މަޖިލީހަށް ނުރައްކަލެއް މެދުވެރިވެފައިވާ ކަމަށް ބުނެ ވަކި މުއްދަތެއް ނެތް ގޮތަށް ޖަލްސާތައް ނުބާއްވާ ގޮތަށް ނިންމެވުމަކީ ބަހަނާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދު މިރޭ "ހަވީރަށް" ވިދާޅުވީ ޖަލްސާތައް ކުރިއަށް ނުގެންދެވޭ ފަދަ ނުރައްކަލެއް ނެތް ކަމަށެވެ.
މަޖިލިހުގެ ރައީސް އަބްދުﷲ ޝާހިދު ޖަލްސާތައް ހުއްޓާލެއްވީ މަޖިލީހުގެ ގަވާއިދުގެ 213 ވަނަ މާއްދާގެ ބ. ގެ ދަށުންނެވެ. އެ މާއްދާގައި ބުނެފައިވަނީ ވަކި ކަހަލަ ކަމެއްގެ ނުރައްކަލެއް މަޖިލީހަށް ކުރިމަތިވެދާނެ ކަމުގެ ބިރު އުފެދިއްޖެ ހިނދެއްގައި އެކަމަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި އެ މުއްދަތަށް މަޖިލީހުގެ ޖަލްސާތައް ނުބޭއްވުމުގެ އިޚްތިޔާރު މަޖިލީހުގެ ރައީސަށް ލިބިގެންވާ ކަމަށެވެ.
"ޝާހިދުގެ ބަޔާނުން ހީވަނީ ހަނގުރާމެއް ކުރިމަތިވެގެން އުޅޭހެން" ކަމަށާއި އެފަދަ ހާލަތެއް މަޖިލީހުގައި ނެތް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑަށް ހީވަނީ ބަޣާވާތްކުރި ފަރާތްތަކާއެކު ޝާހިދު ހަނގުރާމައެއް އިއުލާންކޮށްގެން އުޅޭހެން،" އޭނާ ވިދާޅުވި އެވެ.
ޝާހިދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ މެމްބަރުންތަކެއް މަޖިލީހުގެ އިދާރާގައި ހުންނަ އެމަނިކުފާނުގެ ކޮޓަރިކޮޅަށް ވަޑައިގެން، އޭނާއާ ކުރިމަތިލުންތަކެއް ހިންގެވި ކަމަށެވެ. އަދި މަޖިލީހުގެ މާލަމުގައި އެއް މެމްބަރާއި އަނެއް މެމްބަރާ ދެމެދު ބިރުވެރިކަން އުފެދޭ މިންވަރަށް ކުރިމަތިލުންތައް ވެސް ހިނގާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
ސަރުކާރަށް ތާއީދުކުރާ ބައެއް ޕާޓީތަކުގެ އިސް ބޭފުޅުން ވިދާޅުވީ މަޖިލީހުގެ ރައީސް ޝާހިދާއި ސިޔާސީ ޕާޓީތަކުގެ އިސްވެރިންގެ ބައްދަލުވުމެއް ޝާހިދުގެ ކޮޓަރިކޮޅުގައި މިއަދު ކުރިއަށް ގެންދަވަނިކޮށް، އަލީ ވަހީދު އެ ކޮޓަރިކޮޅަށް ވެދެވަޑައިގެން ޝާހިދާ ދިމާ ކުރައްވައި ހެއްދެވި ކަމަށެވެ. އެ ގޮތުން ޝާހިދުގެ ދަތްދޮޅި ދަށް އަލީ ވަހީދު އަތް ގެންދަވައި ޝާހިދާ ދިމާކުރެއްވި ކަމަށް ވެސް އެ މެމްބަރުންް ވިދާޅުވެ އެވެ.
އެކަމަކު އަލީ ވަހީދު އެކަން ދޮގު ކުރައްވަ އެވެ. އޭނާ ވިދާޅުވީ އެފަދަ ކަމެއް ނުކުރައްވާ ކަމަށެވެ.
"އެމްޑީޕީ މެމްބަރުންނާއި އެހެން ޕާޓީތަކުގެ މެމްބަރުން ވެސް އެތަނުގައި އަޑުގަދަ ކުރައްވައި ހެއްދެވި. އެކަމަކު އެ ވިދާޅުވާ ކަހަލަ ކަމެއް އަޅުގަނޑެއް ނުކުރަން. އެއީ ކަނޑައެޅިގެން ދޮގެއް،" އަލީ ވަހީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ޖަލްސާތަކާއި ބައެއް ކޮމިޓީތައް އެމްޑީޕީގެ މެމްބަރުން އިއްޔެ އިން ފެށިގެން ހުއްޓުވަމުންދަނީ ޕްރައިވެޓް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން އާސަންދަ ހެލްތު އިންޝުއަރެންސް ސްކީމަށް ބަލިމީހުންގެ އަތުން އަގެއް ނެގުމަށް ސަރުކާރުން ފުރުސަތު ދޭ ގޮތަށް ނިންމުންނެވެ.
"އަޅުގަނޑުގެ މައްސަލައެއް ނެތް އަޅުގަނޑު މަޖިލީހުން ނެރޭ ކޮންމެ ދުވަހަކަށް މުސާރައިން ވަކި ޕަސެންޓެއް އުނިކޮށްގެން ވެސް އާސަންދަ ހިލޭ ލިބިއްޖިއްޔާ. ސަރުކާރުގައި ފައިސާ ނެތިއްޖިއްޔާ އެގޮތަށް ވެސް ފައިސާ އުނިކޮށްގެން އާސަންދަ ހިންގަންޖެހޭނެ،" އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ މަޖިލީހުގެ ޖަލްސާ ހުއްޓުވަން އެމްޑީޕީން ބޭނުން ވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް އަދި ރައްޔިތުންނަށް ފައިދާ ވާނެ ކަންކަމުގައި މަޖިލިސް ކުރިއަށް ގެންދިއުމަށް ކަމަށެވެ.
"އެހެންވެ އަޅުގަނޑުމެން އިހްތިޖާޖު މިކުރަނީ. އެއީ ނުރައްކަލެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އެންޓި ޓެރަރިޒަމް ތަމްރީން ނިމުން
5 comments