ދީން

އިލާހީ އަދަބުތަކުގެ މަތީގައި ރޯދަ ހިފުން

އިސްހާގް މުހައްމަދު
23 ޖުލައި 2012 13:03

އެއްވެސް ޝައްކެއް ނެތް ފަދައިން ﷲތަޢާލާ ރޯދަ ފަރުޟު ކުރައްވާފައިވަނީ އެ ރޯދަ ހިފުމުގައި ގެންގުޅެންޖެހޭ އަދަބުތަކަކާ އެކުގަ އެވެ. ރޯދައިގެ އަދަބުތަކަށް ތަބާވެ އެއާ މެދު އަދަބުވެރިވުމަކީ ކޮންމެ މުސްލިމަކުގެ ކިބައިން ވެސް ﷲތަޢާލާ އެދިވޮޑިގަންނަވާ ގޮތެވެ. މުސްލިމް މީހާގެ ރޯދަ އިން އެ މީހަކަށް ލިބޭނޭކަމަށް އެ ރޯދަ ފަރުޟުކުރެއްވި އިލާހު ޖާމިނުވެ ވޮޑިގެންނެވި ފުރިހަމަ ދަރުމަ އާއި ޘަވާބު ލިބޭނީ އޭރުންނެވެ. އަދަބުވެރިކަމާ އެކު ހިފާ ރޯދައަކީ އެންމެ ފުރިހަމަ އަށް އަދާކުރެވިފައިވާ އަޅުކަމެކެވެ. އެފަދަ ރޯދައަކީ އަޅުކަމުގައި ހުންނަންޖެހޭ ފުރިހަމަ ސިފަތައް އެކުލެވިފައިވާ ހެޔޮ ޢަމަލެކެވެ.

ރޯދަހިފުމުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް އިސްކަންދީ އެ ސުންނަތުގެ މަޤާމް މަތިވެރިކޮށް އިތުރު އެކަލޭގެފާނުންގެ ހިދާޔަތަށް ބޯލެނބުމަކީ މުއުމިނުންނަށް މުސްތަޙައްބު ވެގެންވާ ކަމެކެވެ. ޢާއްމުކޮށް ޙަޔާތުގެ ހުރިހާ ދާއިރާތަކެއްގައި ޚާއްޞަކޮށް ހުރިހައި އަޅުކަމެއްގައި ވެސް ކަން އޮތީ މި ފަދައިން ކަން އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.

އަލްއަޙްޒާބު ސޫރަތުގެ އެކާވީސް ވަނަ އާޔަތުގެ މާނާގައިވެ އެވެ. ހަމަކަށަވަރުން ﷲގެ ރަސޫލާގެ ކިބައިގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެ އެވެ. އެއީ ﷲގެ ދަރުމަ އާއި އާޚިރަތުގެ ޘަވާބަށް އެދޭ އަދި ގިނަގިނަ އިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ. އަޅުކަންތައް، އެކަންކުރާ އަހުލުވެރިންނަށް ނިދާ އިއްވަނީ ހަމައެކަނި އަޅުކަމަކަށް ފަހު އަޅުކަމެއް ނިންމާލުމަކަށް ނޫނެވެ. އަޅުކަންކުރުމުގައި އެތެރެ ފުށުންނާއި ބޭރު ފުށުން ޝަރީޢަތަށް ތަބާވުމަށެވެ.

ރޯދައިގެ އަދަބުތަކުގެ ތެރޭގައި އެ އަދަބަކާ މެދު ފަރުވާ ކުޑަކޮށް ދޫކޮށްލުމުން ފާފަވެރިވާ ވާޖިބު އަދަބު އަދި އަދަބުވެރިވުން މުސްތަޙައްބުވާ އެކަމަށް ބާރުއަޅާ ގޮވާލެވިފައިވާ އަދަބު ހިމެނެ އެވެ. އޭގެ ތެރެއިން އިޚްލާސްތެރިކަން އެއީ ރޯދަވެރިޔާ ފަރުވާތެރިވުމަށް ކަނޑައަޅުއްވާފައިވާ ވާޖިބު އަދަބެކެވެ. އިޚްލާޞްތެރިކަމަކީ ރޯދަވެރިޔާގެ ރޯދަ އިން ހެޔޮ ދަރުމައާ ޘަވާބު އަދިﷲގެ ރުއްސެވުމާއި އާޚިރަތް އެދޭ ޙާލު އެއަޅުކަން އަދާކުރުމެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނާގައިވެ އެވެ. އީމާންތެރިކަމާ އެކު ﷲގެ ޙަޟްރަތުން ދަރުމަ އާއި ޘަވާބު އެދިގެން ރޯދަ ހިފި މީހެއްގެ އިސްވެ ދިޔަ ފާފަތައް ފޮހެވިދެ އެވެ.

ރޯދަ އަށް ހުރެ ﷲ އަށް ކުއްތަންވުމުގެ ނިޔަތް ހާޟިރުކުރުންވަނީ އިޚްލާޞްތެރި ކަމުގެ ތެރެއިންނެވެ. އަދި ރޯދަ އަށް ފަށާ ވަގުތު ބަޔާންވެދިޔަ މާނަތައް ހިތަށް ޙާޟިރުނުކުރެވި ޣާފިލުވެއްޖެ ނަމަ އެ މީހަކު އެވަނީ ރޯދައިގެ މުހިންމު އަދަބުން އެއްކިބާވެފަ އެވެ. އެ ފަދަ މީހެއްގެ ޙިއްޞުތަކުން ރޯދަޔާ މެދު ކުރެވޭ އިޙްސާސްތަކަކީ ބޭރު ފުށުން ހަމައެކަނި މުޖުތަމައާ އެއްގޮތްވުން ކަމުގައިވެސް ވެދާނެ އެވެ.

ރޯދަވެރިޔާގެ ރޯދަ އަށް ފެއްޓުމުގެ ކުރިން ކެއުން މުސްތަޙައްބުވާ ބަރަކާތްތެރި ކެއުމެއްވެ އެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅުގެ މާނާގައިވެ އެވެ. ތިޔަބައިމީހުން ހާރު ކާށެވެ. ހަމަކަށަވަރުން ހާރު ކެއުން އެއީ ބަރަކާތްތެރި ކަމެކެވެ. ހާރުކާ މީހާ އަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ތަބާވުމުގެ ބަރަކާތް ލިބެ އެވެ. އެއީ މި އުންމަތަށް ޚާއްޞަކުރެވިގެންވާ ކަންކަމުގެ ތެރެއިންވާ ކަމެކެވެ. އެއީ ރޯދަވެރިޔާ އެ ދުވަހުގެ ރޯދަ އަށް ހުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ކަރު ހިއްކުން ކުޑަކުރުވަ އެވެ. އަދި ރޯދަ އަށް ހުންނަ މީހަކު ހާރުދަމުގެ ވަގުތުގައި އެއްޗެއް ކައިލުމަކީ އުފާވެރިކަމާ ހިތްހަމަޖެހުން ލިބޭނެ ކަމެކެވެ.

ހާރުކެއުން ފެން ކޯވަރެއްގެ މިންވަރުން ވެސް ޙާޞިލްވާނެ އެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނާގައިވެ އެވެ. ފެން ކޯވަރެއްގެ މިންވަރަކުން ކަމުގައިވިއަސް ހާރުކާށެވެ. ހާރުކާ އެއްޗަކީ ކަދުރުކަމުގައި ހެދުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބާރުއަޅުއްވާފައިވެ އެވެ. ކަދުރަކީ އިތުރު އެ ކަލޭގެފާނުންގެ އަސާސީ ކާނާގެ ތެރެއިންވާ އެއްޗެކެވެ.

ހާރުކެއުމުގެ ވަގުތަކީ ފަތިސް ނަމާދުގެ ކުރީގެ ވަގުތެވެ. އެއީ ހާރުގެ ވަގުތު ފެށޭ ގަޑި އެވެ. އެވަގުތު ނިމެނީ ފަޖުރުގެ ސަބަބުން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ފަތިހުގެ އަލިކަން ފާޅުވެ އެނގުމުންނެވެ. ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވެ އެވެ. އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ. ފަޖުރުގެ ސަބަބުން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ފަތިހުގެ އަލިކަން ފާޅުވެ އެނގިއްޖައުމަށް ދާންދެންނެވެ.

ހާރުގެ ވަގުތު ވީހާ ވެސް ފަސްކުރުން މުސްތަޙައްބު ވެގެންވެ އެވެ. ﷲ ރުއްސުންލެއްވި އަނަސްގެފާނާއި ޒައިދު ބިން ޘާބިތުގެފާނުގެ އަރިއަހުން ރިވާވެގެންވާ ޙަދީޘެއްގެ މާނާގައިވެ އެވެ. އަހަރެމެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ އެކު ހާރު ކެއީމެވެ. އެއަށް ފަހު އިތުރު އެކަލޭގެފާނު ނަމާދަށް ތެދުވެވަޑައިގަތެވެ. އަނަސްގެފާނު ވިދާޅުވި އެވެ. ތިމަން ކަލޭގެފާނު ދެންނެވީމެވެ. ހާރުކެއުމާ ޤަމަތާ ދެމެދުވީ ކިހައި ވަގުތެއް ހެއްޔެވެ؟ ޒައިދު ބިން ޘާބިތު ވިދާޅުވި އެވެ. ފަންސާސް އާޔަތް ކިޔަވާނެ މިންވަރެވެ.

ރޯދަ ވީއްލުން އަވަސްކުރުންވަނީ ރޯދައިގެ އަދަބުގެ ތެރެއިންނެވެ. އިރު އޮއްސިއްޖެކަން ޔަޤީންވުމުން ރޯދަ ވީއްލުން އަވަސްކުރަންވާނެ އެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ މި އުއްމަތުގެ މީސްތަކުންގެ ކިބާގައި އަވަހަށް ރޯދަ ވީއްލުން އަށަގެންފައިވާ ހިނދަކު އުއްމަތުން ހެޔޮކަން ފިލައިގެން ނުދާނޭކަމަށް ހެކިވެ ވަޑައިގެންފަ އެވެ. ރޯދަ ވީއްލުން އަވަސްކުރުމަށް ވަގުތު ރަނގަޅަށް ދެނެގަތުމުގައި ސަމާލުވުމަކީ ކޮންމެހެން ލާޒިމު ކަމެކެވެ. އިރު އެއްކޮށް އޮއްސިއްޖެ ކަމުގައިވަނީ އިރުމަތީ ފަރާތުން އަނދިރިކަން ފާޅުވާން ފަށަ އެވެ.

އިރު އޮއްސުމުން ކަދުރުން ރޯދަ ވީއްލުންވަނީ ނަބިއްޔާގެ ސުންނަތުގެ ތެރެއިންނެވެ. އަދި ކަދުރުކޮޅެއްގެ މިންވަރު ނުލިބިއްޖެ ނަމަ ފެން ފޮދަކުންނެވެ. ރޯދަ ވީއްލުމަށް ފަހު ނަބިއްޔާ ދުޢާކުރައްވަ އެވެ. އެ ދުޢާގެ މާނާގައިވެ އެވެ. ﷲގެ ވާގިފުޅާއެކު ކަރު ހިއްކުން ފިލައި ގޮސް ނާރުތަކަށް ތެތްކަން ލިބި ދަރުމަ ކަށަވަރުވެއްޖެ އެވެ. މި ދުޢާގައި ނަބިއްޔާ މިވަނީ އަޅުކަންކުރުމަށް ބާރުއަޅުއްވާފަ އެވެ. އެހެނީ ވަރުބަލިކަން ފިލުމަކީ ހިތްހަމަޖެހުން ލިބޭ ކަމެކެވެ. ވަރުބަލިކަން ފިލައި ދަރުމަ ކަށަވަރުވުމުން އެކަމަކީ ހިތަށް އުފާވެރިކަން ލިބޭ ކަމެކެވެ.

މި މާތް މައްސަރުގައި ދީލަތިވުމަކީ ނަބިއްޔާގެ ހަދްޔުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. މިގޮތުން ހެޔޮ ކަންކަމުގައި ކުރިއަރާ ދިއުމަށް އެކަކު އަނެކަކާ ވާދަޖެހުމުގެ ރޫޙު އަހަރެމެންގެ މެދުގައި އާލާކުރުމަށް ނަމޫނާ ލިބިގަންނަންވާނީ މާތް ނަބިއްޔާގެ ކިބައިންނެވެ. އިތުރު އެކަލޭގެފާނު ވެވަޑައިގެންނެވީ އާދަމުގެ ދަރިންކުރެ އެންމެ ދީލަތި ޘާހިބާ ކަމުގަ އެވެ.

އިތުރު އެކަލޭގެފާނަކީ ހުރިހައި ވަގުތެއްގައި ވެސް ދީލަތި ބޭފުޅެކެވެ. އެކަލޭގެފާނު އެންމެ ދީލަތިވެ ވަޑައިގަންނަވަނީ ރަމަޟާން މަހުގައި ޖިބްރީލް ޢަލައިހިއްސަލާމާ ބައްދަލުވެ ވަޑައިގަންނަވާ ހިނދު އެވެ. ޖިބްރީލްގެފާނު އެކަލޭގެފާނާ ރަމަޟާން މަހުގެ ކޮންމެ ރެއެއްގައި ބައްދަލުވެ ވަޑައިގަންނަވަ އެވެ. އެހިނދު އެކަލޭގެފާނުންގެ ފަރުވާތެރިކަމާ ހެޔޮކަމުގައި އަވަސްވެ ދީލަތިވެ ވަޑައިގެންނެވުން އެންމެންގެ މައްޗަށް ޖެހެމުންދާ ރީތި ނަލަ ވައިރޯޅިއަކަށްވުރެ ވެސް ފުރިހަމަ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި