އަލީ ސުޒޭންގެ ރޯދަ މަހުގެ ހަނދާންތައް ވަރަށް ގިނަ އެވެ. އެކަމަކު އެއް ވާހަކަ ހިއްސާކޮށްލަން ޖެހުމުން، ސުޒޭން ރޯދަ މަހުގެ ހަނދާންތަކުގެ ތެރެއިން ހާއްސަ ކަމެއް ކިޔައިދިނެވެ. ކުޑައިރު ރޯދަ މަހުގެ ހަވީރު މަންޑި ކުޅޭތަން ބަލަން ދިޔަ ޒަމާނުގެ ވާހަކަ އެވެ.
ސުޒޭން ބުނީ ތަންކޮޅެއް ކުޑައިރު ރޯދަ މަހުގެ ހަވީރު ރޯދަކުރުކޮށްލުމުގެ ގޮތުން ކުރަން އޮންނަ ހަމައެކަނި ކަމަކީ މަންޑި ކުޅޭތަން ބަލަން ދިއުން ކަމަށެވެ. މަންޑި ކުޅޭތަން ބަލަން ދިއުމަކީ ސުޒޭނު ކުޑައިރު ރޯދަ މަހުގެ ކޮންމެ ދުވަހަކު ވެސް ކުރާކަމެކެވެ. އޭރު ރޯދަ ކުރުކުރުމަށް ކުރާނެ މާގިނަ ކަންތައްތައް ނޯންނާތީ މަންޑިކުޅޭ ތަން ބަލަން ދިއުމަކީ އެންމެ ފޫހިފިލާ ކަމަކަށް އޮތީވެފަ އެވެ.
"މިހާރާ ކުޑައިރު ކަންތައްތައް އޮތް ގޮތާ ވަރަށް ތަފާތު. އޭރު ނޯވޭ ކުރާނެ މާބޮޑުކަމެއް. ހަމަ އަސުރުކޮށްލައިގެން އައިސް މަންޑި ކުޅޭތަނަށް ދަނީ. އޭރު ހެންވޭރު ދަނޑުގައި ނުތަތަ އެހެން ކޮންމެވެސް ތަނެއްގައި އޮންނާނެ މަންޑި ކުޅުން. އެކުވެރިންނާއެކު މަންޑި ކުޅޭތަން ބަލަންދާނެ ރޯދަ މަހުގެ ކޮންމެ ދުވަހެއް ކަހަލަ ގޮތަކަށް." ވިކްޓަރީގެ ކޯޗު ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ އޭރު އުމުރުން ހަގުވުމުން ހަމައެކަނި ހުރެވޭނީ ކުޅޭތަން ބަލަން ކަމަށެވެ.
"އޭރު އަދި ވަރަށް ކުޑަވާނެ. މަންޑި ކުޅޭ ވަރަށް ވުރެމާ ކުޑަ. އެހެން ނޫނަސް އޭރު އެއީ ވަރަށް ބޮޑެތި މީހުން ކުޅޭ އެއްޗެއް އެއީ"
ސުޒޭން ބުނީ މަންޑި ކުޅުމުގެ އިތުރުން ހަވީރު ގަޑީގައި މަޑިއެރުވުމަކީ ވެސް އޭރު ރޯދަ ކުރުކޮށްލަން ވަރަށް ގިނައިން ކުރާ ކަމެއް ކަމަށެވެ. އަދި އޭރު ބަލަނީ ވީހާ ވެސް ތަަފާތު ވައްތަރުގެ މަޑި އެރުވުމަށް ކަމަށެވެ.
"ވަރަށް ތަފާތު ވައްތަރުގެ މަޑި އޭރު އެރުވޭތޯ ބަލާނީ. އެއީ ވެސް ވަރަށް މަޖާ ކަމެއް." ސުޒޭން ބުންޏެވެ.

ގައުމީ އިއްތިހާދުގެ ޖަލްސާ
ޕީޕީއެމްގެ އެއްވުން
2 comments