ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުވުމާ ގުޅޭ ގޮތުން ހިނގާފައިވާ އިންސާނީ ހައްގުތަކާ ބެހޭ ގުޅުން ހުރި މައްސަލަތައް ތަހުގީގުކޮށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ތައްޔާރުކުރި ރިޕޯޓު ކަމާ ބެހޭ ފަރާތްތަކަށް ފޮނުވައިފި އެވެ.
އެ ކޮމިޝަންގެ ރައީސް މަރިޔަމް އަޒްރާ މިރޭ ވިދާޅުވީ ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހާއި އޭގެ ކުރީ ދުވަހު ހިނގި އިންސާނީ ހައްގުތަކާ ބެހޭ ކަންތައްތައް ތަހުގީގު ކުރުމަށް ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ކަމާ ބެހޭ ފަރާތްތަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި އެ ރިޕޯޓު އެ ފަރާތްތަކަށް ފޮނުވީ އިއްޔެ އެވެ.
"އަޅުގަނޑުމެން އެ ރިޕޯޓު އަދި އާންމު ކުރާނަން. އެކަމަކު އާންމު ކުރާނެ ދުވަހެއް އަދި ކަނޑައެއް ނާޅަން،" އަޒްރާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި މި ރިޕޯޓުގައި ކަމާ ބެހޭ ގިނަ ފަރާތްތަކާ އެޗްއާރުސީއެމުން ސުވާލުކޮށްފައިވެ އެވެ. އަދި އަޅަންޖެހޭ ފިޔަވަޅުތައް ވެސް ބަޔާންކޮށްފައިވާ ކަމަށް އެނގިފައިވެ އެވެ.
ފެބްރުއަރީ 7،6 ގެ ކަންތައް ތަހުގީގުކޮށް އެޗްއާރުސީއެމުން ރިޕޯޓެއް ތައްޔާރުކޮށް ކަމާ ބެހޭ ފަރާތްތަކަށް ފޮނުވިއިރު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހުގެ ފަހު ދުވަހު މާލޭގައި ހިނގި ކަންތައްތައް ވެސް ތަހުގީގުކޮށް އެ ކޮމިޝަނުން ވަނީ ރިޕޯޓެއް ތައްޔާރުކޮށްފަ އެވެ. އެ ރިޕޯޓު ވެސް ކަމާއި ބެހޭ ފަރާތްތަކަށް ފޮނުވައި އެ ރިޕޯޓާ ގުޅޭ ގޮތުން މިހާތަނަށް އާންމުކޮށް ހާމަކުރަން ބޭނުންވާ މައުލޫމާތު ޖުލައި 18 ގައި ހާމަކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

13 comments