އިސްލާމް

އިސްލާމީ މަންހަޖުން މުޖުތަމައަށް ހަމަޖެހުމާއި އަމާންކަން ގެނެސްދޭ

ސައުދުއްﷲ އަލީ
14 ޖޫން 2012 09:50

ދިރިއުޅުމުގެ ހަޔާތުގެ މަންހަޖެއްގެ ގޮތުގައި މުސްލިމުން ތަބާވާ އިސްލާމީ މަންހަޖުން ލިބޭ ގިނަގުނަ މަންފާތަކުގެ ތެރެއިން އެއް ކަމަކީ، މުޖުތަމައުގައި ހަމަޖެހުމާއި އަމާންކަން ގާއިމުވުމަށް އެހީތެރިވުމެވެ. ގުޑުގުޑު އެޅުމެއް ނެތި ސާބިތުކަން މަތީ ދެމިހުންނަ ވަރުގަދަ ތަނބުތަކެއް އެކުލެވިގެންވާ، އަދި އިންސާނުންގެ ތަބީއަތާއި ހާލަތްތަކަށް އެންމެ ބޮޑަށް ގުޅޭ މަންހަޖަކުން މެނުވީ މިފަދަ ހަމަޖެހުމާއި އަމާންކަން ފުރިހަމަ އަށް ނުލިބޭނެ އެވެ. މީގެ އިތުރުން، ތަފާތު ފިކުރީ މަޒުހަބުތަކާއި ދިރިއުޅުމުގެ އެހެނިހެން ފަލްސަފާތަކުގެ ކުރިމަތީ އަތްއަތަށް ނުކިރި ހުރުމުގެ ގާބިލުކަން ވެސް މިފަދަ މަންހަޖަކަށް ލިބިގެންވާން ޖެހޭނެ އެވެ. އިންސާނުންގެ ތެރޭގައި އޮތް މިފަދަ ހަމައެކަނި މަންހަޖަކީ މާތްﷲގެ ހަޒްރަތުން އައިސްފައިވާ އިސްލާމީ މަންހަޖެވެ.

އިސްލާމީ މަންހަޖުގެ ސަބަބުން އިސްލާމީ މުޖުތަމައަށް ހަމަޖެހުމާއި އަމާންކަން ގެނެސްދެނީ، މުޖުތަމައުގެ ތަފާތު ހުރިހާ ފަންތިތަކެއްގެ މީހުން ވެސް ދިރިއުޅުމުގެ އެންމެހާ މައްސަލަތަކުގެ ހައްލެއްގެ ގޮތުގައި، ރުހުމާ އެކު ބަލައިގަންނަ މަންހަޖަކަށް އިސްލާމީ މަންހަޖު ވާތީ އެވެ. މުޅި މުޖުތަމައުގެ އެންމެހާ އަފުރާދުންގެ ރޫހާ އެމަންހަޖު ގުޅިފައި ވާތީ އެވެ. އެބައިމީހުންގެ އަގީދާ އޭގައި އެކުލެވިފައި ވާތީއެވެ. އެބައިމީހުންގެ ދިރިއުޅުމުގެ ކޮންމެ ހަރަކާތަކަށާއި ހަނުހުރުމަކަށް އޭގައި ހުކުމްތައް އައިސްފައިވާތީ އެވެ. އެބައިމީހުންގެ އެންމެހާ ޝުއޫރުތަކާއި އިހުސާސްތަކާ އެންމެ ބޮޑަށް ގުޅޭ މަންހަޖަކީ އެމަންހަޖު ކަމަށް ވާތީ އެވެ.

އަނެއްކޮޅުން ބަލާއިރު އެއީ ބޭރުން އައި ބީރައްޓެހި މަންހަޖެއް ކަމުގައި ނުވާތީ އެވެ. މިސަބަބުތަކަށްޓަކައި އެބައިމީހުންގެ މެދުގައި މި މަންހަޖަށް ނަފްރަތު ކުރުމެއް، އެއާ ދެކޮޅު ހެދުމެއް، އަދި އެއަށް އަދާވަތްތެރިވުމެއް ނޯންނާނެ އެވެ. މިއާ ހިލާފަށް، މުޖުތަމައުގެ އިހުތިޔާރާއި ރުހުމާ އިދިކޮޅަށް ހުޅަނގުން ވިއަސް އަދި އިރުމަތިން ވިއަސް އިމްޕޯޓުކޮށްގެން ގެނެސް ގަދަކަމުން މުޖުތަމައުގައި ހިންގަން މަސައްކަތްކުރެވޭ މަންހަޖުތަކާއި ފިކުރީ ނިޒާމުތަކުގެ ސަބަބުން ދެކޮޅުވެރިކަމާއި ބައިބައިވުން އުފެދެ އެވެ.

ވެރިންނާ ރައްޔިތުންނާ ދެމެދު ރުޅިވެރިކަން އުފެދެ އެވެ. ގަދަބާރު ބޭނުންކޮށްގެން ފަހަރެއްގައި ވަގުތީ ގޮތުން ގިނަ ރައްޔިތުންތައް މައިތިރި ކޮށްލެވުނަސް އެބައިމީހުންގެ ހިތުގައި ކެކެމުންދާ އުދާސްތަކަށް ހުއްޓުމެއް ނާންނާނެ އެވެ. ލަސްވިއަސް ކޮންމެވެސް ދުވަހަކުން އެ އުދާސްތައް އުތުރިގެން އަރާނެ އެވެ.

އިސްލާމީ މުޖުތަމައުތަކަށް ދޭތެރެ ދޭތެރެއިން ކުރިމަތިވާ އިގުތިސާދީ ލޮޅުންތަކާއި އިޖުތިމާއީ މައްސަލަތަކާއި ސިޔާސީ ގަޑުބަޑުތައް މެދުވެރިވުމުގެ ވަރަށް މުހިންމު އެއް ސަބަބު ކަމުގައި މުޖުތަމައު ބަލައިގަންނަ މަންހަޖު ފިޔަވައި އެހެން މަންހަޖަކަށް ތަބާކުރުވަން މަސައްކަތް ކުރުން ހިމެނެ އެވެ. މިގޮތަށް މަސައްކަތްކުރެވޭ މުޖުތަމައުތަކުގައި ސިޔާސީ އިންގިލާބުތައް އައިސް ހަމަނުޖެހުމާއި ތަޅާފޮޅުންތައް ހިނގައި އަދި ހަނގުރާމަ ކުރާ ހިސާބަށް ވެސް ބައެއް މުޖުތަމައުތަކުގައި ދެއެވެ.

މިއަށް ވުރެ ބޮޑު ހިތާމައަކީ މިގޮތުން އަންނަ އިންގިލާބުތަކުގައި ހިންގަން ތިބޭ މީހުންތައް ބަދަލުވެގެން ދިޔަސް ދެން ވެސް ފެނިގެން ދަނީ ހަމަ ކުރިން ކުޅެމުން ދިޔަ ޑުރާމާ ފުރިހަމަކުރެވޭ ތަން ކަމަށް ވުމެވެ. އެކްޓަރުން ބަދަލުވެ ހުށަހަޅައިދޭ ގޮތަށް ބައެއް ތަފާތު ގެނައުމުން ބެލުންތެރިންގެ ޝައުގު ހިނދުކޮޅަކަށް ހޯދިދާނެ އެވެ. ނަމަވެސް މިބައިމީހުންވެސް ހަމަ ގަދައަޅައި މަސައްކަތް ކުރަމުން ދަނީ މާއްދިޔަތާއި ސެކިއުލާ (ލާދީނީ) ވަންތަކަން ކުރިއެރުވުމަށެވެ.

މުސްލިމުންގެ ކަންކަން ހިންގަން ހަވާލުވާ މީހުން އަބަދުވެސް މިޑުރާމާ ކުޅޭ ކަމަށް ވާނަމަ ދުވަހަކުވެސް މުޖުތަމައަށް ހަމަޖެހުމެއް ނާންނާނެ އެވެ. ސަބަބަކީ ވެރިން އެއް ވާދީގައި ރައްޔިތުން އަނެއް ވާދީގައި ތިބުމެވެ. މުސްލިމް މުޖުތަމައުތަކުގެ ރައްޔިތުންގެ އެންމެ އަގުހުރި ޖައުހަރަކީ އެބައިމީހުންގެ ދިރިއުޅުމުގެ މަންހަޖު ކަމުގައިވާ އިސްލާމީ މަންހަޖެވެ. އާދެ، އިސްލާމް ދީނެވެ.

ވީމާ އިސްލާމް ދީނާއި ޝަރީއަތް އެއްފަރާތްކޮށް ކިތަންމެ ދަޅަގަދަ ބަސްތަކެއް ބޭނުންކޮށްގެން އެހެން ނިޒާމުތައް ހިންގަން މަސައްކަތް ކުރިއަސް ރައްޔިތުންގެ މިއަގުހުރި ޖައުހަރުގެ އަގު އެބައިމީހުންގެ ގާތުގައި އަބަދުވެސް މަތިވާނެ އެވެ. އިންޑޮނޭޝިޔާ ގައި ސުކާނޯ އާއި އޭނާގެ ކޮމިއުނިސްޓު އައުވާނުންނާ އިދިކޮޅަށް މުސްލިމް ރައްޔިތުން ނުކުތީ މިހެންވެގެންނެވެ. ސޫދާނުގައި ކޮމިއުނިސްޓު ވެރިކަމެއް ގެނެސް އެންމެ ތިން ދުވަސް ވަންދެން ވެސް ހިފަހައްޓާ ނުލެވުނީ ރައްޔިތުންނާއި އަސްކަރީން ގެނައި އިންގިލާބުގެ ސަބަބުންނެވެ. ތުރުކީގައި ފަހުރުވެރިކަމާ އެކު ތަންފީޒުކުރާ ސެކިއުލާ ނިޒާމާ އިދިކޮޅަށް މުސްލިމުން އަބަދުވެސް ހަރަކާތްތައް ހިންގައެވެ. މިއީ މުޖުތަމައުގައި އަމާންކަން ގެއްލި ހަމަނުޖެހުންތައް ހިނގަން މަގުފަހިކުރުވާ ކަންކަމެވެ.

މި ހިތާމަވެރި ނަތީޖާއާ މުސްލިމުން ކުރިމަތިލާން ޖެހޭ އެންމެ ބޮޑު ސަބަބަކީ، ބޭރުގެ އެކިއެކި ފަރާތްތަކުން އެބައިމީހުންގެ އިގުތިސާދީ އަދި ސިޔާސީ މަންފާތަކެއް ހާސިލުކުރުމަށްޓަކައި އެބައިމީހުންގެ ތާއީދާއި މަދަދު ލިބިގެން މުސްލިމުންގެ ތެރެއިން މަދު ބަޔަކު މުޖުތަމައުގެ މިސްރާބު ބަދަލުކޮށްލަން މަސައްކަތް ކުރުމެވެ. މުސްލިމުންގެ އަޣުލަބިއްޔަތު ސެކިއުލާ ނިޒާމަށް، އާދެ، ލާދީނީ ނިޒާމަށް، ބަދަލު ކޮށްލަން މަސައްކަތް ކުރުމެވެ.

މީގެ ނަތީޖާ އަކީ ރައްޔިތުން އިދިކޮޅަށް ތެދުވުމެވެ. ފާޅުގައި އެކަން ނުކުރެވޭ ނަމަ ހަމަ ޔަގީނުންވެސް ނަފުރަތާއި ރުޅިވެރިކަން އުފެދޭނެ އެވެ. ރައްޔިތުންނާއި ވެރިންނާ ދެމެދު އުފެދޭ މި ދެކޮޅުވެރިކަމުގެ ނަތީޖާ އަކީ ހަގީގަތުގައި ދެބައިމީހުންވެސް ނިކަމެތި ވުމެވެ. މުޖުތަމައުގެ ބާރު ނިކަމެތިވެ ހަފުސް ވުމެވެ. މިއީ ބޭރުގައި ދުރުމީ އަޅައިގެން އެތިބޭ އަދުއްވުންނަށް ރަނުގެ ފުރުސަތެކެވެ.

ހަގީގަތުގައި އެއްވެސް މުޖުތަމައަކަށް ސިޔާސީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި ފިކުރީ ގޮތުންނާއި އަދި ނަފްސާނީ ގޮތުން ވެސް ހަމަޖެހުން ގެންނަން ބޭނުންނަމަ އެމުޖުތަމައުގެ ދިރިއުޅުން ބައްޓަން ކުރުމުގެ އަސާސްތަކާއި ހަމަތައް އެމުޖުތަމައުގެ އަގުހުރި ތަރިކައާ ގުޅުވަން ލާޒިމުވާނެ އެވެ. އަދި ވަކިން ހާއްސަކޮށް އިސްލާމީ މުޖުތަމައުތަކުގެ ތަރިކަ އަކީ އޭގެ މާތް ކަމާއި އޭގެ ފުރިހަމަ ކަމާއި އޭގެ ޝާމިލު ކަމާއި އޭގެ ވަޒަން ހިފެހެއްޓުމަށް ބަލާއިރު ވަރަށް ހާއްސަ ތަރިކަ އެކެވެ.

ސަބަބަކީ އޭގެ އަސްލުތަކަކީ އިންސާނީ އުފެއްދުމެއް ކަމުގައި ނުވުމެވެ. އެކަމަކު ހުރިހާ ކަމެއްގެ އެންމެ ކުދިކުދި ތަފުސީލަށް ދާންދެން ދެނެވޮޑިގެންވާ، ލަޠީފުވަންތަ، ޚަބީރުވަންތަ މާތްﷲ ގެ ވަހީ ކަމުގައި ވުމެވެ. މިފަދަ ފުރިހަމަ ތަރިކައެއްގެ އުސޫލުތަކާއި އޭގެ މޫތައް ބުޑުން ލުހެލައި އޭގެ ބަދަލުގައި އެހެން ފިކުރުތަކެއްގެ މައްޗަށް ބިނާވެފައިވާ މަންހަޖެއް މުސްލިމް މުޖުތަމައެއްގައި ގާއިމު ކުރަން އުޅެފި ނަމަ ހަމަޔަގީނުންވެސް މުޖުތަމައަށް ހަމަޖެހުމެއް ނުލިބޭނެ އެވެ.

މުޖުތަމައެއްގެ ސަގާފީ ތަރިކަ ދޫކޮށްލުމަކީ ނުވަތަ ބަދަލު ކޮށްލުމަކީ ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. އަދި މިކަމަށްޓަކައި ކުރާ މަސައްކަތަކީ ހަގީގަތުގައި ކުރިއެރުމަށް ވުރެ ބޮޑަށް ހަލާކު ކުރުމަށް ކުރެވޭ މަސައްކަތެއް ކަމުގައި ނޫނީ ނުވާނެ އެވެ. އެހެނީ އޭގެ ސަބަބުން މުޖުތަމައުގެ އަފުރާދުންގެ މެދުގައި އޮންނަ ގުޅުން ކެނޑިގެންދާތީ އެވެ.

މިފަދަ ދަނޑިވަޅެއްގައި ގުޅުން ބަދަހި ކުރާނެ އެހެން އޮނިގަނޑެއް ނެތް ނަމަ އެއީ އެތެރެއިން ވިއަސް އަދި ބޭރުން ވިއަސް ނުފޫޒު ގަދަ ބަޔަކު ދެން ތިބި އެހެން މީހުންގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަންނާނެ ކަމެކެވެ. މިފަދައިން ކަން ދިމާވެފައިވާ އިސްލާމީ އެއްވެސް މުޖުތަމައަކަށް ހަމަޖެހުމެއްވެސް އަދި ކުރިއެރުމެއްވެސް ނުލިބޭނެ އެވެ. ތުރުކީ އަކީ މީގެ ވަރަށް ރީތި އެއް މިސާލެވެ. އިސްލާމީ ސަގާފަތާއި މަންހަޖު ނަގާ އެއްލާލުމަށް ފަހު ހުޅަނގުގެ ހަޟާރަތުގެ އުނގުގައި އޮންނަތާ ކިތައް އަހަރު ވެއްޖެ ހެއްޔެވެ؟

ބައި ގަރުނަށް ވުރެ ގިނަދުވަސް ވީ އިރުވެސް އިގުތިސާދީ ގޮތުން ވެސް ޓެކްނޮލޮޖީގެ ގޮތުންވެސް އަސްކަރީ ގޮތުންވެސް އަދި ސިޔާސީ ގޮތުންވެސް ނިކަމެތިވެގެންވާ ހާލު ހުޅަނގުގެ ހަޟާރަތުގެ ނިގުލުން ނޫނީ ޖާގައެއް ނުލިބެއެވެ. މުޖުތަމައުގައި ހަމަޖެހުމާއި އަމާންކަން ގާއިމު ކުރުން ވަނީ އުނދަގޫ ކަމަކަށް ވެފައެވެ.

ވީމާ މުސްލިމް މުޖުތަމައު ތަކުގައި ހަމަޖެހިގެން އަމާންކަމާ އެކު އުޅެން ބޭނުންވާ ނަމަ އިސްލާމީ މަންހަޖާ ބީރައްޓެހި ނިޒާމުތައް އެހުރިގޮތަށް ގަދަކަމުން ފަތުރަން މަސައްކަތް ކޮށްގެން ނުވާނެ އެވެ. ބޭރުގެ ފަރާތްތަކުން އެމީހުންގެ މަސްލަހަތަށްޓަކައި ކުރަން ބޭނުންވާ ކަންކަމަކީ އިސްލާމްދީނަށް ނުވަތަ މުސްލިމުންނަށް އެއިން ގެއްލުން ހުރި ކަންކަން ކަމުގައިވާ ނަމަ އެފަދަ ކަންކަމުގައި މުސްލިމުން އެހީތެރިވެދީގެން ނުވާނެ އެވެ.

ފަރުދީ ގޮތުން ތިމާއަށް ކިތަންމެ މަންފާތަކެއް ލިބުނަސް މެއެވެ. އޭގެ ބަދަލުގައި، މާތްﷲ އަށް ބިރުވެތިވެ މުސްލިމުންގެ ގޮތުގައި ތިބޭ ހާލު މެނުވީ މަރުވެގެން ނުދިއުމުގެ އަޒުމާ އެކު މަސައްކަތް ކުރުން މާ ހެޔޮކަން ބޮޑުވެގެން ވެއެވެ. އިންސާނުން ހުރިހާ ރޮނގަކުން ކުރިއަރައި ތަރައްގީވެ ވަރުގަދަ ހަޟާރަތެއް ބިނާކުރެވޭ ފަދަ އަސާސްތަކާއި އުސޫލުތައް އިސްލާމީ މަންހަޖުގައި ވެއެވެ. ވީމާ ބޭނުންވަނީ މުސްލިމުން އެއް އަޒުމެއްގައި އިސްލާމީ މަންހަޖަށް ފުރިހަމައަށް ތަބާވާން މަސައްކަތް ކުރުމެވެ. އޭރުން މާތްﷲގެ ހެޔޮ ރަހުމަތާއި ވާގިފުޅުން މުސްލިމުންނަކީ ހަމަޖެހުމާއި އަމާންކަމުގައި އުޅޭ، ފުދުންތެރި ދުޅަހެޔޮ ބަޔަކަށް ވެގެންދާނެ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި