޭނެ މަގުތިން ވެރިކަން ވެއްޓޭނެ ގޮތް،" އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ އިންތިގާލީ އަނެއް ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބުދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމްގެ އެއްވުން ރޯދަ މަހުގެ ކޮންމެ ހޮނިހިރު ދުވަހެއްގައި ކުރިޔަށް ގެންދާނެ ކަމަށެވެ.

30 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait