މިސްކިތްތައް

ޝޭޑީ ކެބިން އާއިލާއިން ހެދި މިސްކިތް ހުޅުވައިފި

މުހައްމަދު އަފްރާހު
18 ޖުލައި 2012 21:41 11 ކޮމެންޓު
  • މަސްޖިދުއް ސުލްތާން މުހައްމަދު އިމާދުއްދީންގެ އެތެރެ: މި މިސްކިތް މިއަދު ވަނީ ހުޅުވާފައި. --ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

ޝޭޑީކެބިން އާއިލާއިން އަލުން އިމާރާތްކުރި މަސްޖިދުލް ސުލްތާން މުހައްމަދު އިމާދުއްދީން މިއަދު ހުޅުވައިފި އެވެ.

ރައްޔިތުން މަޖިލީހުގެ އިދާރާގެ ފުރަގަހަށްވާ ގޮތަށް ހުންނަ މި މިސްކިތް ހުޅުއްވައި ދެއްވީ މިއަދުގެ އަސުރު ނަމާދަށް ފަހު، ކުރީގެ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ނާއިބު ރައީސް އަދި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތުގައި ލަފާ ދެއްވަމުން ގެންދެވި ޝައިޚް އަހުމަދު ފާރޫގު މުހަންމަދެވެ.

މިހާރު ރާއްޖޭގައި އިމާރާތް ކޮށްފައިވާ އެންމެ ރީތި އެއް މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޝައިޚް މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެއީ މިވަގުތު މާލޭގައި ހުރި އެންމެ ފުރިހަމަ އެއް މިސްކިތް ކަމަށެވެ. އަދި އެއީ ޝޭޑީކެބިންގެ އާއިލާއިން ދެއްވި ވަރަށް ބޮޑު ހަދިޔާއެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މި މިސްކިތް ވަރަށް ފުރިހަމަ. މި މިސްކިތް ހުޅުވާނެ ދުވަހަކަށް އިންތިޒާރު ކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ. މި މިސްކިތް ބަލާލުމުން އެނގިގެންދޭ މި މިސްކިތް ހުޅުވުން ލަސްވެގެން ދިޔަ ސަބަބު. މިއީ މާލޭގެ އިތުރުން މި ހިސާބުގެ ރައްޔިތުންނަށް ވެސް ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލެއް،" ޝަހީމް ވިދާޅުވި އެވެ.

ޓެރަސްއަކާއެކު ދެ ބުރިއަށް އިމާރާތްކޮށްފައިވާ އިމާދުއްދީން މިސްކިތް ހުޅުއްވައިދެއްވުމަށް ފަހު ޝައިޚް ފާރޫގު ވިދާޅުވީ މިސްކިތް ހުޅުވުން ލަސްވި އެއް ސަބަބަކީ މިސްކިތް ބިނާކޮށްފައިވާ ތަނުގައި ވަޅުލާފައި ހުރި މީހުންގެ ކަށިތައް ނަގަން ޖެހުން ކަމަށެވެ.

"މިސްކިތުގެ މަސައްކަތް ކުރުމުގެ ގޮތުން ފުރަތަމަ ޖެހުނީ މިތަން އާނުގަނޑާ ހަމައަށް ކޮންނަށް. އެއީ މިތަނުގައި ކަށި ހުރުމުން. އެއަށް ފަހު ޖެހުނީ ފަސް އަޅަން. މިތަން ހަދަމުން ދިޔައިރު ދިމާވި އެންމެ ބޮޑު އެއް ދައްޗަކީ މިސްކިތުން ކޮނުނު ތަނަށް ވެލި އަޅަން ވެލި ހޯދުން. މިއީ ވެސް މިސްކިތް ލަސްވި ސަބަބެއް. މީގެ އިތުރުންވެސް އެކި ދަތިތައް ދިމާވި،" މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ވަރަށް ގާތުން ބައްލަވަމުން ގެންދެވި ފާރޫގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރަކަށް އައިސް މިސްކިތް ފަދަ ތަންތަނުގެ ފެން އިސްކުރާއި ފާނާހާއަށް ގެއްލުން ދިނުން ފަދަ ކަންތައް ކޮށްފައި ހުންނަ ކަމަށެވެ.

"އަޅުގަނޑުމެންނަށް ބައެއް ފަހަރު އެބަ ފެނޭ މިސްކިތް ފަދަ ތަންތާގެ ވެސް ފާހާނާ ފަދަ ތަންތަން ހަލާކުކޮށްފައި ހުންނަތަން. މިއީ ވަރަށް ދެރަ ކަމެއް. އެފަދަ ކަންތައްތަކުން ސަލާމަތްވާން ޖެހޭ،" ފާރޫގު ވިދާޅުވި އެވެ.

އަގު ބޮޑު މި މިސްކިތް އަލުން އިމާރާތްކުރީ ޝޭޑީ ކެބިންގެ ވެރިޔާ މުހަންމަދު ތައުފީގާއި ހަސަން ތައުފީގާއި އެ ބޭފުޅުންގެ އާއިލާގެ ހަރަދުގަ އެވެ. މިސްކިތް ކުރެހީ ޓެކްޓޯން ޑިޒައިނުންނެވެ. އަދި މިސްކިތް އިމާރާތްކޮށް އެތަނުގެ ހުރިހާ މަސައްކަތެއް ވެސް ކުރީ ޝޭޑީ ކެބިންގެ ވެރިޔާ މުހަންމަދު ތައުފީގު އަރިހުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.

ތައުފީގު މިއަދު "ހަވީރަ" ށް ވިދާޅުވީ މިސްކިތަށް ދިޔަ ހަރަދު އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑު ]ހަރަދު[ ބަލާކަށް ވެސް ބޭނުމެއް ނޫން. ނުވެސް ބަލަން،" ތަކެތި ކުއްޔަށް ދިނުމުގެ ވިޔަފާރި މާލޭގައި ކުރާތާ އެތައް ދުވަހެއް ވެފައިވާ ޝޭޑީ ކެބިންގެ ވެރިޔާ ވިދާޅުވި އެވެ.

މިސްކިތުގައި އެއްފަހަރާ ގާތްގަނޑަކަށް 500 މީހުންނަށް ނަމާދު ކުރެވެ އެވެ. އެއީ ޓެރަސްއާ އެކު އެވެ. ޓެރަސްއާ ނުލައި ނަމަ 470 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވެ އެވެ.

ތައުފީގު ވިދާޅުވި ގޮތުގައި މިސްކިތް ބެލެހެއްޓުމުގެ ހުރިހާ ކަމެއް ކުރައްވާނީ ސީދާ އޭނާ އެވެ. އަދި މިސްކިތުގެ އިމާމުންގެ ކަންތައް ވެސް ބަލަހައްޓަވާނީ އޭނާ އެވެ.

ތައުފީގު ވިދާޅުވި ގޮތުގައި މިސްކިތް ނިންމުމަށްޓަކައި އޭނާގެ ދަރިންނާއި އެއްބަނޑު އެއްބަފާ މީހުންގެ ދަރިންގެ އިތުރުން ޝައިޚް ފާރޫގެ އިތުރުން ކުރީގައި ވަޒީރުކަން ކުރެއްވި އުމަރު ޒާހިރާއި ނާއިބުގޭ އަބްދުލް މުހައިމިން އަދި އަސްލަމް ރަޝީދުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިވަޑައިގަތެވެ.

11 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait