ޕްރޮފެސަރު އުގެއިލްގެ ކޮލަމް

އިންސާނާގެ ސިކުނޑި

ޕްރޮފެސާ ހަސަން އުގެއިލް
19 ޖުލައި 2012 10:16 10 ކޮމެންޓު

ދުނިޔޭގައިވާ އެންމެހާ މަހުލޫގުންގެ ތެރެއިން އެންމެ އާދަޔާ ހިލާފު ސިކުނޑިއެއް ދެއްވާފައިވަނީ އިންސާނުންނަށެވެ. އިންސާނާގެ ހަށިގަނޑުގެ ހަކަތައިގެ ވިހި އިންސައްތަ ސިކުނޑި ބޭނުންކުރި ނަމަވެސް ސިކުނޑި ހިއްސާކުރަނީ ހަށިގަނޑުގެ ބަރުދަނުގެ އެންމެ ދެ ޕަސެންޓެވެ. ސިކުނޑީގައި ދައުރުވަމުންދާ ލޭގެ ސަބަބުން ސިކުނޑި އޮންނަނީ މަޑު ފިޔާތޮށި ކުލައެއްގަ އެވެ.
  
އެހެނިހެން ޖަނަވާރުންނާ އަޅާބަލާއިރު، އިންސާނުންގެ ސިކުނޑި އުފެދިފައިވާ ގޮތް ފުރިހަމައެވެ. ސަބަބަކީ ޖަނަވާރުންނާ ޚިލާފަށް އިންސާނުންގެ ސިކުނޑިން މުހިންމު ބޮޑެތި މަސައްކަތްތައް ކުރަން ޖެހުމެވެ. މީގެ ތެރޭގައި، ހެވާއި ނުބައި ދަނެގަތުމާއި، ކަންތައްތައް ޕްލޭންކުރުމާއި، އަނެކުންގެ އިހްސާސްތައް ދަނެގަތުމާއި، ކަންތައްތައް ނިންމުން ފަދަ ބޮޑެތި މަސައްކަތްތައް ހިމެނެއެވެ. 
ސިކުނޑީގެ މަސައްކަތްތައް ކޮމްޕިއުޓަރެއްގެ މަސައްކަތާ ވަރަށްވެސް ވައްތަރެވެ. އެހެންނަމަވެސް، ކޮމްޕިއުޓަރުގެ މަސައްކަތަށްވުރެ، ސިކުނޑީގެ މަސައްކަތް މާފުރިހަމަވެފައި ބާރުގަދައެވެ. ގިނަބަޔަކު "ވިސްނުން" މާނަކުރަނީ، ސިކުނޑީގެ ސިގްނަލްތަކުގެ ތެރެއިން އެސިގްނަލެއް ފޮނުވާކަން އަހަރުމެންނަށް އެނގިގެން ނުވަތަ އަހަރެމެންނަށް ކޮންޓްރޯލް ކުރެވޭ ސިކުނޑީގެ ސިގްނަލްތަކަށެވެ. އެހެންނަމަވެސް އަހަރުމެންގެ ކޮންޓްރޯލުން ބޭރުގައިވާ ބައެއް ސިގްނަލްތައް ވެސް ސިކުނޑިން ފޮނުވައިދެއެވެ. މިސާލަކަށް ހިތުގެ ހިނގުމާއި، ހަށިގަނޑުގެ ބައެއް މަސްތައް ކޮންޓްރޯލް ކުރުމަށްޓަކައި ފޮނުވައިދޭ ސިގްނަލްތަކެވެ. 
ކަމެއްގެ ހައްލެއް ހޯދުމަށް ނުވަތަ، ޖަވާބެއް ހޯދުމަށް ސިކުނޑި މަސައްކަތް ކުރާގޮތާ މެދު ބަލާލާއިރު، މިކަމުގައި، ސިކުނޑި ދެގޮތަކަށް މަސައްކަތް ކުރެއެވެ. އެއީ ވިސްނުމެއް ނުވަތަ ހިސާބު ކުރުމެއްގެ ގޮތުގައެވެ. މިގޮތުން އެންމެ ފުރަތަމަ ސިކުނޑީގައި އެކަމަކާގުޅޭ ގޮތުން ރައްކާކުރެވިފައިވާ މައުލޫމާތުތަައް ސިކުނޑި ނަގައިގަނެވެ. އެއަށްފަހު އެމައުލޫމާތުތައް ފުރޭނުމަށްފަހު، އާމައުލޫމާތުތަކާއި، ކުރީގެ މައުލޫމާތުތައް އަޅާ ކިޔާލުމަށްފަހު، އެމައްސަލައަކަށް އެންމެ އެކަށީގެންވާ ހައްލުތައް ސިކުނޑި ހޯދައެވެ. ހައްލުތައް ހޯދުމުގައި ސިކުނޑި ބައެއް ފަހަރު ހީވާ ހީވުންތަކަށްވެސް ބުރަވެއެވެ. ސިކުނޑިއަކީ މައުލޫމާތުތައް ރައްކާކުރުމަށްވެސް ވަރަށް ކުޅަދާނަ ގުނަވަނެކެވެ. އެކި ކަހަލަ މައުލޫމާތުތައް ސިކުނޑި ރައްކާކުރަނީ އެކިގޮތްގޮތަށެވެ. މިގޮތުން އިންސާނާގެ ހުނަރުތަކަށް ބޭނުންވާ މައުލޫމާތުތައް ވަކި ހިސާބެއްގައި ރައްކާކުރާއިރު، އެހެނިހެން މައުލޫމާތުތައް ސިކުނޑީގައި ރައްކާކުރަނީ އެކަމަށް ޚާއްސަ ކުރެވިފައިވާ ހިސާބުތަކުގައެވެ. 

ދިރާސާ ކުރާ ފަރާތްތަކުން ގަބޫލް ކުރާގޮތުގައި، އަހަރެމެން ބޭނުންކުރަނީ ސިކުނޑީގެ އެއް އިންސައްތައާއި ދިހަ އިންސައްތައިގެ ދެމެދުގެ މިންވަރެކެވެ. އެހެންނަމަވެސް، ސިކުނޑީގެ ކޮންމެ ބަޔަކީވެސް ވަކި ކަމަކަށް ޚާއްސަކުރެވިފައިވާ ބައެއް ކަމުން އަހަރުމެންނަށް ސިކުނޑީގެ އެކިއެކި ބައިތައް ތަފާތު އެކި ކަންކަން ފަހިކުރުމަށް ބޭނުންކުރެވެއެވެ. މީހެއްގެ ސިކުނޑީގެ ހަރަކާތްތައް އެއްވަގުތެއްގައި އާދަޔާ ޚިލާފަށް ގިނަވުމުން އެމީހައަކީ މާވިސްނުންތޫނު މީހެއް ކަމަށް ގަބޫލް ކުރާ މީހުން ވެސް މަދެއް ނޫނެވެ. އެހެންނަމަވެސް، އެއްފަހަރާ ގިނަމަސައްކަތްތައް ކުރުމަކީ ސިކުނޑިއަށް އެންމެ ފައިދާ ހުރިގޮތެއް ނޫނެވެ. މިކަމުގެ ސަބަބުން ސިކުނޑީގެ ނާރުތަކުގެ މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑުވެއެވެ. މިގޮތުން، އާދައިގެ ހިޔާލްތައް ގެންގުޅޭ މީހުންނާއި އަޅާބަލާއިރު، އުފެއްދުންތެރި ހިޔާލުތައް ގެންގުޅޭ މީހުންގެ ސިކުނޑީގެ "ވޭވްސް" ތައް މަޑުމައިތިރި ވެފައި ސިކުނޑީގައި މަސައްކަތްތައް މަދުކަން ފާހަގަ ކޮށްލެވެއެވެ. 

ސިކުނޑީގައި ހިނގާ އާދަޔާ ހިލާފު އަނެއް ކަމަކީ އަހަރެމެންނަށް ފެންނަ ހުވަފެންތަކެވެ. ހައިރާން ވާޖެހޭ ކަމަކީ އިންސާނާ ނިދާފަ އޮންނަ ގަޑީގައި ހަށިގަނޑުގެ ހަރަކާތްތައް ހުއްޓިފައިވިނަމަވެސް ސިކުނޑީގެ މަސައްކަތްތަކަށް އެއްވެސް ތަފާތެއް ނައަންނަކަމެވެ. މިގޮތުން ހުވަފެންތައް ފެންނަ ގަޑީގައި ސިކުނޑީގެ ހިއްސުތައް ކޮންޓްރޯލްކުރާ ބައި ވަރަށް ބޮޑަށް މަސައްކަތް ކުރެއެވެ. ދިރާސާކުރާ ފަަރާތްތަކުން ގަބޫލް ކުރާގޮތުގައި، ހުވަފެން ފެންނަ ވަގުތަކީ ސިކުނޑިއަށް ދުވާލު ޖަމާވެފައި ހުންނަ މައުލޫމާތުތައް "އޮފްލައިން" މޯޑްގައި "ފައިލް ކޮށް" އެމައުލޫމާތުތައް ތަރުތީބު ކުރާ މުހިންމު ވަގުތުކޮޅެކެވެ. 
އިންސާނާގެ ސިކުނޑިއާ ބެހޭ ކަންތައްތަކުގެ ތެރެއިން އެންމެ ނޭނގުމެއްގައިވާ އަދި އެންމެ ހައިރާން ކުރުވާ އެއްކަމަކީ، "ކޮންޝަސްނެސް" އެވެ. ނުވަތަ އަހަރުމެންގެ އަމިއްލަވަންތަކަމާއި، އަހަރުމެންގެ އަމިއްލަ ނަފުސަށް ހޭލުންތެރިވުމާއި، އަމިއްލަ ނަފްސް އެނގިގަތުމުގެ ބާރެވެ. މިސިފައަކީ ސައިންސްވެރިންގެ އިތުރުން ފިލޯސަފަރުންވެސް އެންމެ ހައިރާން ކުރުވާ އެއްސިފައެއެވެ. ސިކުނޑީގެ ދިރާސާކުރާ ފަރާތްތަކުން ދާދި ފަހުން ވަނީ "ކޮންޝަސްނެސް" އާއި ގުޅިފައިވާ ސިކުނޑީގެ ހިސާބު ހޯދާފައެވެ. އެހެންނަމަވެސް، އަހަރުމެންގެ ކޮންޓްރޯލްގައިވާ އަދި އަހަރުމެންގެ ކޮންޓްރޯލުން ބޭރުގައިވާ ސިކުނޑީގެ މަސައްކަތްތައް ސައިންވެރިންނަށް ހޯދުނު ކަމުގައި ވީނަމަވެސް، އަމިއްލަވަންތަކަމާއި، އަހަރުމެންގެ އަމިއްލަ ނަފުސަށް ހޭލުންތެރިވުމާއި، އަމިއްލަ ނަފްސް އެނގިގަތުމުގެ ބާރު ސިކުޑިއަށް ލިބެނީ ކިހިނެއް ކަމާމެދު ކުރެވޭ ސުވާލުތަކަށް ވަނީ ޖަވާބު ނުލިބިފައެވެ.

މިހާހިސާބުން އުފެދިދާނެ ސުވާލަކީ އަހަރުމެންނަށް މަސްނޫއީ ސިކުނޑިއެއް އުފެއްދިދާނެ ބާއެވެ؟ ނުވަތަ އިންސާނުންގެ ސިކުޑިއާ އެއްފެންވަރަށް މަސަކަތް ކުރެވޭ ފެންވަރުގެ ކޮމްޕިއުޓަރެއް އަހަރުމެންނަށް ތައްޔާރު ކުރެވިދާނެ ބާއެވެ؟ މިކަމާ ގުޅޭ ތަފާތު ދިރާސާތައް މިހާރުވެސް ސައިންސްވެރިން ދަނީ ކުރަމުންނެވެ. މިގޮތުން، ދިރިހުރި ސެލްތަކެއް ބޭނުން ކޮށްގެން ކަރަންޓްގެ އެހީގައި، ދަސްކުރުމުގެ ގާބިލްކަން އެއަށް ހޯދައި ދެވޭތޯ ސައިންސްވެރިން މަސައްކަތް އެބަ ކުރެއެވެ. އެހެންނަމަވެސް، މަސްނޫއީ ސިކުނޑިއެއް އުފެއްދިދާނެތޯ ކުރެވޭ ސުވާލާ މެދު ބުނެވޭނީ، އިންސާނާގެ ސިކުނޑިއާ ގާތްކުރާ ވަރުގެ މަސްނޫއީ އާލާތެއް އުފެއްދުމަކީ ވަރަށް ވެސް ނާދިރު ކަމެއް ކަމަށެވެ.

10 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait