އިސްލާމް ދީނުގެ ނަން ހުތުރުކުރާ ބައެއް މީހުން ބުނެއެވެ؛ އިސްލާމް ދީނަކީ ބުއްދީގެ ވިސްނުމަށް ޖާގަ ދިނުމުގެ ބަދަލުގައި ދެލިގަނޑަކަށް ބޯލަނބައިގެން އުޅޭ ބައެކެވެ. އެ މީހުން ބުނާ ކަހަލަ އެވެ؛ މުސްލިމުންނަކީ ހަމައެކަނި ކީރިތި ޤުރްއާނަށް ތަބާވެގެން، އިލްމީ ހޯދުންތަކާއި އީޖާދުތަކާ މެދު ބުއްދިން ވިސްނައި ފިކުރުކުރުމެއް ނެތި އުޅޭ ބައެކެވެ.
މުސްލިމުން ކީރިތި ޤުރްއާނަށް ތަބާވާ ވާހަކައަކީ ތެދު ވާހަކައެކެވެ. ނަމަވެސް މުސްލިމުންނަކީ ބުއްދީގެ ކުރިމަތީގައި ފުލުސްޓޮޕް ޖަހައިގެން ތިބި ބައެއް ނޫނެވެ. އިސްލާމް ދީން ގޮވައިލަނީ ވެސް ބުއްދީގެ ދޮރުތައް ލައްޕައިގެން ތިބުމަކަށް ނޫނެވެ. އެކަމަކު ވިސްނައި ފިކުރު ހިންގުމުގެ މައިދާންތަކުގައި އަތްފުނާ އަޅައި ޢިލްމީ ޙަޤީޤަތްތައް ހޯދައި ދެނެގަތުމަށެވެ.
ނަމަވެސް މި ކަމުގައި ތަފާތުވެގެން އުޅެނީ، މުސްލިމުން ވިސްނައި ފިކުރުކުރާ ގޮތާއި އެ ނޫން މީހުން ވިސްނައި ފިކުރުކުރާ ގޮތެވެ. ދެބައި މީހުންގެ ވިސްނުމުގެ ލަނޑުދަނޑި އެވެ. ދެބައި މީހުންގެ ވިސްނުން އަމާޒުކުރާ ދާއިރާ އެވެ. މުސްލިމުންގެ ވިސްނުމާއި ފިކުރު، ރޫޙާނިއްޔަތާއި މާއްދިއްޔަތަށް ނަޒަރު ހިންގަ އެވެ. އެ ނޫން މީހުންގެ ބުއްދީގެ ދާއިރާ ރޫހާނިއްޔަތަށް އެކަނި ހުއްޓެ އެވެ. ނުވަތަ މާއްދިއްޔަތަށް އެކަނި ހުއްޓެ އެވެ.
އިސްލާމް ދީނުގެ ދުސްތޫރު ވެސް އަދި ވިސްނައި ފިކުރުކުރުމުގެ ވަސީލަތްތައް ވެސް މަގު ދައްކަނީ އެއް އަމާޒަކަށެވެ. އެއީ ﷲއީ އެއްކައުވަންތަ، ޚާލިޤުވަންތަ އިލާހުކަން ދެނެގަތުމެވެ. އިސްލާމް ދީނަކީ ހަމައެކަނި ދެލިގަނޑުގެ ނުވަތަ "ޤުރްއާނުގެ އާޔަތްތަކުގެ" ދީނެއް ކަމުގައިވީ ނަމަ، ކީރިތި ޤުރްއާނުގެ އިޚްލާޞް ސޫރަތުގެ ފުރަތަމަ އާޔަތުން އެކަނި ވެސްް، އެ އަމާޒަށް ވާސިލުވެވިއްޖައީހެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އެއްކައުވަންތަ އިލާހެވެ."
ކީރިތި ޤުރްއާނަކީ ހަމައެކަނި ކިޔަވާލައި ހިތުދަސްކޮށްލުމަށްޓަކައި ބާވައިލެއްވި ފޮތެއް ނޫނެވެ. އެއަށް ވުރެ ގިނަ ކަންތަކަކަށް އެ އާޔަތްތަކުން މަގުދައްކަ އެވެ. އިންސާނުން މިހާރު، މުގައްދަސް ފޮތްތައް ކަމުގައި ބަލައިގެން އުޅޭ އެއްވެސް ފޮތެއްގައި ނެތް މިންވަރަށް، ކީރިތި ޤުރްއާނުގައި ވަނީ ވިސްނައި ފިކުރުކުރުމަށް އިންސާނުންނަށް އަންގަވައިފަ އެވެ.
ﷲއީ އެއްކައުވަންތަ އިލާހުކަން، ކީރިތި ޤުރްއާނުގައި އަންގަވާފައި އެ ވަރުން ފުއްދަވައިލެއްވީކީ ނޫނެވެ. އެކަން ބަޔާންކުރެއްވުމަށް ފަހު، ބުއްދީގެ ޒަރީއާ އިން އެކަން ސާބިތުކުރުމަށް ވެސް ކީރިތި ޤުރްއާނުގައި އިންސާނުންނަށް އަންގަވާފައިވެ އެވެ. އަދި ހަމަ އެފަދައިން ބުއްދީގެ ޒަރީއާ އިން އެކަން ސާބިތުކުރެވޭނެ ގޮތްތައް ވެސް އެ ފޮތުގައި ބަޔާންކުރައްވާފައިވެ އެވެ.
ނަމަވެސް ބުއްދީގެ ޒަރީއާ އިން އެ ކަން ސާބިތުކުރުމަށްޓަކައި އެންމެ ފުރަތަމަ ވެސް ވިސްނައި ފިކުރުކުރަންޖެހެނީ ކީރިތި ޤުރްއާނާ މެދުގަ އެވެ. "ފަހެ، ޤުރްއާނާ މެދު އެއުރެން ވިސްނައި ފިކުރުނުކުރަނީ ހެއްޔެވެ؟ އެ ޤުރްއާނަކީ، ﷲ ނޫން އެހެން ފަރާތަކުން އައި އެއްޗެއް ކަމުގައިވީ ނަމަ، ގިނަވެގެންވާ ތަފާތުތައް އެއިން އެއުރެންނަށް ފެނުނީހެވެ." (ސޫރަތުއް ނިސާ 82)
މި އާޔަތުގައި އިންސާނުންނާ މުޚާތަބުކުރައްވައި ސުވާލެއް ކުރައްވާފައި އޮތް ކަމުގައި ވިޔަސް ހަގީގަތުގައި މިއީ އަމުރެކެވެ. މި އަމުރުފުޅުގެ މުރާދަކީ، ޤުރްއާނާ މެދު ތިޔަބައިމީހުން ވިސްނައި ފިކުރުކުރާށެވެ. ތިޔަބައިމީހުން ވިސްނައި ފިކުރުކޮށްފި ނަމަ، އެ ޤުރްއާނުން އެއްވެސް ފުށުއެރުމެއް ތިޔަބައިމީހުންނަކަށް ނުފެންނާނެ އެވެ. އެ ފަދަ ފުށުއެރުމެއް ނެތުމުން، އެއިން ދޭހަކޮށްދެނީ އެ ޤުރްއާނަކީ ﷲގެ ވަޙީ ބަސްފުޅު ކަމެވެ.
އެހެންކަމުން އިންސާނާގެ ބުއްދިން އެންމެ ފުރަތަމަ ވިސްނައި ފިކުރުކުރަންވީ ޤުރްއާނާ މެދުގަ އެވެ. ޤުރްއާނުގެ ޞައްޙަކަމާއި ތެދުވެރިކަން ކަށަވަރުކުރެވިގެން މެނުވީ، އެ ޤުރްއާނުގައިވާ އެހެން ކަމެއް ގަބޫލެއް ނުކުރެވޭނެ އެވެ. ކާފަރުން ކީރިތި ޤުރްއާނުގައިވާ ކަންކަން ގަބޫލު ނުކުރަނީ އެހެންވެގެންނެވެ. އެއީ، އެ ޤުރްއާނަކީ ހައްގު ތެދުކަން އެ މީހުން ބަލައި ދިރާސާކޮށްފައި ނުވާތީ އެވެ.
ﷲއީ އެއްކައުވަންތަ އިލާހުކަމާއި ހުރިހައި އެއްޗެއް ޚަލްޤުކުރެއްވީ އެ ކަލާނގެ ކަން ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވެ އެވެ؛ "... ކަލޭގެފާނު ވިދާޅުވާށެވެ! ﷲއީ، ހުރިހާ އެއްޗެއް ހައްދަވާ ރަސްކަލާނގެ އެވެ. އަދި އެކަލާނގެއީ، އެއްކައުވަންތަ، ބާރުވެރިވަންތަ ރަސްކަލާނގެ އެވެ." (ސޫރަތުއް ރަޢުދު 16 ވަނަ އާޔަތުގެ މާނަ)
އިސްލާމް ދީނަކީ ހަމައެކަނި އާޔަތްތަކުގެ ދީނެއް ކަމުގައިވީ ނަމަ، ﷲއީ ހުރިހާ ތަކެއްްޗެއް ޚަލްޤުކުރައްވާ އިލާހުކަން ބަޔާންކުރުމަށް މި އާޔަތް އެކަނި ވެސް ފުދެ އެވެ. ނަމަވެސް ބުއްދީގެ ޒަރީއާ އިން އެކަން ސާބިތުކުރުމަށް ކީރިތި ޤުރްއާނުގެ އެތައް ތަނެއްގައި އަންގަވާފައިވެ އެވެ. އަދި ބުއްދީގެ ޒަރީއާ އިން އެކަން ސާބިތުކުރުމަށްޓަކައި ވިސްނުން ހިންގަންވީ ދާއިރާ ވެސް ބަޔާންކޮށްދެއްވާފައިވެ އެވެ.
"އަދި އުޑުތަކާއި ބިމުގެ ވެރިކަމާމެދުގައްޔާއި، ﷲ ހައްދަވާފައިވާ އެންމެހާ ތަކެއްޗާ މެދުގައްޔާއި، އެއުރެންގެ އަޖަލު ގާތްވެއްޖެކަމާ މެދުގައި، އެއުރެން ވިސްނައި ނުބަލަނީ ހެއްޔެވެ؟ އެއަށްފަހު، އެއުރެން އީމާންވަނީ ފަހެ، ކޮން ވާހަކައަކަށް ހެއްޔެވެ؟" (ސޫރަތުލް އަޢުރާފް 185 ވަނަ އާޔަތުގެ މާނަ)
"ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! އަދި ﷲ ޚަލްޤުތަކުން ފުރަތަމަ އުފެއްދެވި ގޮތް، ތިޔަބައިމީހުން ވިސްނައި ބަލާށެވެ! ދެން އެއަށްފަހު، ﷲ އެންމެ ފަހުގެ އުފެއްދެވުން އުފައްދަވާނެތެވެ. (އެބަހީ: އަލުން ދިރުއްވައި އިއާދަ ކުރައްވާނެތެވެ.) ހަމަކަށަވަރުން، ﷲ އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެ އެވެ." ސޫރަތުލް ޢަންކަބޫތު 20 ވަނަ އާޔަތުގެ މާނަ)
އިސްވެ ދެންނެވުނު ދެ އާޔަތުގައި ވެސް ﷲ ސުބްޙާނަހޫ ވަތަޢަލާ ބަޔާންކުރައްވާފައިވަނީ އެ ކަލާނގެ އެއްކައުވަންތަކަމާއި އެ ކަލާނގެ ކުޅަދުންވަންތަ ކަމެވެ. އަދި އެ ކަން ބުއްދީގެ ޒަރީއާ އިން ހޯދުމަށާއި އެކަން ދެނެގަތުމަށްޓަކައި ވިސްނުމުގެ ދާއިރާ އަމާޒުކުރަންވީ މިސްރާބު އަންގަވާފައިވެ އެވެ.
އެ ގޮތުން އަޢުރާފް ސޫރަތުގެ 185 ވަނަ އާޔަތުގައި އަންގަވާފައި އެވަނީ އުޑުތަކާއި ބިމުގެ ވެރިކަމާ މެދުގައްޔާއި ﷲގެ މަޚްލޫޤުތަކުންނާ މެދުގައި ވިސްނައި ފިކުރުކުރުމަށެވެ. އަދި ޢަންކަބޫތު ސޫރަތުގެ 20 ވަނަ އާޔަތުގައި އަންގަވާފައިވަނީ ބިމުގެ އެކި ކަންކޮޅުތަކުގައި ދަތުރުފަތުރުކޮށް، ފެންނަން ހުރި ޢަލާމާތްތަކާއި ދަލީލުތައް ހޯދައިގެން، ޚަލްޤުކުރައްވަން ފެއްޓެވި ގޮތް ހޯދައި ބެލުމަށެވެ.
ޖުމްލަ ގޮތެއްގައި ބުނާ ނަމަ، މި އާޔަތްތަކުގައި މުޅިން ވެސް އަންގަވާފައިވަނީ ދިރާސާކުރުމަށެވެ. ދިރާސާކުރުމަކީ ބުއްދީގެ ޒަރީއާ އިން ވިސްނައި ފިކުރުކޮށްގެން ކުރެވޭނެ ކަމެކެވެ. ނަމަވެސް ކަމެއްގެ ނަތީޖާއެއް ހޯދުމަށް ދިރާސާކުރާ ނަމަ، އެ ނަތީޖާއަކަށް ވާސިލުކޮށްދޭނެ ހެކިތަކެއް ހުންނަންޖެހެ އެވެ.
"ހަމަކަށަވަރުން، އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި ރޭދުވާ ތަފާތުވުމުގައި، ބުއްދީގެ އަހުލުވެރިންނަށް ކަށަވަރުވެގެން ހުރި ހެކިތަކެއްވެ އެވެ." ސޫރަތު އާލް ޢިމްރާން 190 ވަނަ އާޔަތުގެ މާނަ)
"އަދި އެކަލާނގެއީ، ބިން ފަތުރުއްވައި، އެ ބިމުގައި ހަރުލައި ހުންނަ ފަރުބަދަތަކާއި، ކޯރުތައް ލެއްވި ރަސްކަލާނގެ އެވެ. އަދި އެއީ، ހުރިހާ ބާވަތެއްގެ މޭވާތައް، ޖޯޑުޖޯޑަށް (ދެވައްތަރުން ދެވައްތަރުން) ލެއްވި ރަސްކަލާނގެ އެވެ. (އަދި) އެކަލާނގެ ރޭގަނޑުން ދުވާލު ނިވައިކުރައްވަތެވެ. ހަމަކަށަވަރުން، އެ (ހުރިހާ) ކަންތަކުގައި ފިކުރުކުރާ ބަޔަކަށް، ހެކިތަކެއް ވާކަން ކަށަވަރެވެ." (ސޫރަތުއް ރަޢުދު 3 ވަނަ އާޔަތުގެ މާނަ)
އިސްވެ ދެންނެވުނު ދެ އާޔަތުގައި ވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ އަންގަވާފައިވަނީ، އެ ކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކެކެވެ. ނަމަވެސް މި ވުޖޫދުގެ ތެރެއިން ފެންނަ އެ ހެކިތައް ދަލީލުކޮށްދެނީ، ޚާލިޤުވަންތަ އިލާހުގެ ކުޅަދުންވަންތަކަމަށް ކަން އެނގޭނީ، އެ ކަންކަމާ މެދު ސާފު ހިތަކުން ވިސްނައި ފިކުރުކޮށްފި މީހަކަށެވެ. އާންމު އުސޫލުން ވިސްނައިގެން އެ މަގްސަދު ހާސިލު ނުވެ ހިނގައިދާނެ އެވެ.
ﷲ ވޮޑިގެންވާ ކަމުގެ ހެކިތައް ބަޔާންކުރައްވައި، ސުވާލުކުރައްވާފައިވާ އާޔަތްތައް ނިންމަވާލައްވަމުން، އެކި ޞީޣާތަކުން މުޚާޠަބުކުރައްވާފައިވަނީ ބުއްދީގެ އަހުލުވެރިންނަށެވެ. އެ ކަލާނގެ އަންގަވާފައިވަނީ، ވުޖޫދުގައި އެ ކަލާނގެ ލައްވަވާފައިވާ ކަންކަމުގައި "ބުއްދީގެ އަހުލުވެރިންނަށް"، "ފިކުރުކުރާ ބަޔަކަށް"، "ވިސްނާ ބަޔަކަށް"، "ވިސްނައި ފިކުރުކުރާ މީހުންނަށް" ހެކިތަކެއްވާނެ ކަމުގަ އެވެ.
އެހެންކަމުން އިސްލާމް ދީނުގައި، ﷲ ވޮޑިގެންވާ ކަމަށް އީމާންވުމަށާއި އެކަން ގަބޫލުކުރުމަށް އަންގަވާފައިވަނީ، މީހަކު ބުނީތީ ބުނާ ކަމެއްކުރާ އުސޫލަކުން ނޫނެވެ. ރަނގަޅަށް ވިސްނައި ފިކުރުކުރުމަށް ފަހުގައި އެކަން ގަބޫލުކުރުމަށެވެ. ވީމާ، އިސްލާމް ދީނުގައި ކޮންމެ ކަމެއްގައި ވެސް ބުއްދީގެ ބޭނުން ހިފުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އަންގަވާފައިވެ އެވެ.

0 comment