އިސްލާމް

މީހުންގެ އަބުރަށް އަރައިނުގަތުމާއި އައިބުތައް ވަންހަނާކުރުން

ސައުދުއްﷲ އަލީ
07 އޯގަސްޓް 2012 12:50

އިންސާނާގެ ކަރާމާތާއި އޭނާގެ އަބުރު ރައްކާތެރިކޮށް ހިފެހެއްޓުމަށް އިސްލާމް ދީނުގައި ވަރަށް ބޮޑު އަހަންމިއްޔަތެއް ދީފައިވެ އެވެ. ހަމައެފަދައިން ފާޙިޝް ކަންކަން އާންމުވިޔަ ނުދިނުމަށްޓަކައި މީހުންގެ އައިބުތައް ވީވަރަކުން ވަންހަނާކުރުމަށް ވެސް އިސްލާމް ދީން ބާރު އަޅަ އެވެ. އަބުރު ރައްކާތެރިކުރުމަކީ ދީނުގެ މައިގަނޑު ފަސް މަގުސަދުގެ ތެރެއިން އެއް ކަމެވެ. އެހެންވެ އަބުރު ރައްކާތެރިކުރުމާއި އައިބުތައް ވަންހަނާކުރުމާ ގުޅޭ ވަރަށް ގިނަ ހުކުމްތަކެއް އިސްލާމް ދީނުގައި އައިސްފައިވެ އެވެ.

މި ގޮތުން އެންމެ ފުރަތަމަ އިންސާނާގެ އަބުރުގެ ހުރުމަތްތެރިކަން އެއީ މުގައްދަސް ހުރުމަތްތެރިކަމެއް ކަމުގައި އިސްލާމް ދީން ބަލަ އެވެ. ޢަބްދުﷲ ބުނު ޢުމަރު އެއް ދުވަހަކު ކަޢުބަތުﷲ ގެފުޅާ ކުރިމަތިލައްވައިގެންހުރެ ގެފުޅަށް މުހާތަބުކޮށް ވިދާޅުވި އެވެ. "ތިބާގެ މަތިވެރިކަމާއި ތިބާގެ ހުރުމަތްތެރިކަމުގެ ބޮޑުކަމާ އެވެ! ނަމަވެސް ތިބާ އަށް ވުރެ މުއުމިނުންގެ ހުރުމަތްތެރިކަން މާ ބޮޑެވެ!"

މިކަން މާތްވެގެންވާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި އެކަލޭގެފާނު ވިދާޅުވެފައިވަނީ "ހަމަކަށަވަރުން ތިޔަބައިމީހުންގެ މުދަލާއި، ތިޔަބައިމީހުންގެ އަބުރާއި، ތިޔަބައިމީހުންގެ ލެޔަކީ ތިޔަބައިމީހުންގެ މައްޗަށް ޙުރުމަތްތެރިވެގެންވާ އެއްޗެއްސެވެ. އެއީ ތިޔަބައިމީހުންގެ މި ދުވަހާއި މި މަހާއި މި ރަށުގެ ޙުރުމަތްތެރިކަން ފަދައިންނެވެ." އާދެ، ޙައްޖު ދުވަހަކީ މާތް ދުވަހެކެވެ. ޙައްޖު މަހަކީ މާތް މައްސަރެކެވެ. މައްކާއަކީ މާތް ތަނެކެވެ. ނަމަވެސް އިންސާނެއްގެ މާތްކަން އެއަށްވުރެ މާ ބޮޑެވެ. މާތްﷲ އަންގަވަނީ އެކަލާނގެ އާދަމުގެ ދަރިން މާތްކުރެއްވި ކަމުގަ އެވެ.

އިންސާނަކާ ބެހޭ ގޮތުން (ހަގީގަތެއް ކަމުގައިވިއަސް) އެކަމެއް ފާޅުކުރުމަށް އޭނާ ހިތް ނޭދޭ ކަންކަން އެހެން މީހުންގެ ތެރޭ ހާމަކުރުން އިސްލާމް ދީން ވަނީ މަނާ ކުރައްވާފަ އެވެ. ވަކިން ޚާއްޞަކޮށް އޭނާ ނެތް ތަންތަނުގަ އެވެ. ޙުޖުރާތު ސޫރަތުގެ 12 ވަނަ އާޔަތުގައި މާތްﷲ އަންގަވަނީ ތިޔަބައިމީހުން އެއް ބަޔަކު އަނެއް ބަޔަކަށް ޣީބަ ނުބުނާށޭ އެވެ. އަދި އެކަން ސިފަކުރައްވާފައިވަނީ އެ މީހެއްގެ އަޚާގެ މުޅަމަސްގަނޑު ކެއުން ފަދައިންނެވެ.

އިންސާނާގެ މަހަކީ ފިތުރަތު ސަލާމަތުން ހުންނަ މީހުން ކައި އުޅޭ މަހެއް ނޫނެވެ. އެއަށް ނަފްރަތުކުރެވޭ އެއްޗެކެވެ. ވީއިރު އެ މަސް މުޅަވެފައި ހުއްޓައި ކާން ރުހެވޭނީ ކޮން ފަދައަކުން ހެއްޔެވެ؟ އަދި އެ މުޅަމަހަކީ ތިމާގެ އަޚާގެ މުޅަމަސް ކަމަށް ވެއްޖެނަމަ އެކަމުން ދުރުހެލިވާން ބޭނުންވާނެ މިންވަރާ މެދު ވިސްނާލާށެވެ!

މި ދެންނެވީ އިންސާނެއްެގެ ކިބައިގައި ހުންނަ، އޭނާ ނުރުހޭ އައިބު ސިފައެއްެގެ ވާހަކަ އޭނާ ނެތް ތަނެއްގައި ދެއްކުމާ މެދު އިސްލާމް ދީން ދެކޭ ގޮތެވެ. ވީއިރު އެއްެވެސް އަސްލެއް ނެތް ދޮގު ވާހަކަ އެ ގޮތަށް ދައްކައި މީހެއްެގެ އަބުރު ގެއްލުވާލުމަކީ ކޮން ފަދަ ކަމަކަށް ވާނެތޯ އެވެ؟

ކީރިތި ރަސޫލާ ހަދީސްކުރައްވާފައިވެ އެވެ. "މީހަކަށް އައިބު ކިޔުމަށްޓަކައި އޭނާގެ ކިބައިގައި ނެތް ކަމެއްގެ ވާހަކަ ދައްކައިފި މީހާ އޭނާ އެ ބުނި އެއްޗެއް އެގޮތަށް ވެއްޖައުމަށް ދާންދެން، މާތްﷲ އޭނާ ނަރަކައިގައި ބަންދުކުރައްވާނެ އެވެ." (އައްޠަބަރާނީ) މީގެ މާނައަކީ މިފަދަ ވާހަކަދައްކާ މީހާއަކަށް ސަލާމަތެއް ނެތެވެ.

ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވާ ހަދީސެއްގައިވެ އެވެ. "މާތްﷲ ގެ ޙަޟްރަތުގައި ރިބާކަން އެންމެ ގަދަވެގެންވާ ރިބާއަކީ މުސްލިމެއްގެ އަބުރުގެ ޙުރުމަތްތެރިކަން ކަނޑާލުމެވެ." އެއަށްފަހު އަޙްޒާބު ސޫރަތުގެ 58 ވަނަ އާޔަތް ވިދާޅުވިއެވެ. އެއާޔަތުގެ މާނައިގައި ވަނީ "އެބައިމީހުން ހޯދައިގަތް ކުށެއް ނެތި، މުއުމިނު ފިރިހެނުންނާއި މުއުމިނު އަންހެނުންނަށް އުނދަގޫކުރާ މީހުން، ފަހެ އެބައިމީހުން ބޮޑުވެގެންވާ ބުހުތާން ދޮގަކާއި ބަޔާންވެގެންވާ ފާފައެއް ލިބިގެންފިކަން ކަށަވަރެވެ."

އިންސާނާގެ އަބުރު ގެއްލުވާލުމުގެ ގޮތުން ކުރެވޭ ކަންތަކުގެ ތެރެއިން އެންމެ ވަރުގަދަ ކަމެއް ކަމުގައި ވަނީ ޤަޛްފު ކުރުމެވެ. ޢިއްފަތްތެރި މުއުމިނު އަންހެނުންގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވާ ބަޔަކަށް ދުނިޔެ އާއި އާޚިރަތުގައި ލަޢުނަތް ލެއްވިގެންވެ އެވެ. އަދި ގަދަފަދަވެގެންވާ އަޒާބު އެބައިމީހުންނަށް ހުއްޓެވެ. އެއީ އެ ދުވަހަކުން އެމީހުން ކުޅަ ކަންތަކަށް އެމީހުންގެ ދޫތަކާއި އަތްތަކާއި ފައިތައް ހެކިދޭ ދުވަހުއެވެ.

އަދި ނޫރު ސޫރަތުގެ 4 ވަނަ އާޔަތުގައި، ޤަޛުފުކުރާ މީހުންނަށް ހުރި ޢުޤޫބާތް ބަޔާންކުރައްވާފައިވެ އެވެ. އެ ގޮތުން 80 އެތިފަހަރުން ހައްދު ޖެހުމާއި ދުވަހަކު ވެސް އެމީހުންގެ ހެކިބަސް ގަބޫލުނުކުރުން ހިމެނެ އެވެ.

ޤަޛްފުކުރުން ނޫނަސް އެހެން ނުބައި ފާޙިޝް ޢަމަލުތަކުގެ ވާހަކަ ވިއަސް އާންމުކޮށް ދައްކާ ހެދުމަކީ މުޖުތަމަޢު ފަސާދަވާނެ ކަމެކެވެ. އެހެންވެ، އީމާންވީ މީހުންގެ މެދުގައި ފާޙިޝް ޢަމަލުތައް ފަތުރަން ލޯބިކުރާ މީހުންނަށް ދުނިޔެ އާއި އާޚިރަތުގައި ވޭންދެނިވި އަޒާބު ހުރިކަން އައްނޫރު ސޫރަތުގެ 19 ވަނަ އާޔަތުގައި މާތްﷲ ވަނީ ބަޔާންކުރައްވާފަ އެވެ.

މި ކަމަކީ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. މިހެން މިކަން އޮތް ނަމަ ދެން އުފެދޭ ސުވާލަކީ މިގޮތަށް ސިއްރުކޮށްގެން މުޖުތަމައުން ކުށް ކުރުން ހުއްޓުވާނީ ކިހިނަކުން ހެއްޔެވެ؟ ޖަވާބަކީ ސިއްރު ކޮށްގެންވެސް އެކަން ކުރެވޭނެ އެވެ. ވަކިން ޚާއްޞަކޮށް އާދަވެގެން ކުށްނުކުރާ މީހުންގެ ކިބައިންނެވެ. ސަބަބަކީ މިފަދަ މީހުންނަށް ކުށެއް ފާފައެއްކުރެވޭނީ ހަވާނަފްސަށް ލެނބިލެވިގެން ނުވަތަ ޝައިތާނާގެ ވަސްވާހަށް ތަބާވެވިގެން މަދު ފަހަރަކު އެވެ. އަދި އެކަމާ މިމީހުން ދެރަވެ ހިތާމަވެސް ކުރާނެ އެވެ.

މިފަދަ މީހުންނަކީ ނަފްސުއްލައްވާމާ (އަމިއްލަ ނަފްސު ކުށްވެރިކުރާ ނަފްސު) ގެ ދަރަޖައިގެ މީހުންނެވެ. އެހެންކަމުން މިފަދަ މީހުންގެ ވާހަކަ ސިއްރުކުރުމާއެކު ސީދާ އެމީހުންނާ ބައްދަލުކޮށްގެން އެކަން އިސްލާހުކޮށް ތައުބާވުމަށް އެދުމުން އިރާދަކުރެއްވިއްޔާ އިސްލާހުވާނެ އެވެ.

އެކަމަކު މީގެ ބަދަލުގައި މިފަދަ މީހުން ފަޟީހަތްކޮށްފި ނަމަ އެއީ އެއްކޮޅުން ބަލާއިރު މި މީހުންނަށް ދުނިޔެމަތީގައި ލިބޭ ހުތުރު ނަމާ ހެދި ދިރިއުޅުން ބަރުބާދު ވެދާނެ ކަމެކެވެ. އަނެއްކޮޅުން ބަލާއިރު އެއީ ފާހިޝް އަމަލުތައް އާންމުކޮށް މުޖުތަމައު ފަސާދަވެގެންދާނެ ކަމެކެވެ. މި ސަބަބުތަކަށްޓަކައި މާތްﷲ އަންގަވަނީ ނުބައި ކަންތަކުގެ ވާހަކަދައްކައި ފާޅުކޮށް އުޅުމަކީ އެކަލާނގެ ރުހިވޮޑިގެންނުވާ ކަމެއް ކަމުގަ އެވެ.

އެހެން ނަމަވެސް އަނިޔާއެއް ލިބިއްޖެ މީހާ އެ އަނިޔާގެ ވާހަކައިން ޝަކުވާ ކުރަންވީ ފަރާތްފަރާތުގައި (ހަމައެކަނި އެ ފަރާތްފަރާތުގައި) ޝަކުވާކޮށް އުޅުމަކީ އެންމެ ރަނގަޅު ކަމެކެވެ.

މިއާ ޚިލާފަށް މީހުންނަށް އަނިޔާވެރިވެ އާދަވެގެން ކުށްކުރާ މީހުންނަކީ ނަފްސުލް އައްމާރަތި ބިއްސޫއި (ނުބައި ކަންކަމަށް އަމުރުކުރާ ނަފްސު)ގެ ދަރަޖައިގެ މީހުންނެވެ. މިފަދަ މީހުން އިސްލާހުކުރުމަށްޓަކައި އަދި އެހެން މީހުންގެ ހައްގުތައް އަތުލުމަށްޓަކައި ކުރަންޖެހޭ ބައެއް ކަންކަމުގެ ސަބަބުން ފަޟީޙަތްވުމަކީ ވެދާނެ ކަމެކެވެ. ނަމަވެސް މިހެން މިވަނީ ކުށްވެރިޔާގެ ސަބަބުންނެވެ. މިފަދަ މީހުންގައި އަލުން ރައްކާކުރާނެ އަބުރެއް ނުވަތަ ފޮރުވާނެ އައިބެއް ނެތަތީ އެވެ.

ވީމާ މިފަދަ ހާލަތްތައް ފިޔަވައި އެހެން ހާލަތްތަކުގައި މުސްލިމުންނަށް ކުރެވޭ ކުށްތައް ފޮރުވައި މުސްލިމުންގެ އަބުރު ރައްކާތެރިކުރުމަށް ހަމަ ކޮންމެ މުސްލިމަކު ވެސް މަސައްކަތްކުރަން ޖެހޭނެ އެވެ. ކީރިތި ރަސޫލާ ހަދީސްކުރައްވަނީ ދުނިޔެމަތީގައި މުސްލިމެއްގެ އުނިކަން ފޮރުވައިދީފި މީހަކަށް، މާތްﷲ ޤިޔާމަތް ދުވަހުން އެމީހެއްގެ ކިބައިގައި ހުރި އުނިކަން ފޮރުއްވައިދެއްވާނެ ކަމަށެވެ. (ބުޚާރީއާއި މުސްލިމް)

ވީމާ މީހަކާ މެދު ތިމާގެ ހިތުގައި ނަފުރަތެއް އުފެދިފައި ވިއަސް އިސްލާމް ދީނުގައި ހުރުމަތްތެރިކުރައްވާފައިވާ އަބުރު ރައްކާތެރިކޮށް އޭގެ މުޤައްދަސް ކަން މަތީ ބާއްވައި އިސްލާމީ މުޖުތަމަޢުގައި ފާޙިޝް ކަންތައްތައް އާންމު ނުކޮށް ތިބުމަށް ސަމާލުކަން ދޭން ޖެހޭނެ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި