ޕްރޮފެސަރު އުގެއިލްގެ ކޮލަމް

ސައިންސްގެ އަލީގައި ކުލަ

ޕްރޮފެސާ ހަސަން އުގެއިލް
14 ޖޫން 2012 09:41 9 ކޮމެންޓު

ލޮލަށް ފެންނަ ކުލަތައް އަހަރެމެންގެ ދިރިއުޅުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެ އެވެ. ކުލަތަކުން އަހަރެމެންގެ ވިސްނުމުގެ އިތުރުން ކުރާ ކަންތައްތައް ވެސް ބަދަލުކުރުވަ އެވެ. ބައެއް ކުލަތަކުން އަހަރެމެންގެ ލޮލަށް ފިނިކަން ގެނެސްދޭއިރު، އަނެއް ބައި ކުލަތަކުން އަހަރެމެންގެ މޫޑަށް ބަދަލުތަކެއް ގެނުވައި ކާހިތް ވެސް ކަނޑުވާލަ އެވެ! މީހުންނާއި މުއާމަލާތްކޮށް މެސެޖްތައް ދިނުމުގައި ވެސް ކުލަތައް ވަރަށް މުހިންމު ދައުރެއް އަދާކުރެ އެވެ. ޓްރެފިކް ލައިޓަކީ މީގެ އެއް މިސާލެވެ. މިސާލަކަށް ޓްރެފިކް ލައިޓްގެ ކުލަ ރަތަށް ބަދަލުވުމުން، އޭގެ މާނައަކީ ހުއްޓޭށެވެ. އަދި ފެހި ކުލަ އަކީ ކުރިއަށް ދިޔުމަށް އަންގާ ކުލައެކެވެ. މީގެ އިތުރުން ވެސް، އަލަށް އުފައްދާ އެއްޗެއް ނުވަތަ ވެބްސައިޓެއް، ނުވަތަ ލޯގޯއެއްގައި އެކުލެވޭ ކުލައަކުން އެއެއްޗަކަށް މީހުން ދޭ ސަމާލުކަން އިތުރުވެ ނުވަތަ ކުޑަވެގެން ދެ އެވެ.

އަހަރުމެންގެ ލޮލަށް ފެންނަ ކުލަތަކާ ބެހޭ ގޮތުން ވާހަކަދައްކާއިރު ދުވާލުގެ އަލި ނުވަތަ 'ވައިޓް ލައިޓް' އާއި ކުލަތަކާ ވަރަށް ބޮޑު ގުޅުމެއް ވާކަން ފާހަގަކޮށްލަން ޖެހެ އެވެ. މިގޮތުން ދުވާލުގެ އަލި ނުވަތަ ވައިޓް ލައިޓްގައި އެކުލެވެނީ ހަތް ކުލަ ކަމަށް 1665 ވަނަ އަހަރު ސާރ އައިސަކް ނިއުޓަން ވަނީ ހޯއްދަވާފަ އެވެ. މިގޮތުން އެއްޗެތީގެ ހުންނަ ކުލަތަކަކީ އަލި އެއެއްޗަކަށް އެޅުމުން ރިފްލެކްޓް ވެގެން އަންނަ ކުލަތަކެއް ކަން ސައިންސްވެރިން ވަނީ ސާބިތު ކޮށްދީފަ އެވެ. މިސާލަކަށް ގަހެއްގެ ފަތްތަކުގައި ފެހި ކުލަ ހުންނަނީ އަވީގައި ހިމެނޭ ކުލަތަކުގެ ތެރެއިން ފެހި ކުލަ ފިޔަވައި އެހެން ހުރިހާ ކުލަތަކެއް ފަތުގެ ތެރެއަށް ދަމައިގަތުމުން ނުވަތަ އެބްޒޯބް ކުރުމުންނެވެ. އެހެންކަމުން އަހަރެމެންނަށް ފަތުގެ ކުލަ ފެންނަނީ ފެހި ކުލައިގަ އެވެ.

އަހަރުމެންގެ ލޮލަށް ފެންނަ ކުލަތަކަކީ އޭގެ ސަބަބުން އަހަރުމެންނަށް ތަފާތު އިޙްސާސްތައް ކުރުވައިދޭ އެއްޗެކެވެ. މިގޮތުން ތަފާތު ދެތިން ކުލައަކަށް ބަލަމާ ހިނގާށެވެ.

ނޫ ކުލަ: ނޫ ކުލަ އަކީ ދުނިޔޭގެ އެންމެ ގިނަ މީހުންނަށް އެންމެ ރީތި ކުލަ އެވެ. މިއީ މަނޑުމައިތިރިކަމާ ގުޅިފައިވާ ކުލައެކެވެ. ދުނިޔޭގެ އެންމެ ބޮޑު ބައެއް ވަނީ ނޫ ކުލައިގަ އެވެ. މިގޮތުން ކަނޑުތަކާއި އުޑު ވެސް އަހަރެމެންނަށް ފެންނަނީ ނޫ ކުލައިގަ އެވެ. ނޫ ކުލަ އަކީ އިތުބާރާއި ވަފާތެރިކަމުގެ ކުލައެކެވެ. ނޫ ކުލަ ހުރި ތަނެއްގައި މަސައްކަތްކުރާއިރު، މީހުންގެ އުފެއްދުންތެރިކަން އިތުރުވެ، މީހާ މަޑުމައިތިރިވެ އެވެ. އަދި ކުރަން ބޭނުންވާ މަސައްކަތަށް މީހާގެ ވިސްނުން ފަސޭހަކަމާ އެކު ފޯކަސް ކުރެވެ އެވެ. ބައެއް ހޯދުންތަކުން ދައްކާ ގޮތުން ބޮޑީ ބިލްޑް ކުރާ މީހުންނަށް ނޫ ކުލަ ހުރި ތަނެއްގައި އާދަޔާ ޚިލާފަށް ބޮޑު ބަރުތައް އުފުލެ އެވެ.

ނޫ ކަލަ ގުޅިފައިވަނީ މަޑުމައިތިރިކަމާއޭ ސައިންސްވެރިން ބުނޭ

ފެހި ކުލަ: މިއީ ހެދިބޮޑުވުމާއި، އަހަރެމެންގެ ވަށައިގެންވާ މާހައުލުގައިވާ ކުލަ އެވެ. މިއީ އެކަކު އަނެކަކަށް އެހީތެރިވުމާއި، ސުލްހަ އާއި މަސަލަސްކަމާ ގުޅިފައިވާ ކުލައެކެވެ.

ރީނދޫ ކުލަ: ރީނދޫ ކުލަ އަކީ އިރުގެ ކުލަ އެވެ. މިކުލަ ވަނީ އުފާވެރިކަމާ ގުޅިފަ އެވެ. ރީނދޫ ކުލަ ހުރި ތަނެއްގައި ހުރި މީހަކަށް އިހްސާސްކުރެވޭނީ އުފާވެރިކަމެވެ. ސަބަބަކީ ރީނދޫ ކުލަ ހުރި ތަނެއްގައި ހުރުމުން ސިކުނޑީގައި އުފާވެރިކަން އިހްސާސް ކުރުވައިދޭ ކެމިކަލްތައް އިތުރުވާތީ އެވެ. އެހެންނަމަވެސް، ރީނދޫ ކުލަ މާ ބޮޑަށް ގަދަވުމުން އަލިފާނުގެ ކުލައަށް ބަދަލުވެގެންދެ އެވެ. ހޯދުންތަކުން ދައްކާ ގޮތުގައި ގަދަ ރީނދޫ ކުލަ ހުރި ތަނެއްގައި ކުޑަކުދިން ބޭތިއްބުމުން އެކުދިން ރުއިމާއި ރުޅިގަދަވުމުގެ ފުރުސަތު އެހެން ކުލަތަކާ އަޅާބަލާއިރު އިތުރުވެ އެވެ.

ވިޔަފާރީގެ ބާޒާރުގައި މާކެޓް ކުރެވޭ ޕްރޮޑަކްޓްތައް މީހުން ބަލައިގަތުމުގައި ވެސް އޭގައި ހުންނަ ކުލަތައް ވަރަށް މުހިންމު ދައުރެއް އަދާކުރެ އެވެ. ދިރާސާކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި މީހަކު އެއްޗަކާއި ނުވަތަ ތަނަކާ މެދު ދެކޭ ގޮތް ފުރަމަތަ ނަޒަރުގެ ނުވަދިހަ ސިކުންތުގެ ތެރޭގައި ނިންމަ އެވެ. މިނިންމުމުގެ ގާތްގަނޑަކަށް ފަސްދޮޅަސް އިންސައްތަ ހިމެނިފައިވަނީ އެއެއްޗެއްގައި ހުންނަ ކުލައަށެވެ. މާކެޓްތައް ދިރާސާކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި ކުލައާ މީހުން އެއްޗިހި ގަންނަ ގޮތާ ވެސް ވަރަށް ބޮޑު ގުޅުމެއްވެ އެވެ. މިގޮތުން އެއްޗެއް ފެންނަ އިރަށް އެރީތިވެގެން ނުވަތަ ކަމުގޮސްގެން ގަންނަ ފަރާތްތަކަށް އެންމެ ބޮޑަށް ކަމުދަނީ ރަތާއި އޮރެންޖަށް ދާ ކުލަތައް، ކަޅު އަދި ރޯޔަލް ބްލޫ އިން ހުންނަ ތަކެއްޗެވެ. އެއާ ހިލާފަށް ބަޖެޓަށް ބަލައިގެން އެއްޗެތި ގަންނަ މީހުންނަށް ކަމުދަނީ ފިޔާތޮށި، ޓީލް، މަޑު ނޫ، އަދި ނޭވީ ކުލަތަކުގެ އެއްޗިއްސެވެ.

ފާހަގަކުރެވިފައިވާނެ ފަދައިން ކުޑަކުދިންގެ ކުޅޭއެއްޗިއްސާއި، ކުޑަކުދިންނާ ބެހޭ ވަރަށް ގިނަ ތަކެތި ހުންނަނީ ގަދަ ކުލަތަކެއްގަ އެވެ. މިސާލަކަށް ރަތް، ފެހި، ނޫ، އަދި ރީނދޫ ކުލައިގަ އެވެ. ސަބަބަކީ ކުޑަކުދިން މިފަދަ ކުލަތަކަށް މާ ގަޔާވުމެވެ. އެހެންނަމަވެސް، ކުންފުންޏަކުން، ކުޑަކުދިންނާ ގުޅޭ ފޮތްތަކާއި، އެހެނިހެން ތަކެތި އުފައްދާއިރު، އެކުދިންގެ ބެލެނިވެރިން ވެސް އެއެއްޗަކަށް ގަޔާވާ ފަދަ ކުލަތަކެއް ހިމަނައިގެން އުފައްދަ އެވެ. މިފަދަ ހާލަތްތަކުގައި އެކުންފުނީގެ އުފެއްދުންތަކުގައި ނޫ ކުލަ (އިތުބާރާއި ޔަގީންކަމުގެ ކުލަ)، ފިޔާތޮށި ކުލަ (އަޅާލުމާއި، ހިމާޔަތްދިނުމުގެ ކުލަ)، އަދި ރީނދޫ (އުފަލާއި، މަޖަލުގެ ކުލަ) ހިމަނައިގެން އެއްޗެތި އުފައްދަ އެވެ.

ކުލަތަކާއި މީހާގެ މޫޑަށް އަންނަ ބަދަލުތަކާ ވެސް ވަރަށް ބޮޑު ގުޅުމެއް ވާކަން ސައިންސްވެރިން ވަނީ ހޯދާފަ އެވެ. މިގޮތުން ރަތް ކުލަ މީހެއްގެ މޫނަށް އެޅުމުން މީހާގެ، ހިތްއަވަސްވެ، ނޭވާލުން ވެސް އަވަސްވެ އެސްފިޔަޖަހާ މިންވަރު ވެސް އަވަސްވެ އެވެ. އަދި ލޭގެ ޕްރެޝަރު ވެސް މައްޗަށް ޖެހިލަ އެވެ. އެއާ ހިލާފަށް ނޫ ކުލަ އެޅުމުން މީހާގެ ލޭގެ ޕްރެޝަރު ހަމައަކަށް އެޅި ނޭވާލުމާއި އެސްފިޔަޖަހާ މިންވަރު ވެސް ހަމައަކަށް އެޅެ އެވެ. އެހެންކަމުން، ރަތާއި، އޮރެންޖް، އަދި ރީނދޫ ފަދަ "ހޫނު" ކުލަތަކުން އަހަރެމެންގެ ހަށިގަނޑު "ހޫނު" ކޮށްދޭއިރު، ނޫ ކުލަ އާއި ފެހި ކުލަ އަދި ހުދު ކުލަ ފަދަ "ފިނި" ކުލަތަކުން އަހަރެމެން ހަމައަކަށް އަޅުވައިދެ އެވެ.

ކުލަ އާއި ކާހިތްވުމާ ވެސް ވަރަށް ބޮޑު ގުޅުމެއްވެ އެވެ. މިގޮތުން ނޫ ކުލައަކީ ކާހިތް ކަނޑުވައިދޭ ކުލައެކެވެ. ގުދުރަތުން ލައްވާފައިވާ ކާއެއްޗެތީގެ ތެރޭގައި ވެސް ނޫ ކުލައިގެ ކާއެއްޗެތި ހިމެނެނީ ވަރަށް ވެސް މަދުންނެވެ. ނޫ ކުލައިގެ މޭވާ އަދި ނޫ ކުލައިގެ ތަރުކާރީ ވަރަށް ވެސް މަދުވާނެ އެވެ. އެހެންކަމުން ނޫ ކުލައިގައި ހުންނަ ކާއެއްޗިއްސަށް މީހުން އެހާ ގަޔައެއްނުވެ އެވެ. ބަރުދަން ލުއި ކުރުމަށް މަސައްކަތް ކުރާއިރު، ނޫ ކުލައިގެ ތަށްޓަކަށް ކާއެއްޗެތި އަޅައިގެން ކެއުމަށް އަދި ކާ ތަނުގައި ނޫ ކުލައިގެ އައްޔެއް ބޭނުން ކުރުމަށް ތަޖްރިބާކާރުން ލަފާ ދެއްވަނީ ވެސް މިސަބަބާ ހުރެ އެވެ.

ކުލަތައް އަހަރެމެންގެ ސިކުނޑިއާ ކުޅެލާކަމުގެ އަނެއް މިސާލަކީ ކުލަ އާއި އަހަރުމެންނަށް ވަގުތު އިޙްސާސް ކުރުމުގައި ވެސް ވާ ގުޅުމެވެ. ފަހުގެ ހޯދުމަކުން ދައްކާ ގޮތުގައި އިންސާނާގެ ސިކުނޑީގައި އެއް މިނަޓުގެ ވަގުތަކީ އަންހެނުންނަށް ވުރެ ފިރިހެނުންނަށް ގާތްގަނޑަކަށް އެގާރަ ސިކުންތު ދިގު މިންވަރެކެވެ. އެހެންނަމަވެސް ރަތް ކުލަ ހުރި ތަނެއްގައި ހުރުމުން ނޫ ކުލަައާ އަޅާބަލާއިރު، ދެ ޖިންސުގެ މީހުންގެ ސިކުނޑި އަށް ވެސް ވަގުތު ދިގުވާކަން ފާހަގަކުރެވެ އެވެ.

ކޮންމެއަކަސް ކުލަތަކާއި އަހަރެމެންނާ ދެމެދު ވަރަށް ހާއްސަ ގުޅުމެއް ވެ އެވެ. ކުލަ އަކީ އޭގައި އާދަޔާ ޚިލާފު ބާރުތަކެއް އެކުލެވޭ އެއިން އިންސާނާގެ ސިކުނޑިއާ ތަފާތު ގޮތްގޮތަށް ކުޅެލާ އެއްޗެއްކަން ކަށަވަރެވެ.

9 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait