ރާއްޖޭގެ ދީނީ މައްސަލަތައް

ދީނީ އިލްމުވެރިންގެ މަހާސިންތާ ކާމިޔާބު

ހުސައިން ފިޔާޒު މޫސާ
05 ޖެނުއަރީ 2012 08:56 15 ކޮމެންޓު
  • ދީނީ އިލްމުވެރިންގެ މަހާސިންތާގައި ބައިވެރިވެވަޑައިގެންނެވި ދީނީ ބައެއް އިލްމުވެރިން: މަހާސިންތާގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށް އިލްމުވެރިން ގަބޫލްކުރައްވާ -- ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް

ތިމާ ގަބޫލުކުރާ ގޮތަކީ އިސްލާމް ދީނުގައި އަންގަވާފައި އޮތް ގޮތް ކަމަށް ނުވަތަ އެންމެ ރުހިވޮޑިގެންވާ ގޮތް ކަމަށް ގަބޫލުކުރާއިރު، އެ ގޮތްތައް ގަބޫލުނުކުރާ މީހުންނާ ވާހަކަ ނުދައްކާ އެތައް ބަޔަކު އުޅެ އެވެ. ތިމާ ގަބޫލުކުރާ އުސޫލު ގަބޫލުނުކުރާ މީހުންގެ ފަހަތުގައި ނަމާދެއް ނުކުރެ އެވެ. ބައެއް މީހުން ވަކިން ޖަމާއަތް ހަދައިގެން ހުކުރު ކުރެ އެވެ. މިސްކިތުގެ ތަނބަކުން ސަފު މެދުކެނޑުމަކީ ބިދުއައެއް ކަމަށް ގަބޫލުކުރެ އެވެ. މިކަންކަން މިހެން ހުރިއިރު، ރާއްޖެ ކިތަންމެ ކުޑަ ނަމަވެސް، ދީނީ ހިލާފުތައް ބޮޑުކަން އެނގެ އެވެ.

ރާއްޖޭގައި ދީނީ ހިލާފުތައް އުފެދުނީ ކުއްލިއަކަށް ނޫނެވެ. ތަފާތު ގައުމުތަކުން ދީނީ އިލްމު އުނގެނިގެން ވަޑައިގެންނެވި އިލްމުވެރިން ގިނަވުމާ އެކު، ދީނުގެ ހުކުމްތަކާއި އުސޫލްތަކާ މެދު ހިލާފުތައް ދިޔައީ ބޮޑުވަމުންނެވެ. އަދި އެ ބޭފުޅުން ދެއްވާ ފަތުވާ ގަބޫލުކޮށް އެހެން އުސޫލްތަކަކީ ބިދުއައެއް ނުވަތަ ހުއްދަ ނޫން ކަމެއް ކަމަށް ދެކޭ ގިނަ ބަޔަކު އުޅެ އެވެ. މިއީ ދިވެހިންގެ އެއްބައިވަންތަކަމަށް ހުރަސް އެޅިގެންދާ ކަމެކެވެ.

ނަމަވެސް އާ އަހަރަކަށް އަލިވިލުނީ އުފާވެރި މަންޒަރަކާ އެކުގަ އެވެ. އާސަންދައާ އެކު ލިބުނު ހިތްހަމަޖެހުމުގެ އިތުރުން، މިދިޔަ ހަފުތާ ބަންދުގައި ބޭއްވި ދީނީ އިލްމުވެރިންގެ މަހާސިންތާގައި ދީނީ ހިލާފުތައް ކުޑަވެގެން ދިއުމަކީ ކޮންމެ ދިވެއްސަކަށް ވެސް ލިބޭނެ އުފަލެކެވެ. ދީނީ ހިލާފުތައް ބޮޑުވަމުންދާ މިންވަރާ މެދު ކަންބޮޑުވާ ކޮންމެ ދިވެއްސަކަށް ވެސް ލިބޭނެ ހިތްހަމަޖެހުމެކެވެ. އެއް ދީނެއް ގަބޫލުކޮށް، އެއް ބަހަކުން ވާހަކަ ދައްކައި، އެއް އުސޫލްތަކެއް ގަބޫލްކުރުމަކީ ދިވެހިންގެ އައިޑެންޓިޓީ އެވެ. މި އައިޑެންޓިޓީ ގެއްލުމުގެ ބިރު އުފެދިފައި އޮތް ދުވަސްވަރެއްގައި، ދީނީ ޚިލާފުތައް ކުޑަކުރެވި، ކުރިން ބިދުއައެއް ކަމަށް ގަބޫލުކުރި ކަންކަމާ މެދު ދެކޭނެ އެއް ނަޒަރެއް ދީނީ އިލްމުވެރިންނަށް ހާސިލްކުރެވުމަކީ ރަނގަޅު ނަތީޖާއެކެވެ.

ގިނަ އަދަދެއްގެ އިލްމުވެރިން ބައިވެރިވެވަޑައިގެންނެވި މަހާސިންތާގައި ގިނަ ކަންތައްތަކަކަށް އިލްމުވެރިންގެ ހިޔާލު އެއްގޮތް ކުރެވުނެވެ. އެގޮތުން ފަތިސް ނަމާދުގެ ފަހު ރަކުއަތުގައި ގުނޫތު ކިޔުމަކީ ބިދުއައެއް ނޫން ކަމަށާއި ގުނޫތު ކިޔުމާއި ނުކިޔުން ވެސް ހުއްދަ ކަމަށް ނިންމެވި އެވެ. މެންދުރު 35: 12 ގައި ހުކުރުކުރަން ފެށުމަކީ ދީނީ ގޮތުން މައްސަލައެއް ނޫން ކަމަށް ވެސް އިލްމުވެރިން ގަބޫލުކުރެއްވި އެވެ. ނަމާދުގެ ސަފުގެ ތެރެއަށް ތަނބު ވަންނަ ގޮތަށް ސަފު ހެދުމާ މެދު އިލްމުވެރިންނަށް އެއްބަސްވެވުނީ، މިސްކިތުގައި ޖާގައިގެ ދަތިކަން ނެތް ނަމަ ސަފުގެ ތެރެއަށް ތަނބު ވަންނަ ގޮތަށް ސަފު ނުހެދުމަށެވެ. ނަމަވެސް ސަފުގެ ތެރެއަށް ތަނބު ވަންނަ ގޮތަށް ސަފު ހެދުމަކީ ބިދުއައެއް ކަމަކަށް އިލްމުވެރިން އެއްބަސްވެވަޑައެއްނުގަންނަވަ އެވެ. ޣައިބަށް ކަށު ނަމާދުކުރުމާ މެދު އިލްމުވެރިން އެއްބަސްވީ، މައްޔިތާގެ މައްޗަށް ހާޒިރުގައި ކަށުނަމާދުކޮށްފައިވާ ނަމަ، އެ މީހެއްގެ މައްޗަށް ޣައިބަށް ކަށުނަމާދު ނުކުރުމަށެވެ. އަޑުހަރުކޮށް ޤުރުއާން ކިޔަވާ ނަމާދުތަކުގައި ބިސްމި ހަރުއަޑުން ކިޔުމާ މެދު އެއްބަސްވެވުނީ އެފަދަ ނަމާދުތަކުގައި ސިއްރުން ނުވަތަ އަޑު ހަރުކޮށް ބިސްމި ކިޔުން ވެސް ހުއްދަ ކަމަށެވެ.

ރަސޫލް ޒަމާނުގައި ގޮވާމުން ފިތުރު ޒަކާތް ދައްކާފައިވާތީ ބައެއް ފަރާތްތަކުން ގަބޫލްކުރާ ގޮތުގައި ޒަކާތް މިހާރު ވެސް ނެރެންވާނީ ގޮވާމުންނެވެ. ނަމަވެސް އިލްމުވެރިން އެއްބަސްވެވަޑައިގެންނެވީ ފައިސާ އިން ނުވަތަ ގޮވާމުން ފިތުރު ޒަކާތް ނެރެވިދާނެ ކަމަށެވެ.

"މިކަމުގެ ސަބަބުން [މަހާސިންތާގެ ނިންމުންތައް] އެއް ގޮތްތަކެއް ގަބޫލްކުރަން ފަސޭހަވެގެން ދާނެ. ދެ ގޮތަކަށް އަމަލުކުރުމަކީ ވެސް މައްސަލައެއް ނޫން ކަން މީހުންނަށް އެނގޭނެ. އަދި އެއީ ބިދުއައެއް ކަމަށް ދެނެއް ގަބޫލެއްނުކުރާނެ. ތިމާ ގަބޫލުކުރާ ގޮތް ނޫން އެހެން ގޮތެއް ގަބޫލްކުރާ މީހެއްގެ ފަހަތުގައި ވެސް ނަމާދުކުރާ ތަން ފެނިގެންދާނެ. ހަގީގަތުގައި ވެސް މަހާސިންތާގެ ނަތީޖާ ވަރަށް ރަނގަޅު. އެކަން ކުރިއަށް އޮތް ތަނުގައި ފެނިގެންދާނެ،" އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްޝައިޚް ހުސައިން ރަޝީދު އަހްމަދު ވިދާޅުވި އެވެ.

ދީނީ ކަންކަމުގައި ހިޔާލު ތަފާތުވުންތައް ބޮޑީ ދީނީ އިލްމުވެރިންނަށް ވުރެ، އާންމުންގެ މެދުގަ އެވެ. ދީނީ ހުކުމްތައް ރަނގަޅަށް ނޭނގޭ މީހުން، އިލްމުވެރިންގެ ފަތުވާތައް އަޑު އަހައިގެން އެ މީހަކަށް ތަރުޖަމާކުރެވޭ ގޮތަކަށް އަމަލުކުރާތީ އެވެ. ދީނުގައި ކަންކަން އޮތްގޮތް އެމީހުން ސާފުކުރާކަށް ބޭނުމެއް ނުވެ އެވެ. ކަންމިހެން ހުރިއިރު، އިލްމުވެރިން ދެއްވާ ދަރުސްތަކުގައި ހިލާފުތައް ވީހާވެސް ކުޑަކުރެއްވުމަށް މަހާސިންތާގައި އެއްބަސްވެވުނު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އަދާލަތު ޕާޓީގެ އިސް ތަރުޖަމާން އަދި އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އައްޝައިޚް މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެ މަހާސިންތާ އަކީ ވަރަށް ފައިދާ ހުރި، ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ.

"އެކަމުގެ ހެޔޮ ނަތީޖާ ފެނިގެން ދިޔަ. ޚިލާފުތައް ކުޑަކުރެވުނު. އަޅުގަނޑަށް ފެންނަ ގޮތުގައި މިފަދަ މަހާސިންތާތައް އަދިވެސް ބޭއްވުން މުހިންމު،" ޝަހީމް ވިދާޅުވި އެވެ.

މިއީ ދީނީ އިލްމުވެރިންގެ މެދުގައި ބޭއްވި މިފަދަ ފުރަތަމަ މަހާސިންތާ އެވެ. މި މަހާސިންތާގެ ނަތީޖާ ރަނގަޅުކަން ދައްކުވައިދިން އަނެއް ކަމަކީ ރާއްޖޭގައި ތިއްބެވި ގިނަ ދީނީ އިލްމުވެރިން ބައިވެރިވެވަޑައިގެންނެވުމެވެ. ސަރުކާރަށް ފާޑުވިދާޅުވާ ދީނީ އިލްމުވެރިންނާއި ސަރުކާރަށް ތާއީދުކުރައްވާ ދީނީ އިލްމުވެރިންގެ ސިޔާސީ ފިކުރު އެއްފަރާތްކޮށް، އެއް ފުރާޅެއްގެ ދަށުގައި ބައްދަލުކުރެއްވުމަކީ ވެސް ކާމިޔާބެކެވެ. މި ބައްދަލުވުމުގައި އިލްމުވެރިންގެ ތަނަވަސް އަދި މިނިވަން ހިޔާލުފުޅުގައި ބަހުސްކޮށް ނިންމުނު ކަންކަމުގެ ހެޔޮކަން އެންމެނަށް ވެސް ކުރާނެ ކަމަށް ގަބޫލުކުރެވެ އެވެ. އަދި ތަފާތު "ސަފުތައް" ނުފެނި އެއްބައެއްގެ ގޮތުގައި ދިވެހިން އަނެއްކާވެސް ފެންނަން ފަށާފާނެ ކަމަށް ގަބޫލުކުރެވެ އެވެ.

15 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait