އިސްލާމީ ނަޒަރުން ބަލާއިރު ވަޙީ އާއި ބުއްދިއަކީ އިދިކޮޅު ދެ އެއްޗެއް ނޫނެވެ. އިސްލާމް ދީނުގެ ވަރަށް މުހިންމު އެއްސިފަ ކަމުގައިވާ ވަޒަން ހިފެހެއްޓުމުގެ ސިފައިގެ ދަށުން ވަޙީ އަށް އެއްކޮޅުން އީމާންވާއިރު އަނެއްކޮޅުން ބުއްދި އަށް އިހުތިރާމްކުރަންޖެހެ އެވެ. އެހެންކަމުން ޢިލްމު އުނގެނުމުގައި ވެސް ވަޙީ އާއި ބުއްދި ގުޅެންޖެހެ އެވެ. ނަމަވެސް މީގައި ވަކި މިންގަނޑުތަކެއްވެ އެވެ.
މި ގޮތުން ޤުރުއާނުގެ ހުރިހާ އާޔަތްތަކާއި، ސައްހަ ހަދީސްތަކުގެ ތެރެއިން ސަރީހަ ކޮންމެ ނައްސެއް އިތުރު ތައުވީލުކުރުންތަކަކާ ނުލައި ބަލައިގަންނަންޖެހެ އެވެ. މިފަދަ ނައްސުތައް މި ގޮތަށް ބަލައިގަތުމަކީ ބުއްދީގައި ކަސްތަޅު އެޅުވުމެއް ނޫނެވެ. އަދި ބުއްދީގެ ދައުރު އެއްކިބާކުރުމެއް ވެސް ނޫނެވެ. އެކަމަކު އެއީ ސީދާވެގެންވާ މަގަށް ހިދާޔަތު ލިބުމެވެ.
މި ހިދާޔަތު ލިބުމަށް ފަހު އޭގެ އަލީގައި، ކީރިތި ޤުރުއާނާއި ސުންނަތުން ސަރީހަ ނޫން ނައްސުތަކާއި، ހަދީސުން ސައްހަކަން ކަށަވަރުނުވާ ނައްސުތަކާ މެދު ދީނުގެ މައިގަނޑު މަގުސަދުތަކާއި އުސޫލުތަކަށް ރިއާޔަތްކޮށްގެން އިޖުތިހާދުކުރާނީ އެވެ. މިކަމުގައި ބުއްދީގެ ބޭނުން ހިފަންޖެހެ އެވެ. އަދި މިގޮތަށް ބުއްދީގެ ބޭނުންކުރާ ނަމަ ހަމަ ޔަގީނުން ވެސް އޭގެ ބޭނުން ހިފޭނީ ހެޔޮ ގޮތުގަ އެވެ. އަދި މި ހެޔޮ ގޮތުގައި ބުއްދީގެ ބޭނުންކުރުމަކީ އަޅުކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. މިފަދަ މީހުންނަށް ކީރިތި ޤުރުއާނުގައި ތައުރީފު ކުރެވިގެންވެ އެވެ. އަދި ކައުނުގައިވާ ﷲގެ ކުޅަދުންވަންތަ ކަމުގެ ހެކިތަކާ މެދު ވިސްނައި ފިކުރުކުރުމަކީ ﷲ އެކަމަށް އަމުރުކުރައްވާފައިވާ ކަމެކެވެ.
އިސްލާމީ ނަޒަރުން ބަލާއިރު އިސްލާމީ އަޤީދާ ގަބޫލުކުރުމަކީ ވެސް ބުއްދި އެއްކިބާކޮށްފައި ކުރަންޖެހޭ ކަމެއް ނޫނެވެ. ބައެއް ދީންތަކުގައި އަޤީދާގެ މައްސަލަތަކަކީ ބުއްދިން ސާބިތުކޮށްދޭން ޖެހޭ ކަންކަމެއް ނޫނެވެ. އެއީ ހަމައެކަނި އިންސާނާގެ ޖަޒުބާތާ ގުޅިފައިވާ ކަމެކެވެ. އެކަމަކު އިސްލާމްދީނުގައި އީމާންކަމަކީ ޖަޒުބާތުގެ އިތުރުން ބުއްދިއާ ވެސް ގުޅިފައިވާ ކަމެކެވެ.
އީމާންކަން ބިނާވާން ޖެހެނީ އިލްމުގެ މައްޗަށެވެ. މާތްﷲގެ ވަހީ ބަސްފުޅުގެ މާނައިގައިވެ އެވެ. "އަދި ޢިލްމު ލިބިގެންވާ މީހުންނަށް ހަމަކަށަވަރުން އެއީ ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ހަޒްރަތުން އައި ހައްގު ބަސްފުޅުކަން އެނގުމަށްޓަކަ އެވެ. ދެން އެއަށް އީމާންވެ، ދެން އެއާމެދު އެއުރެންގެ ހިތްތައް ހަމަޖެހިގެންދިއުމަށްޓަކަ އެވެ." (އަލްޙައްޖު 54). މި އާޔަތުން ދޭހަވާ ގޮތުގައި އީމާންކަމަށް ވުރެ ކުރިއަށް ޢިލްމު އަންނަންޖެހެ އެވެ. އެހެނީ މީހާ އީމާންކަމަށް ވާސިލުކޮށްދެނީ އިލްމުކަމަށްވާތީ އެވެ.
މި ސަބަބަށްޓަކައި ތައުހީދު އިލްމުގެ ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި މުތުލަގު ގޮތެއްގައި ކޮޕީކުރާ އީމާންކަމަކީ ބަލައިގަނެވޭނެ އީމާންކަމެއް ނޫނެވެ. މުތުލަގު ގޮތެއްގައި ކޮޕީކުރުމަކީ ދަލީލެއްގެ މައްޗަށް ބިނާނުކޮށް މިވެނި މީހަކު ނުވަތަ މިވެނި ބަޔަކު އީމާންވާތީ ތިމާވެސް އީމާންވުމެވެ. އެކަމަކު ދަލީލެއްގެ މައްޗަށް ބިނާކޮށްގެން ކޮޕީކުރާ އީމާންކަން ބަލައިގަނެވޭނެ އެވެ.
އިސްލާމީ ޝަރީއަތުގެ ގަވައިދުތަކުގެ ތެރެއިން އެއް ގަވައިދަކީ ބުއްދީގެ ހަމައިން ބަލާއިރު ކަށަވަރުވާ ކަންކަމާއި ޝަރުއީ ކަންކަމުގެ ތެރެއިން ޤަޠުޢީ (އެބަހީ ސައްހަކަމާއި ސަރީހަކަމުގައި ދެބަސްވުމެއް ނެތް) ކަންކަމުގައި އެއްވެސް ތައާރުޒު ވުމެއް ނުވާނެ ކަމެވެ. އެހެނީ ހައްގާއި ހައްގު ތައާރުޒުވުމެއް ނުވާނެތީ އެވެ. ދެ ފަރާތުންކުރެ ކޮންމެވެސް އެއް ފަރާތަކުން ހަގީގަތަށް ވާސިލުވުމަށް ނުކުޅެދިއްޖެ ހާލަތެއްގައި ފަހަރެއްގައި ބޭރުފުށުން ތައާރުޒެއް ފެނުނަސް ހަގީގަތަށް ވާސިލުވެވުމުން މި ތައާރުޒު ފިލާނެކަން ކަށަވަރެވެ.
މިއީ އިސްލާމީ ޝަރުއީ އިލްމާއި ބުއްދީގެ އިލްމު ގުޅުވައިގެން އުނގެނުމުގެ މަސައްކަތް ކުރެއްވެވި މުސްލިމް ވަރުގަދަ އިލްމުވެރިންގެ ބަސްފުޅެވެ. އިމާމުލް ޙަރަމައިނި (އަލްޖުވައިނީ) އާއި، އިމާމް ޣަޒާލީ އާއި، އައްރާޣިބުލް އަޞްފަހާނީ އާއި، އިބްނު ރުޝްދު އާއި، އިބްނު ތައިމިއްޔާ އާއި، އައްޝާޠުބީ އާއި، އިބްނުލްވަޒީރު ފަދަ ކުޅަދާނަ ޢިލްމުވެރިންގެ ބަސްފުޅެވެ. ވަޙީ އާއި ބުއްދި ގުޅިގެން ޢިލްމު ދެނެގަތުމުގެ މުހިންމު ކަމާ ބެހޭ ގޮތުން އިމާމް ޣަޒާލީ ވިދާޅުވެފައިވަނީ ބުއްދީގެ ބޭނުންނުކޮށް ހަމައެކަނި ވަކި އިލްމުވެރިޔަކު ވިދާޅުވާ ގޮތް ކޮޕީކުރުމަކީ ޖާހިލުކަމުގެ ތެރެއިންވާ ކަމެއް ކަމަށެވެ.
އަދި ޤުރުއާނާއި ސުންނަތުގެ އަލިކަމުގެ ތެރެއަށް ނުވަދެ ހަމައެކަނި ބުއްދީން ފުއްދާލާ މީހަކީ ބޮޑާވެގެންފި މީހެއް ކަމަށެވެ. ވީމާ މިއިން އެއްވެސް ބަޔަކަށް ނުވަދެ މި ދެ އަސްލު އެކީ ބޭނުންކުރާ މީހަކަށް ކޮންމެ މުސްލިމަކު ވެސް ވާންޖެހޭނެ ކަމަށެވެ. ސަބަބަކީ ބުއްދީގެ އިލްމަކީ ކާނާ ފަދަ އެއްޗެއް ކަމަށް ވުމެވެ. އަދި ޝަރުއީ އިލްމަކީ ބޭސް ފަދަ އެއްޗެއް ކަމަށްވުމެވެ. ބަލިމީހާ ބޭހާ ނުލައި ކިތަންމެ ވަރަކަށް ކެއަސް އޭނާގެ ބައްޔަށް ފަރުވާއެއް ނުލިބޭނެ އެވެ. ހަމަ އެފަދައިން ހިތްތަކުގެ ބަލިތަކަށް ޝިފާއެއް ލިބޭނީ ޝަރުޢީ އިލްމުތަކުންނެވެ.
ވަޙީ އާއި ބުއްދިއާ ދެމެދު އޮންނަ ގުޅުމާ ބެހޭ ގޮތުން އިލްމުވެރިން ވިދާޅުވަނީ، ބުއްދީގެ ހަމައިން ބަލާއިރު މުސްތަހީލު ކަމެއް ކަމުގައިވާނެ އެއްވެސް ކަމެއް އިސްލާމީ ޝަރީއަތުގައި ސާބިތުނުވާނެ ކަމަށެވެ. ހަމަ އެފަދައިން ބުއްދީގެ ހަމަތަކުން ބަލާއިރު ސާބިތުވާ ކަމެއް ޝަރީއަތުގައި ނަފީކުރެވިފައިނުވާނެ ކަމަށެވެ. ހަމަ މިމޭރުމުން ޝަރުއީ ގޮތުން މުސްތަހީލު ކަމެއް ކަމުގައި ކަނޑައަޅަފައިވާ އެއްވެސް ކަމެއް ބުއްދީގެ ހަމައިން ސާބިތެއް ނުކުރެވެ އެވެ. ހަމައެފަދައިން ޝަރުއީ ހަމަތަކުން ބަލާއިރު ސާބިތުވާ ކަމެއް ބުއްދީގެ ހަމަތަކުން ނަފީއެއް ނުކުރެވެ އެވެ.
ބުއްދިއަކީ މުސްލިމަކަށް މިހާ މުހިންމު އެއްޗެއް ކަމުގައިވާއިރު ވެސް، ބައެއް މުސްލިމުން ބުއްދީގެ ބޭނުންކުރުމުން ދުރުހެލިވުމުގެ ސަބަބުން މުސްލިމުން ފަހަތަށް ޖެހުނުއިރު އެހެން މީހުން ކުރިއެރީ އެވެ. މުސްލިމުން ހުއްޓިފައި ތިއްބައި އެހެންމީހުން ހަރަކާތްކުރީ އެވެ. މުސްލިމުންނަށް ނިދިފައި ތިއްބައި އެހެން މީހުން ހޭވެރިވީ އެވެ. މިއީ "ބުއްދީގެ އަހުލުވެރިންނޭ" ކިޔާފައި ކީރިތި ޤުރުއާނުގައި މުހާތަބުކުރެވޭ ބަޔަކަށް އެކަށީގެންވާ ކަމެއް ނޫނެވެ.
އެހެނީ "އެބައިމީހުން ފިކުރު ކުރުމަށްޓަކައި" އާޔަތްތައް ބަޔާންކުރެއްވި ކަމާއި "ބުއްދީގެ އަހުލުވެރިންނަށް" ނުވަތަ "ވިސްނާ ފިކުރު ކުރާ ބަޔަކަށް" ނުވަތަ "ދޭހަވާ ބަޔަކަށް" ކައުނުގައި އާޔަތްތަކެއް ވާކަން ކީރިތި ޤުރުއާނުގައި ބަޔާންކުރެވިފައިވާތީ އެވެ. އަދި އެބައިމީހުންގެ ބުއްދި އެއްފަރާތްކޮށް އެހެން މީހުން ވަކި ގޮތަކަށް ތިބީތީވެ އެގޮތް ކޮޕީކުރާ މީހުންނަށް އިންކާރުގެ ބަސް ޤުރުއާނުގައި އައިސްފައި ވާތީ އެވެ. (އަލްމާއިދަތު 104)
ވީމާ ދުނިޔަވީ އިލްމުތައް ދެނެގަތުމުގެ އިތުރުން، ދީނުގެ ހުކުމްތައް ދޭހަކުރުމުގައި ވެސް ބުއްދީގެ ބޭނުންހިފުމަށް މުސްލިމުން ސަމާލުވާންޖެހޭނެ އެވެ. އުދަރެސްތަކަށް ނަޒަރު ހިންގައި ތާރީޚު ދިރާސާކޮށް ކޮންމެ ތާކުން ނަމަވެސް ހިކުމަތެއް ފެނިއްޖެ ނަމަ އެއަތުލުމަކީ މުސްލިމުންގެ ގޮތެއް ކަމުގައި ވާންޖެހޭނެ އެވެ. ކީރިތި ރަސޫލާ ބަޔާންކުރައްވާ ގޮތުގައި ހިކުމަތަކީ މުސްލިމުން އަބަދުވެސް އެ ނުފެނިގެން ހޯދަން މަސައްކަތްކުރާ އެއްޗެކެވެ.
ވީމާ ކޮންމެ ތަނަކުން އެ ފެނުނަސް އެ އަތުލަން ޖެހޭނެ ކަމަށެވެ. އެހެންކަމުން އިސްލާމީ އުންމަތަށް ކުރިއެރުން ލިބުން އޮތީ ބުއްދީގައި އެޅުވިފައިވާ ކަސްތޮޅުތައް ނައްތާލެވިގެންނެވެ. މަތިވެރިވެގެންވާ ވަޙީގެ ހިޔަލުގައި މިނިވަންކަމާއެކު ވިސްނައި ފިކުރުކޮށްގެން ކަންކަން ހޯދައި ހުކުމްތައް އިސްތިންބާތު ކުރަން ދަސްކޮށްގެންނެވެ. އިސްލާމީ އިލްމުތަކުގައި ވެސް އިޖުތިހާދުކުރުމުގެ ދޮރު އަބަދުވެސް ހުޅުވާފައި ބާއްވައިގެންނެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
1 comment