އިސްލާމީ ޝަރީއާ

ހައްދުތައް ގާއިމު ކުރުމަކީ ހައްގުތަކެއް ނިގުޅައިގަތުމެއް ނޫން

ސައުދުއްﷲ އަލީ
29 ޑިސެމްބަރ 2011 6 ކޮމެންޓު
  • ކުންފުންޏެއްގެ ތިޖޫރި ހަލާކުކޮށްލައިގެން ވައްކަން ކޮށްފައި: އިސްލާމީ ޝަރީއަތް ބިނާވެފައި ވަނީ މުޖުތަމައު އަމާން ތަނަކަށް ހެދުމުގެ މައްޗަށް

އިސްލާމްދީނުގައި ކަނޑައެޅިފައިވާ ހައްދުތަކާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު، އިސްލާމްދީނުގައި އެ ހައްދުތައް ކަނޑައެޅުމުގެ މަގުސަދުތަކާއި، ހައްދުތައް ކަނޑައެޅިފައިވާ ގޮތާއި، ޖަރީމާތައް ސާބިތު ކުރަން އޮންނަ ގޮތާއި، ހައްދުތައް ތަންފީޒު ކުރުމަށް ރޭވިފައި އޮންނަ ގޮތް ރަނގަޅަށް ދޭހަވުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަމައެއާ އެކު ހަރުކަށިކަމާއި، ހައްދުފަހަނައެޅުމާއި، ހައްގުތަކާ ޚިލާފުވުން ފަދަ ކަންކަމުގެ ތުހުމަތު އެއަށް ކުރެވޭ ހިނދު، އެފަދަ ބަސްތަކުގެ މަފްހޫމާއި، އަދި އެމަފްހޫމުތަކާ ހައްދުތަކުގެ ހުކުމްތަކާ އޮންނަ ގުޅުންތައް އިސްލާމީ ނަޒަރުން ސައްހަ ގޮތުގައި ދެނެގަތުމަކީ ވެސް ހަމަ އެހާމެ މުހިންމު ކަމެކެވެ. އެހެން ނޫން ނަމަ ޣައިރު މުސްލިމުން އިސްލާމްދީނުގެ ހައްދުތަކާ މެދު ކުރާ ބާތިލު ތުހުމަތުތަކަށް މުސްލިމުންނަށް ވެސް ނޭނގި ތިބެ އެއްބަސްވެވޭތަން އަންނާނެ އެވެ. ވީމާ މިކަމުން ސަލާމަތްވުމަށްޓަކައި މުސްލިމުން ހޭލުންތެރިވުން ވަރަށް މުހިންމެވެ.

މިގޮތުން ބަލާއިރު ޝަރުއީ ހައްދުތަކާ ގުޅުން ހުރި ހުކުމްތަކުގައި ވަރަށް މުހިންމު އަސާސްތަކެއް އެކުލެވިފައިވާކަން އެންމެ ފުރަތަމަ ދަންނަން ޖެހެ އެވެ. މިއަސާސްތަކުގެ ތެރެއިން އެއް ކަމަކީ، މި ހައްދުތަކަކީ ކުށް ކުރާ މީހުން ދެވަނަ ފަހަރަކު އެކުށަށް އެނބުރި ދިޔަނުދިނުމަށް އޮތް ބިރެއް ކަމުގައިވުމެވެ. އަދި ދެން ތިބި މީހުން ކުށެއް ކުރުމާ މެދު ހިޔާލު ކުރަން ވެސް ބިރުގަންނުވާ ކަމެއް ކަމުގައި ވުމެވެ. އެހެންކަމުން އެއީ ފަރުދީ ފެންވަރުގަ އާއި ޖަމާއަތުގެ ފެންވަރުގައި ޖަރީމާތަކަށް އޮތް ހުރަހެކެވެ.

ދެވަނަ ކަމަކީ، އިސްލާމްދީނުގައި މިފަދަ ވަރުގަދަ ހައްދުތަކެއް ކަނޑައަޅުއްވާފައި ވާއިރު، އޮޅިގެން ނުވަތަ ކުށަކުން މީހަކަށް އެފަދަ އުގޫބާތެއް ދެވިދާނެތީވެ މައްސަލަ ސާބިތުކުރުމުގައި ކިތަންމެ ކުޑަ ނަމަވެސް ޝުބުހާއެއް އޮވެއްޖެ ނަމަ އުގޫބާތް ނުދީ ދޫކޮށްލަން ޖެހޭ ކަމެވެ. ކީރިތި ރަސޫލާ ވަނީ އެކަމަށް އަމުރު ކުރައްވާފަ އެވެ. ޝުބުހާގެ ތެރޭގައި ޖަރީމާގެ ޝަރުތުތަކުން ޝަރުތެއް ފުރިހަމަ ކަމާ މެދު ޝައްކެއް އުފެދުން، ނުވަތަ ހެކިވެރިންގެ ޝަރުތުތަކުން ޝަރުތެއް ފުރިހަމަ ކަމާ މެދު ޝައްކު ވުން، ނުވަތަ އުގޫބާތުގެ ހުކުމާ މެދު އިލްމުވެރިންގެ މެދުގައި އިހުތިލާފު އުފެދިފައިވުން (މިސާލަކަށް ޒިނޭކުރާ މުޙުޞަނުން ރަޖަމްކުރުން، މުރުތައްދުވާ މީހުން ވަގުތުން ގަތުލުކުރުން)، ނުވަތަ ކުށްކުރި މީހާ އިއުތިރާފުވާ ހާލަތުގައި އޭނާ ތެދު ބުނާ ކަމާ މެދު ޝައްކެއް އުފެދުން ފަދަ ކަންކަން ހިމެނެ އެވެ.

ތިން ވަނަ ކަމަކީ، ޝަރުއީ ހައްދުތަކުގެ މަގުސަދަކީ މީހުންގެ ގުނަވަންތައް ކަނޑައި، މީހުންތައް ގަތުލުކޮށް، ނުވަތަ ރަޖަމްކޮށް، މީހުން ދަތި ހާލަތްތަކެއްގައި ބޭތިއްބުމެއް ނޫނެވެ. އެކަމަކު މަގުސަދަކީ މާތް ސިފަތަކާއި ރިވެތި އަހުލާގު، މުޖުތަމަޢުގައި ފަތުރައި އެންމެންނަށް އަމަންއަމާންކަން ލިބިގެންވާ މާހައުލެއް އުފެއްދުމެވެ. އެހެންކަމުން ހައްދުތައް ކަނޑައެޅިފައިވީ ނަމަވެސް މުޖުތަމައުގެ ހާލަތު ނިޔާކުރާ ގޮތުން އެ ތަންފީޒު ނުކޮށް ފަސްކުރެވިދާނެ އެވެ. ބަނޑުހައިހޫނުކަމާއި، ތަދުމަޑުކަން ފަދަ ކަންކަން މެދުވެރިވާ ހާލަތްތަކުގައި އެފަދަ ކަންކަމަކީ ހައްދު ސާބިތުކުރުމަށް އޮތް ޝުބުހާއެއް ކަމުގައި ބަލައި، ހައްދުތައް ތަންފީޒު ނުކޮށް (ވަގުތީ ގޮތުން) ދޫކޮށްލެވިދާނެ ކަމުގެ މިސާލެއް ޢުމަރުގެފާނު ވަނީ އަމަލީ ގޮތުން ދައްކަވައިދެއްވާފަ އެވެ. ހަމައެފަދައިން ހައްދުތައް ތަންފީޒުނުކުރާ މުޖުތަމައެއްގައި އަލަށް އެކަން ފެށުމުގެ ގޮތުން ފިޔަވަޅަކުން ފިޔަވަޅަކުން ކުރިއަށް ގެންދިއުމަށްޓަކައި އެންމެ ފުރަތަމަ ހައްދުތައް ތަންފީޒު ނުކޮށް ދޫކޮށްލެވިދާނެ އެވެ. ޝަރުއީ ހުކުމްތައް ތަންފީޒު ކުރުމުގައި ފިޔަވަޅަކުން ފިޔަވަޅަކުން ކުރިއަށް ގެންދިއުމަކީ އިސްލާމީ ޝަރީއަތުގެ އަސާސެކެވެ. ހަމައެއާ އެކު ހައްދުތައް ކަނޑައެޅިފައިވާ ޖަރީމާއެއްގައި އިންސާނެއްގެ ހައްގަކަށް އަރައިނުގަނެ، ނުވަތަ ފާޅުގައި އެކަން ނުކުރާހާ ހިނދަކު ޖަރީމާތައް ސިއްރު ކުރަން ޖެހެ އެވެ. ކީރިތި ރަސޫލާ ވަނީ މިކަމަށް އިރުޝާދު ދެއްވާފަ އެވެ. އެއީ، ފާހިޝްކަންކަމާއި މުންކަރާތްތަކުގެ ބަދަލުގައި މާތް ސިފަތަކާއި ރިވެތި އަހުލާގު މުޖުތަމައުން ފާޅުވުމަށްޓަކަ އެވެ.

ހަތަރު ވަނަ ކަމަކީ، ހައްދު ކަނޑައެޅިފައިވާ ކޮންމެ ޖަރީމާއެއް ވެސް ހައްދުޖެހޭ ފަދަ ޖަރީމާއެއް ކަމުގައި ވުމަށާއި، އެކަން ސާބިތު ކުރުމަށް ވަރަށް ދަތި އުދަގޫ ޝަރުތުތަކެއް ޝަރީއަތުގައި ވުމެވެ. މިސާލަކަށް ޒިނޭގެ ހައްދު ސާބިތުވާ އެއްގޮތަކީ، އެކަން ކުރި މީހަކު އެކަން ކުރި ގޮތް ތަފްސީލުކޮށް ބުނެ މަދުވެގެން ހަތަރު ފަހަރު އިއުތިރާފު ވުމެވެ. އަދި މިއިއުތިރާފު ބަލައިގަނެވޭނީ މިއިއުތިރާފު ވުމަށް ބާރު ފޯރުވާ އެހެން އެއްވެސް ކަމެއް (މިސާލަކަށް ބިރުދެއްކުމެއް، މޮޔަވުމެއް، ނަފްސާނީ ބަލިމަޑުކަމެއް ފަދަ ކަމެއް) ނެތްކަން ކަށަވަރު ކުރުމަށް ފަހު އެވެ. އަދި މިގޮތުން ސާބިތުވުމަށް ފަހު، ހުކުމް ތަންފީޒު ކުރަން ފަށާ ތަނުން ވެސް އޭނާގެ އިއުތިރާފުން ރުޖޫއަ ވެއްޖެ ނަމަ ހައްދު ނުޖަހައި ދޫކޮށްލަން ޖެހެ އެވެ. މާޢިޒުގެ ހާދިސާ އިން މިކަމަށް ދަލީލު ލިބެ އެވެ. ޒިނޭގެ ހައްދު ސާބިތުވާ ދެވަނަ ގޮތަކީ، ހަތަރު ހެކިވެރިންނަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި (އެބަހީ، ފެން ނަގާ ބާލިދީ އާއި އޭގެ ވާގަނޑު ވަޅުތެރެއަށް ފައިބައިގެން ދާ ފަދައިން ނުވަތަ އަނދުން ގާނާ ވަނުގެ ތެރެއަށް މޯ ލެއްވޭ ފަދައިން) ޒިނޭ ކުރިތަން ފެނިގެން އެހަތަރު މީހުން ހެކިބަސް ދިނުމެވެ. ފާޅުގައި ފާހިޝް ކަންކަން ކުރުން އާންމުވެފައިވާ މުޖުތަމައަކުން މެނުވީ މިގޮތަށް ހެކި ހޯދުމަކީ ނާދިރު ކަމެކެވެ. އަދި މިގޮތަށް ހެކި ދެއްކިއަސް ހެކިންގެ އަދަދު ހަތަރެއް ހަމަނުވެއްޖެ ނަމަ ހެކިބަސް ދިން މީހުންނަށް ޤަޛުފުގެ ހައްދު ޖެހެ އެވެ. ހެކިންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތެއް ފުރިހަމަ ނޫން ކަމާ މެދު ޝައްކުވެއްޖެ ނަމަ އެއީ ޝުބުހާއެކެވެ. ބަލިވެއިނުމަކީ ވެސް އޭގައި ޝުބުހާއެއް އޮންނަ ކަމެއް ކަމުން ގިނަ އިލްމުވެރިން ވިދާޅުވަނީ ބަލިވެއިނުމަކީ ހައްދު ސާބިތުވާނެ ހެއްކެއް ނޫން ކަމުގަ އެވެ. ނަމަވެސް އެއީ ހެއްކަކަށް ދިއުމަށް އޮތް ހަމައެކަނި ގަރީނާއެއް ކަމުގަ އެވެ. ވީމާ އިއުތިރާފުވުން ފިޔަވައި ޒިނޭގެ ހައްދު ސާބިތުވާނެ ފަސޭހަ ގޮތެއް ނެތެވެ. އެހެން ހައްދުތަކުގައި ވެސް ހައްދު ސާބިތުވުން އޮތީ މިފަދަ ދަތި އުނދަގޫ ގޮތަކަށެވެ. ވީމާ އާހިރުގައި ހައްދު ތަންފީޒު ކުރެވިގެންދާނީ ވަރަށް ނާދިރު ހާލަތްތަކެއްގަ އެވެ. މިގޮތަށް މިކަން އޮތުމުގެ ބޭނުމަކީ މިފަދަ ވަރުގަދަ އުގޫބާތްތަކެއް އެ ހައްގު ނުވާ ފަރާތަކަށް އަދި ކިއެއްތަ، ހައްގުވާ ކަމާ މެދު ކިރިޔާ ޝައްކުވާ ފަރާތަކަށް ވެސް ނުދިނުމެވެ.

ފަސް ވަނަ ކަމަކީ، އިސްލާމީ ޝަރީއަތަކީ ހުރިހާ ޒަމާނަކާއި ހުރިހާ ތަނަކަށް ޢާންމު ޝަރީއަތެއް ކަމަށްވާއިރު، އިންސާނުން އެމީހުންގެ ނަފްސުތައް ކޮންޓްރޯލު ކުރުމުގައި އެކި މީހުން ތަފާތުވާ ހިނދު ބަލިމަޑުކަމެއް ކުރިމަތިވެފައިވާ ނަފްސުތައް ބިރުގަންނުވާލާ ފަދަ ވަރުގަދަ އުގޫބާތްތައް އަބަދުވެސް ކަނޑައެޅިފައި އޮންނަން ޖެހެ އެވެ. އަދި ހައްދުޖެހުން ހައްގުވާކަން (އެއްވެސް ޝުބުހާއެއް ނެތި) ކަށަވަރުވާ ފަރާތްތަކަށް އެ ވަރުގަދަ އުގޫބާތް ދޭން ޖެހެ އެވެ. އެއީ ކުށް ކުރާ މީހުންނާއި އެނޫން މީހުންގެ ހިތްތަކުގައި ކުށަށް އަރައިގަތުމަށް ބިރުވެރިކަން އުފެއްދުމެވެ. އިންސާނުންގެ ސުލޫކު ބަދަލުކުރުމުގައި، ސުލޫކީން (ބިހޭވިއަރިސްޓުން) ގެ ނަޒަރިއްޔާ އެއް ކަމުގައިވާ �ލޯ އޮފް އިފެކްޓް� އަދާ ކުރާ މުހިންމު ދައުރު، ނަފްސާނީ އިލްމު ދަންނަ މީހުންނަށް ވަރަށް ރަނގަޅަށް ތަސައްވަރު ކުރެވޭނެ އެވެ. އެނަޒަރިއްޔާގައިވާ ގޮތުން ސުލޫކަށް ހެޔޮ ބަދަލު ގެނައުމުގައި ހިތްވަރު ދިނުމާ އެއްފަދަ އިން އުގޫބާތް ދިނުމަކީ ވެސް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އިސްލާމީ ޝަރުއީ ހައްދުތަކަކީ މިގޮތުން ބަލާއިރު އިންސާނީ ނަފްސުތަކާ އެންމެ މުނާސިބު، އަދި އެނަފްސުތައް ހޭލައްވާލާ ފަދަ އުގޫބާތްތަކެކެވެ.

ހަވަނަ ކަމަކީ، ޝަރުއީ ހައްދުތަކަކީ މުޅި އިސްލާމީ ނިޒާމުގެ ހަމައެކަނި ވަރަށް ކުޑަ ބައެއް ކަމެވެ. އިސްލާމް ދީނަކީ، އަގީދާއަކާއި އިބާދާތުތަކަކާއި، ވަކި ހަމަތަކެއްގެ މަތިން ކުރާ މުއާމަލާތުތަކަކާއި، ފުރިހަމަ އަހުލާގީ ސިފަތަކެއް އެކުލެވޭ އާންމު ނިޒާމެކެވެ. ހައްދުތަކަކީ މިނިޒާމަށް މީހުން ތަބާ ކުރުވުމަށް ބާރުއެޅުމުގެ ގޮތުން އޭގައި ހިމެނޭ ބައެކެވެ. އެހެންކަމުން ޝަރީއަތުގައިވާ ހައްދުތަކުގެ ވާހަކަ ދައްކާއިރު މުޅި ނިޒާމު އެކީ ފަހުމް ވާން ޖެހެ އެވެ. އަދި ހައްދުތައް ގާއިމުކުރުމުގައި މުޅި ނިޒާމު އެކީ ގާއިމުނުކުރެވޭ ނަމަ އެކިއެކި ހައްދުތައް ކަނޑައެޅުމުގެ މަގުސަދު އެންމެ ފުރިހަމައަށް ހާސިލެއް ނުވާނެ އެވެ. ނަމަވެސް މިއީ މުސްލިމުންގެ ކަންކަން އިންތިޒާމުކުރަން ހަދާ ގާނޫނުތަކުގައި ހައްދުތައް ކަނޑައެޅިފައި ނުބޭއްވުމަށް އޮތް އުޒުރެއް ނޫނެވެ. މިއީ ހަމައެކަނި ހައްދުތައް ތަންފީޒު ކުރުމުގައި، އެކަމާ މެދު އިތުރަށް ވިސްނައި ޝަރުއީ ހަމަތަކުގެ މަތިން ދެވެން ހުރި ލުއިފަސޭހަތައް ދެވޭނެ ގޮތްތަކާ މެދު ގޮތް ނިންމަން ލިބޭ ފުރުސަތެކެވެ.

ހަތް ވަނަ ކަމަކީ، ޝަރުއީ ހައްދުތަކަކީ ރިވެތި އަޚްލާގަށް މަގުފަހިކުރާ ކަމަކަށް ވުމެވެ. ހަމައެއާ އެކު އެއީ ކުރެވޭ ކުށްތަކުން މީހާ ތައުބާވުމަށް އޮތް މަގެއް ކަމުގައި ވެސް ވުމެވެ. އެހެނީ ހައްދުތައް ގާއިމުކުރުމަކީ އާހިރަތުގައި ލިބޭ އަޒާބުގެ ކައްފާރާއެކެވެ. އަނެއްކޮޅުން މި ހައްދުތައް ކަނޑައެޅުއްވި ފަރާތަކީ އެންމެހާ އިންސާނުން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ކަމުގައި ވުމުން އެފަރާތަށް ރުޖޫއަވާން ޖެހިއްޖެ ކަމުގެ އިހުސާސް މިފަދަ ވަރުގަދަ އުގޫބާތެއްގެ ސަބަބުން ލިބޭނެ އެވެ.

އަށް ވަނަ ކަމަކީ، ވަރުގަދަ އަދި ހަރުކަށި އުގޫބާތްތަކަކީ ހަމައެކަނި އިސްލާމްދީނުގައި އޮންނަ ކަމެއް ނޫން ކަމެވެ. ބާވާލެއްވި ހުރިހާ ދީންތަކެއްގައި ވެސް އަދި ކިއެއްތަ ވަޟުޢީ ނިޒާމުތަކުގައި ވެސް މެރުން ފަދަ ވަރުގަދަ އުގޫބާތްތައް ހިމެނެ އެވެ.

މި އިޝާރާތް ކުރެވުނު ކަންކަމަކަށް ބަލާއިރު އެނގި ހާމަވެގެންދާ ހަގީގަތަކީ ޝަރުއީ ހައްދުތަކަކީ އޭގައި ކުށްވެރިންނަށް ހަރުކަށިކަން ދައްކައި ބިރުގަންނުވާ އުގޫބާތްތަކެއް ކަމަށް ވިއަސް އެއީ އިންސާނީ ދިރިއުޅުމަށް ނުހަނު ބޭނުން އެއްޗެއް ކަމެވެ. މުޖުތަމައުގައި އަމަންއަމާންކަން ދަމަހައްޓައި، އެންމެންނަށް ބާއްޖަވެރި ދިރިއުޅުމެއް ގެނެސްދިނުމަށް ވަރަށް މުހިންމު ވަސީލަތެއް ކަމެވެ. މިސާލަކަށް ވައްކަމަކީ މީހުން ބުރަ މަސައްކަތުން ހޯދާފައިވާ މުދާކޮޅު ނުހައްގުން އަތުލައިގަނެ، މުޖުތަމަޢުގެ އަމާންކަން ގެއްލުވާލައި، ހިތްތަކަށް ބިރުވެރިކަމާއި ހާސްކަން ގެނުވާ ކަމެކެވެ. ވައްކަންކުރުން އާންމު ކަމަކަށް ވެއްޖެ ނަމަ މިބިރުވެރިކަމާއި ހާސްކަން އަބަދަށް ދެމިއޮންނާނެ އެވެ. މިކަމަށް އޮތް އެންމެ ފުރިހަމަ ހައްލަކީ އިސްލާމް ދީން މިކަމުގައި ކަނޑައަޅުއްވާފައިވާ �ހަރުކަށި� ހައްދު ގާއިމުކުރުމެވެ. އެ ހައްދު ގާއިމުކުރުމުން ކެނޑިގެން އެދާ އަތަކީ މުޖުތަމައަށް އަނިޔާވެރިވި އަތެކެވެ. އެއީ މުޖުތަމައުން އަނިޔާވެރި ގޮތެއްގައި ބުރިކޮށްލާ އަތެއް ނޫނެވެ. ހަމައެފަދައިން ޝަރުއީ ހައްދުތައް ގާއިމުކުރުމަކީ ހައްދުފަހަނަ އެޅުމެއް ނޫނެވެ. އެއީ ﷲ ކަނޑައެޅުއްވި ހައްދުގެ ތެރޭގައި ދެމިތިބުމެވެ. ހަގީގަތުގައި ހައްދުފަހަނައެޅުމަކީ މިހައްދުތައް ގާއިމުނުކޮށް ތިބުމެވެ. ހަމައެފަދައިން، ޝަރުއީ ހައްދުތަކަކީ، މާ ކުރީގެ ޒަމާނެއްގައި އުޅުނު ބަޔަކަށް ކަމުދިޔަސް މިފަދަ ތަރައްގީ ވެފައިވާ ޒަމާނަކަށް ކަމުދާ އެއްޗެއް ނޫން ކަމަށް ނުވަތަ މިއީ އިންސާނީ ހައްގުތަކާ ހިލާފު އުގޫބާތްތަކެއް ކަމަށް ބުނާ ސެކިއުލަ ހިޔާލަކީ ވެސް އެއަށް އެއްވެސް ބުރަދަނެއް ލިބިގެންވާ ހިޔާލެއް ނޫނެވެ. ސަބަބަކީ މިއުގޫބާތްތަކަކީ އެހެން ބައެއްގެ ހައްގުތަކަށް އަދި އޭގެ ކުރިން މާތްﷲގެ ހައްގުތަކަކަށް އަރައިގަންނަ ބަޔަކަށް އެކަނި ދޭ އުގޫބާތްތަކެއް ކަމަށް ވާތީ އެވެ. މިއުގޫބާތްތައް ނުދެވޭ ނަމަ އެހެން ހައްގުތައް ގެއްލިގެންދެ އެވެ. އިންސާނީ ހައްގުތަކަކީ ހަމައެކަނި ކުށްވެރިންނަށް އޮންނަ އެއްޗެއް ނޫނެވެ. ވީމާ ޝަރުއީ ހައްދުތައް ގާއިމުކުރުމަކީ އިންސާނީ ހައްގުތަކެއް ނިގުޅައިގަތުމެއް ނޫނެވެ. އަދި އެއީ ހައްދުފަހަނަ އެޅުމެއް ވެސް ނޫނެވެ.

6 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait