ކޮންމެ އަހަރެއްގެ ވެސް ރޯދަމަހާ ދިމާކޮށް ކާބޯތަކެތީގެ އަގުތައް މައްޗަށް އަރައިގެންދެ އެވެ. ނަމަވެސް ރޯދަ މަހު ރެސްޓޯރެންޓްތަކަށް ގޮސް ރޯދަ ވީއްލާ ފަރާތްތަކުގެ އަދަދެއް ވަކި މަދެއް ނުވެ އެވެ.
މިއަހަރުގެ ރޯދަ މެނޫތަކަށް ބަލާއިރު މިދިޔަ އަހަރަށް ވުރެ އަގުތައް ބޮޑުކަން ފާހަގަކުރެވެ އެވެ. މިދިޔަ އަހަރު 100- 150ރ. އަށް ލިބުނު މެނޫއެއް މި އަހަރު ގިނަ ރެސްޓޯރަންޓްތަކުގައި އުޅެނީ 120ރ. އާއި 185ރ. އާ ދެމެދުގަ އެވެ.
ރޯދަ މެނޫތަކުގެ އަގު ބޮޑު ނަމަވެސް ރެސްޓޯރަންޓްތަކުން ރޯދަ ވީއްލަން ދަނީ އާއިލާ ނޫނީ ރައްޓެހިންނާ އެކު މަޖާކޮށްލަން ނޫނީ އެ ދުވަހުގެ ކެއްކުން ލުއިކޮށްލުމުގެ ގޮތުންނެވެ.
"އަންހެނުންނަށް ލުއިކޮށްލަންވެގެން ބައެއް ފަހަރު ގެއިން ބޭރުން ރޯދަ ވީއްލަން. ދެ މީހުން ވަޒީފާގައި އުޅޭއިރު ވަޒީފާ ނިންމާފައި އައިސް އަންހެނުން ކޮންމެ ދުވަހަކު ވެސް އުޅެނީ ކެއްކުމުގައި. އެހެންވީމަ އެނާ އަށް ލުއިކޮށްލަން މިދިޔަ އަހަރު ވެސް ކޮންމެވެސް ވަރަކަށް ބޭރުން ރޯދަ ވީއްލިން،" ސަރުކާރުގެ މުވައްޒަފެއް ކަމަށްވާ ހުސެއިން އަލީ ބުންޏެވެ.
ބައެއް މީހުން ބުނާ ގޮތުގައި މިފަހަރު މެނޫތަކުގެ އަގުބޮޑުވުމުން ބޭރުން ރޯދަވިއްލުން މަދުވެދާނެ އެވެ.
"ރަނގަޅު ފެންވަރެއްގައި ގިނަވެގެން ދެވޭނީ ދެ ރޯދަ ވީއްލުމެއް ވަރު. ކޮންމެ ދުވަހަކު ބޭރުން ކާންވެއްޖިއްޔާ އިތުރުކަމެއް ކުރާނެ ފައިސާއެއް ނުހުންނާނެ. އަހަންނަށް ރޯދަ ވީއްލުމަކަށް ވުރެ ހާރުދަމު ރައްޓެހިންނާ އެކު ކޮފީއެއް ބޯލަން ދާން ވެސް މާ ރަނގަޅު،" ޒުވާނެއް ކަމަށްވާ އަލީ އިޝާން ބުންޏެވެ.
ރޯދަމަހުގެ ފުރަތަމަ ދުވަސްކޮޅު ރެސްޓޯރަންޓްތަކަށް އެހާ ބާރު ބޮޑު ނުވި ނަމަވެސް ފަހު 15 ގައި އެކަން ތަފާތުވެ އެވެ. މިހާރު ވެސް ބައެއް ރެސްޓޯރެންޓްތަކުން ޖާގަ ލިބެނީ އެއް ދުވަސް ކުރިން އޯޑަރު ދީގެންނެވެ. ރޯދަމަހު ފަހުކޮޅަށް އެޅުމުން އެއަށް ވުރެ ބާރުބޮޑުވާނެ އެވެ.
ބައެއް ކަސްޓަމަރުން ބުނާ ގޮތުގައި އަގާ ބަލާއިރު ބައެއް ރެސްޓޯރެންޓްތަކުގެ މެނޫ ފަގީރެވެ.
ބައެއް މީހުން ދެކޭ ގޮތުގައި ރޯދަ ވީއްލުމަށް ކޮންމެހެން މޮޅެތި އަގު ބޮޑު ރެސްޓޯރެންޓްތަކަށް ދާކަށް ނުޖެހެވެ. ސަބަބަކީ ބައެއް ފަހަރު އާންމު ހޮޓަލަކުން ވެސް ރަނގަޅު ފެންވަރަކަށް ރޯދަ ވީއްލުން ލިބޭތީ އެވެ.
"ހާބަރު ކަނޑަތަކާއި ކާނިވާ ސަރަހައްދުގައި ހުންނަ ތަންތަން މާ ރަނގަޅު. ބައެއް ތަންތަނުން ގެންނަ އެއްޗެހި ހުސްވީމަ ދެވަނަ ފަހަރަށް ވެސް އެބަ ގެނޭ. އެހެންވީމަ އަގު ހެޔޮވެފައި ކާން ބޭނުންވާ ވަރަށް ކެއުމުގެ ފުރުސަތު އެބަ ލިބޭ،" އާންމުކޮށް ބޭރުން ރޯދަ ވީއްލަން އާދަވެފައި ހުރި އިސްމާއިލް ޝިޔާރު ބުންޏެވެ.
މިއަހަރު ވެސް އެންމެ އަގު ހެޔޮ މެނޫތައް ހުރީ ކާނިވާ ސަރަހައްދާއި ހާބަރު ކަޑަތަކުގަ އެވެ. އެތަންތަނުގައި އެވްރެޖްކޮށް އަގުތައް އުޅެނީ 70- 85ރ. އާ ދެމެދުގަ އެވެ. އަދި މި ދެ ސަރަހައްދުގެ ތަންތަން އިރު އޮއްސޭ ގަޑީގައި ފެންނަނީ މީހުންތަކުން ފުރިފައި ވަނިކޮށެވެ.
އާދައިގެ ތަންތަނުގެ މެނޫތަކަށް ބަލާއިރު އަގު ބޮޑެތި ރެސްޓޯރަންޓްތަކުގައި ލިބެން ހުންނަ މެނޫތަކަށްވުރެ ވަކި ގޯހެއް ނޫނެވެ. އެންމެ އަގު ހެޔޮ މެނޫއެއްގައި ވެސް ދެ ތިން ވައްތަރެއްގެ ފަނި ހުރެ އެވެ. އަދި ތަފާތު ވައްތަރުތަކުގެ މަސް ހުންޏާއި ރޮއްޓާއި ބަތާއި ރިހަ ވެސް ހުރެ އެވެ.
ހާބަރަށް ރޯދަ ވީއްލާ މީހުންގެ ތެރޭގައި ބޭސްފަރުވާ އަށް މާލެ އައިސް އުޅޭ އާއިލާތައް ހިމެނެ އެވެ.
"ހޮސްޕިޓަލް ކައިރިވީމަ ވަރަށް ފަސޭހަ މިތަނުން ރޯދަ ވީއްލަން. އަގު ވެސް އެހާ ބޮޑެއް ނޫން. ދައްތަމެންނަށް އެހާ އަގު ބޮޑުކޮށް ތަންތަނަށް ގޮސް ރޯދައެއް ނުވީއްލޭނެ،" އައިޖީއެމްއެޗްގައި ބަލި މީހަކު ބާއްވައިގެން އުޅޭ އަންހެނަކު ބުންޏެވެ.
އަގު ބޮޑު ނަމަވެސް މާލޭގެ ބޮޑެތި އަދި މަޝްހޫރު ރެސްޓޯރެންޓްތަކުން ޚިދުމަތް ހޯދުމަކީ ގިނަ ބައެއްގެ އުފަލެކެވެ. ބައެއް ރެސްޓޯރެންޓްތަކުގެ ކެއްކުމުގެ ފެންވަރު މަތިވުމުން އެކަމުގެ އުފާ ލިބިގަންނަ މީހުން ވެސް މަދެއް ނޫނެވެ. އެހެންކަމުން އަބަދުވެސް ރެސްޓޯރެންޓްތަކުގެ މަގުބޫލްކަން ރޯދަމަހު އޮންނަނީ ބޮޑުވެފަ އެވެ. ހާބަރާއި ކާނިވާ ސަރަހައްދުގެ ކަޑަތައް ފުރޭ ގޮތަށް މަޝްހޫރު ރެސްޓޯރެންޓަކުގެ މޭޒުތައް ވެސް މިދުވަސްވަރު ފުރެމުންދާނެ ކަމާ މެދު ޝައްކެއް ނެތެވެ.

އެމްޑީޕީގެ މުޒާހަރާ
1 comment