އިސްލާމް ދީނުގެ އަދުއްވުންނަށް ނަފްރަތުކޮށް އެ މީހުންނާ ގުޅުން ކަނޑައިލުން ފަދަ ކަންކަން މުސްލިމުން ކުރުމަކީ އިންސާފާއި ހަމަހަމަކަމުން އެއްކިބާވުން ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ. އަދި މުސްލިމުން އަދުއްވުންނަށް ކުރާ ނަފުރަތަކީ ވަކި ދީނަކަށް ނުވަތަ ވަކި ދަރިކޮޅަކަށް ނިސްބަތްވުމުން ކުރާ ނަފުރަތެއް ކަމަށް ވެސް ބައެއް މީހުންނަށް ހީވެ އެވެ.
އިސްލާމް ދީނުގައި މި ކަންކަން އޮންނަ ގޮތް ރަނގަޅަށް ދޭހަނުވާ ބައެއް މުސްލިމުންގެ އަމަލު ހުންނަ ގޮތުން މި ފަދަ ގޮތަކަށް ފެނުން ފަހަރެއްގައި އެކަށީގެންވެ އެވެ. ނަމަވެސް ހަގީގަތަކީ އިސްލާމް ދީން އެއްވެސް ބަޔަކާ މެދު، އެ މީހުންނަކީ ވަކި ދީނެއްގެ ނުވަތަ ވަކި ދަރިކޮޅެއްގެ ބަޔަކަށް ވާތީ ދެކޮޅުވެރިވާން ގޮވާނުލާ ކަމެވެ. އެކަމަކު މިއާ ޚިލާފަށް، މުސްލިމުންނަށް އަނިޔާވެރިވާ މީހުންނަކީ އަދުއްވުން ކަމަށް ބަލަންޖެހެ އެވެ. އަދި އެ މީހުންނަކީ އެކުވެރިން ނުވަތަ ވާގިވެރިން ކަމުގައި ނުހެދުމަށާއި، އެ މީހުންނާ ދެކޮޅަށް ޖިހާދުކުރަން އިސްލާމް ދީން އަމުރުކުރެ އެވެ.
މި ގޮތުން ކުރާ ޖިހާދަކީ ހަމައެކަނި ހަތިޔާރާ އެކު ކުރާ ހަނގުރާމަ އެކަންޏެއް ނޫނެވެ. އަތާއި ދުލާއި ހިތުގެ ޖިހާދުގެ އިތުރުން އެ މީހުންނާ އެކު ބައެއް ކަންކަމުގައި ގުޅުން ނުބޭއްވުމަކީ ވެސް ކުރެވޭ ޖިހާދެކެވެ.
އިސްލާމް ދީނަށާއި މުސްލިމުންނަށް އަނިޔާވެރިވެ މުސްލިމުންގެ ހައްގުތައް ފޭރިގަންނަ ބަޔަކީ މާތްﷲގެ އަދުއްވުންނެވެ. ﷲގެ އަދުއްވުންނާ އެކު އެކުވެރިކަން ބޭއްވުމަކީ އެ މީހުންގެ މީހަކަށް ތިމާ ވެސް ވުމެވެ. އަލްމާއިދަތު ސޫރަތުގެ 51 ވަނަ އާޔަތުގައި ވަރަށް ސަރީހަކޮށް މި ކަން ބަޔާންކުރައްވާފައިވެ އެވެ.
އެހެންކަމުން ކޮންމެ ދީނެއްގެ ބަޔަކަށް ވިއަސް އަދި ކޮންމެ ދަރިކޮޅެއްގެ ބަޔަކަށް ވިޔަސް އަދި ކިއެއްތަ، ޚުދު މުސްލިމުން ކަމުގައި ވިޔަސް އަނިޔާވެރިވާ ނަމަ އެބަޔަކާ ދެކޮޅުވާންޖެހޭނެ އެވެ.
އަނިޔާވެރިން ދެކެ މާތްﷲ ރުހިވޮޑިނުގަންނަވަ އެވެ. އަނިޔާވެރިންނާ ދެކޮޅުވާން ޖެހެނީ ހަމައެކަނި މުސްލިމުންނަށް އަނިޔާކުރާ ހާލަތުގައެއް ނޫނެވެ. ނިކަން ވިސްނާ ފިކުރުކޮށްބަލާށެވެ! މުސްލިމުންގެ ތެރެއިން މުނާފިގު ނުވަތަ އީމާންތެރިކަން ކުޑަ ބަޔަކު އޭގެ ތެރެއިން މީހަކު ޔަހޫދީއެއްގެ އަތުން ވައްކަމެއް ކުރި ހިނދު، އެކަމުގެ ތުހުމަތު ޔަހޫދީއެއްގެ ބޮލުގައި އަޅުވަން މަސައްކަތްކުރި އެވެ.
މި މަސައްކަތުގެ ސަބަބުން ކީރިތި ރަސޫލާ އަށް ވެސް އެ ކަން އެ ގޮތަށް ގަބޫލުކުރެއްވޭ ދަރަޖަ އަށް ދިޔަ އެވެ. މިކަމާ ގުޅިގެން، އެ ތުހުމަތުން ޔަހޫދީ މީހާ ބަރީއަކުރުމަށާއި، ކީރިތި ރަސޫލާ އަށް ޢިތާބު (ނުރުހުމާއި ކުށްވެރިކުރުމުގެ)ގެ ބަސް ރައްދުކުރެއްވުމަށާއި، މުސްލިމުންގެ އެ އަމަލު ގޯސްކަން ބަޔާންކުރެއްވުމަށް ކީރިތި ޤުރުއާނުގައި ނުވަ އާޔަތެއް ބާވާލެއްވުނެވެ (އައްނިސާއު: 105- 113).
މިއިން ދަލީލުކުރާ އެންމެ މުހިންމު ކަމަކީ ކޮންމެ ފަރާތަކުން އަޔަސް އަދި ކޮންމެ ބަޔަކަށް އަމާޒުވިއަސް އަނިޔާއާ ދެކޮޅަށް ޖިހާދުކުރަންޖެހޭ ކަމެވެ.
ވީމާ މުސްލިމުންނަށް ވެސް އަނިޔާވެރިވާ ބަޔަކާ މުސްލިމުން ދެކޮޅުވެރިވާންޖެހޭނެ އެވެ. މި ދެކޮޅުވެރިކަމަކީ އެއްގޮތަކަށް ވެސް އެ ބަޔަކަށް އަދުލުވެރިނުވުމަށް އޮންނަ ދެކޮޅުވެރިކަމެއް ނޫނެވެ. އެކުވެރިންނަށް ވިޔަސް ހަތުރުންނަށް ވިޔަސް އަދުލުވެރިވާންޖެހެ އެވެ.
މާތްﷲ އަންގަވަނީ "ބަޔަކު މީހުން ދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން އަދުލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާ ކަމެއް ކަމުގައި ނުހަދާށެވެ!" (އަލްމާއިދަތު 8)
މި ގޮތުން މިފަދަ މީހުންނާ މެދުވެސް އަދުލުވެރިވާންޖެހޭ އިރު ދެން ހަނދާންކުރަން ޖެހޭ އަނެއް ކަމަކީ، އަނިޔާވެރިވި މީހުން ނިސްބަތްވާ ދީން ނުވަތަ ދަރިފަސްކޮޅުގެ އެންމެންނާ މެދު ދެކޮޅުވެރިކަން ބާއްވައިގެން ނުވާނެ ކަމެވެ. އެހެނީ، ޣައިރު މުސްލިމު ކޮންމެ މީހަކީ މުސްލިމުންގެ އަދުއްވެއް ނޫނެވެ.
ވީމާ އިންސާނީ ކަރާމަތުގެ ދަށުން ކޮންމެ އިންސާނަކާ މެދުވެސް ހެޔޮކޮށް ހިތަންޖެހެ އެވެ. އަދި ދުނިޔަވީ ކަންކަމުގައި ގުޅުންތައް ބާއްވައި މުއާމަލާތުތައް ކުރަންޖެހެ އެވެ. ވަކިން ހާއްސަކޮށް ޣައިރު މުސްލިމުންގެ ތެރެއިން އަހުލު ކިތާބީންނާ މެދު އޮންނަ ގުޅުން އެ ނޫން މީހުންނާ މެދު އޮންނަ ގުޅުމަށްވުރެ ވަރުގަދަ ވެސް ވާންޖެހެ އެވެ.
އިސްލާމް ދީނުގައި ވަނީ މިފަދަ ވަރުގަދަ ގުޅުމެއް ގާއިމުކޮށްދީފަ އެވެ. މި ގޮތުން އެންމެ ފުރަތަ އެ މީހުންނަށް ދެވިފައިވާ ނަމަކީ މުސްލިމުން ވެސް އެ ނަމެއްގައި ބައިވެރިވާ އަހުލު ކިތާބީންގެ ނަމެވެ. އެމީހުން ކަތިލާ ތަކެތީގެ މަސްކެއުމާއި، އެ މީހުންގެ އަންހެނުންނާ ކައިވެނިކުރުން މުސްލިމުންނަށް ހުއްދަ އެވެ. (އަލްމާއިދަތު 5) އެ މީހުންނާ ކަންކަމުގައި ޖަދަލުކުރާ އިރު އެންމެ ހެޔޮގޮތް އިހުތިޔާރުކުރަންޖެހެ އެވެ. (އަލްއަންކަބޫތު 46)
ވީމާ، މުސްލިމުންނާ ހަނގުރާމަ ނުކުރާ، އަދި މުސްލިމުން ގޮވަތި ގެދޮރުން ބޭރުކޮށްނުލާ މީހުންނާ މެދު ހެޔޮކޮށް ހިތައި، އެ މީހުންނަށް އަދުލުވެރިގޮތުގައި ކަންތައްކުރަންޖެހެ އެވެ. އެކަން މާތްﷲ މަނައެއް ނުކުރައްވަ އެވެ. (އަލްމުމްތަޙިނާ 8).
އެކަމަކު، މުސްލިމުންނާ ހަނގުރާމަކޮށް އަދި މުސްލިމުން ގޮވަތި ގެދޮރުން ނެރެލާ މީހުންނާއި މި ކަމުގައި ވާގިވެރިވާ މީހުންނާ އެކު އެކުވެރިކަން ބޭއްވުން މާތްﷲ ވަނީ މަނާކުރައްވާފަ އެވެ. އަދި މި ފަދަ މީހުންނާ އެކުވެރިކަން ބަހައްޓާ މީހުންނަކީ އަނިޔާވެރިން ކަމުގައި އެ ކަލާނގެ ވަނީ ސަރީހަކޮށް ބަޔާންކުރައްވާފަ އެވެ. (އަލްމުމްތަޙިނާ 9)
ވީއިރު މައްސަލައަކަށްވެގެން މި އުޅެނީ ވަކި ދީނެއްގެ ބަޔަކަށް ވެގެންނެއް ނޫނެވެ. މައްސަލައަކަށް ވެގެން މި އުޅެނީ މުސްލިމުންނަށް އަނިޔާކުރާ މުސްލިމުންގެ އަދުއްވުންތަކަކަށް ވެގެންނެވެ. މިފަދަ މީހުންނާ އެކު އެކުވެރިކަން އުފެއްދުމަކީ މުސްލިމުންގެ އީމާންކަން އުނިވާނެ ކަމެކެވެ. އަނެއްކޮޅުން ބަލާއިރު އަދުއްވުންނަށްވެ މުސްލިމުންނަށް އަނިޔާކުރަނީކީ ވަކި ދީނަކަށް ނިސްބަތްވާތީކީ ނޫނެވެ.
ނަމަވެސް ތާރީޚީ ގޮތުން ބަލާއިރު މުސްލިމުންނާ މެދު އަދާވަތްތެރި ވުމުގައި ވަކި ދީނަކަށް ތަބާވާ މީހުންގެ ތެރެއިން ބަޔަކު އެހެން ދީނަކަށް ތަބާވާ މީހުންގެ ތެރެއިން ބަޔަކަށްވުރެ ވަރުގަދަވެފައި އެބަހުއްޓެވެ. މި ގޮތުން ޔަހޫދީންނާއި މުޝްރިކުންނަކީ މުސްލިމުންނާ އެންމެ އަދާވާތްތެރިކަން ބޮޑު ބައެއްގެ ގޮތުގައި ފެނިގެންދާނެ ކަމަށް ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވެ އެވެ. (އަލްމާއިދަތު 82)
މިއީ ތާރީޚީ ހަގީގަތެކެވެ. އަދި މިއަދުވެސް ފެންނަމުންދާ ކަމެކެވެ. ނަމަވެސް މީގެ މާނައަކީ ކޮންމެ ޔަހޫދީއަކީ ނުވަތަ ކޮންމެ މުޝްރިކަކީ މުސްލިމުންގެ އަދުއްވެކޭ ނޫނެވެ. އަދި މުސްލިމުންނަށް އަނިޔާވެރިވާ މީހެކޭ ވެސް ނޫނެވެ. މި ސަބަބަށްޓަކައި ކީރިތި ރަސޫލާ މަދީނާގެ ޔަހޫދީންނާއި އަދި މުޝްރިކުންނާ އެކު ވެސް ރިވެތި ގޮތުގައި ތަފާތު އެކިއެކި މުއާމަލާތު ކުރެއްވެވި އެވެ.
މިއިން ލިބިގަންނަން ޖެހޭ ފިލާވަޅަކީ، އަނިޔާވެރިނުވެ އަދާވަތްތެރިނުވާ ނަމަ ޔަހޫދީން ވިއަސް ނަސާރާ އިން ވިއަސް އަދި އެހެން ދީނެއްގެ ބައެއް ވިއަސް އަދުލު އިންސާފާއި ހެޔޮކޮށް ހިތުމާއި ދުނިޔަވީ މުއާމަލާތުތައް ރިވެތި ގޮތުގައި ކުރުމަކީ މައްސަލައެއް އޮތް ކަމެއް ނޫން ކަމެވެ. އެހެނެއްކަމަކު، އޭގެ ތެރެއިން އަނިޔާވެރިވާ މީހާ ނުވަތަ ބަޔަކު، ދެން ތިބި މީހުންނާ އެއް ފަދައެއް ނުކުރެވޭނެ އެވެ. އަދި އަނިޔާވެރިވާ މީހުން އަނިޔާވެރިވާން ދޫކޮށްލައިގެން ވެސް ނުވާނެ އެވެ.
އޭގެ ބަދަލުގައި އެކަމާ ދެކޮޅަށް ތެދުވާން ޖެހޭނެ އެވެ. ހަނގުރާމަކުރަން ޖެހިއްޖެ ނަމަ ހަނގުރާމަ ވެސް ކުރަންޖެހޭނެ އެވެ. އެފަދަ ގާބިލުކަމެއް ނެތް ނަމަ އެކަން ހުއްޓުވަން ދުލުން މަސައްކަތްކުރަން ޖެހޭނެ އެވެ. އަދި އެވަރުވެސް ނުވާނަމަ އެންމެ ކުޑަމިނުން އެ މީހުންނާ ބައެއް ކަންކަމުގައި ގުޅުންވެސް ކަނޑާލަންޖެހޭނެ އެވެ.
ސިޔާސީ، ނުވަތަ އިގުތިސާދީ ގުޅުން ކަނޑާލުމަކީ ހަތުރުންނާ މުއާމަލާތު ކުރުމުގައި ބިދުއައެއް ނޫނެވެ. އެންމެ ކުރީއްސުރެ ވެސް އިންސާނުން ކޮށްއުޅޭ ކަމެކެވެ. މައްކާގެ މުޝްރިކުން ވެސް ކީރިތި ރަސޫލާއާ އަސްހާބުންނާ ގުޅުން ކަނޑާލައި ދަތިކުރުމުގެ ފިޔަވަޅުތައް ދެތިން އަހަރު ވަންދެން ބޭއްވި އެވެ.
ޔަމާމާގެ ބޭކަލެއް ކަމުގައިވާ ޘުމާމަތު ބިން އަޘާލް އިސްލާމްވެވަޑައިގެން އުމްރާއަކަށް މައްކާ އަށް ވަޑައިގަތުމުން މުޝްރިކުން އޭނާ ދެކެ ރުޅި އައިސް އެއްޗެހި ކިއެވެ. މިކަމާ ވިދިގެން މައްކާގެ މުޝްރިކުންނާ ވިޔަފާރީގެ ގޮތުން އޮތް ގުޅުން ޘުމާމަތު ކަނޑުއްވާލެއްވި އެވެ. އަދި ކީރިތި ރަސޫލާގެ އިޒުނައެއް ލިބުމުން މެނުވީ ޔަމާމާ އިން ގޮވާމުގެ އެންމެ އޮށެއް ވެސް ނުގެންނަން ހުވާކުރެއްވި އެވެ.
މިކަން އޭގެ ޒާތުގައި ކީރިތި ރަސޫލާ އިންކާރެއް ނުކުރައްވަ އެވެ. ނަމަވެސް އެ މީހުންނަށް މީގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބޭތީވެ މިކަމުގެ ޝަކުވާ ކީރިތި ރަސޫލާ އަށް ހުށަހެޅުމުން، އެ ގުޅުން އަލުން ބޭއްވުމަށް ރަސޫލާ އެންގެވި އެވެ. ވީއިރު، ތިމާއަށް ނުވަތަ ތިމާގެ އަޚަކަށް އަނިޔާއެއް ލިބޭނަމަ އެ އަނިޔާ އިން ސަލާމަތްވާން އެހެން ގޮތެއް ނޯންނަ ހިނދު، މިފަދައިން އިގުތިސާދީ ގުޅުން ކަނޑާލުން އައުލާކަން ބޮޑެވެ.
ވަކިން ހާއްސަކޮށް، އިގުތިސާދީ ގުޅުން ބޭއްވުމަކީ އެ މީހުންގެ އަނިޔާ އަށް އަޅައިދެވޭ ބާރެއް ކަމަށްވާ ނަމަ އެގުޅުން ކަނޑާލުން ލާޒިމުވާނެ އެވެ. މިސާލަކަށް ތިމާގެ އެއްބަނޑު ނުވަތަ އެއްބަފާ އަޚަކަށް މީހަކު އަނިޔާ ދެމުން ގެންދާނަމަ، އަދި އޭނާގެ އިގުތިސާދީ ހަރަކާތްތަކުން ލިބޭ އާމްދަނީ އަކީ އެ އަނިޔާ އަށް އިތުރަށް މަގުފަހިކޮށްދޭ ކަމެއް ކަމަށްވާ ނަމަ، އޭނާ އަށް މަންފާ ލިބޭ މަގުތަކަށް ހުރަސް އެޅުމަކީ އިންސާފާއި ހަމަހަމަ ކަމުން ބޭރުވުމެއް ނޫނެވެ.
މި ގޮތުން އޭނާގެ ފިހާރަ އިން ތަކެތި ނުގަތުމާއި އޭނާގެ ބޯޓުން މުދާ ނުއުފުލުމާއި ތިމާ ހިންގާ ޓެކުސީ ސެންޓަރުގައި އޭނާގެ ޓެކުސީ ބައިވެރި ނުކުރުން ފަދަ ކަންކަމަކީ އަނިޔާއެއް ނޫނެވެ. އެކަމަކު އެއީ އޭނާ ތިމާގެ އަޚަށް ކުރަމުން ގެންދާ އަނިޔާ އަށް އިންކާރުކުރާކަން ދެއްކުމުގެ އިތުރުން، ތިމާގެ އަޚާ އަށް ލިބޭ އަނިޔާ އަށް ވާގިވެރިނުވުމަށްޓަކައި ކުރެވޭ ކަމެކެވެ. ރަށުގައި އޭނާގެ ފިހާރަ ނޫން ފިހާރައެއް ނެތްނަމަ، ނުވަތަ އޭނާގެ ބޯޓު ނޫން ބޯޓެއް ނެތް ނަމަ، ނުވަތަ އޭނާގެ ޓެކުސީ ފިޔަވައި އެހެން ޓެކުސީއެއް ނެތް ނަމަ ދެން ޟަރޫރީ ހާލަތުގެ ދަށުން ގުޅުން ބޭއްވުމަކީ މުޅިން އެހެން ކަމެކެވެ.
މި މޭރުމުން ބަލާއިރު މުސްލިމުންގެ އަޚުން ކަމުގައިވާ އެއްވެސް ބަޔަކަށް އަނިޔާއެއް ކުރާ ބަޔަކާ މެދު ވެސް މިފަދައިން ގުޅުން ނުބޭއްވުމަކީ، ވަރަށް މުހިންމު ކަމެކެވެ. އަދިކިއެއްތަ، އެކަން ހިމެނޭނީ އިސްލާމީ ޖިހާދުގެ ތެރެއިންނެވެ. މުއުމިނުންނަކީ އަޚުންތަކެއް ކަމުގައިވާ ހިނދު އެއްވެސް އަޚަކު އަނެއް އަޚަކަށް ނިކަމެތިކަން ދޭން ދޫކޮށްލުމަކީ ނުވަތަ އެނިކަމެތި ކަމަށް ނުސީދާކޮށް ވިއަސް ވާގިވެރިވުމަކީ އިސްލާމްކަން ފުރިހަމަ ނުވާނެ ކަމެވެ.
ތެދެކެވެ. އަދުއްވުންނާ މުއާމަލާތުކުރުމުގައި ދޫދިނުމަކީ ކާމިޔާބުކުރުމަށް އޮތް ވަސީލަތެއް ކަމުގައި ބައެއް ފަހަރުވެދެ އެވެ. ހުދައިބިއްޔާގެ ސުލްހައިން މިކަން އެނގެއެވެ. އެހެންނަމަވެސް މިގޮތަށް ދޫދިނުމަކީ އެމީހުން އަނިޔާކުރުމަށްޓަކައި ކުރާ ހޭދަތަކަށް ފައިސާ ހޯދުމުގައި އެހީތެރިވެ ދިނުމެއް ނޫނެވެ. ސުލްހުލް ހުދައިބިއްޔާގައި ކީރިތި ރަސޫލާ މުޝްރިކުންނަށް ދޫދެއްވީ ވަރަށް ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާ އެކުއެވެ. އަދި މުސްތަގުބަލުގައި އެއިން މުސްލިމުންނަށް މަންފާކުރާނެކަން، އެކަލޭގެފާނުގެ ދުރުވިސްނުންފުޅުން ކަށަވަރު ކުރެއްވުނު ކަންކަމުގައި އެކަންޏެވެ.
ހަމައެފަދައިން ތެދެކެވެ. އަދުއްވުންނަށް މާފު ކުރުމަކީ ސުލްހައަށް އޮތް މަގެއް ކަމުގައި ބައެއް ފަހަރު ވެދެއެވެ. ސަލާމްލެއްވި ޢީސާގެފާނު އިރުޝާދު ދެއްވާފައިވާ ވަނީ، ކަނާތު ކޯތާފަތުގައި ޖަހައިފިއްޔާ ވައަތު ކޯތާފަތް ދިއްކުރުމަށެވެ. ނަމަވެސް މިހެން ދެވޭނީ ލަދުގަނެ، ދެރަވެ، ދެ ވަނަ ފަހަރަށް ޖަހަން ޖެހިލުންވާ މީހުންނަށެވެ. އެހެނެއް ކަމަކު، ދެ ކޯތާފަތާއި ދެންހުރި އެހެން ހުރިހާ ތަނެއްގައި ޖަހައި މުޅި މީހާ ހަނާކުރާ ދަރަޖައިގައި ތިބޭ މީހުންނަށް ވައަތު ކޯތާފަތް ދިއްކުރުމުގެ ކުރިން އެހެން ވަސީލަތްތަކުން އަދަބުވެރި ކުރެވޭތޯ ބަލަން ޖެހޭނެއެވެ.

7 comments