ރޯދައިގެ ހަނދާން

ގިފިލި ވަޅުގައި ކުރުނބާ ފިނިކުރުން

ފަޒީނާ އަހުމަދު
31 ޖުލައި 2012 09:26 1 ކޮމެންޓު
  • ފިލްމީ ހަފުލާއެއްގައި އަމްޖޭ --ހަވީރު ފައިލް ފޮޓޯ

ބިޔަ އުސް އިމާރާތްތަކާ އެކު މާލެ މިހާރު ތޮއްޖެހިފައި އޮތް ނަމަވެސް މީގެ އަހަރުތަކެއް ކުރިން މާލެ އަކީ އެހެން ރަށްތަކެކޭ އެއްގޮތަށް ހުސް ބިން އޮންނަ ތަނެކެވެ. އޭރު މިހާ ބޮޑަކަށް މާލެ ތަރައްގީއެއް ނުވެ އެވެ. ސައިކަލާއި ޕިކަޕާއި ކާރުތައް ވެސް ވަރަށް ނުހުރެ އެވެ. އެންމެން ވެސް ފައިމަގުގައި ނުވަތަ މަދު މީހަކު ބައިސްކަލެއް ދުއްވާތަން ފެނިދާނެ އެވެ. މިހާރު ހުންނަ އެކި ބްރޭންޑްތަކުގެ ކަރަންޓް ސާމާނު ވެސް އޭރު ގިނަ ގޭގޭގައި ނުހުރެ އެވެ. އެހެންކަމުން އެ ދުވަސްވަރު، ރޯދަ މަހު އެކި މަސައްކަތްތައް ކުރުމަށް އުފުލަން ޖެހުނު ތަކުލީފްތައް ވެސް ބޮޑެވެ. އޭގެ ތެރެއިން ވެސް ގިފިލި ވަޅުގައި ކުރުނބާ ފިނިކުރުމަށް އެ ކުރި މަސައްކަތްތައް ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ،45 ހަނދާނުގައި މިހާރު ވެސް ހުރެ އެވެ.

އުމުރުން 10 އަހަރުގައި އަމްޖޭ ކުރުނބާ ފިނިކުރަނީ އައިސް އަލަމާރިއަކުން ނޫނެވެ. މެންދުރު ފަހުގެ ގިނަ ވަގުތުތައް ހޭދަކުރަނީ ކުރުނބާ ވަޅަށްލައިގެން ފިނިކުރުމަށެވެ. އިރުކޮޅަކާ އެ ކުރުނބާ ފިނިވޭތޯ އަމްޖޭ ބަލަ އެވެ.

"އޭރު އައިސް އަލަމާރިއެއް ނުހުރޭ، ކަރަންޓެއް ވެސް ނޯވޭ. އެކަމަކު ރޯދަ ވީއްލާގަޑީގައި ކުރުނބާ ބޯން ބޭނުން ވަނީ ފިނިކޮށް. ދެން ޖެހޭނީ ކުރުނބާ ފިނިކުރަންޏާ ވަޅަށްލާން. އެހެންވެ ކޮންމެ ދުވަހަކު ވެސް ކުރުނބާ ފިނިކުރުން އޮންނާނެ،" އަމްޖޭ ބުންޏެވެ.

އޭނާ ބުނިގޮތުގައި ރޯދަ އަށް ހުންނަ ކޮންމެ ދުވަހަކަށް އޭނާ އަށް ކުރުނބައެއް ބައްޕަ ދެއްވާނެ އެވެ. އޭރު މާލޭގައި ވެސް ކޮންމެވެސް ވަރަކަށް ރުއްތައް ހުރެ އެވެ. އެހެންވެ މާބޮޑު އުނދަގޫތަކެއް ކުރިމަތިނުވެ ކުރުނބާ ލިބެ އެވެ.

އަމްޖޭ ބުނިގޮތުގައި ކުރުނބާ ވަޅަށްލައިގެން އެ ފިނިވޭތޯ ބަލަބަލައި އިނުމަކީ ހަގީގަތުގައި ވެސް ރޯދަ ކުރުވާ ކަމެކެވެ.

"އޭރު ރޯދަ އަށް ހުންނަނީ ކުރުނބާއެއް ލިބޭތީ، އެކަމަކު ހެނދުނު ތެދުވެ އިރުކޮޅެއްވާ ތަނުން ހުންނާނީ ބަނޑުހައިވެގެން ގޮސް ދެވަރުން އެއްވަރު ވެފައި. މާގިނަ ކުޅިވަރުތަކެއް ވެސް ނުހުރޭ ކުޅެވޭކަށް. ތިން ހަމައާއި ފަސްއޮށް ފަދަ ކުޅިވަރު ކުޅެނީ. އެހެންވެ މެންދުރުން ފެށިގެން ކުރުނބާ ފިނިކުރުމަށް އުޅެވެނީވެސް،" އަމްޖޭ ބުންޏެވެ.

އޭނާ ބުނިގޮތުގައި ވާއައްސައި ކުރުނބާތައް ވަޅަށް ލަނީ ކޮންމެ ދުވަހަކު ވެސް މެންދުރު ފަހު އެވެ. އެ ކުރުނބާތައް ނަގަނީ، އިރޮއޮއްސި ބަންގި ގޮވަން ކައިރިވުމުން ކަމަށް ވެސް އޭނާ ބުންޏެވެ. އޭރު ކުރުނބާތައް ހުންނަނީ އަމްޖޭ ބޭނުންވާ ވަރަށް ފިނިވެފަ އެވެ. ފިނިކުރި ކުރުބާއިން ރޯދަ ވީއްލުމަކީ އޭރު އަމްޖޭ އަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ. ނަމަވެސް މިހާރު ޒަމާން ބަދަލުވެ، ކުރނބާ ފިނިކުރަން ކުރިން ކުރި "މަޖާ" ކަންތައް ކުރާކަށް ނުޖެހެ އެވެ. ޓެކްނޮލޮޖީ އަށް އައި ކުރިއެރުމާއެކު ތަފާތު ބްރޭންޑްތަކުގެ އައިސް އަލަމާރި މިހާރު ލިބެން ހުރެ އެވެ. ބޭނުން ވަރަކަށް ކުރުނބާ ފިނިކުރެވޭނެ އެވެ. ވަޅަށްލާ ކުރުނބާ އިރުއިރުކޮޅާ އަތް ޖައްސައި ފިނިވޭތޯ ބަލާގޮތަށް މިހާރު ބަލާކަށް ވެސް ނުޖެހޭނެ އެވެ. އަލަމާރިއަށް ލުމުން ކުރުނބާ ބޭނުން ވަރަކަށް ފިނިވާނެ ކަމުގެ ޔަގީންކަން ލިބެ އެވެ.

އަމްޖޭ އަކީ ކުޑައިރު ގެއިން ބޭރަށް ތަންތަނަށް ގޮސް އުޅުނު މީހެއް ނޫނެނެވެ. އެންމެ ދުރަށް ވެސް ދެވޭނީ އެ ގެއާ ޖެހިގެން ހުންނަ ގެ އަށެވެ. އޭރު ވެސް އަމްޖޭ ދަންނަ އެކުވެރިންގެ ގޮތުގައި އުޅުނު އީސާ ޝަރީފާއި ދޮން އަންނާރޭ ފަދަ މީހުންނަކީ ފިލްމީ ދާއިރާގެ އެކި ކަންކަމުގައި އުޅުނު މީހުންނެވެ. އަމްޖޭ ވެސް އެކަމަށް ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުން ކަންކަން ދަސްކުރި އެވެ. އޭނާ އަކީ މިހާރު ގިނަ ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ ޑައިރެކްޓަރެކެވެ.

1 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait