ރޯދަމަސް

ރޯދަޔާ އެއްފަދަ އެއްވެސް އަޅުކަމެއް ނުވޭ

ނައިފަރުން މުހައްމަދު މޫސާ
24 ޖުލައި 2012 12:26
  • ރޯދަ މަހު އިސްލާމީ މަރުކަޒުގައި ނަމާދުކުރަނީ؛ އިސްލާމް ދީނުގައިވާ ކޮންމެ އަޅުކަމެއްގެ ތެރެއިން ވެސް ދުނިޔަވީ އެތައް ފައިދާތަކެއް ލިބިދޭ. --ހަވީރު ފައިލް ފޮޓޯ

އެހެނިހެން އަޅުކަންތަކާ އަޅާބަލާއިރު ރޯދައަކީ ވަރަށް ތަފާތު އަޅުކަމެކެވެ. ރޯދަފިޔަވައި އެހެން ހުރިހާ އަޅުކަމެއް ވެސް އަދާކުރެވެނީ ޢަމަލަކުންނެވެ. ނަމަވެސް ރޯދަ އަށް ހުރުމަކީ ވަކި ކަންތައްތަކެއް ނުކޮށް ދޫކޮށްލައިގެން ހުންނަ ހުރުމެވެ. ފަޖުރުގެ އަލިކަން ފައުޅުވީއްސުރެ ނުކައިނުބޮއި ރޯދަ ގެއްލޭ އެންމެހައި ކަންތައްތަކުން މަނާވެގެން ހުންނަ ހުރުމަކީ މާތްﷲއާ އަޅާއާ ދެމެދުގައި އޮންނަ ވަރަށް ބޮޑު ސިއްރެކެވެ.

އިރު އޮއްސުމާ ހަމަ އަށް ތިމާ ހުރީ ރޯދައަށޭ ބުނެ ސިއްރުން ކައިބޮއި ހެދިކަމުގައި ވިޔަސް ދެން ތިބޭ މީހުންނަށް އެކަން އޮންނާނީ ވަންހަނާވެފަ އެވެ. އެހެންވެ ރޯދައިގެ އަޅުކަން ވެފައިވަނީ އީމާންތެރިކަމާއި އިޚުލާޞްތެރިކަމާއި ކެތްތެރިކަމާއި އަޅުވެރިކަމާ މި ހުރިހާ ކަމެއް ތަމްސީލްވެގެންދާ އަޅުކަމަކަށެވެ.

ކަމަކުން މީހަކު މަނާކުރެވިއްޖެ ނަމަ ވަރަށް ބޮޑަށް އެކަމަކާ އޭނާ ވިސްނަން ފަށަ އެވެ. މިސާލަކަށް ކުށްކުރަމުންދާ އިރު ތިމާ އަށް މި ކުރެވެނީ ކިހާ ވަރެއްގެ ކަމެއްކަމާ މެދު މީހަކު މާ ބޮޑަށް ނުވިސްނައިފާނެ އެވެ. އެކަމަކު ކުށެއް ކޮށްގެން ތަނެއްގައި ހައްޔަރުކޮށް އަދަބެއް ދީ ހެދީމާ ނުވަތަ ވަކި މުއްދަތަކަށް ތަނަކަށް ފޮނުވާލައިފާ ބެހެއްޓީމާ ދެން ވަރަށް ބޮޑަށް ވިސްނަން ފަށާނެ އެވެ.

ހަމަ އެ ގޮތަށް އަހަރުގެ 11 މަސްދުވަހު ދުވާލުގެ ވަގުތުތަކުގައި ކައިބޮއި، ބޭނުންވެއްޖެ ހިނދެއްގައި ދުވާލުގެ ވަގުތުތަކުގައި ވެސް އަނބިފިރިކަމުގެ ގުޅުން ހިންގާ އުޅެމުން އައިސް އައިސް ހުއްޓާ އެއް މަސް ދުވަހަށް އެކަންކަމުން ދުވާލު މަނާވެގެން ހުންނަން ޖެހުނީމާ އެ ހިސާބުން ވަރަށް ބޮޑަށް ވިސްނަން ފަށާނެ އެވެ. ޚާއްޞަކޮށް އެ ކަންކަމުގައި ފޮރުވިފައި ހުރި ސިއްރުތަކާއި ޙަޤީޤަތްތަކުގެ މައްޗަށް ވިސްނަން ފަށާނެ އެވެ.

ވަކިން ޚާއްޞަކޮށް ތަނަވަސްކަމުގެ އަހުލުވެރިން ބަނޑުހައި ހޫނުކަން އިޙުސާސްވަމުން ދާއިރު ފަގީރުންގެ ޙާލާމެދު ވިސްނާނެ އެވެ. ކަންކަމަށް ހިތްވަރު ނުހުންނަ މީހުން ރޯދަ އަށް ތިބެ މުސްލިމުން ކޮށްފައިވާ ހަނގުރާމަތަކާ މެދު ވިސްނާނެ އެވެ.

ޢާއްމުކޮށް ރޭއަޅުކަން ކޮށްނޫޅޭ މީހަކު އެންމެ ރެއަކު ވިއްސަކަށް ރަކުޢަތް ކޮށްލަން އިމާމެއްގެ ފަހަތުގައި ގަޑިއެއްގެ އިރު ހުރެލަންޖެހުނީމާ ސުވަރުގެ ހޯއްދެވުމަށްޓަކާ އަޅުކަމުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެކަލޭގެފާނުގެ މާތް ޞަޙާބީން އުފުއްލެވި ބުރަ ތަޞައްވަރުކުރެވޭނެ އެވެ.

މުޅި އަހަރު އެއްކޮށް ޣާފިލުކަމެއްގެ ތެރޭގައި އަޅުތަކުން ބޭތިއްބެވުމަކަށް މާތްﷲ އެދިވޮޑިނުގަންނަވަ އެވެ. ކޮންމެ އަހަރަކު ރަމްޟާން މަހު ތަކުރާރުވަމުންދާ އަޅުކަމެއްގެ ގޮތުގައި ރޯދަ ހިފުން ފަރުޟުކުރެއްވީ ކިޔަމަންތެރި ތަޤުވާވެރި މުސްލިމަކަށްވުމުގެ ފުރުޞަތު އިންސާނާ އަށް ފަހިކޮށްދެއްވުމަށެވެ.

އާނއެކެވެ. ރޯދަ ފަރުޟުކުރެވުނީ ތަޤުވާވެރި ވުމަށެވެ. ތަޤުވާވެރިކަމަކީ ތިމާހުރި ކޮންމެ ތަނެއްގައި މާތްﷲ އަށް ބިރުވެތިވުމެވެ. މީހަކަށް ނުފެންނަ ގޮތަށް މާތްﷲ ޙަރާމްކުރެއްވި ކަމަކަށް އަރައިގަތުމުގެ ބަދަލުގައި ތިމާ ހުރި ކޮންމެ ތަނެއްގައި ތިމާއާ އެކު މާތްﷲ ވޮޑިގެންވާކަމާ އެކަލާނގެ ހަޟުރަތަށް އެއްވެސް ކަމެއް ވަންހަނާ ނުކުރެވޭނެކަމާއި ސިއްރު ނުކުރެވޭނެކަން ތެދުކޮށް ޤަބޫލްކުރުމެވެ.

ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ ހަދީޘްފުޅެއްގައި އައިސްފައިވެ އެވެ. "ރޯދައަކީ ރައްކާތެރިކަމެކެވެ." ޝައްކެއް ނެތް ގޮތެއްގައި މިއީ ވަރަށް ޙިކުމަތްތެރި ބަސްފުޅެކެވެ. ރޯދައަކީ ހުރިހާ މާނައެއްގައި ވެސް ރައްކާތެރިކަމެކެވެ. ޒުވާނުންގެ ތެރެއިން ކާވެނިކުރުމުގެ ކުޅަދާނަކަން ލިބިގެން ނުވާ މީހުން ރޯދަ ހިފުމަށް އިސްލާމް ދީނުގައި އިރުޝާދު ދެއްވާފައިވެ އެވެ.

އެއީ ރޯދަހިފުމުން ޝަހުވާނީ އެދުންތައް މައިތިރިކުރުވާ ކަމަށްޓަކަ އެވެ. އެއީ ޒުވާނަކަށް ލިބޭނެ ކިހާ ބޮޑު ރައްކާތެރިކަމެއްތޯ އެވެ؟ ހަމަ އެހެންމެ ތިމާ ރޯދަ އަށް ހުއްޓާ މީހަކު އައިސް ތިމާއާ ދިމާލަށް ހަޑިހުތުރު ބަސްތައް ބުނެ އެއްޗިހި ކިޔާ ޒުވާބުކުރަން އުޅެފިނަމަ ތިމަންނަ މިހިރީ ރޯދައަށޭ ބުނެ އެކަމުން ދުރުހެލިވުމަށް ވެސް އިރުޝާދު ދެއްވާފައިވެ އެވެ.

މިއީ ވެސް މުސްލިމަކަށް ލިބޭނެ ކިހާ ބޮޑު ރައްކާތެރިކަމެއްތޯ އެވެ؟ އެހެނީ ދޮގުހެދުމާއި ދޮގުހެކި ދިނުމާއި ކެހިވެރި ކަމުގެ ޢަމަލްތައް ދޫކޮށް ނުލައިހާ ހިނދަކު ހަމައެކަނި ކެއިންބުއިމުންނާއި ތަލި ހިތްކުމުން މަނާވެގެން ހުރުމުން މާތްﷲގެ ޙަޟުރަތުގައި އެ މީހަކަށް ލިބޭނޭ އެއްވެސް ފައިދާއެއް ނޯންނާނެ އެވެ.

ރޯދައިގެ މަޤުޞަދަކީ ދުނިޔަވީ އެންމެހައި އެދުންތަކުން ނަފްސު ރައްކާތެރިކުރުވައި ދުރުހެލި ކުރުމެވެ. އަބަދު ކުރުމަށް އާދަވެފައިވާ ކަންތައްތަކުން ދުވަސްކޮޅަކަށް ނަމަވެސް އެއްކިބާވެ ހުރުމީ ދުނިޔޭގެ އެދުންތަކުން ނަފްސު ސަލާމަތްކުރުމަށް އެޅޭ ތަރުބަވީ ފިލާވަޅެކެވެ.

މުޅި ދުވާލުގެ ވަގުތުތަކުގައި ކެއިން ބުއިމުން އެއްކިބާވެ ހުރުމުގެ ސަބަބުން ޝަހުވަތްތެރިކަން ކުޑަވެ ދުނިޔޭގެ ދަހިވެތިކަން ތިމާގެ ހިތުގެތެރެއިން ކޮންމެވެސް ވަރަކަށް ފިލައިގޮސް ރޫޙާނީ ބައި އިތުރުވާގޮތް މެދުވެރިވެ އެވެ. އެހެންކަމުން ތިމާގެ ގުނަވަންތައް ނުބައި ކަންތަކަށް އަރައިގަތުމުން ދުރުހެލިކުރުވަ އެވެ. އެންމެހާ ނުބައި އަޚުލާޤުން ދުރުކުރުވަ އެވެ. ދުލުން ނުބައި އެއްޗިހި ކިޔުން ހުއްޓުވަ އެވެ. މީހުންނާ ޒުވާބު ކުރުން ހުއްޓުވަ އެވެ. ދީލަތިވާން ދަސްކޮށްދެ އެވެ.

ރޯދަހިފުމުން ލިބޭ ރޫޙާނީ ފައިދާތަކުގެ އިތުރަށް ރޯދަ ހިފުމަކީ ޞިއްހަތަށް ވެސް ބޮޑެތި ފައިދާކުރާ ކަމެކެވެ. މައިދާގެ ބަލިތަކާއި ހިތުގެ ބަލިތައްެޖެހުމުން ދުރުކުރުވާ ކަމެކެވެ. އެހެނީ މައިދާ އަކީ ވަރަށް ގިނަ ބަލިތަކުގެ މަރުކަޒެކެވެ. މައިދާގެ މަސައްކަތް މެދުކެނޑުމެއް ނެތި އަބަދު ހިނގަމުން ދިޔުމުގެ ސަބަބުން މައިދާގެ ބަލިތައް ޖެހުން އަވަސްވެ އެވެ.

ރޯދަމަހަކީ ކީރިތި ޤުރުއާނުގެ މައްސަރެވެ. ކިޔެވޭ އެންމެ އަކުރަކަށް 10 ޘަވާބު ލިބިގެންދާ އިރު ރަމަޟާން މަހުގައި ޤުރުއާން ކިޔެވީމާ ލިބޭ ޘަވާބު އެތައް ގުނައަކަށް އިތުރުވެގެންދާނެ އެވެ. ޤުރުއާން ބާވައިލެއްވުނީ ލައިލަތުލް ޤަދުރި ވިލޭރޭގަ އެވެ. އެރޭގެ އަޅުކަން އެއްހާސް މައްސަރުގެ އަޅުކަމަށް ވުރެ ހެޔޮވެގެންވެ އެވެ. އެރޭގެ ޘާވާބާއި ޢަލާމާތްތައް އެރޭ ހޯދަން އެދޭ މީހާގެ ޢަލާމާތްތައް ބަހައްޓަންވީ ގޮތް ކުރިޔަށް ހުރި ލިޔުންތަކުން ފޯރުކޮށްދެވޭނެ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި