ހަށިގަނޑުގެ ތަންތަން ތޮރުފައި ގަހަނާ ލައްވައިގެން ޒީނަތްތެރިވުމަކީ ވަރަށް ކުރީ ޒަމާނުއްސުރެ އިންސާނުންގެ ތެރޭގައި އޮންނަ އާދައެކެވެ. ހާއްސަކޮށް ކަންފަތާއި ނޭފަތް ތޮރުފުމެވެ. މީގެ އިތުރުން ތުންފަތާއި ދުލާއި ބުމަ އާއި ފޫޅާއި ލަދުވެތި ގުނަވަންތަކުގެ ތަންތަން ވެސް ތޮރުފައި ގަހަނާ ލައްވަ އެވެ. މިގޮތަށް ތޮރުފައި ގަހަނާ ލެއްވުމުގެ ސަބަބުތަކަށް ބަލާއިރު ގަދީމީ ޒަމާނުގައި ބައެއް މީހުން މިކަންކުރަނީ ދީނީ ނުވަތަ ރޫހާނީ ކަމެއްގެ ގޮތުގަ އެވެ.
އަނެއް ބަޔަކު ކުރަނީ އެ މީހުންގެ ޝަހުސިއްޔަތު ދެއްކުމުގެ ގޮތުންނެވެ. ނަމަވެސް ގިނަ މީހުން މިކަން ކުރަނީ ޒީނަތްތެރިވުމަށާއި އެ ޒީނަތްތެރިކަން ދެއްކުމަށާއި އެކަމުން އުފާ ލިބިގަތުމަށްޓަކަ އެވެ. އަދި ހަމައެކަނި މަޝްހޫރު މީހުން ކޮޕީކުރުމަށާއި އެކަމުން ލިބޭ އުފާ ހާސިލުކުރަން ވެސް ބައެއް މީހުން މިކަންކުރެ އެވެ. ނަފުސާނީ އަދި އިޖުތިމާއީ ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި ނަފުސާނީ ގޮތުން ލިބޭ ހުސްކަމެއް ފުރުމުގެ ގޮތުން ވެސް ބައެއް ޒުވާނުން މިކަންކުރެ އެވެ.
މިސާލަކަށް މައިންބަފައިން ކުރާ މުއާމަލާތެއްގެ ސަބަބުން އެއިން މީހެއްގެ ކިބައިން ބަދަލު ހިފުމަށް ނުވަތަ އެހެން މީހުންގެ ސަމާލުކަން ހޯދައި ތިމާގެ ޒާތު ސާބިތުކުރުން ފަދަ ބޭނުންތަކުގައި މިކަންކުރެ އެވެ.
ކޮންމެ މަގުސަދެއްގައި މިކަންކުރި ނަމަވެސް އިސްލާމީ މުޖުތަމައުތަކުގައި ވެސް ބައެއް ޒުވާނުންގެ މެދުގައި މިކަން ފެޝަނެއް ކަމަށް ބެލެވެމުންދެ އެވެ. އަދި ބައެއް ޒުވާނުން މިކަމުގައި ހައްދު ފަހަނައަޅާ ދަރަޖައަކަށް ގޮސްފައިވެ އެވެ. އެހެންކަމުން ދީނީ ގޮތުން ބަލާއިރު މިކަމުގެ ހުކުމް އޮންނަ ގޮތަށް ބަލާލުން މުހިންމެވެ. މި ގޮތުން އިހުގެ އިލްމުވެރިން މައިގަނޑު ގޮތެއްގައި ވާހަކަ ދައްކަވާފައި ވަނީ ކަންފަތް ތޮރުފުމާ ބެހޭ ގޮތުންނެވެ. ފަހަރެއްގައި އެބޭފުޅުންގެ ޒަމާނުގައި އަދި އެބޭފުޅުން އުޅުއްވި ތަންތަނުގައި ޒީނަތްތެރިވުމުގެ ގޮތުން ކަންފަތް ފިޔަވައި އެހެން ތަނެއް ތޮރުފައި ގަހަނާ އެޅުމަކީ ކުރާކަމެއް ކަމަށް ނުވަނީ ކަމުގައިވެދާނެ އެވެ.
ކަންފަތް ތޮރުފުމާ މެދު ހަނަފީ މަޒުހަބާއި ހަންބަލީ މަޒުހަބުގެ އިލްމުވެރިން ވިދާޅުވަނީ އެއީ ހުއްދަކަމެއް ކަމުގަ އެވެ. އަދި ޝާފިއީ މަޒުހަބުގަ އާއި މާލިކީ މަޒުހަބުގައި އެންމެ ބަލައިގަނެވޭ ރައުޔު ކަމުގައިވަނީ އެކަން ހުއްދަ ކަމަށެވެ. ދަލީލެއްގެ ގޮތުގައި މި ބޭފުޅުން ވިދާޅުވަނީ ކީރިތި ރަސޫލާގެ ޒަމާނުގައި އަންހެންވެރިން ޒީނަތްތެރިވުމުގެ ގޮތުން ކުރަމުން އައި ކަމެއް ކަމަށްވެފައި ކީރިތި ރަސޫލާ އެކަން މަނާ ނުކުރެއްވުމެވެ.
ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވާ ހަދީސެއްގައިވާ ގޮތުން އުއްމު ޒަރްޢު ކިޔާ އަންހެނެއްގެ ކަންފަތުގައި އޭނާގެ ފިރިމީހާ އަބޫ ޒަރްޢު ވަރަށް ގިނަ ގަހަނާތައް އެލުވައި ކަންފަތަށް ބަރުވާވަރު ކުރުވި އެވެ. އެއީ އުންމު ޒަރްއުގެ ކިބައިން ކަންނެތްކަން ފިލުވުމަށެވެ. މިކަން ކީރިތި ރަސޫލާ އަށް އެނިގިވަޑައިގަތެވެ.
ނަމަވެސް އެކަލޭގެފާނު މިކަން މަނައެއް ނުކުރައްވަ އެވެ. މީގެ އިތުރުން މި ބޭފުޅުންގެ އަނެއް ދަލީލަކީ މިކަންކުރުމުން ހަށިގަނޑަށް ވަރަށް ކުޑަ މިންވަރެއްގެ ތަދެއް އިހުސާސްވުން ފިޔަވައި ލިބޭ ގެއްލުމެއް ނެތުމެވެ. ނަމަވެސް އިބްނުލް ޖައުޒީ އާއި އިބްނު ޢުޤައިލު އާއި އިމާމް ޣަޒާލީ ފަދަ ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި މިއީ މަންފާއެއް ނެތް ގޮތުގައި ހަށިގަނޑަށް ދެވޭ އަނިޔާއެއް ކަމަށްވާތީ ވަރަށް ބޮޑު ބޭނުމެއް އޮވެގެން މެނުވީ މިކަންކުރުން ހުއްދަނުވާނެ އެވެ. ފަހުގެ އިލްމުވެރިން ވިދާޅުވާ ގޮތުގައި މިއިހުތިލާފުގައި އެންމެ ސައްހަ ގޮތެއް ކަމަށް ބަލައިގަނެވެނީ މިއީ ހުއްދަ ކަމެއް ކަމަށް ވިދާޅުވާ އިލްމުވެރިންގެ ބަހެވެ.
ކަންފަތުގެ އިތުރުން ނޭފަތާއި ތުންފަތް ތޮރުފުމާ ބެހޭ ގޮތުން އިލްމުވެރިން ވިދާޅުވަނީ މުސްލިމު މުޖުތަމައުގެ އުރުފެއް (މުޖުތަމައު ބަލައިގަންނަ އާދަކާދައެއް) ގެ ގޮތުގައި އެކަންވާ ނަމަ ކަންފަތުގެ ހުކުމަށް ގިޔާސްކޮށް ނޭފަތާއި ތުންފަތް ތޮރުފުން ވެސް ހުއްދަ ކަމަށެވެ. ނަމަވެސް މިކަން ހުއްދަވާނީ ވަކި ޝަރުތުތަކެއް ހަމަވެގެން ކަމަށެވެ. އެއީ ޒީނަތްތެރިވުމުގެ ގޮތުން ހަމައެކަނި އަންހެނުން ކުރާ ކަމަކަށް ވުމާއި، ކާފިރު އަންހެނުން ކޮޕީކުރުމުގެ ގޮތުން ކުރާ ކަމަކަށް ނުވުމާއި، މިކަންކުރުމުގެ ސަބަބުން ހަށިގަނޑަށް ގެއްލުމެއް ނުލިބުމާއި، އެހެން ބައެއްގެ ދީނީ ކަމަކާ އެއްވެސް ކަހަލަ ގުޅުމެއް މިކަމުގައި ނެތުމެވެ.
މި ޒަމާނުގައި މުސްލިމު ބައެއް މުޖުތަމައުތަކުގައި ޒީނަތްތެރިވުމުގެ ގޮތުން މިކަން ކުރިއަސް ގިނަ ޒުވާނުން މިކަންކުރަނީ ޣައިރު މުސްލިމް މުޖުތަމައުތަކުގެ ޒުވާނުން ވެސް މިކަން ކުރާތީ ފެޝަނެއްގެ ގޮތުންނެވެ. މި ގޮތުން ސައޫދީ އަރަބިޔާގައި ވެސް ބައެއް ޒުވާން އަންހެން ކުދިން ހަށިގަނޑުގެ އެކި ތަންތަން ތޮރުފައި ގަހަނާ ލެއްވުން ފެޝަނެއްގެ ގޮތުގައި ތަބާވަމުން ދެއެވެ. ނަމަވެސް ކަންފަތާއި ނޭފަތް ފިޔަވައި، ބުމަ އާއި ތުންފަތާއި ފޫޅާއި ދޫ ފަދަ ތަންތަން ތޮރުފައި ގަހަނާ ލެއްވުމަކީ ސައޫދީ މުޖުތަމައުގެ އުރުފާ ހިލާފު ކަމެކެވެ.
ހަމަ އެފަދައިން އިސްލާމީ ކޮންމެ މުޖުތަމައެއްގައި ވެސް މިއީ އުރުފާ ހިލާފު ކަމެކެވެ. އިސްލާމީ ސަގާފަތާ ފުށުއަރާ ކަމެކެވެ. އެހެން ބައެއްގެ ސަގާފަތުން ކޮޕީކުރިއަސް މުސްލިމުން ކޮޕީ ކުރަންޖެހޭނީ ރަނގަޅު ކަންތަކެވެ. މިއީ ޣައިރު މުސްލިމު މުޖުތަމައުތަކުގައި ވެސް އާންމު ގޮތެއްގައި ބަލާއިރު އެ ތަންތަނުގައި އުޅޭ ވިޔާނުދާ މީހުން ކޮށްއުޅޭ ކަމެކެވެ.
ވީމާ މިއީ އަމިއްލަ ސަގާފަތާއި އަމިއްލަ ޒާތު ނަފީކުރާ ކަމެކެވެ. އަދި މުޖުތަމައުގެ ހެޔޮލަފާ މީހުންގެ ގާތުގައި ތިމާގެ އަގުވެއްޓިގެންދާ ކަމެކެވެ. މީގެ އިތުރުން ހަށިގަނޑަށް ކުރެވޭ (ކުޑަ ނަމަވެސް) އަނިޔާއެކެވެ. އަދި ފަރުވާތެރިކަމާ އެކު މިކަން ނުކުރެވިއްޖެ ނަމަ ސިއްހީ ގޮތުން ބައެއް ކަހަލަ ގެއްލުންތައް ލިބުމުގެ ފުރުސަތު ވެސް އޮތް ކަމެކެވެ.
ތަންތަން ތޮރުފައި ގަހަނާ ލެއްވުމުގެ ފެޝަނަށް ބަލާއިރު މުސްލިމް މުޖުތަމައުތަކުން މަދުން ނަމަވެސް ފާހަގަކުރެވޭ އަނެއް ކަމަކީ ޒުވާން އަންހެންކުދިންގެ އިތުރުން ބައެއް ފިރިހެންކުދިން ވެސް މިކަންކުރުމެވެ. މިއީ ވަރަށް ހިތާމަ ހުރި ކަމެކެވެ. އެހެނީ އެއްވެސް ޝައްކެއް ނެތި ކީރިތި ރަސޫލާގެ ސައްހަ ހަދީސުން ސާބިތުވާ ގޮތުގައި ފިރިހެނުން އަންހެނުން ފަދައިންވުމާއި އަންހެނުން ފިރިހެނުން ފަދައިން ވުމަކީ މާތްﷲގެ ލައުނަތް އެކަމަށް ލިބޭ ހަރާމް ކަމެކެވެ.
ވީމާ ތަނުގެ އުރުފެއްގެ ގޮތުގައި ބަލައިގަނެވިގެން އަންހެނުން ޒީނަތްތެރިވުމުގެ ގޮތުން ކަންފަތާއި ނޭފަތް ފަދަ ތަނެއް ތޮރުފައިގެން ގަހަނާ ލެއްވިއަސް މިއީ މުސްލިމް ފިރިހެނުންނަށް ހުއްދަވާނެ ކަމެއް ނޫނެވެ. މި ކަމާ މެދު އިލްމުވެރިންގެ މެދުގައި ހިލާފެއްވެސް ނެތެވެ. އެހެންކަމުން މިނުބައި އާދައިން މުސްލިމު ފިރިހެނުން ދުރުހެލިވާން ޖެހެއެވެ.
އަދި އަންހެނުން ވެސް މުޖުތަމައުގެ އުރުފާ ހިލާފަށް މިފަދަ ކަންކަންކުރުމަކީ އިސްލާމް ދީން ހުއްދަނުކުރާ ކަމެއް ކަމަށްވުމުން ދުލާއި ލަދުވެތި ގުނަވަންތައް ފަދަ ތަންތަން ތޮރުފައިގެން ގަހަނާ ލެއްވުމާއި ކަންފަތާއި ނޭފަތް ފަދަ ތަންތަނުގައި ގަހަނާ އެލުވާއިރު ހައްދުފަހަނައަޅާ ދަރަޖައަކަށް މިކަންކުރުމުގެ ފެޝަން ދޫކޮށް އިސްލާމީ ސަގާފަތާއި އާދަކާދަ ދަމަހައްޓަން މަސައްކަތްކުރަންޖެހެ އެވެ.
އިސްލާމީ ހަމަތަކުން ބަލާއިރު އެ ސަގާފަތާއި އާދަކާދަ އަށް ގެނައުން ހުއްދަނުވާ ބަދަލުތައް ގެނައުމުން މުސްލިމުން ދުރުހެލިވާންޖެހެ އެވެ. މާތްﷲ އާއި އެކަލާނގެ ރަސޫލާގެ އަމުރުފުޅުތަކަށް ކިޔަމަންވާ ބައެއް ކަމުގައި އަބަދުވެސް މުސްލިމުންވާންޖެހެ އެވެ. މީގެ އިތުރުން މުސްލިމް އަންހެނުން އަބަދުވެސް ހަނދާންކުރަންޖެހޭ އަނެއް މުހިންމު ކަމަކީ ޒީނަތްތެރިވުމުގެ ގޮތުން ކުރާ އެއްވެސް ކަމަކީ ހިލޭ ފިރިހެނުންނަށް ދެއްކުމަށްޓަކައި ކުރާ ކަމަކަށް ނުހެދުމެވެ.

ނަޝީދުގެ އިންޓަވިއު
1 comment