ހިސާބު އިލްމަކީ ނަމްބަރުތަކެއްގެ ޒަރިއްޔާއިން އަހަރުމެންގެ ވަށައިގެންވާ ހަލަބޮލި ދުނިޔެ ސިފަކޮށްދޭ އެއްޗެކެވެ. ގުދުރަތުން ލައްވާފައިވާ ވަރަށް ގިނަ ތަކެއްޗާއި ހިސާބުގެ އަދަދުތަކާ ގުޅުން ހުރި ކަމަށް ބުނެފި ނަމަ، އެއީ ވަރަށް ގިނަ ބަޔަކު ހައިރާން ވެގެންދާނެ ކަމަކަށް ވެދާނެ އެވެ.
ހިސާބު އަދަދުތައް ވަކި ގޮތަކަށް އަތުރާލެވޭ އެއް ނިޒާމަށް ހިސާބު ޢިލްމުވެރިން ކިޔަނީ ފިބޮނާޗީ ސީކުއެންސް އެވެ. ގުދުރަތުން ލައްވާފައިވާ ވަރަށް ގިނަ ތަކެތި އުފެދިފައިވަނީ އެއެއްޗެއްގައި ހިމެނޭ ބައިތަކުގެ އަދަދުތައް ގުނާލުމުން، ފިބޮނާޗީ ސީކުއެންސްގެ އަދަދުތައް ހިމެނިގެންދާ ގޮތަށެވެ. މިސާލަކަށް ގަހެއްގައި ފަތްތައް އެތުރިފައިވާ ގޮތާއި، އަލަނާސީގެ ބޭރު ތޮށިގަނޑުގެ ޑިޒައިން އެތުރިފައިވަނީ ވެސް ފިބޮނާޗީގެ އަދަދުތަކަށް ފެތޭ ގޮތަށެވެ. ގުދުރަތުން އުފެދިފައިވާ ވަރަށް ގިނަ އެއްޗެތި އުފެދިފައިވަނީ މި ނިޒާމަށް ފެތޭ ގޮތަށެވެ. އެއީ އެންމެ ކުދި ސެލްތަކުން ފަށައިގެން ހަނޑޫ ފުށްތައް އޭގެ ކުރާގައި ރޭވިފައިވާ މިންވަރާއި، އަދި އިންސާނުންގެ ހަށިގަނޑުގެ ބައިތައް ވެސް އުފެދިފައިވަނީ މިނިޒާމަށް ފެތޭ ގޮތަށެވެ.
ފިބޮނާޗީ ސީކުއެންސްގައި ނަމްބަރުތައް އެތުރިފައިވާ ގޮތަށް ބަލާލަމާ ހިނގާށެވެ. މި ސީކުއެންސްގައި ކޮންމެ އަދަދަކީ އެ އަދަދެއްގެ ކުރިއަށް އަންނަ ދެ އަދަދު އެއްކޮށްލުމުން ލިބޭ ނަތީޖާ އެވެ. މިސާލަކަށް ސުމަކުން ފަށައިގެން ފިބޮނާޗީ ސީކުއެންސް ފަށާއިރު، ސުމަކާ ޖެހިގެން ދެން އޮންނަނީ 1 ކަމުން، އެކަކާއި ސުމެއް އެއްކޮށްލުމުން އަންނަ ނަތީޖާއަކީ ހަމަ 1 އެވެ. އެހެންކަމުން ސީކުއެންސްގެ ފުރަތަމަ އަދަދަކީ 1 އެވެ. ހަމަ މިގޮތަށް، 1 އާއި 1 އެއްކޮށްލުމުން ދެން ނިކުންނަ ނަތީޖާއަކީ 2 އެވެ. އަދި 2 ގެ ފަހަތަށް އަންނަ ނަމްބަރު ހޯދުމަށް 1 އާއި 2 އެއްކޮށްލުމުން ނަތީޖާއަކަށް އަންނާނީ 3 އެވެ. އަދި 3 ގެ ފަހަތަށް އަންނަ ނަމްބަރު ހޯދުމަށް 2 އާއި 3 އެއްކޮށްލުމުން ނަތީޖާއަކަށް އަންނާނީ 5 އެވެ. މިގޮތަށް ކޮންމެ ނަމްބަރެއްގެ ކުރިއަށް އަންނަ ދެ ނަމްބަރު އެއްކުރަމުން ސީކުއެންސް ފުރިހަމަ ކުރަމުން ދާނީ އެވެ. މިގޮތަށް އެއްކުރަމުން ދިޔުމުން ސީކުއެންސްގައި ނަމްބަރުތައް އެތުރިފައިވާނީ މިފަދައިންނެވެ: ... 44،233،377 55،89،1، 13،21،34، 3،5،8، 1،1،2 މިފަދައިން ނަމްބަރުތައް އެތުރިފައިވާ ގޮތަށް ކިޔަނީ ފިބޮނާޗީ ސީކުއެންސް އެވެ.
ގުދުރަތުން ލައްވާފައިވާ ވަރަށް ގިނަ އެއްޗެތީގައި މި ސީކުއެންސްގެ އަދަދުތައް ހިމެނިފައިވާ ކަމީ ވަރަށް ވެސް ހައިރާން ކުރަނިވި ކަމެކެވެ. މާމެލާމެލީގެ ފިޔަތައް އެތުރިފައިވާ މިންވަރާއި، ގަސްގަހުގެ ފަތްތައް އެތުރިފައިވާ މިންވަރާއި، މިނޫނަސް މިފަދަ އެތަކެއް އެއްޗެއްގައި މިނިޒާމް އެކުލެވިގެންވެ އެވެ. މީގެ އިތުރުން ވެސް، ބޮލިތަކުގެ ވަށައިގެންވާ ޑިޒައިންތަކާއި، ކުޅަނދުރު އާއިލާތައް އަދި މުސަޅުތައް ވިހެއުމުން ލިބޭ ކުދި މުސަޅުތަކުގެ އަދަދާ ހަމައަށް ވެސް މިނިޒާމް ހިމެނެ އެވެ. ދުނިޔޭގައި ނޫނަސް ކާއިނާތުގައިވާ ގެލެކްސީ އާއި ތަރިތައް އުފެދުމުގައި ވެސް މި ނިޒާމް ހިމެނެ އެވެ.
އަހަރެމެންގެ ވަށައިގެންވާ، އެއްޗެތީގައި މިނިޒާމް ހިމެނިގެން ވަނީ ކިހިނެތް ކަމާ މެދު ވިސްނާ ފިކުރު ކުރާ ބަޔަކު މަދުވާނެ އެވެ. މިސާލަކަށް އެއްވެސް ފިޔައެއް މަދުނުވެ ހުރި މަލެއްގެ ފިޔަތައް ގުނާލުމުން، ވަރަށް ގިނަ މާމެލާމެލީގެ ފިޔަތަކުގެ އަދަދުތަކަކީ ފިބޮނާޗީ ސީކުއެންސްގެ އަދަދުތަކުގެ ތެރެއިން އަދަދެކެވެ. އެފަދައިން ފިޔަތައް އެތުރިފައިވާ މާމެލާމެއްޔަށް ބަލާލަމާ ހިނގާށެވެ. މިސާލަކަށް: 3 ފިޔަ ހިމެނޭ ލިލީ، 5 ފިޔަ ހިމެނޭ ބަޓާކަޕް، 8 ފިޔަ ހިމެނޭ ޑެލްފީނިއަމް، 13 ފިޔަ ހިމެނޭ ކޯން މެރީގޯލްޑް، 21 ފިޔަ ހިމެނޭ އެސްޓަރ، 34 ފިޔަ ހިމެނޭ ޕްލާންޓެއިން، 55 ފިޔަ ހިމެނޭ ޑެއިޒީ ފާހަގަކޮށްލެވެ އެވެ. ހަތަރު ފިޔަ އެކުލެވޭ މަލެއް ހޯދުމަކީ އެހާ ފަސޭހަ ކަމަށް ނުވެދާނެ އެވެ. ސަބަބަކީ 4 ؛ މިއަދަދަކީ ފިބޮނާޗީ ސީކުއެންސްގެ އަދަދެއް ނޫން ކަމެވެ.
ސަންފްލާވައެއްގެ މެދުގައި އޭގެ އޮށްތައް އެތުރިފައިވަނީ ވެސް މި ސީކުއެންސްގެ އަދަދުތަކުގެ މައްޗަށް ބިނާވެގެންނެވެ. ކަނާތް ފަރާތަށާއި، ވައަތް ފަރާތަށް ދާ ގޮތަށް ވަށް ބުރުތަކެއްހެން އެތުރިފައިވާ ސަންފްލާވަގެ އޮށްތަކުގެ ލައިންތައް ގުނާލުމުން އަންނާނީ ފިބޮނާޗީ ސީކުއެންސްގެ އަދަދެކެވެ. އަދި މިއަދަދާއި، ކަނާތް ފަރާތަށް ދާ ރޮނގުތައް ނުވަތަ ވައަތް ފަރާތަށް ދާ ރޮނގުތައް ބަހާލުމުން ވެސް އަންނާނީ ހަމަ މިސީކުއެންސްގެ އަދަދުތަކުގެ ތެރެއިން އަދަދެކެވެ. އަލަނާސި، ކޯލިފްލާވަ އަދި ޕައިން ކޯންގެ ބައިތައް ވެސް އެތުރިފައިވަނީ ހަމަ މިފަދައިންނެވެ.
ބައެއް ގަސްގަހާގެހި އުފެދި ބޮޑުވަނީ ފިބޮނާޗީ ސީކުއެންސްގެ ނިޒާމުގެ ތެރެއިންނެވެ. މިސާލަކަށް ގަހުގެ މައިގަނޑުން ގޮފިގަނޑެއް ފެޅުމުން ދެން އިތުރު ގޮފިތައް އުފެދޭނެ 2 ފުރުސަތު ހުޅުވިގެންދެ އެވެ. އެއީ މައިގަނޑާއި، އަދި އަލަށް ފެޅި ގޮފިގަނޑުންނެވެ. ގަހުގެ މައިގަނޑުން އަނެއްކާވެސް އާ ގޮފިގަނޑެއް ފަޅަ އެވެ. މިފަހަރު އިތުރު ގޮފިތައް އުފެދޭނެ 3 ފުރުސަތު ހުޅުވިގެންދެ އެވެ. އެއަށް ފަހު، ގަހުގެ މައިގަނޑުންނާއި، އެންމެ ފުރަތަމަ އުފެދުނު ގޮފިގަނޑުން އާ 2 ގޮފި އިތުރުވެ އެވެ. އޭރު މުޅި އެއްކޮށް އިތުރު ގޮފިތައް އުފެދޭނެ 5 ފުރުސަތު އެވަނީ ހުޅުވިފަ އެވެ. ގަހުގެ ގޮފިތައް އިތުރުވެ ގަސް ބޮޑުވަމުން ދާނީ ފިބޮނާޗީ ސީކުއެންސްގެ ދަށުން މިފަދައިންނެވެ.
ހަމަމިގޮތަށް އަހަރެމެންގެ އަމިއްލަ ހަށިގަނޑަށް ބަލާލުމުން ވެސް މިހަގީގަތް ދޭހަވެ އެވެ. އަހަރެމެންގެ ހަށިގަނޑުގެ ވަރަށް ބޮޑު ބައެއް ފިބޮނާޗީ ސީކުއެންސްގައި ހިމެނޭ ޢަދަދުތަކަށް ފެތެ އެވެ. މިސާލަކަށް އަހަރުމެން ނަށް ދެއްވާފަައި ވަނީ 1 ނޭފަތް، 2 ލޯ، އަތާފައިގައި 3 ބަޔަށް ބެހިފައި، އަދި ކޮންމެ އަތަކާއި ފަޔަކަށް 5 އިނގިއްޔެވެ.
މިހާ ހިސާބުން އުފެދިދާނެ ސުވާލަކީ، ގުދުރަތުން އުފެދިފައިވާ ވަރަށް ގިނަ އެއްޗެތި ފިބޮނާޗީ ސީކުއެންސްއަށް ފެތެނީ ކީއްވެގެން ބާ އެވެ؟ ސައިންސްވެރިން ދަނީ މިސުވާލާ މެދު ވަރަށް ފުންކޮށް ވިސްނަމުންނެވެ. އެހެންނަމަވެސް، އެނގި ސާފުވެގެންވާ އެއް ކަމަކީ، މާތް ﷲ އުފައްދަވާ ތަކެތި އުފެއްދެވުމުގައި ވަކި ޚާއްސަ ސިއްރުތަކެއް ހިމެނިގެންވާކަމެެވެ.

10 comments