މުސްލިމުންގެ އެންމެހާ މުއާމަލާތުތަކުގައި ތެދުވެރިވުމާއި އަމާނާތްތެރިވުމާއި ހެޔޮ ނަސޭހަތް ދިނުމަކީ ރިވެތި އަހުލާގުގެ ތެރެއިން ހިމެނޭ އަދި އެކަންކަމަށް މުސްލިމުން ކޮންމެހެން ތަބާވާންޖެހޭ ކަންކަމެވެ. އެހެންވެ ދޮގުހެދުމާއި ހިޔާނާތްތެރިވުން އިސްލާމް ދީނުގައި ނަހީކުރެވިގެންވެ އެވެ. އަދި ހެޔޮ ނަސޭހަތްދޭން ޖެހޭ ތަނެއްގައި އެކަން ނުކޮށް ދޫކޮށްލުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ.
ވިޔަފާރީގެ މުއާމަލާތުތަކުގައި ވެސް މި ކަންކަން އޮންނަން ޖެހޭނީ މިފަދައިންނެވެ. ނަމަވެސް ހިތާމަ އަކީ ވިޔަފާރީގެ އެކި މުއާމަލާތު ތަކުގައި ދޮގުހެދުމާއި އޮޅުވާލުމާއި ހިޔާނާތްތެރިވުމާއި މަކަރު ހެދުމާއި ވިއްކާ އެއްޗެއްގައި ހުންނަ އައިބުތައް ބުނެނުދިނުން އާންމުވަމުން ދިއުމެވެ.
މި ގޮތުން ވަކި ފެންވަރެއްގެ އެއްޗެއްގެ ގޮތުގައި އެއަށްވުރެ ދަށް ފެންވަރުގެ އެއްޗަކުން ވިޔަފާރިކޮށްފާނެ އެވެ. މިސާލަކަށް ކެއްކުމަށް ބޭނުންކުރާ ތެޔޮ ފަދަ ބައެއް މުދާ، ދަށް ފެންވަރުގައި އުފައްދައިގެން ގެނެސް ރަނގަޅު ފެންވަރުގެ ތެލާ އެއް އަގުގައި ވިއްކަ އެވެ. ނުވަތަ ވަކި މިންވަރެއްގެ ގޮތުގައި އެއަށްވުރެ މަދު މިންވަރެއް ވިއްކާފާނެ އެވެ.
މިސާލަކަށް ލަށްފިލުވާ ފަދަ ބައެއް ތަކެތި، ބޭރުގައި ލިޔެފައިވާ މިންވަރަށް ވުރެ މަދުން ފުޅިއަށް އަޅައިގެން ގެނެސް ވިއްކަ އެވެ. ނުވަތަ ބޭރުން ގެންނަ މުދަލުން ދައްކަންޖެހޭ ޑިއުޓީގެ އަގު ކުޑަކުރުމަށްޓަކައި އޭގެ އަސްލު އަގު އޮޅުވާލައިގެން އަގު ލިސްޓު ހަދަ އެވެ. މިހެންގޮސް މިފަދަ އެތައް ކަމެއް ބައެއް މުސްލިމުން އެމީހުންގެ ވިޔަފާރީގެ މުއާމަލާތުތަކުގައި ކުރެ އެވެ.
މި ކަންކަމަކީ ވިޔަފާރިކުރާ މީހާ އަށް އެއިން ދުނިޔަވީ މަންފާއެއް ލިބުނަސް އޭގެ ސަބަބުން އެހެން މީހުންނަށް ދެވޭ އަނިޔާއެއް ކަމަށްވާތީ އިސްލާމް ދީނުގައި މި ކަންކަން މަނާކޮށް އޭގެ ބަދަލުގައި ވިޔާފާރީގައި ތެދުވެރިވުމާއި އަމާނާތްތެރިވުމާއި ހެޔޮ ނަސޭހަތް ދިނުމަށް ބާރު އަޅަ އެވެ.
މި ގޮތުން މާތްﷲގެ ހަޒުރަތުގައި ރުހިވޮޑިގަތުން ލިބިގެންވާ ވިޔަފާރިވެރިއަކީ ތެދުވެރި ވިޔަފާރިވެރިޔާ އެވެ. ކީރިތި ރަސޫލު ސިފަކުރައްވާ ގޮތުގައި އެފަދަ ވިޔަފާރިވެރިޔާ އަކީ އާހިރަތުގައި ނަބީންނާއި ސިއްދީގުންނާއި ޝަހީދުންނާ އެކުގައި ވާނެ މީހެކެވެ. ހަމަ އެފަދައިން ވިޔަފާރީގައި ތެދުވެރިވުމަކީ ބަރަކާތް ލިބުމުގެ ސަބަބުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.
މުއްތަފަގު ހަދީސެއްގައިވާ ގޮތުން ގަންނަ މީހާ އާއި ވިއްކާ މީހާ ތެދުވެރިވެ ހަގީގަތް ބަޔާންކޮށްފިނަމަ އެ ދެ މީހުންނަށް އެ ވިޔަފާރީގައި ބަރަކާތްލައްވަ އެވެ. އެކަމަކު ދޮގުހަދައި ހަގީގަތް ސިއްރުކޮށްފި ނަމަ ވިޔަފާރިން ފަހަރެއްގައި ފައިދާއެއް ލިބުނަސް މާތްﷲ އެ ވިޔަފާރީގައި ބަރަކާތް ނުލައްވާނެ އެވެ.
ވިޔަފާރީގައި ދޮގުހެދުން މަނާކުރާ ފަދައިން އެކަމަށް މަގުފަހިވެދާނެ ކަމެއް ކަމުގައިވާ ގިނަގިނަ އިން ހުވާކުރުން ވެސް އިސްލާމް ދީން ވަނީ މަނާ ކުރައްވާފަ އެވެ. މި ގޮތުން، މާތްﷲ އެ ހަތަރު މީހަކު ދެކެ ކޯފާވެ ވޮޑިގަންނަވާ ހަތަރު މީހެއްގެ ވާހަކަ ކީރިތި ރަސޫލާ ބަޔާންކުރައްވާ އިރު އޭގެ ތެރެއިން އެކަކީ ގިނަގިނަ އިން ހުވާކުރާ ވިޔަފާރިވެރިޔާ އެވެ.
ހަމައެފަދައިން ގިޔާމަތް ދުވަހުން މާތްﷲ އެ ތިން މީހަކަށް ބައްލަވާ ވޮޑިނުގަންނަވާނެ ތިން މީހެއްގެ ވާހަކަ ކީރިތި ރަސޫލާ ބަޔާންކުރެއްވި އިރު އޭގެ ތެރޭގައި، ﷲގެ އިސްމުފުޅު އެ މީހެއްގެ މުދާކަމުގައި ހަދާ މީހާ (އެބަހީ، ހުވާކޮށްފައި ނޫނީ އެއްޗެއް ނުވިއްކާ އަދި ހުވާކޮށްފައި ނޫނީ އެއްޗެއް ނުގަންނަ މީހާ) ހިމެނެ އެވެ.
މިފަދައިން އިސްލާމް ދީން މިކަން ބަޔާންކުރާ އިރު ވެސް އަވަހަށް ލިބޭ މަންފާ އަށް ނުވަތަ ގުނާލަން ލިބޭ ގިނަ ރުފިޔާކޮޅަށް އިންސާނާ އަށް ސަމާލުކަން ދެވެއެވެ. މިއާފަތުން މުސްލިމު ވިޔަފާރިވެރިން ސަލާމަތްކުރެއްވުމަށްޓަކައި ކީރިތި ރަސޫލާ ވަނީ ވިޔަފާރިވެރިންނަށް އިންޒާރު ވެސް ދެއްވާފަ އެވެ. މާތްﷲ އަށް ތަގުވާވެރިވެ ވިޔަފާރީގައި ތެދުވެރިވެއްޖެ މީހަކު ފިޔަވައި އެންމެހާ ވިޔަފާރިވެރިން މަހުޝަރުކުރެވޭނީ ފާޖިރުންގެ ގޮތުގައި ކަން ވިޔަފާރިވެރިންނާ މުހާތަބުކުރައްވައި އެކަލޭގެފާނު ވަނީ އިންޒާރު ދެއްވާފައެވެ.
ވިޔަފާރީގައި ދޮގުހެދުމާއި ދޮގުހުވާކުރުމާއި ގިނަގިނައިން ހުވާ ކުރުމުގައި އެކި ޒަމާނުގައި އެކި ސިފަސިފައަށް އެކަންކުރެވެ އެވެ. މިގޮތުން މިޒަމާނުގައި މުދާ އިސްތިހާރު ކުރުމުގެ ތެރެއިން ބައެއް މީހުން ދޮގުހަދައެވެ. އަދި މީހުންގެ ސަމާލުކަން ދަމައިގަންނަ އަދި ޖަޒުބާތުތަކާ ކުޅެލެވޭ ފަދަ ވަސީލަތްތަކާއި އުކުޅުތައް އިސްތިހާރުތަކުގައި ބޭނުންކޮށްގެން މުދަލުގެ ފެންވަރު އޮޅުވާލައެވެ.
ތިމާ އެއަށް ބޭނުންނުޖެހޭ އެއްޗެއް ގަނުވަން ހިތް ޖައްސުވައެވެ. މީގެ މާނައަކީ މުދަލެއް މީހުންނަށް ތައާރަފުކުރުމަށްޓަކައި އިސްތިހާރު ކުރުމަށް އިސްލާމް ދީން ދެކޮޅުހެދުމެއް ނޫނެވެ. ތެދުވެރިކަމާ އެކު ހަގީގަތް ބަޔާންކޮށް އެ ކަންކުރާ ނަމަ އަދި މީހުންގެ ޖަޒުބާތުތަކުގެ ނާޖާއިޒު ފައިދާ އެއިން ނުނަގާ ނަމަ އިސްތިހާރުކުރުމަކީ އިސްލާމް ދީން މަނާކުރާ ކަމެއް ނޫނެވެ.
ވިޔަފާރީގައި ތެދުވެރިވުމާ ގުޅިފައިވާ އަދި އެކަން ފުރިހަމަކޮށްދޭ އަނެއް އަހުލާގީ ސިފައަކީ އަމާނާތްތެރިވުމެވެ. ކާމިޔާބު ލިބިގެންވާ މުއުމިނުން ކީރިތި ޤުރުއާނުގައި ސިފަކުރާއިރު އޭގެ ތެރޭގައި އަމާނާތްތަކަށާއި އަހުދުތަކަށް ރައްކާތެރިވާ މީހުން ހިމަނާފައި ވެއެވެ. އަދި އަމާނާތްތެރިކަމުގެ އިދިކޮޅު ކަމުގައިވާ ހިޔާނާތްތެރިވުމަކީ މުނާފިގުންގެ އަލާމާތްތަކުގެ ތެރެއިން ހިމެނޭ ކަމެއްކަން ކީރިތި ރަސޫލާ ބަޔާންކުރައްވާފައި ވެއެވެ.
ވިޔަފާރީގައި އަމާނާތްތެރިވުމަކީ ކޮންމެ މީހަކަށްވެސް ހައްގުވާ އެއްޗެއް އުނިއިތުރަކާ ނުލައި ރައްދު ކޮށްދިނުމެވެ. މިއަމާނާތް އަދާކުރުމަށް މާތްﷲ ވަނީ އަންގަވާފައެވެ. ވިޔަފާރީގައި އަމާނާތުގެ މައްޗަށް ބިނާވެފައިވާ ބައެއް ވިޔަފާރިތައް ހުރެއެވެ. މިސާލަކަށް މުރާބަހާ ވިޔަފާރި އާއި، ކުންފުންޏާއި މުޟާރަބާ އާއި ވަކާލާ ފަދަ މުއާމަލާތުތަކުގައި އަމާނާތްތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ އެވެ.
ސަބަބަކީ މިފަދަ މުއާމަލާތުތަކަކީ އޭގައި ބައިވެރިވާ އަނެއް ފަރާތަށް އިތުބާރުކޮށްގެން ކުރެވޭ މުއާމަލާތުތައް ކަމަށް ވާތީ އަނެއް ފަރާތުން އަމިއްލަ މަސްލަހަތު އިސްކޮށްފިނަމަ ހައްގުތައް ގެއްލޭނެތީ އެވެ. މިހެންވެ، އެކަކު އަނެކަކަށް ހިޔާނާތްތެރިނުވާހާ ހިނދަކު ދެބައިވެރިއެއްގެ ތިންވަނަ ފަރާތް ކަމުގައި މާތްﷲ ވޮޑިގެންވާނެ ކަން، އެކަމަކު އެތަނުން އެކަކުވިއަސް އަނެކަކަށް ހިޔާނާތްތެރިވެއްޖެ ނަމަ ﷲ އެދެބައިވެރިންގެ ކިބައިން ބަރީއަވެ ވޮޑިގަންނަވާނެ ކަން ޤުދުސީ ހަދީސެއްގައި ވެއެވެ.
ވިޔަފާރީގެ މުއާމަލާތުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ ސިފަ އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ އަނެއް މުހިންމު ސިފައަކީ ހެޔޮގޮތުގައި ނަސޭހަތްތެރިވުމެވެ. ނަސޭހަތްތެރިވުމުގެ މާނައަކީ، ތިމާގެ އަމިއްލަ ނަފްސަށް އެދޭ ހެޔޮކަންތަކާއި މަންފާ އެހެން މީހުންނަށް ވެސް ލިބުން އެދިގެން އެކަމަށް މަގުފަހިވާ ބަސްބުނުމެވެ. ނަސޭހަތަކީ އިސްލާމީ ނަޒަރުން ބަލާއިރު މުޅި ދީނެވެ. މިކަން ކީރިތި ރަސޫލާ ވަނީ ބަޔާން ކުރައްވާފައެވެ.
ޖަރީރު ބުނު ޢަބްދުﷲގެ ކިބައިން ރިވާވެގެންވާ ގޮތުގައި އެކަލޭގެފާނު އިސްލާމް ދީނަށް ބައިޢަތު ހިއްޕެވި ހިނދު މުސްލިމުންނަށް ނަސޭހަތްތެރިވުމަށް ވެސް ބައިޢަތު ހިއްޕެވުމަށް ކީރިތި ރަސޫލާ ޝަރުތުކުރެއްވިއެވެ. ވިޔަފާރީގެ މުއާމަލާތުތަކުގައި ނަމަ ނަސޭހަތް ދެވޭނެ ގޮތަކީ މުދަލުގައި ހުންނަ، ބަލާ ބެލުމަށް ނުފެންނަ އައިބުތައް ބަޔާން ކޮށްދީގެންނެވެ.
ހަމައެފަދައިން އޭގެ އަގުގައި ފޮރުވިފައި ހުންނަ ކަންކަން ބުނެދީގެންނެވެ. މިފަދަ ކަންކަން ބަޔާންނުކޮށް ފޮރުވުމަކީ މަކަރު ހެދުމެވެ. މަކަރު ހެދުމަކީ މުސްލިމުންގެ ތެރެއިން މީހާ ބޭރުވާ ކަމެއްކަން ކީރިތި ރަސޫލު ބަޔާން ކުރެއްވުމުގެ އިތުރުން އަމަލީ ގޮތުން އެކަލޭގެފާނު ވަނީ އެކަން މަނާކުރައްވާފަ އެވެ.
ވީމާ، ވިޔަފާރިކުރުމުގައި ތެދުވެރިވުމާއި އަމާނާތްތެރިވުމާއި ހެޔޮ ނަސޭހަތް ދިނުމަށް މުސްލިމު ވިޔަފާރިވެރިން އަބަދުވެސް މަސައްކަތް ކުރަން ޖެހޭނެ އެވެ. ވިޔަފާރީގެ "އުކުޅު"ތަކުގެ ގޮތުގައި އެހެން މީހުން ކައިރިން ދަސްކުރާ މަކަރު ހެދުމާއި އޮޅުވާލުން ފަދަ ކަންކަމަކީ މުސްލިމު ވިޔަފާރިވެރިންނަށް ލާއިގު ކަންތަކެއް ނޫނެވެ.
މުސްލިމު ވިޔަފާރިވެރިޔާ މިފަދަ ކަންކަމުން ދުރުހެލިވުމުގެ ސަބަބުން އޭނާގެ ވިޔަފާރިއަށް ލިބޭ ވަގުތީ ގެއްލުމަށް ވުރެ އޭނާގެ އާހިރަތުގައި ލިބެން އޮތް ދާއިމީ ބޮޑު ގެއްލުމާ މެދު ވިސްނަން ޖެހޭނެ އެވެ. އެހެން މީހުން އެގޮތަށް ކަންކުރާތީ ތިމަންމެން ވެސް އެހެން ނަހަދައިފިއްޔާ ގެއްލުންވާނޭ ބުނެ ނުބައި އަމަލުތަކަށް ތަބާވާކަށް ނުޖެހޭނެ އެވެ.
އޭގެ ބަދަލުގައި ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންކަން ނަހީ ކުރުމުގެ މާތް މަސައްކަތުގެ ދަށުން ތިމާވެސް އެނުބައި ކަންކަން ހުއްޓުވަން މަސައްކަތް ކުރާނީ އެވެ. އޭރުން ﷲގެ އިރާދަފުޅުން ތިމާއަށްވެސް އަދި އެހެން ވިޔަފާރިވެރިންނަށް ވެސް ސަލާމަތްކަން ލިބި އެންމެންގެ މެދުގައި އަދުލު އިންސާފު ގާއިމު ކުރެވޭނެ އެވެ. އަދި ގަންނަ މީހުންނަށް ލިބޭ އަނިޔާއިން ވެސް ސަލާމަތްވާނެ އެވެ.

1 comment