ރޯދައަށް ހަނދު ބަލަން ހަމައެކަނި އިންތިޒާކުރަނީކީ ނޫނެވެ. މާލޭގެ ކޮންމެ އަވަށަކާއި އާންމުކޮށް މީހުން އެއްވެ އުޅޭ ހިސާބުތަކުގައި، މިހާރު ބައިބަލާ ކުޅޭ ތަންތަން ހުންނަ ގޮތަށް، ފަސްގަނޑު ޖަހަން ފަށަ އެވެ. އަދި އެތަނުގެ މެދުގައި އަންބަލަން ތައްޔާރުކުރެ އެވެ. އެއީ ޕިރަމިޑެއްގެ ސިފާގައި ވެލިން އުސްކޮށް ނަގާ ބައެކެވެ. އަންބަލަން ޒީނަތްތެރިކުރަނީ ތަފާތު ވައްތަރުގެ މޭވާތަކާއި މާތަކުންނެވެ.
ކުޑަކުދިންނަށް އެއީ ވަރަށް ޚާއްސަ އެއްޗެކެވެ. މާލޭގެ މުޅި ރައްޔިތުންނަށް އެއީ މުޅި އަހަރުގެ އެންމެ އިންތިޒާރުކުރެވޭ އެއް މަސައްކަތެވެ. ކަނީރު އަބްދުއްރަހީމްގެ ރޯދައިގެ ހަނދާނުގެ ތެރެއަށް ފީނާ ގަންނަ އިރު 1950 އަދި 1960 ގެ އަހަރުތަކުގެ އެ ހަނދާން އޭނާއާ ވަތްކެއް ނުވެ އެވެ.
"ރޯދަ ހަނދު ފެނުނީމާ އަންބަލަން ބިމާހަމަކޮށްލާނެ. ދެން އެތަނުގައި އޮންނާނީ ބަނޑުމުސާރައަށް ބެއްދުން،" ކަނީރު ، ،67 ވިދާޅުވި އެވެ. "އެކަން ދެމިގެންދާނެ ރޯދަމަސް ނިމެންދެން."
ހަނދު ފެނުމުގެ ބަޑިއާ އެކު އަންބަލަން ވައްޓާލަ އެވެ. ދެން އޭގައި ހަރުކޮށްފައި ހުންނަ ކާއެއްޗެހި ބަހަ އެވެ. ކުޑަކުދިންނަށް ވެސް ދެ އެވެ.
"ކުދިން ގޮސް ތިބޭނެ އެތަން ބަލަން. އެހެން ތިބޭ އިރު އެކުދިންނަށް ވެސް ކާ އެއްޗެހި ދޭނެ. އަދި މާ ޖޯޝްގައި ހުރި ކުއްޖެއް ވިއްޔާ އަރުވާނެ ހިފަން ވެސް،" ކަނީރު ވިދާޅުވި އެވެ.
މިހާރު ކުޑައީދު ދުވަހާ ގުޅިގެން މާލޭގައި ބާއްވާ ބައިބަލާއާ ތަފާތުތަކެއް ހުއްޓަސް އަންބަލަންގައި އެދުވަސްވަރު ވެސް އޮންނަނީ ހިފުމެކެވެ. އެކަމަކު އެއީ ދެ މީހުން ހިފާހިފުމެވެ. އެކަމަށް ވަރަށް ކުޅަދާނެ މީހުން އޭރު އުޅުނެވެ. ހިފަން މަޝްހޫރު މީހުންގެ ވާދަވެރިކަމެއް އޮވެއްޖެ ނަމަ ކުޅިވަރު ބަލަން ގިނަ ބަޔަކު ދެ އެވެ.
ރޯދައިގެ އެދުވަސްވަރުގެ ދެން އޮތް އެންމެ ބޮޑު އަދި އެންމެ އުފާވެރި ހަނދާނަކީ ހަވީރު ފިންޏަށް ހިނގަން ނުކުތުމެވެ. އެކަން ކުރަނީ ކާފަ ނޫނީ ބައްޕަ އެވެ. ކަނީރުގެ ބަހުން ނަމަ އޭނާ ކަހަލަ ކުދިންނަށް އެދުވަސްވަރު މާލޭގެ މޫދު ފެންނަ ހިސާބަށް ދިއުމަކީ ވެސް އާންމު ކަމެއް ނޫނެވެ. ބާޒާރުމައްޗަށް ދެވޭނީ ވެސް ބައްޕަމެންނާ އެކު ހަމައެކަނި ރޯދަމަހު ހަވީރު ވަގުތުގައި ކަމަށްވެ އެވެ.
"އޭރު މައިންބަފައިން ނުދޭނެ މިނިވަންކަމެއް ތަންތަނަށް ގޮސް އުޅޭކަށް. މައިންބަފައިން ދައްކާ ތަނެއް ފެންނާނީ،" ކަނީރު ވިދާޅުވި އެވެ. "އެގޮތުން ރޯދަމަހު ހަވީރު ބައްޕަމެން ދާނެ އަހަރެމެން ކުޑަކުދިން ގޮވައިގެން މާލޭގެ މުހިންމު ތަންތަން ދައްކާލަން. އެއީ ވަރަށް އުފާވެރި ކަމެއް."
ދިވެހި ބަހަށް ކުޅަދާނަ ލިއުންތެރިޔާ އަދި ޅެންވެރިޔާ 1980 އާއި 1990 ގެ އަހަރުތަކުގެ ކުރީކޮޅު ފެނުނީ ރޯދަމަހު އާންމުން މުނިފޫހިފިލުވާ ދިނުމުގެ ހުނަރާ އެކުގަ އެވެ. އެގޮތުން އެއްދުވަސްވަރެއްގައި "ހަވީރު"ގެ ރޯދަމަހާ ރޯއްޖާ ސަފުހާ ތައްޔާރުކުރެއްވި އެވެ. އަދި ޓީވީއެމްގައި އެދުވަސްވަރުގެ ރޯދަމަހު ފެނުނު އެންމެ މަގުބޫލް އެއް ޕްރޮގްރާމް ކަމަށްވާ، ހިންދީ ލަވައިގެ މައްޗަށް ބިނާކުރި، "އެހާރާއި މިހާރު" ހުށަހަޅާދެއްވި އެވެ.
އޭނާގެ އެކަހަލަ ފެނިލުންތަކާއި ލިއުންތަކުގެ ހަނދާން މިހާރު ވެސް ގިނަ ބައެއްގެ ހުންނާނެ އެވެ. އެކަމަކު އުމުރުން 40 އަހަރުން ދަށުގެ މީހުންނަށް ރޯދަމަހު މާލޭގައި އަންބަލަން ހަދައި، އެކަން ކުރިއަށް ދިޔަ ގޮތް ނޭނގުން އެކަށީގެންވެ އެވެ. ކަނީރުގެ ހަނދާނަށް އެ ސަފުހާ އެ އަންނަނީ، މިހާރު ނުފެންނަ އެކަމަކު އޭރުގެ ރޯދަމަސްތަކާ އަންބަލަން ގުޅިފައި އޮތްލެއް ބޮޑުކަމުންނެވެ.

އެމްޑީޕީ ހއ. އަތޮޅު ކެމްޕެއިން
0 comment