ބޮލުގެ ރިއްސާފައި ހުރި މީހަކަށް ޕެނަޑޯލް ގުޅައެއް ދިނުމުގެ ބަދަލުގައި ވަރަށް މޮޅު ބޭހެއް ކަމަށް ބުނެ އާދައިގެ ފެން ތައްޓެއް އޭނާ އަށް ދިނުމުން އެ ރިހުން ރަނގަޅު ވެދާނެ ކަމަށް ގަބޫލުކުރެވޭ ހެއްޔެވެ؟ ފެން ތަށި ބަލި މީހާއަށް ދިނީ އޭނައަށް އިތުބާރުކުރެވޭ މޮޅު ޑޮކްޓަރެއް ނަމަ ބަލިމީހާ އެބަލައިގަންނާނީ ރަނގަޅު ނިޔަތުގަ އެވެ. އެހެންކަމުން އޭނާ އެފެން ތަށި ބޯނީ އޭނާގެ ބޮލުގެ ރިހުން މަޑުވާނެ ކަމުގެ ފޮނި އުންމީދާ އެކުގަ އެވެ. މިގޮތަށް ކަންތައް ދިމާވުމުން ފެން ތަށި ދިރުވާލުމަށް ފަހު އޭނާގެ ބޮލުގެ ރިހުން ރަނގަޅު ވުމަކީ އެކަށީގެންވާ ކަމެކެވެ.
މިގޮތަށް ކަންތައް މެދުވެރިވާން ދިމާވުމުން ސައިންސުވެރިން އެއަށް ކިޔާ އުޅެނީ ޕްލެސީބޯ އިފެކްޓެވެ. ޕްލެސީބޯ އިފެކްޓަކީ އެއްޗެއް ބޭނުންކުރުމަށް ފަހު (މިސާލަކަށް ބޭހެއް ބޭނުން ކުރުމުން) އެއިން ބައްޔެއް ފަސޭހަވެދާނެ ކަމަށް ބަލިމީހާ ގަބޫލް ކުރުމުން އެބޭހުގެ ރަނގަޅު އަސަރު ކުރުމެވެ. މިސާލަކަށް ތަދު ކެޑުވުމަށް ޚާއްސަ ކުރެވިފައިވާ ބޭހެއްގެ ބަދަލުގައި ވަރަށް އާދައިގެ ބޭހެއް ބޭނުންކުރުމަށް ފަހު އެބޭހުގެ ސަބަބުން ބަލި ރަނގަޅު ވާނެ ކަމަށް ބަލިމީހާ އަށް ގަބޫލުކުރެވޭ ނަމަ، ގިނަ ފަހަރު އެބޭހުގެ އަސަރު ރަނގަޅު ގޮތުގައިކުރެ އެވެ. ބޭހުގެ އިތުރުން ވެސް ތަދު ކެނޑުވުމަށްޓަކައި ކުރެވޭ މަސާޖްތަކާއި، ލޭޒާ ބޭނުންކޮށްގެން ދެވޭ ފަރުވާތަކުގައި ޕްލެސީބޯގެ ބޭނުންކުރެ އެވެ.
ޕްލެސީބޯ އިފެކްޓަކީ އަހަރެމެންގެ ސިކުނޑިއަށް ގަބޫލުކުރެވޭ ގަބޫލްކުރުންތަކުގެ ސަބަބުން ހަށިގަނޑަށް ކުރާ ރަނގަޅު ނުވަތަ ނުރަނގަޅު އަސަރުތަކެވެ. ބޭހެއްގެ އަސަރު ހަށިގަނޑަށް ކުރާނެ ކަމަށް ގަބޫލުކުރުމުން، ނުވަތަ ނުކުރުމުން ހަށިގަނޑުގެ ދިފާއީ ނިޒާމަށް ވެސް އޭގެ އަސަރުތައ ްވެސް ކުރުވަ އެވެ. މިސާލަކަށް، އާދައިގެ ބޭސް ގުޅައަކުން ހަށިގަނޑުގައި ހުންނަ ތަދެއް ފިލައިގެން ދާނެ ކަމަށް ގަބޫލްކުރުމުން، ތަދު ކެނޑުވުމަށްޓަކައި، ހަށިގަނޑުން ކެމިކަލް މާއްދާތައް އުފައްދަ އެވެ. ހޯދުންތަކުން ދައްކާ ގޮތުގައި މިފަދަ ގަބޫލްކުރުންތަކުގެ ސަބަބުން، ބައްޔެއް ވުމުން ހަށިގަނޑުގެ ދިފާއީ ނިޒާމުން ހަށިގަނޑަށް ގެންނަ ބަދަލުތައް ކަމަށްވާ ލޭގެ ޕްރެޝަރަށް އަންނަ ބަދަލުތަކާއި، ހިތުގެ ވިންދަށް އަންނަ ބަދަލުތަކާ ގުޅޭ ކެމިކަލްތައް ހަށިގަނޑުން އުފައްދަން ފަށަ އެވެ. މީގެ ސަބަބުން ސިކުނޑި އާއި ނާރުގެ ބަލިތަކާއި، ކަށިފީވުމާއި ލޭ ހޮޅިތައް ބެދުން ފަދަ ބޮޑެތި ބަލިތަކަށް ވެސް ފަސޭހަވެގެންދާ ކަމަށް ހޯދުންތަކުން ދައްކަ އެވެ.
ޕްލެސީބޯއާ ގުޅޭ ގޮތުން ކުރި ދިރާސާތަކުން އާދަޔާ ޚިލާފު ކަންތައްތައް ފާހަގަކުރެވިފައި އެބަ ހުއްޓެވެ. މިގޮތުން ކުރީގައި ވެސް ފާހަގަކުރި ފަދައިން ވަރަށް އާދައިގެ ބޭސް ގުޅައެއް ބޭނުންކުރުމަށް ފަހު އެއީ ތަދު ކެނޑުވުމަށް ޚާއްސަ ބޭހެއް ކަމަށް ބުނުމުން، އޭގެ އަސަރު އެސްޕިރިން ފަދަ ތަދު ކެޑުވުމަށް ޚާއްސަ ކުރެވިފައިވާ ބޭސް ބޭނުން ކުރުމުން ހަށިގަނޑަށް ލިބޭ ލުއިކަމާ ދާދި އެއްވަރަށް ހަށިގަނޑަށް ލުއިކަން ލިބިގެންދެ އެވެ. އަދި "ޕްލެސީބޯ" ބޭސްގުޅައިގެ ސައިޒު ބޮޑުވި ވަރަކަށް ޕްލެސީބޯގެ އަސަރު ހަށިގަނޑަށް ކުރާވަރު ވެސް ބޮޑުވެގެންދެ އެވެ. ހަމަ އެހެންމެ، ބޭސް ގުޅައަކަށް ވުރެ ބޮޑަށް، ސިރިންޖަކުން ހަށިގަނޑުގެ ތެރެއަށް ދެވޭ ބޭހުގެ (އެއީ އާދައިގެ ފެން ނުވަތަ ލޮނު ކަމުގައި ވިނަމަވެސް) އަސަރު މާ ބޮޑުވެ އެވެ. އެކި ކުލަތަކުން ހަދާފައިވާ ބޭހަށް ވުރެ ނޫ ކުލައިގެ "ޕްލެސީބޯ" ބޭހުގެ އަސަރު އަދި މާ ބޮޑެވެ.
ޕްލެސީބޯގެ ބޭނުން ކުރެވެނީ ހަމައެކަނި ސިއްހީ ދާއިރާގައެއް ނޫނެވެ. ކުޅިވަރުގެ ދާއިރާގައި ވެސް ޕްލެސީބޯގެ ބޭނުން ކުރެވެ އެވެ. ހޯދުންތަކުން ދައްކާ ގޮތުގައި ކުޅުންތެރިންނަށް އާދައިގެ ކޮފީ ދިނުމަށް ފަހު، އެއީ ހަކަތަ އިތުރުކުރުމަށް ދެވޭ އެއްޗެއް ކަމަށް ބުނުމުން ކުޅުންތެރިންގެ ބުންވަރު އިތުރުވެގެން ދެ އެވެ.
ކޮންމެއަކަސް، އެއްޗެއް ބޭނުން ކުރުމަށް ފަހު އެއިން ރަނގަޅު އަސަރު ކުރާނެ ކަމަށް ގަބޫލްކުރުމުން، ހަށިގަނޑަށް ހެޔޮ ބަދަލުތައް އަންނައިރު، އެއިން ނުބައި އަސަރެއް ކޮށްފާނެ ކަމަށް ގަބޫލްކުރުމުން އޭގެ ސަބަބުން ނުރަނގަޅު އަސަރުތަކެއް ވެސް ކުރެ އެވެ. ހޯދުންތަކުން ދައްކާ ގޮތުގައި، ވަރަށް އާދައިގެ ބޭހެއް ނުވަތަ އާދައިގެ ފެން ތައްޓެއް ދިނުމަށް ފަހު، ބަލިމީހާ ގާތުގައި އެއިން ނުރަނގަޅު އަސަރުތަކެއް ހަށިގަނޑަށް ކޮށްފާނެ ކަމަށް ބުނުމުން، އޭނާގެ ބޮލުގައި ރިއްސުމާއި، ވަރުބަލިވުން ފަދަ މައްސަލަތައް ދިމާވެ ބަލިމީހާގެ ބަލި އިތުރަށް ގޯސްވެ އެވެ. އެހެންނަމަވެސް، އެބޭހުން އެފަދަ އަސަރުތަކެއް ހަށިގަނޑަކަށް ނުކުރެ އެވެ.
މިކަމުން ދޭހަވަނީ އަހަރެމެންގެ ވިސްނުން ހުންނަ ގޮތާއި ހަށިގަނޑާ ދެމެދު ވަރަށް ބޮޑު ގުޅުމެއް ވާކަމެވެ. އެހެންކަމުން، އެމީހަކު ގަބޫލްކުރާ ކުރުންތަކަށް ބިނާކޮށް ޕްލެސީބޯގެ އަސަރު ރަނގަޅު ގޮތުގައި ނުވަތަ ނުރަނގަޅު ގޮތުގައި އިންސާނުންނަށް ކުރެ އެވެ. އެއީ ބޭސްވެރިކަމުގެ ދާއިރާ ނުވަތަ ކުޅިވަރުގެ ދާއިރާ ކަމުގައި ވީ ނަމެވެސް މެއެވެ. މިސާލަކަށް ބޭހުގެ ސަބަބުން ހަށިގަނޑަށް ކުރާ އަސަރުތައް ބިނާވެގެންވަނީ ބޭހާ މެދު ދެކޭ ގޮތުގެ މައްޗަށެވެ.
ޕްލެސީބޯގެ މައްޗަށް ބިނާކޮށް، ފެން ފަދަ އާދައިގެ ތަކެތި ބޭސްވެރިކަމުގެ ދާއިރާގައި ބޭނުންކުރުމާ މެދު މިދާއިރާގެ އިލްމުވެރިންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފަ އެވެ. ބައެއް އިލްމުވެރިން ދެކޭ ގޮތުގައި މިއީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އަނެއް ބައި މީހުން ދެކޭ ގޮތުގައި ތަދު ކެނޑުވުން ފަދަ ކަންތައްތަކުގައި ޕްލެސީބޯގެ ބޭނުން ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. މިސާލަކަށް ފެން ތައްޓެއް ބުއިމުން ބޮލުގެ ރިހުން ރަނގަޅު ވާނެ ކަމަށް ބަލިމީހާ ގާތުގައި ބުނުމެވެ.
އަހަރެމެންގެ ތެރޭގައ ިވެސް، ބަލި ބަލީގެ ޝިފާއެއްގެ ގޮތުގައި އަހަރެމެން ހަދާ ފަންޑިތަ އަކީ ވެސް ޕްލެސީބޯގެ ބޭނުންކުރެވޭ ހާލަތެއް ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. މިސާލަކަށް ބޭހުގެ ބަދަލުގައި މަތުރާފައި ހުންނަ ފެން ތައްޓެއް ދިނުމުން ބައެއް ފަހަރަށް ހަށިގަނޑަށް ލުއިކަން ލިބެ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
10 comments