މަޖިލީހުގެ މާލިއްޔަތު ކޮމިޓީ

ކޮމެޓީތައް ނުބާއްވާ މާޗް މަހުގެ ކޮމެޓީ އެލަވަންސް ދިނުމުގެ މައްސަލަ ތަންފީޒެއް ނުކުރޭ: މުގައްރިރު

އަހުމަދު ހަމްދޫން
30 ޖުލައި 2012 14:35 1 ކޮމެންޓު
  • މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގައި ޔާމީނާއި ހަމްޒާ: މަސައްކަތް ނުކުރާ ދުވަސްތަކަށް ކޮމެޓީ އެލަވަންސް ނެގުމަށް ފާސްކުރި ފާސްކުރުން އަނބުރާ ގެންނަން ވަނީ ބައެއް ބޭފުޅުން ހުށަހަޅުއްވާފައި

މި އަހަރުގެ މާޗް މަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުފެށި ކޮމެޓީތަކުގެ މަސައްކަތް މަޑުޖެހިފައި އޮތް ދުވަސްވަރު ވެސް ކޮމެޓީ އެލަވަންސްގެ ގޮތުގައި 20،000ރ. ހުރިހާ މެމްބަރުންނަށް ދިނުމަށް މާލިއްޔަތު ކޮމެޓީން ފާސްކުރި ނަމަވެސް އެކަން އަދި ތަންފީޒު ނުކުރާ ކަމަށް މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

މަސައްކަތް ނުކުރާ ދުވަސްތަކަށް 20،000ރ. ގެ ކޮމެޓީ އެލަވަންސް މެމްބަރުންނަށް ދޭން ނިންމި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގެ ޔައުމިއްޔާ ފޮނުވައި ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސިޓީއެއް ފޮނުވުމާ ގުޅިގެން އެ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ އެ މައްސަލާގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއެކު މިހާތަނަށް މުއާމަލާތް ނުކުރެވޭ ކަމަށާއި އެހެންވެ އެ ނިންމުން ތަންފީޒު ނުކުރެވޭ ކަމަށެވެ.

ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ހުރިހާ މެމްބަރުން ވެސް ވަނީ އެ ދުވަހުގެ ޖަލްސާގެ ޔައުމިއްޔާ އޭސީސީއަށް ފޮނުވުމާ މެދު މައްސަލައެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އެއީ ތަހުގީގަކަށްތޯ ނުވަތަ ހަމައެކަނި މައުލޫމާތަކަށްޓަކައި އޭސީސީން ކުރާ ކަމެއްތޯ ސާފުކުރުމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ. އަދި މަޖިލީހުގައި މެމްބަރުން ކުރާ ކަމަކާ ގުޅޭ ގޮތުން ސުވާލުކޮށް ހެދުމަކީ އޭސީސީގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކަމެއްތޯ ވެސް ބައެއް މެމްބަރުން ސުވާލު އުފެއްދެވި އެވެ.

"އަޅުގަނޑު އެދޭ ކަމެއް މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ލަފާ ހޯއްދެވުން މި ސިޓީއަށް ޖަވާބު ދެއްވުމުގެ ކުރިން. އެއީ އެއްވެސް ކޮމިޝަނެއް، މަޖިލިސް ވިޔަސް ނުވަތަ އެގްޒެކެޓިވް ވިޔަސް ނުވަތަ އެބަޔަކަށް ނުވަތަ އެ މުއައްސަސާއަކަށް ލިބިފައިވާ ބާރުގެ ބޭރުން އެއްވެސް އަމަލެއް ކުރެވިގެން ނުވާނެ" މަސައްކަތް ނުކުރާ ދުވަސްތަކަށް ކޮމެޓީ އެލަވަންސް ދިނުމަށް މާލިއްޔަތު ކޮމެޓީން ފާސްކުރި ދުވަހު އެ ކޮމެޓީގެ މުގައްރިރަކަށް ހުންނެވި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާ މިއަދު ވިދާޅުވި އެވެ.

އެ ދުވަހުގެ ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރުކަން ހަމްޒާ ކުރެއްވީ، މުގައްރިރު ނާޒިމް އާއި ނާއިބު މުގައްރިރު އަހުމަދު ނާޝިޒް ވަޑައިނުގަންނަވާތީ އެވެ.

ހަމްޒާ ވިދާޅުވީ އޭސީސީން ޔައުމިއްޔާ ހޯދަނީ ކީއްކުރަންތޯ ބެލުން މުހިންމު ކަމަށެވެ. އެހެން ނަމަވެސް ޔައުމިއްޔާ އެ ކޮމިޝަނަށް ދިނުމާ މެދު އޭނާ ދެކޮޅެއް ނުހައްދަވަ އެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމެޓީގެ ބައެއް މެމްބަރުން ވަނީ ހަމްޒާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެ ގޮތުން މަސައްކަތް ނުކުރާ ދުވަސްތަކަށް ކޮމެޓީ އެލަވަންސް ނަގަން ފާސްކުރީ އެ ދުވަހުގެ ބައްދަލުވުމުގެ މުގައްރިރަކަށް ހަމްޒާ އިންނަވައި އޭނާ ބޭނުންވެގެން ކަމަށް އެލަވަންސް ނަގަން އެ ދުވަހު ވޯޓު ދެއްވި ބައެއް މެމްބަރުން ވެސް މިއަދު ވިދާޅުވި އެވެ.

"ރިޔާސަތުގައި އިންނެވީ ހަމްޒާ. ހަމްޒާ ވަރަށް ބޮޑަށް ވިސްނަވާފައި އޭތި ފާސްކުރަން އެ ދުވަހު ބޭނުންވީ. ހަމްޒާ ދެކޭ ގޮތުގައި އެ ފައިސާ ކޮންމެހެން މަޖިލިސް މެމްބަރުންނަށް ލިބެން ޖެހޭނެ. އެހެންވެ އެ ދުވަހުން ދުވަހަށް ފާސް ވެސް ކުރަންޖެހޭތީ އަޅުގަނޑުމެން އެ މަނިކުފާނަށް އެހީތެރިވުމުގެ ގޮތުން އެކަމަށް ތާއީދު ވެސް ކުރިން،" މަސައްކަތް ނުކުރާ ދުވަސްތަކަށް ކޮމެޓީ އެލަވަންސް ނަގަން ވޯޓު ދެއްވި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވި އެވެ.

ނަމަވެސް ހަމްޒާ ވިދާޅުވީ ކޮމެޓީ އެލަވަންސްގެ މައްސަލަ އައީ އިދާރީ ކަމެއްގެ ގޮތުގައި ކަމަށާއި އެ މައްސަލަ އެ ދުވަހުގެ ޖަލްސާގައި ކުރިއަށް ގެންދަން ނިންމެވީ ކޮމެޓީގެ މެމްބަރުންގެ ވޯޓަކުން ކަމަށެވެ.

"އެހެންވީމަ އެކަން އޮންނާނެ ޔައުމިއްޔާ އިން އެނގެން،" ހަމްޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސައްކަތް ނުކުރާ ދުވަސްތަކަށް މަޖިލީހުގެ 77 މެމްބަރުންނަށް 20،000ރ. ގެ ކޮމެޓީ އެލަވަންސް ދިނުމުގެ މައްސަލަ މިހާތަނަށް ތަންފީޒު ނުކުރެވި ވަނީ މާލިއްޔަތު ކޮމެޓީގެ ހިންގުމުގައި ދިމާވެފައިވާ ކަންތައްތަކަކުން ކަމަށެވެ. އެ ގޮތުން ކޮމެޓީގެ އެ ނިންމުން މުގައްރިރު ނާޒިމަށް ފޮނުވަންޖެހޭތީ އޭނާ އެކަން ގަބޫލެއް ނުކުރައްވަ އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތަކީ ހަގީގަތުގައި ކޮމެޓީގެ މުގައްރިރު މިހާރު އޮންނަން ޖެހޭނީ އެ ތަންފީޒު ކުރުމަށްޓަކައި އެ ސިޓީ ]މަޖިލީހުގެ ރައީސަށް[ ފޮނުވާފައި. އެހެންވީމަ އަޅުގަނޑު އެކަމަށް އިންކާރުކުރީ. އެއީ އަޅުގަނޑު ކުރަންޖެހޭ ސޮއެއް ނޫން. ކޮމެޓީގެ މުގައްރިރު ކުރައްވަންޖެހޭ ސޮއެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ތަންފީޒު ނުވެވި ވަނީ އިދާރީ މައްސަލައަކާ ހެދި،" ހަމްޒާ ވިދާޅުވި އެވެ.

މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ މަޖިލީހުގެ މަސައްކަތްތައް ނުވަތަ ކޮމެޓީތައް ހުއްޓިފައި އޮތް ދުވަސްތަކަށް 20،000ރ. ގެ އެލަވަންސް ނެގުމަށް ފާސްކުރި ފާސްކުރުން އަލުން ކޮމެޓީއަށް ގެނައުމަށް ހުށަހަޅުއްވައިފަ އެވެ. އެކަމަށް ބައެއް ބޭފުޅުން ތާއީދު ކުރެއްވިއިރު އަނެއްބައި ބޭފުޅުން އެކަމަށް ތާއީދެއް ވެސް ނުކުރައްވަ އެވެ.

އޭދަފުށީ މެމްބަރު ސަލީމް ވިދާޅުވީ މަސައްކަތް ނުކުރާ ދުވަސްތަކަށް ކޮމެޓީ އެލަވަންސް ނެގުމަށް ފާސްކުރި މައްސަލަ އަނބުރާ ގެނައުމަށް މިހާރު ވެސް ހުށަހަޅުއްވާފައިވާ ކަމަށެވެ.

މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ވިދާޅުވީ މާޗް މަހު މަޖިލިސް ރިސެސްގައި އޮއްވައި ކޮމެޓީ އެލަވަންސް ނަގަން ނިންމި ނިންމުން އަނބުރާ ގެންނަން ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ނިންމުން ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ކޮމެޓީ އެލަވަންސް ދެމުން ގެންދަނީ ކޮމެޓީއަށް މެމްބަރުން ހާޒިރުވާ ނިސްބަތަށް ބަލައިގެން ކަމަށް ވާއިރު އެއާ ހިލާފަށް އެލަވަންސް ދޭ ނަމަ އެ އެލަވަންސް ބެލެވޭނީ މުސާރައިގެ ގޮތުގައި ކަމަށެވެ.

"އެހެންވީމަ މަޖިލިސް ރިސެސްގައި އޮންނައިރު އަޅުގަނޑުމެން ކޮމެޓީއެއް ނުބާއްވައި 20،000ރ. ލިބޭ ކަމަށް ވަންޏާ އެ ވަނީ ހަމަ މުސާރައަކަށް. އަޅުގަނޑަކަށް އެހާ ބޮޑަކަށް ގަބޫލެއް ނުކުރެވޭ މިހާރު ނިންމާފައިވާ ނިންމުން،" މާލިއްޔަތު ކޮމެޓީ އަލުން އެކުލަވާލެއްވިއިރު އެ ކޮމެޓީގައި ހިމެނިވަޑައިގެންނެވި ޔާމީން ވިދާޅުވި އެވެ.

ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ ކޮމެޓީގައި ނިންމާފައިވާ ނިންމުމެއް އަނބުރާ ގެންނަ ނަމަ އެ ގޮތަށް ގެންނަންޖެހޭ ބައިވަރު ނިންމުންތައް ހުންނާނެ ކަމަށެވެ. އެކަމަކު މުސާރަ އާއި އެލަވަންސް ފަދަ ކަންތައްތަކުގައި މަޝްވަރާ ކުރާ ނަމަ އަލުން އެކަން އެޖެންޑާ ކޮށްގެން ކުރިއަށް ގެންދެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް އެ ނިންމާފައިވާ ނިންމުންތައް އަލުން އެޖެންޑާ ކޮށްގެން ކުރިއަށް ގެންދާ ނަމަ އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ގެންގުޅޭ އުސޫލާ ހިލާފުވޭ ހެން،" އިލްޔާސް ވިދާޅުވި އެވެ.

1 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait