ރޯދަ މަހަށް ހާއްސަ ހަރަކާތްތައް ހުރެ އެވެ. މާޒީގެ އެފަދަ ހާއްސަ ކަންކަމުގެ މަތިން ރޯދަ މަހު ހަނދާންތައް އާވެ އެވެ.
ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަބްދުލް ހަމީދު އަބްދުލް ޣަފޫރު (އައްޑޯ) އަށް ރޯދަ މަހު އެންމެ ބޮޑަށް ހަނދާން އާވާ އެއްކަމަކީ އެކުވެރިންނާ އެކު ރޭގަނޑު ފުޓުބޯޅަ ކުޅެން ދިއުމެވެ. އެއީ މީގެ ގާތްގަނޑަކަށް ސާޅީހަކަށް އަހަރު ކުރީގެ ހަނދާނެކެވެ. މިހާރު އޮންނަ ގޮތަށް، ކުޅިވަރު ކުޅޭ ބިންތައް ރޭގަނޑު ދިއްލާ ދުވަސްވަރެއް ނޫނެވެ. އެހެންވެ ފުޓުބޯޅަ އަށް ޚާއްސަ ޝައުގެއް ހުންނަ އައްޑޯމެން ގްރޫޕް ހެންވޭރު ޕާކަށް ރޭގަނޑު ގޮސް ފުޓުބޯޅަ ކުޅުން ވަނީ ވަރަށް ޚާއްސަ ކަމަކަށެވެ. އެއީ އެދުވަސްވަރު ހަމައެކަނި ރޯދަ މަހަށް ޚާއްސަ ކަމެކެވެ.
"އެއީ މިހާރު ގޮތަށް ރޭގަނޑު އަލިކޮށް އޮންނަ އިރެއް ނޫން. އެކަމަކު ރޯދަ މަހު ކޮންމެ ރެއަކު ވެސް ގޭދޮށު ކުދިންނާ އެކު ހެންވޭރު ޕާކަށް ފުޓުބޯޅަ ކުޅެންދާ ހަނދާން މިހާރު ވެސް އާވޭ. އޭގެ އިތުރުން ހިރި ކިޔާ ކުޅިވަރެއް ކުޅެން. އެއީ ދެން ވަރަށް ހަނދާން އާވާ ދެ ކަންތައް،" އޭޝިޔާގެ އެންމެ މޮޅު މެޗު ކޮމިޝަނުގެ މަގާމު 2010 ވަނަ އަހަރު ހޯދާފައިވާ އައްޑޯ ބުންޏެވެ.
ފުޓުބޯޅަ އަކީ އައްޑޯގެ ހަޔާތާ ވަރަށް ބޮޑަށް ގުޅިފައިވާ ކުޅިވަރެކެވެ. ރޯދަ މަސް ނޫން މަސް މަހު ވެސް އައްޑޯމެން ޓީމުން ކޮންމެ ދުވަހަކު ހަވީރު ކުޅެންދެ އެވެ. ރޯދަ މަހު ރޭގަނޑު ކުޅެން ދާން ފެށީ "ފުޓުބޯޅަ އަށް ބްރޭކެއް" ނުދޭންވެގެންނެވެ.
ފުރަތަމަ ރޯދަ އަށް ހުރި ދުވަސް މަތިން އައްޑޯ މިހާރު ވެސް ހަނދާން ހުރެ އެވެ.
"އުމުރުން ވަރަށް ޅަ އިރު ފުރަތަމަ ރޯދަ އަށް ހުރި ދުވަހު، ވަރަށް ކެތްކުރަމުން އައިސް އެންމެ ފަހުން ހޮޑުލެވުނީ. އެ ދުވަސް މަތިން މިހާރު ވެސް ހަނދާންވޭ،" ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮނގުން ގައުމީ އިނާމު، 2011 ވަނަ އަހަރު ހޯދާފައިވާ އައްޑޯ ބުންޏެވެ.
އައްޑޯ ވަނީ ހަތްދިހައިގެ ފަހުކޮޅު ވެލެންސިއާ އުފެއްދުމުގައި ވެސް އިސް ދައުރެއް އަދާކޮށްފަ އެވެ. އޭގެ ފަހުން އޭނާ ވަނީ އެ ކްލަބަށް ފުޓުބޯޅަ ކުޅެ ކޯޗުކަމާއި މެނޭޖަރުކަން ވެސް ކޮށްފަ އެވެ. މީގެ އިތުރުން އައްޑޯގެ ފުޓުބޯޅައިގެ ޚިދުމަތްތަކުގެ ތެރެއިން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް އޭނާ ވަނީ އަދާކޮށްފަ އެވެ.

5 comments