އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ ކަންކަމުގެ ތެރެއިން ބިމުގައި ފަސާދަކުރުމަކީ ނުބައިކަން ބޮޑުވެގެންވާ ފާފައެކެވެ. ދުނިޔެމަތީގައި ދެވޭ އެންމެ ވަރުގަދަ އުގޫބާތްތައް ކަނޑައެޅިފައިވާ ބޮޑު ޖަރީމާއެކެވެ. ބިމުގައި ފަސާދަކުރުމޭ ބުނާ ބަހުގެ މާނައަކީ މުޖުތަމައުތައް އިސްލާހުކުރުމުގެ ބަދަލުގައި ފާސިދު އެންމެހާ އަމަލުތައް ފަތުރައި ކުރިއަރުވަން މަސައްކަތްކުރުމެވެ.
ބިމުގައި ފަސާދަކުރުމަކީ އޭގެ ސަބަބުން އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެގެންދާނެ އަދި އޭގެ ނުބައި ރަހަ ދުނިޔެމަތީގައި ލިބިދާނެ ނުރައްކާތެރި ކަމެކެވެ. (އައްރޫމް 41). މި ނުރައްކާތެރި އަމަލުން ދުރުހެލިވުމަށްޓަކައި މާތްﷲ އަންގަވަނީ، ބިން އިސްލާހުކުރެއްވުމަށް ފަހު މީސްތަކުން އެ ބިމުގައި ފަސާދަ ނުކުރުމަށެވެ. (އަލްއަޢުރާފު ،56 އައްޝުޢަރާއު 151). ނަމަވެސް އިންސާނާގެ ތަބީއަތަކީ އޭނާ އަމިއްލަ އަށް ފުދިގެންފި ކަމަށް ފެނުމާ އެކު އަނިޔާވެރިކަމުގައި ހައްދުފަހަނަޅައި ދިއުން ކަމަށްވާތީ ބިމުގައި ފަސާދަ އުފައްދަ އެވެ.
އިސްލާމީ ނަޒަރުން ބަލާއިރު ބިމުގައި ފަސާދަ އުފެއްދުމުގެ ތެރޭގައި ވަރަށް ގިނަ ކަންކަން ހިމެނެ އެވެ. އޭގެ ތެރެއިން ހިމެނޭ އެންމެ ނުރައްކާތެރި ކަމަކީ މާތްﷲއާއި އެކަލާނގެ ރަސޫލާއާ ހަނގުރާމަކޮށް އުޅުމެވެ. އެއީ އިސްލާމީ ޝަރީޢަތާ އިދިކޮޅު ހަދައި އެއަށް މަލާމާތްކޮށް އެ ބަދަލުކުރުމަށް މަސައްކަތްކުރުމާއި، ޝަރީޢަތް އިހުމާލުކޮށް އެއަށް ޢަމަލުކުރުމުން ދުރުހެލިވެ އެއީ ޒަމާނަށް ނުފެތޭ އެއްޗެއް ކަމަށް ދައުވާކުރުމެވެ. ބިން ފަސާދަކުރާ މީހުންނަށް ދުނިޔެމަތީގައިވާ އުގޫބާތުގެ ވާހަކަ ބަޔާންކުރާ އާޔަތުގައި މިފަދައިން ބިން ފަސާދަކޮށް އުޅޭ މީހުންގެ ވާހަކަ ބަޔާންކުރެވިފައިވެ އެވެ. ރަސޫލުން ދޮގުކުރުމާއި، ހައްގު އައުމަށް ފަހު އެއީ ތެދުކަން ޔަގީންވާ އިރު ވެސް އަނިޔާވެރިކަމާއި ބޮޑާވެގަތުމުގެ ގޮތުން އެއަށް އިންކާރުކުރާ މީހުންގެ ވާހަކަ އައްނަމްލު ސޫރަތުގެ 14 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވެ އެވެ.
ބައެއް ތަފުސީރު އިލްމުވެރިން ވިދާޅުވާ ގޮތުގައި ބިމުގައި ފަސާދަކުރާ މީހުންނަކީ މައިގަނޑު ގޮތެއްގައި މަގުފޭރުން ނުވަތަ ޙިރާބާގެ ކުށްކުރާ މީހުންނެވެ. ޙިރާބާގެ ތެރޭގައި ހިމެނޭ ކަންކަމަކީ ގޭންގު ހަދައިގެން މީހުންނަށް ބިރުދެއްކުމާއި މީހުން މެރުމާއި މުދާ އަތުލުމާއި އިއްފަތްތެރިކަން ފޭރިގަތުމާއި ވައްކަންކުރުމާއި ރަހީނުކޮށްގެން މުދަލަށް ނުވަތަ ކަމަކަށް އެދުމާއި ދަނޑުފަގު ހަލާކުކުރުމެވެ. ނަމަވެސް ބިން ފަސާދަކުރުމުގެ ތެރޭގައި ޙިރާބާގެ ޢަމަލުތައް ފިޔަވައި އެހެން ކަންކަން ވެސް ހިމެނޭކަން ޤުރުއާނާއި ސުންނަތުން އެނގެ އެވެ.
މިގޮތުން ހިމެނޭ އެއް ކަމަކީ ﷲ އަށް ޝަރީކުކޮށް އެކަން ފަތުރަން އުޅުމެވެ. މިކަމުގައި ދެ ފަސާދައެއް އެކުލެވެ އެވެ. އެއް ފަސާދަ އަކީ (ﷲ އަށާއި އެކަލާނގެ ރަސޫލާ އަށް) ކާފިރުވުމެވެ. އަނެއް ފަސާދަ އަކީ މާތްﷲ ގެ މަގުން (އެހެން މީހުން) އެއްކިބާ ކުރުމެވެ. (އައްނަޙްލު 88). މުނާފިގުކަމަކީ ވެސް ބިން ފަސާދަ ކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. (އަލްބަޤަރާ 11- 12)
ވެރިކަމެއް ލިބުމުން ރަށްރަށް ސުންނާފަތިކޮށް ފަސާދަކޮށް އެތަނުގެ އިއްޒަތްތެރިން ނިކަމެތިން ކަމުގައި ހެދުމަކީ ވެސް ބިމުގައި ފަސާދަކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. (އައްނަމްލު 34). އަދި މިގޮތުން މީސްތަކުންނަށް ތިމާގެ ހުރި ނުލަފާކަން ދެއްކުމާއި ބޮޑާވެގަތުމަކީ ވެސް ބިން ފަސާދަކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ފިރުއައުނާއި ޤާރޫނަކީ މީގެ މިސާލުތަކެވެ. އަދި ނާޖާއިޒު ފައިދާ ނަގައިގެން ވަކި މީހެއްގެ ނުވަތަ ބައެއްގެ މަސްލަހަތަށްޓަކައި އެކަށީގެންނުވާ މީހުންނަށް މަގާމުތައް ދިނުމަކީ ވެސް ފަސާދަކުރުމުގެ ތެރެއިން ހިމެނޭ ކަމެއްކަން ހަދީސުން އެނގެ އެވެ. މީސްތަކުންނަށް އަނިޔާވެރިވެ އެމީހުންނަށް ލިބޭ ނިއުމަތްތަކުން މަހުރޫމުކުރުވަން މަސައްކަތްކުރުމަކީ ވެސް ބިމުގައި ފަސާދަކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ޓެކުމާއި ޚިޔާނަތާއި ރިޝްވަތާއި މިނެކިރުމުގައި މަކަރުހެދުން ފަދަ ހުއްދަ ނޫން މާލީ މަންފާތައް ހޯދުމާއި މިފަދަ ކަންކަން އާންމުކުރަން މަސައްކަތް ކުރުމަކީ ވެސް ބިމުގައި ފަސާދަކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. މިފަދަ ކަންކަން މަނާކުރުމަށް އިސްލާމް ދީނުގައި ވަރަށް ގިނަ ނައްސުތައް އައިސްފައިވެ އެވެ. އަދި މިގޮތުގައި ބިމުގައި ފަސާދަ ނުކުރުމަށް ޝުޢައިބުގެފާނު އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ނަސޭހަތްތެރިވެލެއްވި އެވެ. (އަލްއަޢުރާފު 85). އަހުދުތައް ކުރުމަށްފަހު އެއަށް ވަފާތެރިނުވެ އުވާލުމާއި ގުޅުވައި ދެމެހެއްޓުމަށް ﷲ އަމުރުކުރެއްވި ކަންތައްތައް ކަނޑާލުމަކީ ވެސް ބިމުގައި ފަސާދަ އުފެއްދުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. މިފަދަ މީހުންނަކީ ގެއްލެނިވެގެންވާ ބައެކެވެ. (އަލްބަޤަރާ 27)
ކުށްކުރުމުގައި ދެމިހުރުމާއި ނުބައި ކަންކަމުގައި ހައްދު ފަހަނަޅައި ދިއުމަކީ ވެސް ބިމުގައި ފަސާދަކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ﷲ ދެއްވި ރިޒުގުން ކައިބޮއެ އުޅުމަށާއި ފާސިދުން ކަމުގައިވެ ތިބެ ބިމުގައި ފަސާދަ ނުކުރުމަށް މޫސާގެފާނު އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ނަސޭހަތްތެރިވި އެވެ. (އަލްބަޤަރާ 60). ޔަހޫދީންގެ ޚާއްސަ ސިފައެއް ކަމުގައިވާ މީސްތަކުންގެ މެދުގައި ހަނގުރާމައިގެ ހުޅު ރޯކުރުމަކީ ވެސް ބިމުގައި ފަސާދަ ކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. (އަލްމާއިދާ 64)
މިނޫނަސް ޖުމްލަކޮށް އަހުލާގީ ކުށްތައް ފަތުރައި އާންމު ކުރުމަކީ ބިމުގައި ފަސާދަ ކުރުމުގެ ތެރެއިން ހިމެނޭ ކަންކަމެވެ. މިގޮތުން ޒިނޭކުރުމާއި ރާބުއިމާއި ޖުވާކުޅުމާއި ޖާހިލިއްޔަތުގެ ޒީނަތުން ޒީނަތްތެރިވުން ފަދަ ފާހިޝް އެންމެހާ އަމަލުތައް އާންމުކުރަން މަސައްކަތްކުރުމުގެ އިތުރުން ބިން އިސްލާހުކުރަން މަސައްކަތްކުރާ މީހުންގެ ބަސް އަޑުއެހިޔަ ނުދީ ހިފެހެއްޓުމަށް މަސައްކަތްކުރުމާއެކު އެފަދަ މުސްލިހުންގެ އަގުވައްޓާލަން މަކަރުވެރި ރޭވުންތައް ރާވައިގެންނާއި އެ ނޫން ގޮތްގޮތުން ވިޔަސް މަސައްކަތްކުރުމަކީ ވެސް ބިމުގައި ފަސާދަކުރުމުގެ ތެރެއިން ހިމެނޭ ކަންކަމެވެ.
މިފަދަ ކަންކަމުން މުޖުތަމައު ފަސާދަވެގެންދާ ހިނދު ކަމުވޮށިގެންވާ މީހުން މަޑުން ނުތިބެ އިސްލާހުކުރަން މަސައްކަތްކުރަން ޖެހޭނެކަން ހޫދު ސޫރަތުގެ 116 ވަނަ އާޔަތުން އެނގެ އެވެ. އަދި މިފަދަ ހާލަތުގައި އެކަމާ އަޅާނުލުމަކީ ނަވެއްގެ އަޑީ ބައިގައި ތިބޭ ބަޔަކު ފެން ނަގަން ނަވުގެ މައްޗަށް އެރުމުގެ ބަދަލުގައި ނަވުން ބާގަނޑެއް ހަދައިގެން ފެންނަގަން މަސައްކަތްކުރަން އުޅުމުން މަތީގައި ތިބި މީހުން އެކަމާ އަޅާނުލައި ދޫކޮށްލުން ފަދަ ކަމެއްކަން ކީރިތި ރަސޫލާ ވަނީ ބަޔާން ކުރައްވާފަ އެވެ. ވީމާ ހިކުމަތްތެރި ގޮތުގައި ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން ބިން އިސްލާހުކުރަން މަސައްކަތް ކުރަން ޖެހޭނެ އެވެ.
މިގޮތުން ނަސޭހަތާއި ވައުޒު ދީގެން (އަލްޤަޞަޞް 77) ނުވަތަ އެއަމަލުތަކަށް ނުރުހޭކަން ފާޅުކޮށްގެން (އަލްއަންޢާމް 68) ނުވަތަ ފާސިދުންގެ މަކަރުވެރި ރޭވުންތަކާ މެދު މީސްތަކުން ހޭލުންތެރި ކުރުވައިގެން ނުވަތަ ފައިދާއަށް ވުރެ ގެއްލުން ބޮޑު ނުވާނެ އެހެން ހަރުކަށި ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެންމެ ކުޑަމިނުން ﷲގެ ހަޒްރަތުން މިކަމަށް ވާގިވެރިކަން އެދިގެން (އަލްއަންކަބޫތު 30) ވިއަސް މިކަން ނައްތާލަން މަސައްކަތް ކުރަން ޖެހޭނެ އެވެ.
މި ހުރިހާ ވަސީލަތްތަކެއް ބޭނުންކުރުމަށް ފަހު ވެސް ފާސިދުން އެ ގޮތުގައި ކުރިއަށްދާ ނަމަ އަލްމާއިދަތު ސޫރަތުގެ 33 ވަނަ އާޔަތުގައިވާ ގޮތަށް ޝަރުއީ ހަމަތަކުގެ މަތިން އުގޫބާތްތައް ތަންފީޒުކުރަމުން ގެންދަން ވާނެ އެވެ. އެއީ ގަތުލުކުރުން ނުވަތަ ސަލީބަށް އެރުވުން ނުވަތަ އަތްފައި ތަފާތުވާ ގޮތުން ބުރިކުރުން ނުވަތަ އަރުވާލުމެވެ. ނުވަތަ މި ހުރިހާ ކަމެއް އެކީ ނުވަތަ މިއިން ބައެއްކަންކަން އެކީ ކުރުމެވެ. މިއީ މިފަދަ މީހުންނަށް ދުނިޔޭގައިވާ ނިކަމެތި ކަމެވެ.
މީގެ އިތުރުން އާހިރަތުގައި މި މީހުންނަށް ގަދަފަދަވެގެންވާ އަޒާބު ހުއްޓެވެ. އަދި ލައުނަތާއި އާހިރަތުގައި ނުބައިވެގެންވާ ގޮވަތި އެމީހުންނަށްވެ އެވެ. (އައްރަޢުދު 25). މިއީ އަދުލުވެރި ނިޔާއެކެވެ. އެހެނީ ސާލިހު އަމަލުކޮށް ބިން އިސްލާހުކުރާ މީހުންނާއި ބިމުގައި ފަސާދަ އުފައްދާ މީހުންނާ އެއްވަރު ނުކުރެވޭނެތީ އެވެ. އަދި ތަގުވާވެރިންނާއި ފާޖިރުން ވެސް އެއްވަރު ނުކުރެވޭނެތީ އެވެ. (ޞާދު 28). ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! އަޅަމެންގެ މުޖުތަމައުތަކަކީ ސާލިހު މުޖުތަމައުތަކެއް ކަމުގައި ލައްވައި މުސްލިމް ބިންތަކުން ފަސާދަ ނެތި ކުރައްވާނދޭވެ!

0 comment