ސިޔާސީ

ސަންދާނު ލުތުފީގެ ވާހަކަތައް!

އަހުމަދު ހަމްދޫން
07 އޯގަސްޓް 2012 12:04 43 ކޮމެންޓު
  • ސަންދާނު ލުތުފީ އިއްޔެ "ހަވީރަ" ށް އިންޓަވިއު ދެއްވަނީ.---ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

  • ސަންދާނު ލުތުފީ އިއްޔެ "ހަވީރަ" ށް އިންޓަވިއު ދެއްވަނީ.---ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

ސްވިޒަލެންޑްގައި އިބްރާހިމް ލުތުފީ (ސަންދާނު ލުތުފީ) އާއި އޭނާގެ ހަތަރު ބޭފުޅުން ދިރިއުޅޭ ގެއަށް އެއްދުވަހެއްގެ ހެނދުނު ކުއްލި ގޮތަކަށް އެ ގައުމުގެ ފުލުހުން ގޮސް އެ ހަތަރު ކުދިންގެ އަތުގައި ބިޑި އަޅުވައިގެން ޔަތީމުހާނާއަކަށް ގެންދިޔަ އެވެ. އެ ކުދިންގެ އަތުގައި ބިޑި އަޅުވައިގެން ފުލުހުން ގެންދިޔައީ ޔަތީމުހާނާއަށް ގެންދިއުމުން ބައްޕަ ކައިރިއަށް އެނބުރި އައުމާ ގުޅިގެންނެވެ. ލޯބިވާ ބައްޕައާ ވަކިން އުޅެން އެ ކުދިން ބޭނުން ނުވީ އެވެ. ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަމުގެ ތެރޭގައި 2010 ގައި ޔަތީމުހާނާ އަށް ލުތުފީގެ ހަތަރު ބޭފުޅުން ގެންދިޔައީ، މަންމައަކާ ނުލައި އެ ބޭފުޅުން ގެންގުޅުއްވާތާ ގިނަ ދުވަސްވުމުން ލުތުފީގެ "ބޯ ސަކަރާތް ވެފައި" ހުރި ކަމަށް ބުނެ އެވެ.

އާއިލާ ރޫޅި ކުދިންގެ މަންމަ އެ ކުދިންނާ ވަކިވުމާ ގުޅިގެން އެ ހަތަރު ކުދިން ސްވިޒަލެންޑަށް ގެންދަވައި ކައްކައި ކާންދީ ބަލާ ބޮޑުކުރައްވަނީ ސީދާ ލުތުފީ އެވެ. އެކަން ކުރައްވާތާ ފަސް އަހަރުވީ ފަހުން، "ސިޔާސީ ޝަކުވާއަކާ" ގުޅިގެން އޭނާގެ ބޭފުޅުންނާ މެދު އަމަލު ކުރި ގޮތުން މިއަދު ވެސް ލުތުފީ ހުންނެވީ ހިތުގައި ޖެހިފަ އެވެ.

"މަންމައަކު ނެތީމާ އެ ކުދިންނަށް ކައްކައި ކާންދީގެން ބަލާ ބޮޑުކުރީ ސީދާ އަޅުގަނޑު. އެ ކުދިން ]ޔަތީމުހާނާ އަށް[ ގެންދިޔައީމަ އަޅުގަނޑަށް ކުރާނެ އަސަރު ވިސްނާ،" ނުވަ އަހަރަށް ފަހު މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ލުތުފީ ވިދާޅުވި އެވެ.

އޭނާ ގަބޫލު ކުރައްވާ ގޮތުގައި ހަތަރު ބޭފުޅުން ޔަތީމުހާނާ އަށް ގެންދިޔައީ ސްވިޒަލެންޑްގައި ލުތުފީ ދިރިއުޅުއްވާ އަވަށު އޮފީހަށް އޭރުގެ ރައީސް ނަޝީދުގެ ސަރުކާރުގެ އިސް ބޭފުޅުންތަކެއް ނުފޫޒު ފޯރުއްވައިގެންނެވެ. ސަބަބަކަށްވީ ނަޝީދުގެ ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ދެކޮޅަށް ފާޅުގައި ވާހަކަ ދެއްކެވުމެވެ. އޭރު އެ ސަރުކާރުގެ ބައެއް ބޭފުޅުން ގެންދެވީ ދުވަސްކޮޅަކަށް އަރާމު ކުރުމަށް ލުތުފީ އަށް ދަންނަވަމުންނެވެ.

"އެ ވަގުތު ވެސް އަޅުގަނޑު ހިތަށް އެރި މުހަންމަދު ނަޝީދޭ މިކަމުގެ ފަހަތުގައި ހުންނާނީ. އޭރު އަޅުގަނޑު ދިޔައީ އެތެރެއިން ނަޝީދާ ދެކޮޅަށް ވާހަކަ ދައްކަމުން. އޯކޭ، ލުތުފީ މޮޔަ. ޖަލަށް ލީމަ ލުތުފީގެ ބޯ ގުޑާފައި ހުރީ. އެމްބެސެޑަރުކަން ނުދިނީމާ ރުޅި އައީ. އެހެންވީމާ ކާކުތޯ މޮޔައީ؟ ލުތުފީއެއް ނޫންތޯ މޮޔައީ؟ އެކަމަކު ލުތުފީގެ ދަރިން މި ގެންދިޔައީ ]ކީއްވެ؟[. ދަރިންގެ އަތުގައި ބިޑި އެޅުވީ ]ކީއްވެ؟[،" ވަރަށް އަސަރާއެކު ލުތުފީ ވިދާޅުވި އެވެ.

ސްވިޒަލެންޑުގައި ލުތުފީ ދިރިއުޅުއްވާ އަވަށު އޮފީހުން ވަނީ އޭނާގެ ހަތަރު ކުދިން ޔަތީމުހާނާ އަށް ގެންދިއުމުގެ ކުރިން ލުތުފީއާ ބައްދަލުކޮށް ޑޮކްޓަރީ ފަރުވާ ހޯދުމަށް އެދިފަ އެވެ.

"އަވަށު އޮފީހުން ބުނީ އަންހެނުންނާ ނުލައި ހަތަރު ކުދިން ގެންގުޅެން ޖެހުމުން ލުތުފީ ތިހިރީ މުޅިން ބޯ ސަކަރާތްވެފަ އޭ. ފަރުވާ ހޯދަންވީ ނޫންހޭ. ތިމަންނަމެން ކުދިން ބަލާފާނަމޭ. އެހެން ކިޔަފައި ވަގުތުން ކުދިން ގެންދިޔައީ،" ލުތުފީ ވިދާޅުވި އެވެ.

މިއީ ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އައި ސިޔާސީ ޕްރެޝަރެއްގެ ތެރެއިން ލުތުފީ އަށް ދިމާވި އެއް ހާދިސާ އެވެ. ލުތުފީ ވިދާޅުވި ގޮތުގައި އޭނާގެ ބޭފުޅުން ޔަތީމުހާނާގައި ހޭދަކުރި ދުވަސްތަކުގައި ވެސް ނަޝީދުގެ ސަރުކާރުގެ ބައެއް އިސްވެރިން އޭނާ "ގަނެލުމަށް" މަސައްކަތް ކުރެއްވި އެވެ.

މިއަދު ސަންދާނު ލުތުފީ އަކީ ސިޔާސީ ކަންކަމުގެ އޭރާއި މިހާރު ވެސް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. ކުރީގެ ރައީސް މައުމޫނާއި ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް ވެސް ފާޅުގައި ހަރަކާތްތެރިވެ ވަޑައިގަތުމުން މިފަދަ އެތައް ކަމެއްގެ ހިތި ރަހަ ދެކެވަޑައިގެންފައިވާ ބޭފުޅެކެވެ. އޭގެ ހިތި ނަތީޖާ ވެސް ސަންދާނު ލުތުފީ ވަނީ ތަޖުރިބާ ކުރައްވައިފަ އެވެ. މީގެ ނުވަ އަހަރު ކުރިން އދ. ގެ ރެފިއުޖީންގެ ހައިސިއްޔަތު ހޯއްދަވައި މިއަދު ސްވިޒަލޭންޑްގައި އާއިލާ ގޮވައިގެން ދިރިއުޅުއްވަން ޖެހިވަޑައިގަތީ ވެސް ވެރިކަމުގެ ނިޒާމު އިސްލާހު ކުރައްވަން ފެއްޓެވި މަސައްކަތެއްގެ ސަބަބުންނެވެ.

ނޮވެމްބަރު ،3 1988 ގައި ލުތުފީގެ އުމުރުން ވާނީ އެންމެ 23 އަހަރެވެ. އެހެން ނަމަވެސް އެ ހާދިސާއާ ގުޅުން ހުރި ކަމެއްގެ ތުހުމަތުގައި އޭނާ ޖަލަށް ލައި އަނިޔާ ކުރި ކަމަށް ލުތުފީ ވިދާޅުވެ އެވެ. ޖަލުގެ އަނިޔާތަކުގެ ވާހަކަ އޭރު އިވެނީ ތުންތުންމަތިން ކަމުގައި ވިޔަސް އަމިއްލަ އަށް ތަޖުރިބާ ކުރުމުގެ ނަތީޖާއަކަށް ވީ އެކަމާ ދެކޮޅަށް ފާޅުގައި ލުތުފީ ތެދުވެވަޑައިގަންނަވަން ޖެހިވަޑައިގަތުމެވެ. ޖަލުގައި އެ ދުވަސްވަރު ކުރި އަނިޔާތައް ފެނިވަޑައިގަތުމުން އޭރުގެ ސަރުކާރުގެ އިސް ބޭފުޅުންގެ ސަމާލު ކަމަށް އެކަން ގެނައުމަށް ކުރެއްވި މަސައްކަތް ވެސް ވީ ނާކާމިޔާބެވެ. އޭރު ސަރުކާރުގެ އިސް ބޭފުޅުންގެ އެދިވަޑައިގަތުމަކަށްވީ އެ ވާހަކަ ނުދެއްކެވުމެވެ. އެހެންވެ 1988 އިން ފެށިގެން އޭނާގެ މަސައްކަތަކަށްވީ އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރާ ދެކޮޅަށް "އަޑިއަޑިން" މަސައްކަތް ކުރެއްވުމެވެ.

ސަންދާނު ލުތުފީގެ ނަމުން އޭނާ 2002 އިން ފެށިގެން މަޝްހޫރުވި ނަމަވެސް އޭގެ 10 ވަރަކަށް އަހަރު ކުރިން ވެސް އޭނާ ގެންދެވީ އޭރުގައި މަސައްކަތް ކުރެއްވެން ހުރި ގޮތަކަށް އަނިޔާތަކާ ދެކޮޅަށް ބަސް ވިދާޅުވަމުންނެވެ. ސަރުކާރުން ހިންގާ އެކިއެކި "ޖަރީމާތައް" އާންމުންނަށް އޮޅުންފިލުވައި ދެއްވުމަށްޓަކައި މަގުމައްޗަށް ކަރުދާސް އަޅުއްވައި ހެއްދެވި އެވެ. އެކަމަކު ޒަމާނަށް އައި ބަދަލާއެކު ރާއްޖެ އަށް 1996 ގައި އިންޓަނެޓް ތައާރަފުވެ، އާންމުންނާ ހަމައަށް ސަރުކާރުން ކުރާ ނޭދެވޭ ކަންކަން އާ ގޮތަކަށް ގެނެސްދިނުމުގެ މުހިންމުކަން ސަންދާނު ލުތުފީ އަށް ވިސްނިވަޑައިގަތެވެ. މައުމޫން ސަރުކާރާ އިދިކޮޅު ފަރާތްތަކުން އޭރު ތައާރަފުކުރި ބައެއް ވެބްސައިޓްތައް ސަރުކާރުން ބަންދުކުރުމާއެކު އޭނާ އަށް ދެން އައި ހިޔާލަކީ އީމޭލްގެ ޒަރީއާ އިން އެކި ފަރާތްތަކަށް ހަބަރުތަކާއި މައުލޫމާތުތައް ގެނެސް ދެއްވުމެވެ.

"އަޅުގަނޑު އެ އައިޑީއާ ނެރުނީ. އަޅުގަނޑު އޭރު ބުނީ އީމޭލެއް ބްލޮކެއް ނުކުރެވޭނެއޭ. އޭރު ޕީޑީއެފް އަކީ ވަރަށް އާ އެއްޗެއް. ގިނަ ބަޔަކަށް ނޭނގޭ. އަނެއްކާ ދިވެހި އެމްބެޑެޑް ކުރުމަކީ ވެސް ފަސޭހަ ކަމެއް ނޫން. މިހާރު އެއް ބަޓަނަށް ފިތާލީމާ ވާ ގޮތަކަށް ނޫން އޭރު ހުންނާނީ،" އައިޓީ ދާއިރާ އިން މީހުން ބިނާ ކުރުމުގެ ތަޖުރިބާ ހޯއްދަވާފައިވާ ސަންދާނު ލުތުފީ ވިދާޅުވި އެވެ.

އީމޭލް މެދުވެރިކޮށް ބެހި "ސަންދާން" ނޫހުގެ މައްސަލާގައި 2002 ގައި އޭނާ އުމުރަށް ޖަލައި ލުމަށާއި އެއް އަހަރު ދުވަހަށް ހުކުމް އިއްވި އެވެ. އެކަމަކު ބޭސްފަރުވާ އަކަށް ލަންކާ އަށް ވަޑައިގަންނަވަން ޖެހުމަކީ މިއަދު ސަންދާން ލުތުފީ ދެކެވަޑައިގަންނަވާ ގޮތުގައި ލިބިވަޑައިގަތް ވަރަށް ބޮޑު ނަސީބެކެވެ. އެ ބޭސްފަރުވާ އަށް ފަހު އެނބުރި ޖަލަށް ވަޑައިގަންނަވާނީތޯ ނުވަތަ ފިއްލަވާނީތޯ އެއީ އޭރު ލުތުފީގެ ހިތުގައި އުފެދުނު ބޮޑު ސުވާލަކަށްވި އެވެ. އެހެން ނަމަވެސް ޖަލުގައި އުމުރު ދުވަހު ހުރުމަށް ވުރެ ބޮޑަށް އޭނާއަށް ވިސްނިވަޑައިގަތީ ކޮންމެވެސް ގޮތަކުން ފިލައިގެން ވެސް ސަރުކާރު އިސްލާހު ކުރުމުގެ މަސައްކަތް ކުރެއްވުމަށެވެ. އެހެންވެ ލުތުފީގެ ކަނާތު ލޮލުގެ ބޭސްފަރުވާ އަކަށް 2002 ގައި ރާއްޖެ ދޫކުރެއްވީ އެނބުރި ވަޑައިނުގަތުމުގެ އަޒުމާއެކުގަ އެވެ.

"އަޅުގަނޑު އެނބުރި ނާންނާނެ ވާހަކަ އަޅުގަނޑު ބުނީ އަޅުގަނޑުގެ ކޮއްކޮ ކައިރީގައި އެކަނި. ހޮސްޕިޓަލުގައި ސިކިއުރިޓީ ހުއްދަ ދިނީމަ ކޮއްކޮ ވައްދާފައި އޭނާގެ ކަންފަތް ކައިރީގައި އަޅުގަނޑު ބުނިން ބޭބެ ނާންނަމޭ. ދެން އެ ގޮތަށް ﷲ ކަންތައް މެދުވެރި ކުރެއްވީ ވެސް. އަޅުގަނޑުގެ މޮޅު ކަމަކުންނެއް ނޫން އެކަންވީކީ. ފުރުސަތުގެ ބޭނުން އަޅުގަނޑު ހިފީ. އަޅުގަނޑުގެ އެއް ލޯ ހަލާކުވެފައި ހުރިއިރު އޭރު އަޅުގަނޑު ނެގީ ވަރަށް ބޮޑު ރިސްކެއް. ފަތިހު ފަތިސް ނަމާދު ކޮށްގެން ]ލަންކާގައި[ ނައްޓާލި ގޮތަށް އަޅުގަނޑު ދިޔައީ ރައްޓެއްސެއްގެ ގެއަށް. ދެން އިންޓަނޭޝަނަލް އެޕީލެއް ކޮށްގެން މި ހިސާބަށް އާދެވުނީ،" ލުތުފީ، ،48 ވިދާޅުވި އެވެ.

ލުތުފީ ދިވެހި ސަރުކާރަށް ފިއްލަވައި 2003 ގައި އދ. ގެ ރިފިއުޖީންގެ ސްޓޭޓަސް ހޯއްދަވައި ސްވިޒަލެންޑަށް ވަޑައިގެންނެވުމާ އެކު ކަހަލަ ގޮތަކަށް އާއިލާ ރޫޅުނު ނަމަވެސް އޭގެ ދެ އަހަރު ފަހުން ހަތަރު ކުދިން އެ ގައުމަށް ގެންދެވި އެވެ. އޭރު އެންމެ ހަގު ކުއްޖާގެ އުމުރުން ހަތަރު އަހަރެވެ.

ސިޔާސީ ހިޔާލު ތަފާތުވުންތައް ލުތުފީ އާއި މައުމޫނާ ދެމެދު އޮވެ އެ ވެރިކަން ބަދަލުކުރުމުގެ ހުރިހާ ކަމެއްގައި ލުތުފީ ބައިވެރިވެ ވަޑައިގަތެވެ. މައުމޫންގެ ވެރިކަން ބަދަލުކުރުމުގެ ރޭވުންތައް ރޭވީ ކުރީގެ ރައީސް ނަޝީދާ އެކުގަ އެވެ. އެއް ފިކުރެއްގައި ލުތުފީ އާއި ނަޝީދު މަސައްކަތް ކުރެއްވުމުގެ ނަތީޖާ ވެސް ރަނގަޅެވެ. ސްވިޒަލެންޑުގައި ހުންނަވައިގެން ވެސް މައުމޫން ސަރުކާރާ ދެކޮޅަށް "މިނިވަން ރޭޑިއޯ" މެދުވެރިކޮށް 2003 އަދި 2004 ގައި ނަޝީދާ އެކު ލުތުފީ މަސައްކަތް ކުރެއްވި އެވެ. މިނިވަން ރޭޑިއޯ އުފެއްދެވީ ލުތުފީ އެވެ.

މައުމޫންގެ ވެރިކަން ބަދަލުކުރަން ލުތުފީ ބޭނުންވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށެވެ. އެކަން ކާމިޔާބު ކުރައްވައި ނަޝީދު 2008 ގައި ވެރިކަމަށް ވަޑައިގެން އެ މަނިކުފާނުގެ ވެރިކަމުގެ ވަރަށް ކުރީއްސުރެން ފެށިގެން ނަޝީދުގެ ސަރުކާރާ ދެކޮޅު މަސައްކަތްތަކެއް އެތެރެއިން ލުތުފީ ފެއްޓެވި އެވެ. އެމްޑީޕީ އުފެދި އެ ޕާޓީގެ އިސް ސަފަށް ވަޑައިގެންނެވި ބޭފުޅުންނާ މެދު ލުތުފީ ހިތްހަމަޖެހިވަޑައެއް ނުގެންނެވި އެވެ. މިއަދު ވެރިކަމުގެ ނިޒާމު ގަސްދުގައި "ފުނޑާލާފައި" ވާ ކަމަށް ލުތުފީ ވިދާޅުވެ އެވެ. އަދި އެކަމުގެ ޒިންމާ ނަންގަވަން ޖެހެނީ ވެސް ނަޝީދު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ޖަލުގައި އަނިޔާ ލިބުނު މީހުން. އަޅުގަނޑުމެން ބޭނުމެއް ނޫން ބަދަލު ހިފާކަށް. އެންމެ ފުރަތަމަ ނަޝީދު މައުމޫން އަރިހުގައި ވިދާޅުވި ވާހަކަތައް ކިހާ ރީތި ތޯ؟ ހިތްތިރިކުރާ ވާހަކަ ނަޝީދު ވިދާޅުވި. އެކަމަކު ފަހުން އަމަލު ކުރި ގޮތް ބައްލަވާ. މަގުމައްޗަށް މީހުން ނެރެގެން މައުމޫނާ ދިމާލަށް ހަޅޭއްލަވައި، ގައްޒާފީ އަށް ހެދި ގޮތް ހަދާނަމޭ ކިޔައި މީހުން އެ ގޭ ދޮށަށް ފޮނުވައި ހެދީ. މައުމޫނަކީ އުމުރުން ދުވަސްވެފައި ހުންނެވި ބޭފުޅެއް. ކުރާނެ އަސަރު ވިސްނާ. އެއީ އަޅުގަނޑު ގަބޫލު ކުރާނެ ކަމެއް ނޫން،" އައްޑު އަށް އުފަން ލުތުފީ ވިދާޅުވި އެވެ.

އޭނާ ގަބޫލު ކުރައްވާ ގޮތުގައި ރާއްޖޭގެ ޖަލުތަކުގައި އަނިޔާކުރި މައްސަލަ ބަލައި އެ ޗެޕްޓާ ކްލޯސް ކުރަންޖެހެ އެވެ. އަދި އެ ވާހަކަ ނަޝީދަށް ދެންނެވި ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.

"ޖަލުގައި އަނިޔާ ކުރޭ. އަޅުގަނޑު ވެސް ޗޭނު ޖަހާފައި ބޭއްވީ. އަނިޔާކުރީ އޭރު އޮތް ސިސްޓަމާ ދެކޮޅު ހެދީމާ. ސީދާ ވެރިކަން ވައްޓާލަން އަޅުގަނޑުމެން އުޅުނީ. އެހެން ނޫންތޯ އަޅުގަނޑުމެން ލިޔެފައި ހުރީ؟ އޭރުގެ ސިސްޓަމްގައި އޮތް އެބްސޮލިއުޓް ޕަވާ. އެ ޕަވާ އޭރުގެ ސަރުކާރުން ބޭނުންކުރީ،" ލުތުފީ ވިދާޅުވި އެވެ. "އަޅުގަނޑު ނުދަންނަވަން މައުމޫންގެ ދުވަސްވަރު ޖަލުގައި ކުރި ކަންތައް ރަނގަޅެކޭ. ކޮށްގެން ނުވާނެ އެއްގޮތަކަށް ވެސް. އެކަމަކު މަންޑޭލާ ވެސް ޖަލުގައި އޮތީ ކިތައް އަހަރު ވަންދެންތޯ؟ ކޮން ފަދަ ބޮޑެތި އަނިޔާތައް ތޯ ކުރީ؟ އަޅުގަނޑު ހީކުރީ ރައީސް ނަޝީދަކީ އިހުލާސްތެރިއެއް ކަމަށް. އިހުލާސްތެރިއެއް ނަމަ މިހާރު މި ފެންނަ މަންޒަރެއް ނުފެންނާނެ."

ލުތުފީ ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި އޭނާ އަށް އެމްބެސެޑަރުކަން ދެއްވުމަށް ނިންމައި "ތައްގަނޑު" ވެސް ޖެއްސެވި ކަމަށެވެ. އަދި ރަތް ޕާސްޕޯޓް ވެސް ދެއްވަން ނިންމެވި އެވެ. އެކަމުގައި ވެސް ނަޝީދުގެ ސަރުކާރުން "ރޮކެޓެއް" ޖަހަން އުޅުނު ކަމަށް ލުތުފީ ވިދާޅުވި އެވެ.

ލުތުފީ އަށް 2010 ގައި މާފު ދެއްވީ ނަޝީދުގެ ސަރުކާރުންނެވެ. އެކަމަކު ނަޝީދު ސަރުކާރުގެ ވިސްނުން ހުރީ މާފު ނުދީ ރާއްޖެ ގެންނަވައި "މަޅީގައި" ޖެއްސުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް މާފު ދިނީ މަޖުބޫރު ވެގެން. ސަންދާނު އަހަންމައިދީ އަށް ވެސް ރައީސް މައުމޫން އޮތީ މާފު ދެއްވާފައި. ޒަކީ ]ނަޒާކީ ޒަކީ[ އަށް ވެސް އޮތީ މާފު ދެއްވާފައި. ކީއްވެތޯ އަޅުގަނޑަށް ނުދޭންވީ؟ އެ ބޭފުޅުން ކުރެއްވި ކަމެއް އަޅުގަނޑު ވެސް ކުރީ. އެހެންވީމަ މައުމޫން ހުއްޓަސް ނަޝީދު ހުއްޓަސް އެއީ ހިނގަހިނގާ އޮތް ޕްރޮސެސްއެއް،" ލުތުފީ ވިދާޅުވި އެވެ.

މިއަދު ލުތުފީ އަކީ ސިޔާސީ ގޮތުން ގައުމު އިސްލާހުކުރަން އުޅުއްވާ ބޭފުޅެއް ނަމަވެސް ސިޔާސީ މަގާމުތަކެއްގައި ކުރިއަށް ވަޑައިގަތުމުގެ އެއްވެސް ވިސްނުމެއް ނެތެވެ. ޑީއާރުޕީ އާއި އެމްޑީޕީން ލިބިވަޑައިގެންނެވި ފުރުސަތުތައް ވެސް ދޫކޮށްލެއްވީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް މިއަދު ރާއްޖޭގައި އޮތް ސިޔާސީ ބައިބައިވުން ހައްލު ކުރުމަށްޓަކައި އަދި ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމުގެ ފޯރަމެއް ބޭއްވުމަށް ލުތުފީ ބޭނުންވެ ވަޑައިގަންނަވަ އެވެ. މައުމޫނާއި ނަޝީދާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަން އޭނާ ބޭނުންވެ ވަޑައިގަންނަވަ އެވެ. މިހާރު ވެސް ރައީސް މުހަންމަދު ވަހީދުގެ އިތުރުން މި ސަރުކާރުގެ އިސް ފަރާތްތަކާ ލުތުފީ ވަނީ ބައްދަލު ކުރައްވައިފަ އެވެ.

"ސިވިކް ސޮސައިޓީ ހޭލުންތެރިކޮށްގެން މަސައްކަތް ކުރުމުގެ ހިޔާލު ވަރަށް ބޮޑަށް އެބަ ގެންގުޅެން. ޑިމޮކްރެޓިކް، ގުޑް ގަވަނަންސް ފޯރަމެއް ބޭއްވުމަށް އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވޭ،" ލުތުފީ ވިދާޅުވި އެވެ. "ރާއްޖޭގައި މިހާރު މި ފެންނަނީ ސިޔާސީ ބަޔަކު ނުކުމެގެން ހަޅޭއްލަވާ ތަން. އެ މީހުން ދައްކާ އަށް މި މީހުން ރައްދު ދެނީ. އެހެންވީމަ ތެދު ދޮގެއް ގިނަ ބަޔަކަށް ނޭނގޭ. އިންޓެލެކްޗުއަލް ސޮސައިޓީއެއް އެބަ ނެރެން ޖެހޭ. ރާއްޖޭގެ ޕޮލިޓިކަލް ފިއުޗާ އޮންނަން ޖެހޭނެ ގޮތުގެ ޑިބޭޓެއް އެބަ ބާއްވަން ޖެހޭ. އެކަމަށްޓަކައި އެންޖީއޯ އަކާއި ވެބްސައިޓެއް ތައްޔާރު ކުރުމުގެ ކަންތައް މި ދަތުރުގައި އިރާދަކުރެއްވިއްޔާ ކުރެވޭތޯ މަސައްކަތް ކުރާނަން."

43 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait