ރޯދަމަސް

ރޯދައަކީ އިސްލާހީ މަދަރުސާއަކަށްވާ އިރު އޭގެ ފައިދާ ހޯދުން

ސައުދުއްﷲ އަލީ
19 ޖުލައި 2012 10:36 1 ކޮމެންޓު

ރަމަޟާން މަހުގެ ރޯދައަކީ މުސްލިމުންގެ ނަފްސުތައް ތާހިރުކޮށް ތަގުވާވެރިކަން އިތުރުކުރުމަށް އަހަރަކު އެއް ފަހަރު މުސްލިމުންނާ ބައްދަލުކުރާ އިސްލާހީ މަދަރުސާއެކެވެ. މިގޮތުން ރޯދައަކީ އާންމުކޮށް މުޅި އިންސާނާ ތަރުބިޔަތު ކުރާ މަދަރުސާ އެކެވެ. އަދި ހާއްސަކޮށް ރޫހާނީ ގޮތުންނާއި އަހުލާގީ ގޮތުންނާއި ފިކުރީގޮތުންނާއި ޖިސްމާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ނަފްސު ތަރުބިޔަތު ކުރުމުގެ ހާއްސަ ތަމްރީނުތަކެއް ލިބިގެންދާ މަދަރުސާ އެކެވެ.

ރޯދައިގެ މަދަރުސާ އިން އާންމު ތަރުބިޔަތު ލިބުމުގައި ކުޑައެއް ބޮޑެއް، އަންހެނެއް ފިރިހެނެއް، މުއްސަންޖެއް ފަގީރެއް، ގަދަރުވެރިއެއް ނިކަމެއްޗެއް ފަރަގު ކުރުމެއް ނުވެއެވެ. ހަމަ އެންމެންވެސް މަސައްކަތް ކުރަން ޖެހެނީ އެއް އަމާޒަކަށެވެ. އެއީ ކީރިތި ޤުރުއާނުގެ އަލްބަޤަރާ ސޫރަތުގެ 183 ވަނަ އާޔަތުގައި މާތްﷲ ބަޔާން ކުރައްވާފައިވާ ފަދައިން ތަގުވާވެރިކަން އިތުރުކުރުމެވެ.

ރޯދައިގެ މަދަރުސާގައި ކިތަންމެ ގިނަ ރޯދަތަކެއް ހިފިއަސް އެރޯދަތަކުގެ ސަބަބުން އަގީދާއަށާއި އަހުލާގަށާއި މުއާމަލާތަށް އިސްލާހީ ބަދަލުތަކެއް ނާންނަ ނަމަ އެއީ އެއްވެސް އަގެއް ހުރި ރޯދަތަކެއް ނޫނެވެ. އެހެންވެ ކީރިތި ރަސޫލާ މުސްލިމު އުންމަތަށް ވަސިއްޔަތް ކުރައްވާފައި ވަނީ، ރޯދައަށް ހުންނަ ނަމަ ހަމަ އެކަކުވެސް ހަޑިހުތުރު ބަހެއް ނުބުނުމާއި ފާހިޝް އަމަލެއް ނުކުރުމަށެވެ.

އެއިން ކަމަކަށް ތިމާ ދާން އެއްވެސް ފަރާތަކުން މަގުފަހިކުރާ ހާލަތެއް އަޔަސް ތިމަން މިހުރީ ރޯދައަށް ކަން އަމިއްލަ ނަފުސަށާއި އެހެންމީހުންނަށް ވެސް ހަނދާން ކޮށްދިނުމަށެވެ. ވީމާ މީގެ މާނައަކީ، ރޯދައަށް ހުންނަ މީހާ ފުރިހަމަ ކުރަން ޖެހެނީ ހަމައެކަނި އޭގެ މާއްދީ ބައެއް ނޫނެވެ. އެބަހީ ދުވާލު ވަގުތު ރޯދަގެއްލޭ އެންމެހާ ކަންކަމުން އެކަނި ދުރުހެލިވުމެއް ނޫނެވެ. މީގެ އިތުރުން ރޯދައިގެ މައުނަވީ ބައި ވެސް ފުރިހަމަ ވެގެން މެނުވީ ތަގުވާވެރިކަން އިތުރު ނުކުރެވޭނެ އެވެ.

ތަރުބިޔަތާއި އިސްލާހުގެ މަސައްކަތުގައި އިންސާނާގެ ރޫހާނީ ބަޔަކީ ވަރަށް މުހިންމު ބައެކެވެ. އިންސާނާގެ ނަފްސު އެކި ކަންކަމަށް ހަރަކާތް ކުރުވާ ބާރަކީ އިންސާނާގެ ރޫހާނީވަންތަ ކަމެވެ. ރޫހާނިއްޔަތު ވަރުގަދަ ނުކުރެވޭ ނަމަ ސުލޫކަށް ހެޔޮ ބަދަލެއް ނާންނާނެ އެވެ. ރޯދައަކީ އިންސާނާގެ ރޫހާނިއްޔަތު ވަރުގަދަކުރާ އަޅުކަމެކެވެ. ރޯދަވެރިޔާ ޖިސްމާނީ އެދުންތަކުން މަހްރޫމު ވެ ނަފްސު އެދޭ ފާހިޝްއަމަލުތަކުން ދުރުހެލިވެ ކީރިތި ޤުރުއާން ކިޔެވުމާއި އަޅުކަންތައް އިތުރުކޮށްގެން ނަފްސަށް ހަމަޖެހުން ހޯދުމުގެ ތަމްރީނެއް ހަދައެވެ. މިތަމްރީނުގެ ސަބަބުން ރޫހާނިއްޔަތު ވަރުގަދަވެއެވެ.

ރޫހާނިއްޔަތު ވަރުގަދަ ކުރުމުގެ އިތުރުން ރޯދައަކީ އަހުލާގު ތަހުޒީބު ކުރާ އަޅުކަމެކެވެ. ރޯދަވެރިންގެ އަހުލާގު ވަކި ގޮތަކަށް ބައްޓަން ކުރުމަށްޓަކައި ކީރިތި ރަސޫލާ ވަރަށް ގިނަ އިރުޝާދުތައް ދެއްވާފައި ވެއެވެ. މިގޮތުން ދޮގުހެކި ދިނުމާއި އެއަށް އަމަލުކުރުމުން ދުރުހެލިނުވާ ނަމަ ކެއިންބުއިމުން ދުރުހެލިވެ ހުރުމަކީ ﷲގެ ހަޒްރަތުގައި ބޭނުމެއް ނެތް ކަމެއް ކަމަށް އެކަލޭގެފާނު ހަދީސް ކުރައްވައެވެ. އަދި ރޯދަ ހިފާއިރު އަޑުއެހުމާއި ބެލުމާއި ވާހަކަދެއްކުމުގައި ހަރާމްކަންކަމުން ދުރުހެލިވުމަށާއި އަވައްޓެރިންނަށް އުދަގޫކުރުން ހުއްޓާލުމާއި މަޑުމައިތިރިކަން ގެންގުޅުމަށް ޖާބިރު ބުނު ޢަބްދުﷲ އަށް ކީރިތި ރަސޫލާ ވަސިއްޔަތް ކުރެއްވިއެވެ.

މީގެ އިތުރުން އެކަލޭގެފާނުގެ ހަދީސްފުޅުތަކަށް ބަލާއިރު އީމާންތެރިކަން އެންމެ ފުރިހަމަ މުއުމިނުންގެ ތެރެއިން ވާން ބޭނުންނަމަ އޮތީ އަހުލާގު ރަނގަޅު ވުމެވެ. އަދި ﷲގެ ހަޒްރަތުގައި މަތީ ދަރަޖައެއްގައި ވުމަށް ބޭނުންވާ ނަމަވެސް އޮތީ އަހުލާގު ރަނގަޅު ކުރުމެވެ. މީސްތަކުން ކުރެ އެންމެ ހެޔޮ މީހާ ކަމުގައި ވާން ބޭނުންވިއަސް އޮތީ ހަމަ އަހުލާގު ރަނގަޅު ކުރުމެވެ.

ބައެއް ކަހަލަ ނުރަނގަޅު އަހުލާގުން ދުރުހެލިވާ މީހުންނަށް ކީރިތި ރަސޫލާގެ ޒައާމަތު ލިބިގެންވާ ހާލު ސުވަރުގޭގެ އެކި ހިސާބުތަކުން ގަނޑުވަރުތަކެއްގައި ވުމުގެ ފުރުސަތު ލިބޭނެކަން އަބީއުމާމާގެ ކިބައިން ރިވާ ވެގެންވާ ހަދީސަކުން އެނގެއެވެ. އޭގެ ތެރެއިން އެކަކީ ކަންދެއްކެން އޮތަސް އެކަމުން ދުރުހެލިވާ މީހާ އެވެ. އަނެކަކީ ސަމާސާއަކަށް ވިއަސް ދޮގެއް ނުހަދާ މީހާ އެވެ. އަނެއް މީހާއަކީ ޖުމްލަ ގޮތެއްގައި އެމީހެއްގެ އަހުލާގު ރިވެތި ކޮށްފި މީހާއެވެ. ރޯދައަކީ އަހުލާގު އިސްލާހުކޮށް ރަނގަޅު ކުރަން ލިބޭ ރަނުގެ ފުރުސަތެކެވެ. ރޯދައިގެ މަދަރުސާއިން ދަސްކުރާ ފިލާވަޅު ތަކުގެ ތެރޭގައި ވަރަށް މަތީ ދަރަޖައެއް އަހުލާގު ރަނގަޅު ކުރުމަށް ހާއްސަވެގެން ވެއެވެ.

ރޯދައިގެ މަދަރުސާ އަކީ އިންސާނާގެ ފިކުރާއި ވިސްނުން ވެސް އިސްލާހު ކޮށް ތަހުޒީބު ކުރަން ލިބޭ ފުރުސަތެކެވެ. އެހެނީ ކެއިންބުއިމާއި ޖިންސީ އެދުންތަކުން މަހްރޫމުވާން ދަސްކުރުމަކީ ހަށިގަނޑުން ލޮޑުކަން ފިލުވާލައި ސިކުނޑީގެ މަސައްކަތަށް ފުރުސަތު ހޯދައިދޭ ކަމެކެވެ. އިންސާނާގެ ފިކުރު ތަހުޒީބު ވުމަކީ އޭނާގެ ދޫވެސް ތަހުޒީބުވާނެ ކަމެކެވެ. ހަމައެއާ އެކު އޭނާގެ ހިތްވެސް ތަހުޒީބުވާނެ ކަމެކެވެ. މިތިންބައި ތަހުޒީބު ވެއްޖެނަމަ އެމީހެއްގެ އަމަލުތަކުގައި ފުރިހަމަކަން ފެނިގެންދާނެ އެވެ.

ރޯދައިގެ މަދަރުސާ އިން ދަސްކުރާ އަނެއް ފިލާވަޅަކީ ޖިސްމު ތަހުޒީބު ކުރުމުގެ ފިލާވަޅެވެ. ވަރަށް ގިނަ ޑަކުޓަރުން ވިދާޅުވާ ގޮތުގައި ރޯދަ ހިފުމުގެ ސަބަބުން ހަށިގަނޑަށް ސިއްހީ ގޮތުން އެތައް މަންފާތަކެއް ލިބެއެވެ. މިގޮތުން ހިތާއި ގުރުދާއާއި މައިދާގެ ބައެއް ބަލިތަކާއި އަދި މިނޫންވެސް އެހެން ބަލިތަކަށް ފަރުވާއެއް ކަމުގައި ރޯދަ ވެއެވެ.

ނަމަވެސް މިކަން މިގޮތަށް ވާނީ އިސްލާމްދީނުގައި ރޯދަހިފަން އޮންނަ އެންމެ އެކަށީގެންވާ ގޮތުގައި ރޯދަ ހިފާނަމަ އެވެ. މިގޮތުން ހާރުކެއުން ފަސްކުރުމާއި ރޯދަވީއްލުން އަވަސް ކުރުމާއި ރޯދަވީއްލާ ގަޑީގައި އެންމެ ފުރަތަމަ ކަދުރު ފަދަ ފޮނިއެއްޗެއް ކެއުމާއި ގިނައިން ކެއުމުން ދުރުހެލިވުން ފަދަ ކަންކަމަށް ތަބާވާނަމަ އެވެ. އަދި ނަމާދު ކުރުމާއި ދިރިއުޅުމުގެ އެންމެހާ މަސައްކަތްތައް ކުރުމުގައި މަޝްޣޫލުވާ ނަމަ އެވެ.

ރޯދައިގެ މަދަރުސާ އިން ލިބޭ އަނެއް މުހިންމު ފިލާވަޅަކީ އިޖުތިމާއީ ގުޅުންތައް އިސްލާހު ކުރުމެވެ. މުއުމިނުންގެ އުޚުއްވަތްތެރިކަން ވަރުގަދަވުމެވެ. މުސްލިމުންގެ ތެރޭގައި ދަތިހާލުގައި އުޅޭ މީހުންނަށް ކުރެވޭ އިހުސާސްތައް ތިމާއަށް ވެސް ކުރުމުގެ ފުރުސަތު ލިބުމުން އެހެން މީހުންގެ ހާލަތު އިހުސާސް ކުރެވޭނެ އެވެ. އަދި އީމާންތެރިކަން ވަރުގަދަ ނަމަ އެފަދަ މީހުންނަށް އެހީތެރިވުމުގެ ރޫހު އާލާވާނެ އެވެ. ނަތީޖާއަކީ އެކަކު އަނެކަކަށް އޮންނަ ގުޅުން ބަދހިވުމެވެ. މުޖުތަމައުގައި އެއްބައިވަންތަކަން ވަރުގަދަވުމެވެ.

މިހުރިހާ ގޮތްގޮތުން ބަލާއިރު އިންސާނާގެ ނަފުސާއި އޭނާގެ ދިރިއުޅުމާއި މުޅި މުޖުތަމައަށް އިސްލާހުތަކެއް ރޯދައިގެ ސަބަބުން އެބަ ލިބެއެވެ. އެކަމަކު މިއިސްލާހު ގެނެވޭނީ މިކަންކަން ގަބޫލު ކޮށްގެން ރޯދައިގެ މަދަރުސާއިން ނަފްސު އިސްލާހު ކުރަން މަސައްކަތް ކޮށްގެންނެވެ.

މަދަރުސާތަކަށް ދާ ހުރިހާ ކުދިންނަކީ ފާސްވާ ކުދިންނަށް ނުވާ ފަދައިން ރޯދައިގެ މަދަރުސާގައިވެސް ހަމައެކަނި އޭގެ މާއްދީ ބަޔަށް ސަމާލުކަން ދޭނަމަ މިއިޝާރާތް ކުރި އިސްލާހުތަކެއް ނުފެންނާނެ އެވެ. ވީމާ ރޯދައިގެ މާއްދީ ބަޔާ އެކު އޭގެ މައުނަވީ ބައިވެސް ފުރިހަމަ ކުރަން ހަމަ ކޮންމެ މުސްލިމަކުވެސް މަސައްކަތް ކުރަންވާނެ އެވެ. އޭރުން ރޯދައިގެ މަދަރުސާ އަކީ ހެޔޮ ބަދަލު ގެންނަ އިސްލާހީ މަދަރުސާއެއް ކަމުގައިވާނެ އެވެ.

1 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait